ސިއްހީ ހާލަތު ހުރި ގޮތުން އަމީތާބް ބްރޭކެއް ނަގަނީ

ސިއްހީ ހާލަތު މި ވަގުތު ހުރި ގޮތުން އަމީތާބް ބައްޗަން މަސައްކަތާ ދުރުވެ، ބްރޭކެއް ނަގަން ނިންމައިފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ސޮނީ ޓީވީން މިހާރު ދައްކާ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) ގެ 11 ވަނަ ސީޒަން ވެސް ހޯސްޓްކުރަމުން އަންނަ 77 އަހަރުގެ އެކްޓަރު މަސައްކަތްތަކުން ދިގު ބްރޭކެއް ނަގާނީ އަންނަ މަހުގެ ތެރޭގަ އެވެ.

ބައެއް ރިޕޯޓްތަައް ބުނާގޮތުން އަންނަ މަހު އަމީތާބްގެ "ޖޫންދު" ރިލީޒްކުރަން ނިންމާފައިވާތީ، ސިއްހީ ހާލަތު ތަންދޭ މިންވަރަކުން އެ ފިލްމުގެ ޕްރޮމޯޝަންތަކަށް ވަގުތު ދިނުމަށް ފަހު، މަސައްކަތްތަކާ ދުރަށް ދާނެ އެވެ.

އެ ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 13 ގަ އެވެ. އެކަމަކު އަދި ރަސްމީކޮށް ތާރީހު އިއުލާނެއްނުކުރެ އެވެ.

ދާދި ފަހުން އަމީތާބް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ރޫޓިން ޗެކަޕްތަކެއް ވެސް ހަދާފައިވެ އެވެ. އަދި މަސައްކަތްތަކާ ދުރުވެ، އަރާމުކުރަން ޑޮކްޓަރު ލަފާދީފައިވާތީ މިދިޔަ ހަފުތާގައި ޔޫއޭއީގައި ފެށި "ޝާރްޖާ އިންޓަނެޝަނަލް ބުކް ފެއާ" އާއި މިހާރު ކުރިއަށްދާ ކަލްކަތާ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ކޭއައިއެފްއެފް) ގައި ވެސް އަމީތާބަށް ބައިވެރިވެވޭ ގޮތެއް ނުވި އެވެ.

އަމީތާބަކީ އޭނާގެ އުމުރުގެ އެކްޓަރުންގެ ތެރެއިން ބޮލީވުޑްގައި ހުއްޓުމެއް ނެތި އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް އެކްޓަރެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގުލާބޯ ސިތާބޯ"، "ޗެހެރޭ" އަދި "ބުރައްމަސްތުރާ" ފާހަގަކޮށްލެވެ އެވެ.