މުނިފޫހިފިލުވުން / ވާހަކަ

ބޮކިފަތި

އާދިއްތަ ދުވަހާ ގުޅޭ

އެކަމަކު ތަޖުރިބާކާރުން ބުނީ ބަދޫރާ ވިހާނީ އަންހެންކުއްޖެއްކަމަށެވެ. ބަދޫރާ ހިނގާ ގޮތާއި، ހުއްޓިހުންނަ ގޮތާއި، އޮށޯވެއޮންނަ ގޮތުން ވެސް ކުއްޖާގެ ޖިންސު އެނގެޔޯލައެވެ. ގެއަށް ގެނައިރު މަސްކާށި ދޫންޏެއްހެން ހުރި ބަދޫރާ ދުވަސްކޮޅަކުން ފުފިއްޖެއެވެ. ހީވަނީ އަތަށް ހެޔޮވަރުގެ ކަރައެއް ހެންނެވެ.

އެންމެ ފުރަތަަމަ އަހަންނަށް ލިބުނީ އަމީލިޔާއެވެ. އަމީލިޔާއަށް ބަދޫރާ ބަނޑުބޮޑުވީއްސުރެ އަހަރެންގެ މަގުސަދެއް އޮތެވެ. އަމީލިޔާއަކީ ވަރަށް ރީތި ކުއްޖަކަށް ހެދުމެވެ. އުންމީދެއް ވެސް އޮތެވެ. އަމީނާ ކަހަލަ ކުއްޖަކަށް އަމީލިޔާ ހެދުމެވެ. މޮޔަ ހިޔާލެކެވެ. ވަކި މީހަކާ ވައްތަރުކުރަން އެހެން މީހަކަށް ކުރެވޭނެ ކަމެއް ނުވެސް އޮންނާނެއެވެ. އެހެންނަމަވެސް ހިތަށްއެރިއެވެ. އަމީނާޔާ ވައްތަރުކުރާނަމެވެ.

އާދައިގެ މީހެއް ލައްވާ ބަދޫރާ ވިއްސާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ބަދޫރާ ވިއްސަން ގެނައީ ގަނޑުވަރު ތެރޭގައި ކުދިން ވިއްސަން އުޅޭ މާމާފުޅެވެ. އެ ހުރިހާ މީހުން ވެސް އަހަންނާ ރައްޓެއްސެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިފުޅަކީ ބޭފުޅަކަށް ނުވިޔަސް ޝާހީކޮށް އެ ދަރިފުޅު ގެންގުޅޭށެވެ. އަމީނާ ވެސް ބޮޑުވީ އެ ގޮތަށް ކަމަށް ވީތީއެވެ. ބަދޫރާ ވިހަންވާއިރަށް ބަދޫރާ ނިދާ އެނދު ވެސް ގަނޑުވަރުތެރޭގައި ހުންނަ ކަހަލަ އެނދަކަށް ބަދަލުކޮށްލީމެވެ. ސަނދުވާ އެލުވައި މަދިރިގެ ދެމީމެވެ.

ބަދޫރާ ވިހެއެވެ. އަމީނާ ކަހަލަ ރީތި ދޮންކުއްޖަކަށް ވާނެކަމަށް ވަރަށް އުންމީދުކޮށްގެން ގޮސް ބަލައިލިއިރު އެ ދަރިފުޅު ކަޅެވެ. ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފެނަށެެވެ. އެކަމަކު އުންމީދުކަނޑައެއް ނުލަމެވެ. ހިތަށްެއެރިއެވެ. ކާންދޭން އެއްޗެހިން އަމީލިޔާ ދޮންކުރެވިދާނެއެވެ. އެ ދުވަސްވަރަކީ ޑީއައިކޭއަށް ހެލިބޯއޮރެންޖު ޖޫސް ގެނައި ދުވަސްވަރެވެ. އެއީ މާ ފައިދާހުރި އެއްޗެކޭ މީހުން ކިޔެވެ. އަހަރެން ކޭސްކޭހުން ގަނެގެން ގެނެސް ގޭގައި އެތުރީމެވެ. ހުރިހާ އެއްޗެއް ދެނީ އަމީލިޔާއަށެވެ. ޑަކުޓަރު ކައިރިން އަހައިގެން ގަޑިންގަޑިއަށް ބަރާބަރަށް އަމީލިޔާ ނިންދަވަމެވެ. އަހަރެން ތާވަލެއް ގެންގުޅެމެވެ. ނިދަންޖެހޭ ގަޑި ހަމަވާއިރަށް ހޭލައްވައިލަމެވެ. ކާންދޭ ވަގުތު ޖެހޭއިރަށް ކާންދެމެވެ. ބަނޑުހައިވުން މުހިންމެއް ނޫނެވެ. ހުރިހާ ވެސް އެއްޗަކީ ތާވަލެވެ. މަންމަ ގާތުން ބުއްދިނުން ހުއްޓުވީމެވެ. އެއީ އޭރު އަހަންނަށް އެނގިފައި އޮންނަ އެންމެ މޮޅު ގޮތެވެ. ދަރިފުޅަށް ބުއްދިނުމަކީ ކިހާ ފައިދާއެއް ހުންނަ ކަމެއްކަމެއް އެ ދުވަސްވަރަކު ދިވެހިން ނުދަނެއެވެ.

އަމީލިޔާ ނިދާފައި އޮއްވައި ހޭލައްވާތީ މައިދައިތަ ވަރަށް ހިތްހަަމަނުޖެހެއެވެ. ބަދޫރާ ވެސް ކުދިކިޔައެވެ. އަހަރެން އިވޭކަމަކަށް ނަހަދަމެވެ. ދުވާލުގެ ވަގުތު ވެސް އަމީލިޔާ އޮންނަ އެނދުގައި މަދިރިގެ ޖެހޭނީ ދަމާފައި ބަހައްޓާށެވެ. އަމީލިޔާ ނިންދެވީ އަމީނާ ކުޑައިރު ނިދި ކަހަލަ އެނދެއްގައެވެ. ކުދިން ވިހެއުމުގައި ބަދޫރާއެކޭ މުސަޅެކޭ އެއްގޮތެވެ. ފުލުފުލުގައި ދަރިން ވިހެއެވެ. އެ ހިސާބުން އަހަރެންގެ ހަޔާތުގައި ބަދޫރާ ހަރުލީއެވެ. އެކަމަކު އަހަރެންގެ ރަންދަރިޔަކީ އަމީލިޔާއެވެ.

އަމީލިޔާ ވަރަށް އަވަހަށް ހެދިބޮޑުވިއެވެ. އަހަރެން ބޭނުންވީ އެންމެ ކަމެކެވެ. އަމީލިޔާ ވީހާ ވެސް ބޮޑަކަށް އަމީނާޔާ ވައްތަރުކުރުމެވެ. އެކަމަކު އެއްވެސް ވަރަކަށް އަމީނާޔަކާ ވައްތަރެއް ނުވިއެވެ. ކިރިޔާ ވެސް ވައްތަރުކުރެވުނީ އަމީލިޔާގެ ނަމެވެ. ދެން އަމީލިޔާ ވައްތަރުވަމުންދިޔައީ ބަދޫރާއާއެވެ. އަމީލިޔާގެ މަންމަޔާއެވެ. އެ ކަމާ އަހަރެން ވަރަށް ކަންބޮޑުވިއެވެ. ކާންދޭ އެއްޗަކުން ނުވަތަ ގެންގުޅޭ ގޮތަކުން އިންސާނަކު އެހެން މީހަކާ ވައްތަރު ނުކުރެވޭނެކަމަކަށް އަހަރެންގެ ހިތެއް ގަބޫލެއް ނުކުރިއެވެ.

އަމީނާގެ ސިފަ ނުލިބުމުން ދެން ހިތުލީ އަމީނާ ބޮޑުވި ފަދަ މާހައުލެއް އަމީލިޔާއަށް ހޯދައިދޭށެވެ. ވީމާ، ގަނޑުވަރުތެރޭގެ ބޭފުޅުންނަށް ކޮށްދޭ ހުރިހާ ކަމެއް އަމީލިޔާއަށް ކޮށްދޭން އަހަރެން އަތުކުރިއޮޅައިލީމެވެ. އަމީލިޔާ ފުރާވަރަށް އެޅުމުގެ މާ ކުރިން ގަނޑުވަރުތެރޭ ކޮއްތު ކައްކަން އަމީލިޔާއަށް ދަސްކޮށްދިނީމެވެ. އަތްތެރިމަސައްކަތުގެ ހުރިހާ މަސައްކަތެއް ދަސްކޮށްދިނީމެވެ. ބޭފުޅުންނަށް ސުފުރާ ތައްޔާރުކުރާ ގޮތާއި، ތަންމަތިއަޅަންޖެހޭ ގޮތެވެ. ފެންތަށި ގެންނަން ޖެހޭ ގޮތާއި، ކައިބޮއިހަދަންޖެހޭ ގޮތެވެ. އަމީލިޔާގެ އެދުރަކީ އަހަންނެވެ. އަމީލިޔާގެ މަންމައެއް ނޫނެވެ. އިނގެރޭސިބަހާއި، ދިވެހިބަހުގެ ދަރަޖަތަކާއި، ޅެންވެރިކަމާއި، ރޯފިލާ ވަރަށް އަރަބިބަސް ވެސް ދަސްކޮށްދިނީމެވެ. ގޭތެރޭގައި އަންހެންކުދިން ކުރަންޖެހޭ ހުރިހާ މަސައްކަތަކާއި، ފިރިހެންކުދިން ކުރަންޖެހޭ މަސައްކަތް ވެސް އަމީލިޔާއަށް ދަސްކޮށްދިނީމެވެ. ރާނަން ދަސްކޮށްދިނީމެވެ. އުވަގެށުމާއި، ވަޑާމުގެ މަސައްކަތާއި، ފެހުމާއި، ދޮވެ އިސްތިރިކުރުމާއި، ކަރަންޓުގެ މަސައްކަތެވެ. އަހަރެން އެ ފަދަ ކަންކަމަށް ވަރަށް ފަރިތައެވެ. އަހަރެން ކުޑައިރު އެ ކަންކަން ވަނީ އަހަރެންގެ ލޯކުރިމަތީގައި ހިނގާފައެވެ. އަމީލިޔާގެ ހެދުން ފަހަނީ ގަނޑުވަރުތެރޭ ބޭފުޅުންނަށް ހެދުން ފަހައިދޭ އަނބުގަސްދޮށުގޭ ދޮންދީދިއެވެ. އެ ކަންކަން އެހެން ހިނގަނީ ކީއްވެގެންކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. އަމީލިޔާއަކަށް ވެސް ނޭނގޭނެއެވެ.

އަމީލިޔާއަށް ދަސްކޮށްދިން ހުރިހާ ކަމަކީ، ބޭފުޅުންނަށް ކުރަންޖެހޭ ކަންކަމެއް ނޫނެވެ. އެކަމަކު، ކުރަންޖެހިދާނެކަމަށް ބަލައިފައި ބޭފުޅުންނަށް ދަސްކޮށްދޭ ކަންކަމެެވެ. ކުރިމަތިލާ ކޮންމެ ކަމެއް ކުރެވޭ ވަރަށް ބޭފުޅުން ތިބޭނީ ތައްޔާރުކޮށްފައެވެ. އަމީލިޔާއަކީ ޝާހީ ކުއްޖެއް ނޫނެވެ. އަމީނާޔާ ވައްތަރެއް ވެސް ނުކުރެވުނެވެ. އެހެންނަމަވެސް އަމީލިޔާ ހީނލަނީ އަމީނާ ހިނިތުންވާ ގޮތަށެވެ. އަމީލިޔާގެ އުޅުމާއި ހަރާކާތް އަމީނާޔާ ވަރަށް ވައްތަރު ކުރެވުނެވެ. ވާހަކަދައްކާއިރު މޫނަށް ޖައްސާލާ ވައްތަރާއި، ބޭނުންކުރާ ލަފުޒުތަކާއި، ހިނިއަންނަ ކަންތައްތަކާއި، ދެރަވާ ސަބަބުތައް ވެސް މެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އަމީނާ މުސްކުޅިވެގެން ދިޔައިރު ވެސް އަހަރެންގެ ލޯކުރިމަތީގައި ޒުވާން އަމީނާ ހުއްޓެވެ. އަހަރެން މުސްކުޅި އުމުރުގައި ބަލި އެނދުގައި އޮށޯތްއިރު ވެސް އަމީނާ އަހަރެންގެ ކުރިމަތީގައި، އަހަރެންގެ ގާތުގައި ހުއްޓެވެ. އަމީލިޔާ އަތުގައި އަތްލާ ކޮންމެ ފަހަރަކު އަމީނާ ހަނދާންވެއެވެ. އަހަންނަށް ނުލިބުނު ލޯބިމަތިން ހަނދާންވެއެވެ.

އަހަރެން އެންމެ ބޭނުންވި މަގުސަދު ހާސިލެއް ނުވިއެވެ. އަހަރެން ބޭނުންވީ އަމީނާ ކަހަލަ ދަރިޔަކު ބޮޑުކޮށްގެން އަމީނާ ކުރިމައްޗަށް ހުއްޓިފައި އަމީނާއަށް ދައްކާލާށެވެ. އަދި ބުނާށެވެ. މީ އަހަރެންގެ ދަރިފުޅެވެ. ކޮބާ، ވައްތަރު ހެއްޔެވެ؟ އަހަރެންގެ ދަރިފުޅު މިހިރީ އަހަރެންގެ ހިތުގައިވާ ގޮތަށެވެ. އެ އުންމީދު އަހަންނަކަށް ފުރިހަމައެއް ނުވިއެވެ. އަމީނާއަށް އަމީލިޔާ ދައްކައިނުލެވުނީ އެހެންވެއެވެ. ނަސީބަކުން އަމީލިޔާ ވަރަށް ގަޔާވާ ސިފަތަކެއް ހުންނަ މީހަކަށް އަމީނާ ވިއެވެ.

އަހަރެން އަދިވެސް އަމީނާ ދެކެ ލޯބިވެއެވެ. އެކަމަކު އަހަރުމެންގެ އެކަކުއަނެކަކަށް މިހާރު އެ ލޯބި ފާޅުކުރާކަށް ނުކެރޭނެއެވެ. އަހަރެން ކިތަންމެ ކައިވެންޏެއް ކޮށްފީމެވެ. އަމީނާ ވެސް ތިން މީހުނާ ކައިވެނިކޮށްފިއެވެ. ދަރިން ލިބިއްޖެއެވެ. އެހެނަސް ލޯބިވަންޏާ ލޯބިވާ ވާހަކަ ބުނުމަކީ ކުށެއް ހެއްޔެވެ؟ ކޮންމެ މީހަކަށް ކައިވެނިކުރެވޭނީ އެ މީހާ އެންމެ ލޯބިވާ މީހަކާ ނޫނެވެ. ތަގުދީރު ނިޔާކުރި ގޮތުން ލޯބިނުވާ މީހެއްދެކެ ލޯބިވާކަމަށް ހެދިގެން ވެސް އުޅެންޖެހިދާނެއެވެ. އެކަމަކު ކޮންމެ މީހެއްގެ ހިތުގެ ބިންގަރާހުގައި ވެސް ހާއްސަ މީހެއްގެ ނަން ރައްކާކުރެވިފައި އޮންނާނެއެވެ. ފަހުން އޭނަޔާ ބައްދަލު ވެސް ވެދާނެއެވެ. ހިތަށް ތަދުކުރަމުން ހިތުގައި ވަކިއަޅަމުން އެންމެ ލޯބިވި މީހާ ކުރިމަތިން ހުރަސް ވެސް ކުރާނެއެވެ. ޖެހޭނީ ނުފެންނަކަމަށް ހަދައިގެން އުޅޭށެވެ.

ފަހުން ވެސް އަހަރެން ހިތަށްއެރިއެވެ. އަމީލިޔާ ގޮވައިގެން އަމީނާ ކުރިމައްޗަށް ދެވުނު ނަމައެވެ. ނުވަތަ އިއްތިފާގުން ވެސް ދިމާވި ނަމައެވެ. އެކަމަކު އުމުރުގެ ފަހަތުކޮޅަށް އައިއިރު އަހަރެން ހުރީ އެ ފަދަ ކަންކަން ކުރެވޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ. އަހަންނަކީ ދީނުގެ ރުކުންތަކަށް ހާއްސަ ސަމާލުކަމެއް ދިން މީހެކެވެ. ފައިކުރި ދިގެއް ނުކުރަމެވެ. ތުނބުޅި ހުންނާނެއެވެ. ވީމައި، ޒުވާންއިރު އުޅުނު ގޮތަށް ފަހުން އުޅެން އުނދަގޫ ވެސް ވީއެވެ. އަހަރެން ފެނުމުން އަމީނާއަށް އަހަރެން ނޭނގިދާނެކަމުގެ ބިރު ވެސް އޮތީއެވެ. ރުޅިއައިސްގެން އަމީނާއަށް ބުނެވޭ އެއްޗަކުން އަހަރެން ލަދުގަންނަންޖެހިދާނެހެން ހީވީއެވެ. ހަމަ އެހެންމެ ފަހަކަށް އައިސް އަހަރެންނަށް އެންމެ އިސްކަމެއް ދެވުނީ އިސްލާމްދީނުގެ އިލްމު އުނގެނޭށެވެ. ޤުރުއާން ހިތުދަސްކުރާށެވެ. ދީނީ ޝިއާރުތަކަށް އަހުލުވެރިވާށެވެ.

އަހަރެންގެ އަނބިމީހާ ދެކެ އަހަރެން ލޯބިވެއެވެ. އޭނައަށް ބޭވަފާތެރިވުމަކީ އަހަރެން ކުރާނެކަމެއް ނޫނެވެ. އެކަމަކު ހިތުގައި ކުރެހިފައިވާ އަމީނާގެ ލޯބީގެ ތަސްވީރު ދުވަހަކު ވެސް ފަނޑުވެގެނެއް ނުދާނެއެވެ. އަމީނާގެ ހަނދާންތައް، އިއްޔެ ވީ ކަމެއްހެން އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. ހަނދާންތަކާ ދުރަށްދާން މަސައްކަތްކުރި ވަރަކަށް ހަނދާންތަކުން ފެޅީ އިތުރު ކުރިތަކެވެ. އެ ކަމުގައި އަހަރެން ކުށްވެރިނުކުރާށެވެ. ހިތުގެ މައްޗަށް ބާރުފޯރުވެނީ ކާކަށް ހެއްޔެވެ؟

އަމީލިޔާ ކުޑައިރު އުނގުގައި ބައިންދައިގެން އަހަރެން އެ ރީތި މޫނަށް ބަލަން އިންނަމެވެ. އަމީލިޔާ ހިނިތުންވެލައިގެން އޭނަގެ ބޮޑު ދެލޮލުން އަހަންނަށް ބަލާނެއެވެ. އޭނަ ހީކުރާނެއެވެ. ބައްޕަ އެ ބަލަނީ ދަރިފުޅު ދެކެ ލޯބިންނެވެ. އާނއެކެވެ. އަމީލިޔާ ދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. އެކަމަކު އެ މޫނުން އަހަންނަށް ފެންނަނީ އަހަރެންގެ ފޮނި މާޒީއެވެ. އަމީލިޔާ ކުޅެން އިންނައިރު ވެސް އަހަރެން ބަލަން އިންނަމެވެ. ލޯތްބާއި އިހުތިރާމާ އެކުގައެވެ. އެހެން މީހުން ވެސް ހިތަށްއަރާނެއެވެ. އަމީލިޔާ ދެކެ އަހަރެން އެހާ ލޯބިވަނީ ދަރިޔަކަށް ޓަކައި އަހަރެން ކުރި އިންތިޒާރުގެ ދިގުކަމުންނެވެ. ފަހަރެއްގައި އެއީ އެއް ސަބަބުކަމުގައި ވެދާނެއެވެ.

އަހަރެންގެ އުމުރުން މިހާރު ހަތްދިޔަ އަހަރު ވެއްޖެއެވެ. އަމީނާ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. ހަމައެކަނި ތަފާތަކީ މިހާރު ކުޑަމަނިކު ނިޔާވެފައިވުމާއެކު އެއްވެސް އިންސާނަކަށް، އަހަންނާއި އަމީނާގެ ލޯބި ނޭނގޭނެކަމެވެ. ގޭގެ އެނދުގައި އަހަރެން އޮށޯވެގެން އޮތްއިރު ކުރިމަތީގައި އަމީލިޔާ އިނެވެ. އެ ކޮޓަރީގައި ބޮކިފައްޗެއް އޮތެވެ. އެކި ބޮކި އެކި ކުލައިގައި ދިއްލެމުން ދިޔައެވެ. ބައެއް ބޮކި އަނދާފައި ވެސް ހުއްޓެވެ. އަހަރެން އެ ދިމާއަށް ބަލައިލީމެވެ. ހިތަށްއެރިއެވެ. ހަޔާތަކީ ވެސް އެ ކަހަލަ އެއްޗެކެވެ. ބައެއް އުފާތައް ހާސިލުވާނެއެވެ. އަނެއްބައި އުފާތަކުގެ ކުލަ ފަނޑުވާނެއެވެ. ބައެއް އުފަލަކީ ލިބޭނެ އެއްޗެއް ނޫނެވެ. އަނދާފައިވާ ބޮތްކެއް ފަދައިން އެ ފަދަ އުފާތަކުގެ އަލި ދުރަކަށް ނުފެންނާނެއެވެ. އަހަރެން ބޮކިފައްޗަށް ބަލަންއޮއްވައި ހުރިހާ ބޮކިތައް އެއްފަހަރާ ވަރަށް ގަދަ އައްޔަކުން ދިއްލުނެވެ. އެއަށް ފަހު ބޮކިފަތި އެއްކޮށް އަނދައި، ލޯމައްޗަށް އަނދިރީވީއެވެ.

ނިމުނީ

20 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 70%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާހީމް ހާއިލް

02 December 2019

މިހާ މޮޔަ ފިރިހެނުން އުޅޭތަ.. ބިންމާ ދޯ.

The name is already taken The name is available. Register?

ޕަރސަން

28 November 2019

މި ވާހަކަ ކިޔާލީމަ މި އިނގުނީ، އުމުރުގެ މިހާ ހިސާބަށް އައިއިރުގައި އަދި އެއްވެސް މީހެއްދެކެ އިޝްޤީ ލޯބިނުވެވޭކަން.

The name is already taken The name is available. Register?

ރިޔާޒް

28 November 2019

އަހަންނަށްވެސް އެކުއްޖާގެ މަތިން ހަދާން ނައްތާނުލެވުނު.ގުރޭ ދެކެ އަދިވެސް ވަރަށް ލޯބިވޭ. އުއްމީދުކުރަން ކޮންމެވެސް ދުވަހަކުން ލިބޭނެކަމަށް

The name is already taken The name is available. Register?

ގާލް

27 November 2019

އަހަރެން އެ ކުއްޖާމަތިން އަދިވެސް ވަރަށް ހަނދާންވޭ. ވަރަށް ދުވަސް ވެއްޖެ. އުޅެ އުޅެވެސް ހަނދާނަކުން ނުފިލި. ހަނދާން ނައްތާލަން އުޅޭވަރަކަށް ބޮޑަށް ހަނދާންވަނީ . އޭނަގެ ވައިފް ވެސް ހާދަ ރުޅިއެއް އާދެއޭ އަހަރެން ދެކެ. އޭނަ އަހަރެންނަށް ވަރަށް ޝައްކުކުރޭ. އުމުރު މިއޮށްދަނީ އޭނަ އަށްޓަކައި. ދުރުގަ އަދިވެސް ބަލަން. ފެންނަ ކޮންނެ ފަހަރަކު ހީވަނީ އަހަރެންގެ ހިތް ނިކުމެދާނެހެން. އަހަރެންގެ އުމުރު މިގޮތައް ދުއްވާލަންވީތަ؟

The name is already taken The name is available. Register?

ޙހޖފ

27 November 2019

މި ވާހަކަ ކިޔާލީމަ ހަމަ އޭނަ މަތިން ހަނދާންވަނީ . ހާދަ ދުވަހެކޭ އެކަމަކުވެސް ހަނދާން ނައްތާ ނުލެވުނު

The name is already taken The name is available. Register?

އަހަންމާގެ ދޮންރަހާ

27 November 2019

ބޮކިފަތި ނަމުގައި އެހެން ވާހަކަ އެއްވެސް ގެނެސްދިން ހަނދާނެއް ވޭ! މި ވާހަކަ އެހެން ނަމަވެސް ތަފާތުވެފައި ވަރަށް ތީރި! ޝުކުރިއްޔާ ބިންމާބެ!

The name is already taken The name is available. Register?

2019

27 November 2019

މަލާސްޓް?

The name is already taken The name is available. Register?

ރަގަޅު

27 November 2019

ވަރަށް ގިނަ މީހުންގެ ޙަޔާތާ ގުޅޭފަދަ ރީތި ވާހަކައެއް. ޢެކަ މު އެ މީހަކާ ދަރިން ވައްތަރު ކުރަން އުޅުން މޮޔަ ކަ މެއް ހެން ހީވަނީ

The name is already taken The name is available. Register?

ޕިސްޕިސް

27 November 2019

ހާދަ އިނދެ ވަރިކުރުން ގިނަ އޭ ދޯ. އަމީލިޔާ ވެސް ހަތަރު ވަނަ ފަހަރައްށޯ މި ކައިވެނި ކުރަނީ!! ޕިސްޕިސް!!

The name is already taken The name is available. Register?

ނޫރާނީމާ

02 December 2019

އެޒަމާނުގެ ގޮތް އެއީ 14 ކައިވެނި ..22 ކައިވެނި ކޮށްފަ އެބަހުރި މީހުން..އެންމެ މަދުން ވެސް 5 ވަރަކަށް ކައިވެނި ކޮށްލާކަމަށް ވަނީ..

The name is already taken The name is available. Register?

ލޯބި

27 November 2019

އަބަދުވެސް ހަނދާން ވާނެ. އަބަދު ފެނޭ. ވަރަށް ދުރުގައި އެކަމަކު ހިތާ އުންމެ ކައިރީގައި.

The name is already taken The name is available. Register?

ކެޓް

27 November 2019

ކާކުބާ؟؟

The name is already taken The name is available. Register?

ގާލް

27 November 2019

އަހަރެންވެސް ... ވަރަށް އުންމީދު ކުރިން އޭނަ އަންނާނެކަމަށް . ދުރުގަ އެހެނަަސް ވަރަށް ގާތުގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!