"ދެވަންސޫރަ" ބައިސްކޯފަށް ވިއްކި މައްސަލާގައި ޝާހް ކޯޓަށް ދާން ނިންމައިފި

ހުކުރު ދުވަހުގެ ރޭ ބޭއްވި 9 ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ ވަރުގަދަ ކެޓަގަރީތަކުން އެވޯޑް ލިބުނު ފިލްމު "ދެވަންސޫރަ" ސްޓްރީމިން ކުންފުނި ބައިސްކޯފަށް ވިއްކައިލި މައްސަލާގައި އެ ފިލްމުގެ އެއް ޕްރޮޑިއުސަރު އަހުމަދު ޝާހް އަލީ ކޯޓަށް ދާން ނިންމައިފި އެވެ.


ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ކުޅެ މިދިޔަ އަހަރު ރިލީޒްކުރި އެ ފިލްމަކީ ޝާހާއި އެކްޓަރު އަލީ ޝަޒްލީމް ގުޅިގެން ޕްރޮޑިއުސްކުރި ފިލްމެކެވެ.

ޝާހް ބުނިގޮތުގައި އޭނާ އަށް ނޭނގި ބައިސްކޯފަށް "ދެވަންސޫރަ" ވިއްކައިލީ ޔޫއްޕެ އާއި ޝަޒްލީމާއި ފިލްމުގެ ރޯލެއް ކުޅުނު މުހައްމަދު ފައިސަލް ގުޅިގެންނެވެ.

"އަހަންނަށް އެންގުމަކާ ވެސް ނުލައި، ވަރަށް ސިއްރުކޮށް މި މުއާމަލާތް ހިންގާފައި އޮތީ. ފިލްމު ވިއްކާލިކަން އެނގިގެން ބައިސްކޯފްގެ ވެރިންނާ ސުވާލުކުރީމަ އެ މީހުން ވެސް އެބަ ކަށަވަރުކޮށްދޭ ފިލްމު ގަތް ކަމަށް،" ޝާހް ބުންޏެވެ.

އޭނާ ބުނިގޮތުގައި ފިލްމު ވިއްކައިލި މައްސަލާގައި ޔޫއްޕެ އާއިޝަޒްލީމްގެ މައްޗަށް ދައުވާކުރަން އޭނާ ވަރަށް އަވަހަށް ކޯޓަށް ހުށަހަޅާނެ އެވެ.

ޝާހާއި ޝަޒްލީމް.

ޝާހް ބުނީ ބުނީ ފިލްމު އެވޯޑްސް އަށް ވެސް "ދެވަންސޫރަ" ހުށަހެޅީ އެކަމަށް އެދޭ ފޯމްގައި ހުންނަން ޖެހޭ މައުލޫމާތުތައް ފުރިހަމަނުކޮށް، ފުށުއަރާ ގޮތަށް ކަމަށެވެ.

އޭނާ ބުނީ އުސޫލުތަކާ ހިލާފަށް ފިލްމު އެވޯޑަށް ހުށަހެޅުމުން އެކަމާ ދެކޮޅަށް ވެސް ނުކުންނަން އުޅުނު ކަމަށެވެ.

"އެކަމަކު އެވޯޑްސްގައި ފިލްމަށް ލިބިދާނެ ދެރައަކަށްޓަކައި އަހަރެން އެކަމާ ނޫޅުނީ. އަހަރެން އުފާ ވެސް ކުރަން ފިލްމަށް ވަރުގަދަ އެވޯޑްތަކެއް ލިބުނީމަ. އެކަމަކު އަހަންނަށް ނޭނގި އަހަރެންގެ ހިއްސާވާ ޕްރޮޑަކްޓެއް ވިއްކާލެވިގެން ނުވާނެ،" ޝާހް ބުންޏެވެ. "އަދި އެ ގަތް ފަރާތަކުން ވެސް އެބަޖެހޭ ހަގީތުގައި ކަމުގެ ދެކޮޅު ބަލަން."

މިކަމާ ބެހޭ ގޮތުން ޔޫއްޕެ ބުނީ "ދެވަންސޫރަ" ގެ ޕްރޮޑިއުސަރުންގެ ގޮތުގައި ޝާހާއި ޝަޒްލީމް ހިއްސާ ވިޔަސް، އެ ފިލްމަކީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްޗެއް ކަމަށެވެ. އެކަމަކު ބައިސްކޯފަށް ފިލްމު ވިއްކައިލުމުގައި މުއާމަލާތުގައި އެއްވެސް ވަރަކަށް ހިއްސާނުވާ ކަމަށް ބުންޏެވެ.

"ފިލްމުގައި އަހަރެންގެ އޮތް ހިއްސާ ފަހުން އޮންނާނީ ފައިސަލަށް ދީފައި. އޭނަ އަކީ މި ފިލްމު ހެދި ދުވަސްވަރު ކުތިމަތިވި ފައިސާގެ ތާށިކަމާ ހުރެ ފިލްމަށް ފައިނޭންޝަލީ ވެސް ހިއްސާވި މީހެއް،" ޔޫއްޕެ ބުންޏެވެ. "ފިލްމުގައި އޮތް އަހަރެންގެ ހިއްސާ ފައިސަލަށް ދިނީމަ ޝާހަށް ވެސް އެނގިގެން ބައިސްކޯފާ އެކު ހެދި ޑީލް ނިންމާފައި އޮންނާނީ. ޝާހަށް ނޭނގި ނޫނީ އުސޫލުތަކުގެ ބޭރުން އެއްވެސް ކަމެއް ނޯންނާނެ ކޮށްފައެއް. އެކަން އޭނާ އަށް ރަނގަޅަށް އެނގޭ."

ޔޫއްޕެ ބުނިގޮތުގައި ބައިސްކޯފަށް "ދެވަންސޫރަ" ވިއްކާލުމާއި އެއިން ލިބުނު މާލީ ފައިދާއަކާ އޭނާ އެއްވެސް ވަރަކަށް ނުބެހެ އެވެ. އެކަން އެނގޭނީ ފައިސަލާއި ޝަޒްލީމާއި ޝާހަށް ކަމަށް ބުންޏެވެ.

"އަހަރެން ބުނެފަ އޮންނާނެ އެ މީހުން ކައިރީގަ އޭގެ އެއްވެސް ކަމަކާ އަހަރެން ނުބައްސަން،" ޔޫއްޕެ ބުންޏެވެ. "އެހެންވެ ފިލްމުގެ ޑީލް ދިޔަ ގޮތަކާއި އެއަށް ލިބުނު އަގެއް ވެސް އަހަންނަކަށް ނޭނގޭ."

"ދެވަންސޫރަ" އަކީ ހުކުރު ދުވަހުގެ ރޭ ބޭއްވި 9 ވަނަ ދިވެހި އެވޯޑްސްގައި އެންމެ މޮޅު ސްކްރީންޕްލޭ، ޑައިރެކްޝަން، އެޑިޓިން އަދި އެންމެ މޮޅު ބަތަލު (ޔޫއްޕެ) ގެ އެވޯޑް ލިބުނު ފިލްމެކެވެ.