ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ހަތަރު ޑައިރެކްޓަރަކު ނެޓްފްލިކްސް އިން ހަދައިދެމުން އަންނަ އެންތޮލޮޖީ ސީރީޒްގެ ދެވަނަ ފިލްމު "ގޯސްޓް ސްޓޯރީޒް" އަންނަ ޖެނުއަރީ މަހުގެ 1 ގައި ސްޓްރީމްކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕްރޮމޯޝަނަލް މެޓީރިއަލްތަކެއް ދައްކާލައިފި އެވެ.


ރޯނީ ސްކްރޫވާލާގެ ފިލްމު ކުންފުނި އާރްއެސްވީޕީ އާއި ނެޓްފްލިކްސް އިން ގެނެސްދޭ ފިލްމުގެ ސެގްމަންޓްތައް ޑައިރެކްޓްކޮށްފައި ވަނީ މިދިޔަ އަހަރު ގެނެސްދިން އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" ގެ ސެގްމަންޓްތައް ވެސް ޑައިރެކްޓްކުރި ޒޯޔާ އަޚްތަރާއި ކަރަން ޖޯހަރާއި އަނޫރާގް ކެޝަޕްގެ އިތުރުން ދެބާކަރު ބެނަޖީ އެވެ.

މި ފަހަރު މުޅިން ވެސް ބިރުވެރި ހާދިސާތަކެއް ކިޔައިދޭ ފިލްމުގައި ޒޯޔާގެ ސެގްމަންޓްގެ ތަރިންނަކީ ޖާންވީ ކަޕޫރާއި ވިޖޭ ވަރުމާގެ އިތުރުން ރަގްވީރު ޔާދަވެ.

ކަރަންގެ ސެގްމަންޓްގެ ތަރިންނަކީ މުރްނާލް ތާކޫރާއި އަވިނާޝް ތިވާރީގެ އިތުރުން ކުޝާ ކަޕީލާ އެވެ.

އަނޫރާގްގެ ސެގްމަންޓުން ފެނިގެން ދާނީ ސޮބީތާ ދުލިޕާލިއާ އާއި ޕަވައިލް ގުލާޓީ އެވެ. ދިބާކަރްގެ ސެގްމަންޓްގެ ތަރިންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

"މުންނީ ބަދުނާމް ހުއާ" ގެ ޓީޒާއެއް

އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ދަބަންގް 3" ގެ އައިޓަމް ލަވަ "މުންނާ ބަދުނާމް ހުއާ" ގެ ޓީޒާއެއް ދައްކާލައި، ފުލް ލަވަ މިއަދު ބެލުންތެރިންނަށް ދައްކައިލަން ނިންމައިފި އެވެ.

ދެހާސް ދިހައެއްގައި ރިލީޒްކުރި "ދަބަންގް" ގައި ހިމެނުނު "މުންނީ ބަދުނާމް ހުއީ" ގެ އާ ވާޝަނެއްގެ ގޮތުގައު ގެނެސްދޭ ލަވައިން މި ފަހަރު ފެނިގެން ދަނީ ސަލްމާނާއި ވަރީނާ ހުސައިނެވެ. ވަރީނާ އަކީ މިދިޔަ އަހަރު ސަލްމާން ޕްރޮޑިއުސްކުރި "ލަވްޔާތުރީ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ.

"މުންނީ ބަދުނާމް ހުއީ" ގައި ފެނިގެން ދިޔައީ ސަލްމާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުން މަލައިލާ އަރޯރާ އެވެ.

"މުންނާ ބަދުނާމް ހުއާ" ކިޔާފައި ވަނީ ބާދްޝާ އާއި ކަމަލް ޚާނާއި މަމްތާ ޝަރުމާ އެވެ.

ޝިލްޕާ ވެސް "ހަންގާމާ 2" އަށް

ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ އާ ހިންދީ ފިލްމު "ހަންގާމާ 2" އަށް ޝިލްޕާ ޝެޓީ ވެސް ސޮއިކޮށްފި އެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ޝިލްޕާ އަލުން ސްކްރީނަށް އަންނަން ތައްޔާރުވަމުން އަންނަ އިރުު، އޭނާ މިހާރު އަންނަނީ ސަބީރު ޚާންގެ "ނިކައްމާ" ގެ މަސައްކަތް ވެސް ކުރަމުންނެވެ.

ޕްރިޔާދަރުޝަން ބުނިގޮތުގައި "ހަންގާމާ 2" އަށް ޝިލްޕާ އެއްބަސްވުމަކީ އޭނާއާ އެކު މަސައްކަތްކޮށްލަން ދެކެމުން ދިޔަ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި ޝިލްޕާ ފިލްމަށް ސޮއިކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

"ހަންގާމާ 2" ލީޑް ތަރިންނަކީ މީޒާން ޖެފްރީ އާއި ޕްރަނީތާ ސުބާޝް އެވެ. އަދި ފިލްމުގެ ކާސްޓްގައި ޕަރޭޝް ރާވަލް އާއި ޝަކްތީ ކަޕޫރާއި ރާކްޕަލް ޔާދަވް ވެސް ހިމެނެ އެވެ. މި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ގެ އާ ލަވައެއް

އަން މަހުގެ 6 ގައި ރިލީޒްކުރާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

މުދައްސަރު އަޒީޒް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން މި ފަހަރު ދައްކައިލީ "ދިލްބަރާ" ކިޔާ ތަންކޮޅެއް ހިތާމަވެރި ސްޓައިލްގެ ލަވައެކެވެ. މި ލަވައިގެ މިއުޒިކް ސަޖެތު ޓަންޑަނާއި ޕަރަމްޕަރާ ތާކޫރް ހަދާފައިވާ އިރު، ލަވަކިޔާފައި ވަނީ ވެސް އެ ދެ މީހުންނެވެ. ލަވައިގެ ޅެން ހެދީ ނާވީ ފީރޯޒްޕޫރްވާލާ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ގެ ލަވަތަކުގެ ތެރެއިން ކުރިން ދައްކައިލި "ދީމީ ދީމީ" އާއި "އަނކިޔޯ ސޭ ގޯލޭ މާރޭ" އަކީ ވަރަށް މަގުބޫލުވެފައިވާ ދެ ލަވަ އެވެ. މި ފިލްމުގެ ތަރިންނަކީ ކާތިކް އާރިޔަން އާއި ބޫމީ ޕެޑްނޭކަރްގެ އިތުރުން އަނަންޔާ ޕާންޑޭ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" އަކީ ހަމަ އެ ނަމުގައި 1978 ގައި ގެނެސްދިން ފިލްމުގެ ރިމެކެކެވެ.