ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


ޓީ ސީރީޒާއި ބީއާރް ފިލްމްސް ގުޅިގެން ގެނެސްދޭ މި ފިލްމަކީ 1978 ގައި ބީއާރް ފިލްމްސްގެ ވެރިޔާ ބަލްދޭވް ރާޖް ޗޯޕްޅާ ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރިމެކެކެވެ.

މި ފަހަރުގެ ފިލްމު މުދައްސަރު އަޒީޒް ޑައިރެކްޓްކޮށްފައިވާ އިރު، މީގެ ކާސްޓްގައި ހިމެނެނީ ކާތިކް އާރިޔަން އާއި ބޫމީ ޕެޑްނޭކަރާއި އަނަންޔާ ޕާންޑޭ އެވެ. ކުރީގެ ފިލްމުގެ ތަރިންނަކީ ސަންޖީވް ކަޕޫރާއި ވިދިޔާ ސިންހާގެ އިތުރުން ރަންޖީތާ ކޯރެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ގައި ކިޔައިދެނީ ކައިވެނީގެ ބޭރުން ފިރިއަކު އޮފީސް ސެކްރެޓަރީއަކާ އެކު ހިންގާ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ހާދިސާތަކެކެވެ.

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ މި ފިލްމުގައި ގޯވިންދާ ވަރަށް މަގުބޫލު ލަވައެއް ކަމަށްވާ "އަކިޔޯން ސޭ ގޯލީ މާރޭ" އާ ވޭޝަނެއް ވެސް ހިމެނެ އެވެ. އެ ލަވައަކީ 1998 ގައި ރިލީޒްކުރި ފިލްމު "ދުލްހޭ ރާޖާ" ގައި ހިމެނޭ ލަވައެކެވެ.

"ޕާނިޕަޓް" ގެ ޓްރެއިލާ ދައްކާލައިފި

ތާރީހީ ހާދިސާތަކަށް ފިލްމު ހަދަން ކުޅަދާނަ ބޮލީވުޑްގެ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ އާ ފިލްމު "ޕާނިޕަޓް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 6 ގައި ރިލީޒްކުރާ މި ފިލްމަކީ ކުރީގެ ހަނގުރާމައަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. "ޕާނިޕަޓް" ގެ މުހިއްމު ތަރިންނަކީ އަރުޖުން ކަޕޫރާއި ކްރިތީ ސެނަންގެ އިތުރުން ސަންޖޭ ދަތެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އަމަން، ޕަދުމިނީ ކޯލަޕޫރީ، މޯނިޝް ބޭލް، ކުނާލް ކަޕޫރް އަދި ނަވާބް ޝާހް ހިމެނެ އެވެ.

"ލަގާން" އާއި "ސްވަދޭސް" އަދި "ޖޯދާ-އަކްބަރު" ވެސް ގެނެސްދިން އަޝުތޯޝް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގައި ރިލީޒްކޮށް، ފިނި ތަރުހީބެއް ލިބުނު "މޮހެންޖޮ ދާރޯ" އެވެ.

"ބާގީ 3" ގެ ކާސްޓާ ވިޖޭ ގުޅިއްޖެ

މި މަހުގެ 8 ގައި ސާބިއާ އަށް ޝޫޓިން އަށް ފުރާ ޓައިގާ ޝްރޮފްގެ "ބާގީ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ކާސްޓާ އެކްޓަރު ވިޖޭ ވަރުމާ ވެސް ގުޅިއްޖެ އެވެ.

އަހުމަދު ޚާން ޑައިރެކްޓްކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝްރަދާ ކަޕޫރާއި ރިތޭޝް ދޭޝްމުކާއި އަންކިތާ ލޯކަންދޭ ވެސް ހިމެނެ އެވެ.

"ގަލީ ބޯއި" އާއި "ޕިންކް" ގެ އިތުރުން "ސުޕަ 30" ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ ވިޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ނެޓްފްލިކްސްގެ އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" ހިމެނެ އެވެ. ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓް ހިމެނޭ ފިލްމުގައި ވިޖޭ ފެނިގެންދާނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ސެގްމަންޓުން، ޖާންވީ ކަޕޫރާ އެކީގަ އެވެ.

"ބާގީ 3" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗް 6 ގަ އެވެ.

"ޑާންސް ޕްލަސް" ފަށާނީ މި މަހުގެ 9 ގައި

ސްޓާ ޕްލަސް އިން މިހާރު ދައްކަން ތައްޔާރުވަމުން އަންނަ ޑާންސް ޝޯ "ޑާންސް ޕްލަސް" ގެ ފަސް ވަނަ ސީޒަން އަންނަ ހޮނިހިރު ދުވަހުގެ ރޭ ފަށަން ނިންމައިފި އެވެ.

ޝޯ ފަށާ ތާރީހާ އެކު، އޭގެ އާ ޕްރޮމޯއެއް ވެސް މިހާރު އަންނަނީ ދައްކަމުންނެވެ.

"ޑާންސް ޕްލަސް" ގެ ސުޕަ ޖަޖަކީ މަޝްހޫރު ކޮރިއޯގްރާފަރު ރެމޯ ޑި ސޫޒާ އެވެ. އޭނާއާ އެކު ޝޯ އިން ކޯޗުން ނުވަތަ އިތުރު ޖަޖުންގެ ގޮތުގައި މި ފަހަރު ވެސް ޕުނިތު ޕަތަކް އާއި ދަރުމޭޝް ޔެލަންޑޭ ފެންނާނެ އެވެ. މީގެ އިތުރުން ޖަޖުންގެ ގޮތުގައި ކަރިޝްމާ ޗަވަން އާއި ސުރޭޝް މުކުންދު ހިމެނެ އެވެ.

ޝޯ ހޯސްޓްކުރާނީ ނެށުންތެރިޔާ/އެކްޓަރު ރާގަވް އެވެ.

"ޑާންސް ޕްލަސް" އަކީ ސްޓާ ޕްލަސް އިން 2015 ގައި ގެނެސްދޭން ފެށި ޝޯއެކެވެ.