ނުފެންނަ ފިރި

އާދިއްތަ ދުވަހާ ގުޅޭ


ދެރަކަމަކީ އެ ކަން އަހަންނަށް އޭރު ނުވިސްނުނުކަމެވެ. އަހަންނަށް ހީވީ އަހަރެން ދޮގުނަހަދާތީ މުހުސިން ވެސް ދޮގުނަހަދާނެ ކަމަށެވެ. އަހަރެން މަކަރުނަހަދާތީ މުހުސިން ވެސް މަކަރުނަހަދާނެ ކަމަށެވެ. ދުނިޔޭގެ ކެހިވެރިކަން އަހަންނަށް އިހުސާސް ނުކުރެވުނީއެވެ.

އަހަރުމެން ކައިވެނިކުރީ ވަރަށް އުފާވެރި، ކުލަގަދަ ރަސްމިއްޔާތަކާ އެކުގައެވެ. ނިކަން ލޯބިންނެވެ. ރައްޓެހިވިތާ ފަސްވަނަ މަހުގައެވެ. ދެ އާއިލާގެ ރުހުމާއި، ހެޔޮ ދުއާއާއި، ތައުރީފާ އެކުގައެވެ. އެ ހަފުލާގެ އުފާވެރި ހަނދާންތައް ވަރަށް ގިނައެވެ. މީހުން ބުނި ހެޔޮ ބަސްތަކެވެ. ހެޔޮއެދޭ މީހުންގެ އަދަދު ގިނަކަމެވެ. ކޮންމެ ފޮޓޯއެއް ނަގާއިރު މުހުސިން އަހަރެން ގަޔާ ކައިރިކޮށްލާ ގޮތެވެ. ތަފާތު ހަނދާނަކަށް އަހަންނަށް ރައްކާކުރެވުނީ އެންމެ ހަނދާނެކެވެ. އަހަންނާ ދިމާއަށް އާމިރު ބަލަހައްޓައިގެން ހުރި ގޮތެވެ. އޭނަގެ މޫނުން އަހަންނަށް ފެނުނު ހަމްދަރުދީއެވެ.

ދިރިއުޅުމެއް ފަށައިގެން ހަ މަސް ވީއިރު ވެސް އަހަރުމެންގެ ލޯބި ކުޑައަޑި ނުވެއެވެ. ފުރަތަމަ ފެނުނު ދުވަހެކޭ އެއްގޮތެވެ. ނިދަމުން "ގުޑްނައިޓް" ކިޔަމެވެ. ހޭލައިފައި "ގުޑްމޯނިންގް" ކިޔަމެވެ. ވަކިވަމުން "އައިލަވްޔޫ" ބުނަމެވެ. އިނގެރޭސި ފިލްމުތަކުން ފެންނަ ހުރިހާ ބިދޭސީ އާދައެއް އަހަރުމެން ދެމެހެއްޓީމެވެ. އަހަރުމެންގެ ނަޒަރުގައި އެއީ ލޯބީގެ ކާނާއެވެ. ނާރުތަކުގެ ދިރުމެވެ. އެއިން ދޭހަކޮށްދެނީ އަހަރުމެން އެކަކުއަނެކަކު ދެކެ ކިހާ ލޯބިވާކަމެވެ. އެ ލަފުޒުތައް ދަމަހައްޓާހާ ހިނދަކު އަހަރުމެންގެ ލޯބި ދެގޮތެއް ނުވާނެއެވެ.

ކައިވެނިކުރި ފަހުން އާމިރު ފެނުނީ އެންމެ ފަހަރަކުއެވެ. އޭރު ކައިވެންޏަށް އަށެއްކަ މަސް ވެއްޖެއެވެ. އާމިރާ ބައްދަލުވީ ހުޅުލެއިންނެވެ. ބޯޓަށްއެރުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. ހާލުއަހުވާލު އަހާލުން ފިޔަވައި އިތުރު ވާހަކައެއް އަހަރުމެން ނުދައްކަމެވެ. އާމިރަށް އިތުރު އެއްޗެއް އަހަން ނުކެރުނީ އޭނަގެ ހިތުގައި އޮތް އެއްޗެއް ބޮޑުކަމުންނެވެ. އެ ހިތުގައި އެޅިފައިވާ ރޮނގު ފުންކަމުންނެވެ. އަހަރެން އެއްޗެއް ނޭހީ އެ ކަން އަހަންނަށް ވިސްނޭތީއެެވެ. އެ ލޯތްބަށް އަހަރެން އިހުތިރާމުކުރާތީއެވެ. އަހަރެންނަކީ އާމިރު ނަމަ އަހަންނަށް ވެސް ހަމަ އެހެން ވީހެވެ. އެކަމަކު، އެ ވަގުތު އާމިރަށް ހަނދާންކޮށްދޭން އަހަރެން ބޭނުންވިއެވެ. އާމިރަށް ހީވީ ކުށްހީއެކެވެ. މުހުސިންގެ ގޮތް އާމިރަށް ނޭނގުނީއެވެ. އެހެންނަމަވެސް، ގާތުގައި މުހުސިން ހުރުމުން އެ މަގު އަހަންނަށް ބަންދުވިއެވެ. ހިތަށްއެރިއެވެ. އެ ވާހަކަ ބުނެލާނެ ފުރުސަތެއް ލިބޭނެ ނަމައެވެ. މުހުސިންގެ ތެދުވެރިކަން އާމިރަށް ސާބިތުކޮށްދިނުމަށް ޓަކައެވެ. އެ ވަގުތު މުހުސިން ތެދުވެގެން ފާހާނަޔާ ދިމާއަށް ހިނގައިގަތެވެ.

"އެބަ އަންނަން އިނގޭ!" މުހުސިން ބުންޏެވެ.

ދަނޑިވަޅުގެ ބޭނުން ފުރަތަމަ ހިފީ އާމިރެވެ. އަހަރެން ފަދައިން އޭނަ ވެސް ހުރީ އިންތިޒާރުގައެވެ.

"ކޮބާ ލައިފް ކިހިނެއް؟" އާމިރު އެހިއެވެ.

"މުހުސިނަކީ އަހަރެންގެ ލައިފްގަ އަހަންނަށް ލިބުނު އެންމެ ބޮޑު އުފާ،" އަހަރެން ބުނެލީމެވެ. "ހިޔެއްނުވޭ އެހާ ލޯބިވާ މީހަކު އަހަންނަށް ލިބޭނެހެނެއް."

"ވަރަށް އުފާވެއްޖެ!" އުފާވެރިކަމަށް ކަރުނައިން ހެކިދައްކަމުން އާމިރު ބުންޏެވެ. "ހިތަށްއަރަނީ ދުނިޔެއަކީ އަޖައިބެއް ކަހަލަ ތަނެކޭ."

އާމިރު އެންމެ ފަހުން ބުނި އެއްޗެއް އަަހަންނަކަށް ފަހުމެއް ނުވިއެވެ. އޭގެ މާނައެއް ނުވިސްނުނެވެ. އަހާނެ ފުރުސަތެއް ނުލިބުނެވެ. މުހުސިން އައީމައެވެ. ކުޑަ އިރުކޮޅެއް ފަހުން އާމިރު މަތިންދާބޯޓަށް އެރިއެވެ. އަހަރެން އެރީ އެހެން ބޯޓަކަށެވެ. އަހަރުމެން ވަކިވީއެވެ. އެކަމަކު އާމިރު ބުނި އެއްޗަކާ މެދު ވިސްނުނެވެ. ދުނިޔެއަކީ އަޖައިބެއް ކަހަލަ ތަނެކޭ އާމިރު ބުނީ ކީއްވެގެން ހެއްޔެވެ؟ އެއީ، އެންމެ ލޯބިވި މީހާ އާމިރަށް ނުލިބުނު ވާހަކަ ހެއްޔެވެ؟ ފުރަން ދަނިކޮށް ދެ މީހުން ބައްދަލުވި ވާހަކަ ހެއްޔެވެ؟ ނުވަތަ ކޮންމެ ދުވަހަކީ ވެސް އާ ދުވަހަކަށް ވެފައި، ޖެހިގެން އަންނަ ދުވަހު ކަންތައްވާނެ ގޮތް އެކަކަށް ވެސް ނޭނގޭނެ ވާހަކަ ހެއްޔެވެ؟

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މުހުސިންގެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. އެއްދުވަހަކު އަހަރެން ނިދާހޭލިއިރު މުހުސިން އޮތީ ނިދާފައެވެ. އެހެން ހުރިހާ ފަހަރަކު އަހަންނަށް ހޭލެވޭއިރު މުހުސިން ސައިބޮއިގެން އޮފީހަށް ހިނގައިދާނެއެވެ. ހެނދުނު ސައިގެ ހުރިހާ ކަމެއް ކުރަނީ މަންމައެވެ. އެއީ މަންމަ އެދިގެން އަހަރެން ސިއްކަޖެހި އުސޫލެކެވެ. ކައިވެނިކުރި ފަހުން އެންމެ ދުވަހަކު ވެސް މުހުސިން އޮފީހަކަށް ސަލާމެއް ނުބުނެއެވެ. އެހާ ބޮޑު ބައްޔެއް ނުވަނީއެވެ. ކުޑަކޮށް ބަލިވިޔަސް، ބޭސްކައިގެން ވެސް މުހުސިން އޮފީހަށް ދެއެވެ. އެ ކަމަށް މުހުސިން ކިހާ ސަމާލުކަން ދޭކަަން އަހަންނަށް އެނގެއެވެ. ވީއިރު އެއްދުވަހު ހެނދުނު މުހުސިން ކުއްލިއަކަށް އެހެން މީހަކަށް ބަދަލުވީ ކިހިނެއް ހެއްޔެވެ؟ އެ ދުވަހަކީ، ނަލަކޮށް ދުވެފައި ދިޔަ އަހަރުމެންގެ ލޯބީގެ ބައްތެލި ހިރިއެއްގައި ޖެހުނު ދުވަހެކެވެ. މުޅި ބައްތެއްޔަށް ލޮޅުންއަރައިގެންދިޔައެވެ.

"މުހުސިން!" އަހަރެން ވަރަށް ލޯބި ގޮވައިލީމެވެ. "ގުޑް މޯނިންގް!"

މުހުސިން ކުއްލިއަކަށް ލޯ ހުޅުވައިލިއެވެ. އޭރު ވެސް މުހުސިން އޮތީ ރުޅިއައިސް ރަތްވެފައެވެ. އެއީ، އަހަރެން ދެކެ މުހުސިން ރުޅިއައި ފުރަތަމަ ދުވަހެވެ.

"ކިހާ ބޮޑު ****!" އެއީ މުހުސިންގެ ފުރަތަމަ ލަފުޒެވެ.

އަހަރެން އެތެރެއަށްލި ނޭވާ އެ ހިސާބުން ކުރުވި ކަހަލައެވެ. އަހަރެން ދަންނަ މުހުސިން ދުވަހަކު ވެސް އެ ލަފުޒު ބޭނުމެއް ނުކުރާނެއެވެ. އެއީ މުހުސިނެއް ނޫނެވެ. އަހަރެންގެ ހިތް އެހެން ބުންޏަސް އެއީ މުހުސިން ނޫން އެހެން ކާކު ހެއްޔެވެ؟ އެކަމަކު އަހަރެން އެ ކަން ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ މުހުސިނަށް އަހަރެން ބަލާވެރިކަމަކަށްވީ ކޮން އިރަކު ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ދުލަކަށް އިތުރު ލަފުޒެއް ނައެވެ. ހިތުގަޖެހުނުލެއް ބޮޑުކަމުން އަހަރެންގެ ދޫ ހަރަކާތެއް ނުކުރިއެވެ. އަހަރެން ތެދުވެގެން ކޮޓަރިން ނުކުތީއެވެ. ދޮޅު ގަޑިއެއްހާއިރު ފަހުން އަހަރެން ކޮޓަރިއަށް ވަންއިރު ކޮަޓަރީގައި އޮތީ އަހަރެންގެ ލޯބިވާ މުހުސިނެވެ.

"މޯނިންގް!" މުހުސިން އާންމުކޮށް ވާހަކަދައްކާ އޯގާތެރި ރާގުގައި ބުންޏެވެ. އަހަންނަށް ކަށަވަރުވި އެއްޗަކީ، ކުރިން އަހަންނާ ބައްދަލުވީ އެހެން މީހެއްކަމެވެ. އެ މީހާގެ އަޑާއި، ރާގާއި، މޫނަށް ޖައްސައިގެން އޮތް ވައްތަރު އެއީ މުޅީން އެހެން މީހެކެވެ. އަހަރެން ހުއްޓުންއަރައިފައި ހުރީމެވެ. ހިތަށްއެރިއެވެ. އެ ވާހަކަ މުހުސިން ގާތުގައި ބުނަންވީ ހެއްޔެވެ؟ ބިރުވެރި ހުވަފެނަކަށް ހަދައިފައި ހަނދާންނައްތައިލަންވީ ހެއްޔެވެ؟ ދެވަނަ ފަހަރަށް އެ މުހުސިން އަތުވެއްޖެއްޔާ ދެން އަހަރެން ކަންތައް ކުރަންވީ ކިހިނެއް ހެއްޔެވެ؟

ހަމަ އެ ދުވަހު މެންދުރު ވަގުތު ކާންތިބެފައި ނިކަން ބާރަށް މުހުސިން މޭޒުމަތީގައި ޖެހިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ނަސީބަކުން އެތާކު އެެހެން މީހަކު ނެތެވެ. އަހަރެންގެ ސިކުނޑި ބުނި ކަހަލައެވެ. ގާތުގައި މިހާރު އެއިނީ ހެނދުނު ހޭލިއިރު ދިމާވި މީހާއެވެ. ރަނގަޅުވާނީ އެއްޗެއް ނުބުނިއްޔާއެވެ.

ހަވީރު މުހުސިން ކުދިކިޔަން އިންދައި އަހަރެން ދުށީމެވެ. އޭގެ އިތުރަށް އެ ދުވަހަކު، އެ ހަފުތާއަކު މުހުސިންގެ ފަރާތަކުން އާދަޔާހިލާފު ކަމެއް ނުދެކެމެވެ. ސުވާލަކީ، އަހަންނަށް އެ ފެނުނު މަންޒަރުގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ އަހަންނަށް އެއްވެސް ނުރައްކަލެއް އެބަ އޮތް ހެއްޔެވެ؟

މުހުސިންގެ ފަރާތަކުން ދެން އެ ފަދަ ކަމެއް ނުފެނެއެވެ. އެކަމަކު އަހަރެން އެނދުގައި އޮންނަނީ ސިހިސިހިއެވެ. އެއީ މައްސަލައަކަށް ވިއެވެ. ނުފިލާ ބިރެއް އަހަރެންގެ ހިތުގައި ވަކިހިއްޕައިލިއެވެ. ހިތަށްއެރިއެވެ. ދެން އެފަދަ ކަމެއް އަހަންނާ ކުރިމަތިވެއްޖެއްޔާ ކޮންމެވެސް ކޮޅެއްގައި އެކަން ޖައްސާނަމެވެ. އަހަރެން ދެން ހޭދަކުރަން ޖެހުނީ ނުތަނަވަސް ދުވަސްކޮޅެކެވެ.

ވިދިގެންއައި މަހުގެ ވެސް ހަމަ އެ ދުވަސްވަރު، ކުއްލިއަކަށް މުހުސިން މާ ވަރުގަދަ ރުޅިއެއް އައެވެ. އެ ފަހަރު، ކޮޓަރީގައި ހުރި ލޯޝަން ފުޅިއެއް ހޫރައިލިއެވެ. ފުޅި ގޮސް ޖެހުނީ އަލަމާރީގެ ލޯގަނޑުގައެވެ. ލޯގަނޑުގައި ރެނދެއްލިއެވެ. އެއީ ރަނގަޅެއްކަމެއް ނުވަތަ ގޯހެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ ކަމަކީ ފަހުން ވެސް އެ ލޯގަނޑުގެ ރެނދު ފެންނަންހުރި ކަމެކެވެ. އަހަރެން ހިތަށްއެރިއެވެ. އޭގެ ބޭނުން އަހަންނަށް ހިފިދާނެއެވެ.

"މީ ކޮން ރެނދެއްކަން މުހުސިނަށް އެނގޭތަ؟" މުހުސިންގެ ރުޅިގަނޑު މައިތިރިވުމުން އަހަރެން އެހީމެވެ.

މުހުސިންގެ މޫނުމަތިން އަހަންނަށް ފެނުނީ ނުތަނަވަސްކަމެވެ. ރެކޭކަށް އޭނަ މަސައްކަތެއް ނުކުރެއެވެ.

"ސޮރީ!" މުހުސިން ބުންޏެވެ.

އެއީ ކޮން ކަހަލަ ޖަވާބެއް ހެއްޔެވެ؟ އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ ލޯގަނޑުގައި ރެނދުލީ ގޮތް މުހުސިނަށް ނޭނގުނީ ހެއްޔެވެ؟ ނުވަތަ އޭނަ މާފަށް އެދުނީ ހެއްޔެވެ؟

"އެއީ އަހަރެންގެ ހުންނަ މައްސަލައެއް!" މުހުސިން ތެދަށް ބުންޏެވެ. "ދޭތެރެދޭތެރެއިން އެހެންވާނީ."

އަހަރެންގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. އެ ވަރު ބޮޑު މައްސަލައެއް މުހުސިން ސިއްރުކުރީ ކީއްވެގެން ހެއްޔެވެ؟ ކުރީގެ އަނބިމީހާ ވަރިވި ސަބަބާއި، އަވަހަށް ކައިވެނިކުރަން މުހުސިން އުޅުނު ސަބަބަކީ އެއީ ހެއްޔެވެ؟ ރައްޓެހިވެެގެން އުޅެނިކޮށް އެ ހަގީގަތް އަހަންނަށް ފެނިގެން އަހަރެން ރުޅިވެދާނެތީ މުހުސިން ބިރުގަތީއެވެ.

އަނެއްކާ ވެސް އެ ފަދަ ރެޔަކާ ކުރިމަތިވިއެވެ. އެ ރޭ މުހުސިން ހޫރައިލީ އަހަރެންގެ ފޯނެވެ. ޖެހުނު ގޮތަކުން ފޯނުގެ އިސްކިރީނު ފުނޑުފުނޑުވިއެވެ. ޖެހިގެން އައި ދުވަހު އަހަރެން އާ ފޯނެއް ގަތީމެވެ. މައްސަލައަކީ ފޯނެއް ހަލާކުވުމެއް ނޫނެވެ. މައްސަލައަކީ އަހަރެންގެ ރައްކާތެރިކަން ކަށަވަރު ނުވުމެވެ. އެ ވަރު މީހަކާ އެއްކޮށް އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟

މުހުސިން އޮފީހަށް ސަލާންބުނާ ދުވަސްތައް ގިނަވާން ފެށިއެވެ. އޮފީހަށް ނުދާ ކޮންމެ ދުވަހަކީ، އަހަރެންގެ ފިރިމީހާގެ ހަށިގަނޑު ތެރެއިން އެހެން ފިރިޔަކު ނުކުންނަ ދުވަހެވެ. އޭނަޔާ ކުރިމަތިލާން އަހަންނަށް ވަރަށް އުނދަގުލެވެ. މަންމައަށް އެ މަންޒަރު ނުދައްކަންވެގެން އަހަރެން ޖެހެނީ ކޮޓަރި ތަޅުލައިގެން އުޅޭށެވެ. އަހަންނަށް މަޖުބޫރުވީ އެ މައްސަލަ ފެންމަތިކުރާށެވެ. ވަމުންދާ ކަންތައް ނުވާކަމަކަށް ހެދުން ހުއްޓާލާށެވެ.

"ހިނގާ ޑޮކްޓަރަށް ދައްކަން!" މުހުސިން ރަނގަޅަށް ހުރި ވަގުތެއްގައި އަހަރެން އެދުނީމެވެ.

"އެއީ ބައްޔެއް ނޫނޭ!" މުހުސިން ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ޓެންޝަން މާ ބޮޑުވީމަ ވާ ގޮތެއް."

އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ޑޮކްޓަރަށް ދައްކަން މުހުސިނަކަށް އެއްބަހެއް ނުވެވުނެވެ.

ނުނިމޭ