ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިދިޔަ މަހުގެ 31 ވަނަ ދުވަހު ޝޫޓިން ފެށި، އާމިރު ޚާންގެ އާ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ލޯގޯ ދައްކާލައިފި އެވެ.


އޭގައި ފެންނަނީ އުޑުމަތި ސާފު ދުވަހެއްގައި ދޫންޏެއްގެ ހުދު ފަތެއް ވައިގެ ތެރޭގައި އެނބުރެމުން ގޮސް ފިލްމުގެ ނަމުގެ ތެރެއަށް ހުއްޓޭ ތަނެވެ. ލޯގޯ އާންމުކުރި މޯޝަން ޕޯސްޓަރުން އާމިރު ލަވައެއް ކިޔާ އަޑު ވެސް އިވެ އެވެ.

"ލާލު ސިންގް ޗައްޑާ" އަކީ 1994 ގައި ރިލީޒްކޮށް، އޮސްކާ އެވޯޑްތަކެއް ވެސް ހޯދި ކާމިޔާބު ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އޭގައި ޓޮމް ހޭންކްސް ކުޅުނު ކެރެކްޓާ "ލާލް ސިންގް ޗައްޑާ" ގައި ކުޅޭނީ އާމިރެވެ. އަދި ފިލްމުގެ ބަތަލާއަކީ ކަރީނާ ކަޕޫރެވެ.

މީގެ ކާސްޓުންގެ ތެރޭގައި ތެލެގޫ އެކްޓަރު ވިޖޭ ސެތުޕަތީ، ވިވެކް މުޝްރާން، މާނަވް ގޯހިލް، ވިވެކް ގަރްގް އަދި ވިނީތާ ތާކޫރް ހިމެނެ އެވެ.

އަންނަ އަހަރުގެ ކްރިސްމަސްގައި ރިލީޒްކުރަން ނިންމާފައިވާ "ލާލް ސިންގް ޗައްޑާ" ގެ ޑައިރެކްޓަރަކީ 2017 ގައި ރިލީޒްކުރި އާމިރުގެ "ސީކްރެޓް ސުޕަސްޓާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަނެވެ.

އަކްޝޭގެ ވީޑިއޯ ލަވައިގެ ޓީޒާއެއް

އަކްޝޭ ކުމާރު މިހާތަނަށް ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ "ފިލްހާލް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ލަވަ މާދަމާ ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައިވާ އިރު، މީގައި އަކްޝޭއާ އެކު ބަތަލާގެ ގޮތުގައި ފެނިގެން ދާނީ ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮ ނުޕޫރް ސެނަން އެވެ. އަދި ލަވައިން އައްމީ ވާކް ވެސް ފެންނާނެ އެވެ.

"ފިލްހާލް" ގެ މިއުޒިކް ހަދައި، ލަވަ ކިޔާފައި ވަނީ ބީ ޕްރާކެވެ. ލަވައިގެ ޑައިރެކްޓަރަކީ އަރްވިންދު ޚައިރާ އެވެ.

ނުޕޫރްގެ ދައްތަ ކްރިތީއާ އެކު އަކްޝޭ ކުޅުނު ފުރަތަމަ ފިލްމު އަދި މިދިޔަ މަހު ރިލީޒްކުރި "ހައުސްފުލް 4" އަށް ފަހު، އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 27 ގައި ރިލީޒްކުރާ "ގުޑް ނިއުޒް" އެވެ.

ރަމްސޭ ބްރަދާޒްގެ ބައޮޕިކެއް

އަށްޑިހަ އާއި ނުވަދިގައިގެ އަހަރުތަކުގެ ތެރޭގައި ވަރަށް ފާހަގަކޮށްލެވޭ ބިރުވެރު ފިލްމުތަކެއް ގެނެސްދިން ރަމްސޭ ބްރަދާޒްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައިފި އެވެ.

މި ފިލްމު ހަދަނީ އަޖޭ ދޭވްގަން އާއި ޕްރޮޑިއުސަރު ވިނޭ ސިންހާގެ ދަރިފުޅު ޕްރިތީ ސިންހާ ގުޅިގެންނެވެ. ފިލްމާ ބެހޭ ގޮތުން ޕްރިތީ ބުނީ ރަމްސޭގެ އާއިލާ އިން ފިލްމު ހެދުމުގެ ހުއްދަ ވެސް ދީފައިވާ ކަމަށާއި އެކަމަށްޓަކައި އެ އާއިލާ އަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ.

އޭނާ ބުނިގޮތުގައި ރަމްސޭ އާއިލާގެ ތިން ޖެނެރޭޝަކުން ބެލުންތެރިންނަށް އެތައް ބިރުވެރި ފިލްމެއް ގެނެސްދީފައިވާ އިރު، އެ މީހުންނަކީ ބިރުވެރި ޖޯންރާގެ މަގުބޫލުކަން އިންޑިއާގައި ވަކި ހިއްޕައިލިކަމުގެ ޝަރަފު ވެސް ލިބޭނެ އާއިލެކެވެ. އެ އާއިލާގެ ވާހަކަ ފިލްމެއްގެ ގޮތުގައި ކިޔައިދޭން ނިންމި ނަމަވެސް، ފިލްމާ ބެހޭ ތަފުސީލުުތަކެއް އަދި ހާމައެއްނުކުރެ އެވެ.

އެ އާއިލާގެ ބައެއް މެމްބަރުން މިހާރު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ޝާމް ރަމްސޭ އާއި ތުލްސީ ރަމްސޭ ހިމެނެ އެވެ.

ރަމްޒޭ އާއިލާ އިން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ވީރާނާ"، "ޕުރާނާ މަންދިރު"، "ޕުރާނާ ހަވޭލީ"، "ދަރުވާޒާ" އަދި "ބަންދު ދަރުވާޒާފާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ޖޯން ވެބް ސީރީޒްތަކެއް ހަދަނީ

"ވިކީ ޑޯނާ" އާއި ދާދި ފަހުން ރިލީޒްކުރި "ބަތުލާ ހައުސް" ވެސް ޕްރޮޑިއުސްކުރި އެކްޓަރު ޖޯން އަބްރަހަމް ވެބް ސީރީޒްތަކެއް ހަދަން ނިންމައިފި އެވެ.

އޭނާ ބުނީ ވެބް ސީރީޒްތަކެއް ހަދަން ވިސްނާތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ ކަމަށެވެ. އެގޮތުން މިހާރު ކާމިޔާބު ދެ ވާހަކައެއްގެ ރައިޓްސް ހޯދައި، ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުންޏެވެ. ނަމަވެސް ތަފުސީލެއް ނުދެ އެވެ.

ޖޯން ބުނިގޮތުގައި އޭނާ ޕްރޮޑިއުސްކުރާ ސީރީޒްތަކުގައި އަމިއްލަ އަށް އެކްޓެއްނުކުރާނެ އެވެ. އެކަމަކު ޑިޖިޓަލް ކޮންޓެންޓެއް އުފެއްދުންތަކެއް ގެނެސްދިނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ. ޖޯން ބުނީ ސިނަމާތަކުގައި އަޅުވާ ފިލްމުތަކަށް ލިބޭ ތަރުހީބަށް ވުރެ މިހާރު ޑިޖިޓަލް ޕްލެޓްފޯމްތަކުން ފިލްމުތައް ހޯދާ ކާމިޔާބީތައް މިހާރު މާ ފާހަގަކޮށްލެވޭ ކަމަށެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 22 ގައި ރިލީޒްކުރާ "ޕާގަލްޕަންތީ" އެވެ.