ރެމޯ ޑި ސޫޒާ ހިޔާނާތުގެ ދައުވާ އަށް އިންކާރުކޮށްފި

ފިލްމެއް ހަދަން ކަމަށް ބުނެ މީގެ ތިން އަހަރު ކުރިން މީހެއްގެ އަތުން ފަސް ކްރޯޑް ރުޕީސް ނަގައި، އެއަށް ހިޔާނާތްތެރިވި ކަމަށް ބުނެ ކުރާ ދައުވާ އަށް ކޮރިއޮގްރާފަރު/ޑައިރެކްޓަރު ރެމީ ޑި ސޫޒާ އިންކާރުކޮށްފި އެވެ.


އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އަނީ) އަށް ދިން އިންޓަވިއުއެއްގައި ރެމޯ ބުނީ ދައުވާގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އަހަރެންގެ ގާނޫނީ ޓީމުން މިހާރު އަންނަނީ މިކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުން،" އޭނާ ބުންޏެވެ. "މި ވަގުތަށް ބުނެވެން އޮތް މިންވަރަކީ މިއީ."

ރެމޯ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ބުނެ އޭނާގެ މައްސަލަ ކޯޓަށް ހުށަހެޅީ ގަޒީއާބާދުގެ ރާޖް ނަގަރަށް ނިސްބަތްވާ ސަތިއެންދުރަ ތިއާގީ ކިޔާ މީހެކެވެ. އޭނާގެ ދައުވާގައި ބުނީ "އަމަރު މަސްޓް ޑައި" ކިޔާ ފިލްމެއް ހަދަން، ފަހުން ދައްކާ ގޮތަށް ރެމޯ 5 ކްރޯޑް ރުޕީސް ނަގައި އެއަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި ހަދަން ބުނި ފިލްމު ވެސް މިހާތަނަށް ރެމޯ ހަދާފައި ނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ގަޒީއާބާދު ކޯޓުން ވަނީ ރެމޯ ހައްޔަރުކުރުމުގެ އަމުރެއް ވެސް މިދިޔަ މަހުގެ ފަހުކޮޅު ނެރެފަ އެވެ. އެކަމަކު ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އެހެންވެ ރެމޯ ހައްޔަރުކުރަން ނެރުނު އަމުރު ތަންފީޒެއް ނުކުރެ އެވެ.

އިންޑިއާގެ އެންމެ ކާމިޔާބު ކޮރިއޮގްރާފަރުންގެ ތެރޭގައި ހިމެނޭ ރެމޯއަކީ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ފަންނާކެކެވެ.

ރެމޯއަކީ މިހާރު ހަމައެކަނި ކޮރިއޯގްރާފަރެއް ނޫނެވެ. އޭނާ އަކީ ޑައިރެކްޓަރެއް ވެސް މެ އެވެ. މިދިޔަ އަހަރު "ރޭސް 3" ގެނެސްދިން ރެމޯގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ޖެނުއަރީގައި ރިލީޒްކުރާ "ސްޓްރީޓް ޑާންސާ" އެވެ.