މާސްޓަމައިންޑް: އިންޑިއާގެ ޑައިރެކްޓަރަކު ދިވެހި ތަރިންނާ އެކު

އިންޑިއާގެ އަންހެން ޑައިރެކްޓަރަކު ދިވެހި ތަރިންތަކެއް ހިމަނައިގެން "މާސްޓަމައިންޑް" ގެ ނަމުގައި ފިލްމެއް ހަދަން ނިންމައިފި އެވެ.


ފިލްމީ ދާއިރާ އަށް އަލަށް ނުކުތް ކުންފުނި މައި މޫވީ މޯލްޑިވްސް ގެނެސްދޭ ފިލްމު ލޯންޗްކުރަން ބުދަ ދުވަހު ސަލްސާ ރޯޔަލްގައި ބޭއްވި ހަފުލާގައި ފިލްމުގެ ޓީމުން ބުނީ "މާސްޓަމައިންޑް" ގެ ޑައިރެކްޓަރަކީ އިންޑިއާގެ ކެރެލާ އަށް ނިސްބަތްވާ ބޭނަޒީރު މުޚްތާރު ކަމަށެވެ. އޭނާ އަކީ މިހާރު ރާއްޖޭގައި ދިރިއުޅެ މީހެކެވެ.

"މާސްޓަމައިންޑް" ގެ ކާސްޓްގައި ރާއްޖޭގެ ފިލްމީ ދާއިރާގެ މަޝްހޫރު ބައެއް މޫނުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު މަނިކާއި އަންހެނުން ޝީލާ ނަޖީބް، އައިމިނަތު ރިޝްފާ، އަލީ އާޒިމް (ދޮން އައްޔަ) ހިމެނެ އެވެ. މީގެ އިތުރުން ވެސް ފިލްމުގެ ކާސްޓްގައި އަލީ ޝަމީލް، މަރިޔަމް ޝަހުޒާ އާއި އޭނާގެ ފިރިމީހާ އިބްރާހީމް އަމަން އަލީ (ޓޮމް) އާއި އައްޑު އަށް ނިސްބަތްވާ ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ ހިމެނެ އެވެ.

މުހުތާރު ޔޫސުފްގެ ސްކްރީންޕްލޭއަކަށް ހަދާ ސަސްޕެންސް ތުރިލާ "މާސްޓަމައިންޑް" ގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އައްޑޫގަ އެވެ. އަދި ޝޫޓިން އަންނަ މަހުގެ 17 ގައި ފަށާނެ އެވެ.

ފިލްމު ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ގަ އެވެ.

ޝީލާ އާއި މަނިކް.

އައްޑޫގައި ދިވެހި ފިލްމެއް ޝޫޓްކުރަން ހަމަޖެހިފައި މި ވަނީ، ފިލްމެއް ޝޫޓްނުކުރާތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ. މީގެ ކުރިން އައްޑޫގައި ބައެއް ފިލްމުތަކާއި ޑްރާމާތަކުގެ އިތުރުން ލަވަތަކުގެ މަންޒަރުތައް ވެސް ނަގާފައިވެ އެވެ.

އައްޑޫގައި ޝޫޓްކޮށްފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "އަމަނާތް"، "ލަވް 90"، "ކުލުނު" އަދި "ކަށްވަޅަށްދާންދެން" ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ޑްރާމާ ސިލްސިލާ "ރޭޝަމް" އާއި "އިހުތިޔާރު" އަކީ ވެސް އައްޑޫގައި ވަރަށް ބޮޑުބައި ޝުޓްކުރި އުފެއްދުންތަކެވެ.