ނުފެންނަ ފިރި

ބުދަ ދުވަހާ ގުޅޭ


ޑޮކްޓަރަށް ދައްކަން މުހުސިނަކަށް އެއްބަހެއް ނުވެވުނެވެ. އެންމެ ލޯބިވި މީހާ ހާލުގަޖެހުނީމަ އޭނަ އޮޔާދާން ދޫކޮށްލާކަށް އަހަރެންނަކަށް ނުކެރުނެވެ. މުހުސިން ރަނގަޅުކުރަން އަހަރެން ބޭނުމެވެ. އެހެނަސް އޭނަގެ އެއްބާރުލުން ލިބިގެން ނޫނީ އެ ކަން ކުރެވޭކަށް ނެތެވެ. މައްސަލަ ހައްތަހާ ބޮޑުވާން ފެށިއެވެ. މުހުސިން ހައްތަހާ ރުޅިގަދަވާން ފެށިއެވެ. އަހަންނަށް އޮތީ ދެގޮތެވެ. މުހުސިން ކައިރިން ވަރިވެގެން އަހަރެންގެ ސަލާމަތް ހޯދުމެވެ. އެހެންނޫނީ މުހުސިން ރަނގަޅުކުރަން ބާރުގެ ބޭނުންކުރުމެވެ. ދަނޑިވަޅަކަށް ބަލަބަލާ ހުއްޓައި މުހުސިނަށް ރޯގާޖެހުނެވެ. ހުންއައެވެ. އެ ކަމެއް ލައިގަތީ ރޭގަނޑުއެވެ. މުހުސިން ޑަކުޓަަރަށް ދައްކަން ބޭނުންވިއެވެ. ރަނގަޅު ޑަކުޓަރެއް އެ ވަގުތަކު އަތަކުނުޖެހުނެވެ.

"ޑޮކްޓަރު އާތިފަށް ދެއްކިދާނެ،" އަހަރެން ބުނީމެވެ. "އޭނައަކީ އަހަރެންގެ ފްރެންޑެއް. މި ރޭ ވެސް ދެއްކޭނެ."

ރޯގާޖެހުމަކީ މުހުސިނަށް ވަރަށް ބޮޑުވަރުވާ ކަމެކެވެ. ވީމާ، މުހުސިން އެއްބަސްވިއެވެ. އަހަރެން ކަމެއް ސިއްރު ވެސް ކުރީމެވެ. ޑަކުޓަރު އާތިފަކީ ސިކުނޑީގެ ޑޮކްޓަރެއްކަމެއް އަހަރެން ނާންގަމެވެ. މުހުސިން ގެންދިޔައީ އާތިފް އިންނަ ކުލިނިކަށެވެ. ކުލިނިކުން ނުކުމެފައި މުހުސިން ވަރަށް ޝަކުވާކުރިއެވެ. އަހަރެން ކުށްވެރިކުރިއެވެ. އެހެންނަމަވެސް، ރަނގަޅު ކަމެއް ވެސް ވިއެވެ. ވެގެންއުޅޭ ކަންތައް ކިޔައިދިނުމުގެ ހިތްވަރު މުހުސިނަށް ލިބުނެވެ.

މުހުސިނަށް ފުރަތަމަ އެ ކަމެއް ކުރިމަތިވީ މުހުސިންގެ މަންމަ ނިޔާވި ދުވަހުއެވެ. އޭރު މުހުސިންގެ އުމުރުން ފަނަރަ އަހަރެވެ. ރޮއިރޮއި އެ ދުވަހު މުހުސިން އަނބުރައިގަތެވެ. މުހުސިން ހަމަޔަަކަށްއެޅުވުނީ ވަރަށް މަސައްކަތުންނެވެ. އާތިފްގެ ފަރާތުން އަހަންނަށް އެނގުނު ގޮތުގައި، ނަފުސާނީގޮތުން މުހުސިން ހުރީ ނުބައި ފައްތަރެއްގައެވެ. މުހުސިންގެ ސިކުނޑިއަށް ހުރީ ގެއްލުންތަކެއް ވެފައެވެ. އާންމު މީހެއްގެ ދިރިއުޅުމެއް މުހުސިނަކަށް ނޫޅެވޭނެއެވެ. އެ ފަދަ މީހުން ވިސްނާ ގޮތަކަށް ވެސް މުހުސިނަކަށް ނުވިސްނޭނެއެވެ. ޑަކުޓަރަށް ނުދައްކަން މުހުސިން އުޅުމަކީ އޭގެ އެއް ހެތްކެތެވެ. ތިމާގެ ކޮންމެވެސް މައްސަލައެއް ހުރިކަން މުހުސިނަށް ވެސް އެނގެއެވެ. އެ ކަން ކަށަވަރުކުރަން މުހުސިނަށް ނުކެރެނީއެވެ. އެހާ ހިތްވަރު ނުލިބެނީއެވެ. އުފާވެރި ޚަބަރަކީ ފަރުވާކޮށްގެން އެ ކަން ރަނގަޅުކުރެވޭނެކަމެވެ. އެ ކަމަށް ޓަކައި ބޭސްކާން ޖެހޭނެއެވެ. އެ ވަރު ބައްޔެއް ހުރިކަމަކަށް މުހުސިން އެއްބަހެއް ނުވިއެވެ.

އަހަރެން ބޭސްނެގީމެވެ. ފަހަރެއްގައި ނަމަވެސް މުހުސިން ކައިތޯއެވެ. އެތައްއިރަކު ހިތްވަރުދީގެން ވެސް މުހުސިން ބޭހެއް ނުކެއެވެ. އެ ކަމާ ޒުވާބުކުރުމުގައި އެތައް ރެޔެއްގެ ނިދިނަގައިލަން ޖެހުނެވެ. ޒުވާބުކޮށް ދެބަސްވާން ޖެހުނެވެ. އަހަރުމެންގެ ތެރޭގައި މައްސަލައެއް ޖެހިގެން އުޅޭކަން އާއިލާއަށާއި އެކުވެރިންނަށް ވެސް އެނގެން ފެށިއެވެ. އެ މީހުންނަށް ފެންނަނީ އަހަރުމެން ޒުވާބުކުރާ ތަނެވެ. ޒުވާބުކުރަނީ ކީއްވެގެންކަމެއް އެ މީހުންނަކަށް ނޭނގެއެވެ. ހަގީގީ މައްސަލަ އެ މީހުންގެ ލޮލަކަށް ނުފެނެއެވެ. ނަފުސާނީ މައްސަލައަކަށް ވީތީއެވެ. މިކަމުގައި ހުރި ހައްސާސްކަމެއް އެމީހުންނަކަށް ނުފެނެއެއެވެ. އެ މީހުން ހީކުރީ އެންމެނަށް އެއް ގަމީސް ހެޔޮވަރުވާނެކަމަށެވެ. ހުރިހާ މައްސަލައަކަށް އެއް ހައްލު ފުދޭނެކަމަށެވެ.

"ކުއްޖަކު ނެތީމަ ތިހެން ތިވަނީ،" ގިނަ މީހުން ދިން ނަސޭހަތަކީ އެއީއެވެ. "ދަރިޔަކު ހޯދާއިރަށް ތިޔަ މައްސަލަތައް ހައްލުވެދާނެ."

މުހުސިން އެހެނެއް ނުބުނެއެވެ. އަހަރެންގެ ހިތުގައި ވެސް، އެ ހައްލާ ދޭތެރޭގައި ޝައްކުތަކެއް ހުއްޓެވެ. އެހެނަސް، ގިނަ މީހުން ތާއީދުކުރުމުން ގޯސްކަމެއް ވެސް އެއީ ރަނގަޅުކަމެއްހެން ހީވާ ފަހަރު އާދެއެވެ. އަހަންނަށް ލިބުނީ އެ ލަނޑެވެ. މީހުންގެ ބަހަށް އަހަންނަށް ހެއްލެވުނީއެވެ.

އަހަރުމެން ދަރިޔަކު ހޯދީމެވެ. އޭނައަށް ކިއީ ރަޒާނެވެ. ބޭނުންވީ ހައްލެކެވެ. ކުރިމަތިވީ އިތުރު މައްސަލައެކެވެ. ދަރިފުޅު ބޮޑުވަމުންއައިއިރު ދަރިފުޅުގެ ވެސް މައްސަލައެއް އުޅޭކަން އަހަންނަށް ފާހަގަކުރެވުނެވެ. ވާހަކަދެއްކުމުގައެވެ. އެއްޗެހި ދަސްކުރުމުގައެވެ. ރަޒާން ޑަކުޓަރަށް ދެއްކުނީ މުހުސިނާ ބޮޑު ހަނގުރާމައެއްކޮށް ފަތަހަ ހޯދައިގެންނެވެ. ދަރިފުޅުގެ ވާހަކަދެއްކުން ރަނގަޅު ކުރުމަށް ޓަކައި ޖެހެނީ ފިޒިޔޯހަދާށެވެ. އަނެއްކާ އެ ކަމާ މުހުސިން ހިތްހަމައެއްނުޖެހުނެވެ. މުހުސިންގެ ނަޒަރުގައި ދަރިފުޅު އެހާ ބައްޔެއް ނޫނެވެ. ހަމަހިލާ ރަޒާން ފިޒިޔޯހަދާކަށް ނުގެންދެވުނެވެ. އެ ދުވަސްވަރާ ދިމާކޮށް މުހުސިންގެ ބަލިގަނޑު ހިލުނެވެ. ކުރިން ނުހިލޭ ވަރަށެވެ. އަހަންނަށް އެންމެ ލަފުޒެއް ވެސް ރަނގަޅަށް ބުނެވޭ ކަމަކަށް ނުވެއެވެ. ނުވާތާކަށް ރަޒާނަށް ވެސް އަތް އިސްކުރަން މުހުސިން ފެށިއެވެ. މުހުސިން ބޮޑަށް ސަކަރާތްވެފައި ހުންނައިރު ގޭތެރޭގައި ރަޒާން ގެންގުޅުމަކީ ކުޅަދާނަކަމަކަށް ނުވެއެވެ. އެ ކުޑަކުޑަ ކުއްޖާ ކުރާ އެއްވެސް ކަމެއް މުހުސިނަކަށް ރަނގަޅެއް ނުވެއެވެ. ބޮޑު މީހަކާ ދިމާއަށް ހަޅޭއްލަވާހެން ރަޒާނާ ދިމާއަށް ހަޅޭއްލަވައެވެ. އެކި ކަހަލަ އަދަބުދެއެވެ. ގޮނޑިއެއް މައްޗަށް އަރައި ރަޒާން ފުންމާލީތީ އެ ކުއްޖާގެ ދެފައި އެއްކޮށް ބަނދެފާނެއެވެ. އަހަރެން އަބަދު ހުންނަންޖެހެނީ ރަޒާން ކައިރީގައެވެ. ސިކުންތަކަށް ދުރަށްޖެހިލިޔަސް ފަހުން އަހަރެން ރޯންޖެހެއެވެ. ކިތަންމެ ފަހަރަކު ހިތަށްއަރައެވެ. އަަހަރެން ދަރިޔަކު ހޯދީ ކީކޭ ހިތަށްއަރައިގެން ހެއްޔެވެ؟ ފިރިޔަކު އިސްލާހުކުރުމުގެ ބޭނުމުގައި ދަރިޔަކު ހޯދުމަކީ ކުރެވޭނެ އެންމެ މޮޔަ ކަންތަކެވެ.

ރަޒާން ނިދުމުން މުހުސިންގެ ސިކާރައަކީ އަަހަންނެވެ. އަހަރެން ދެރަވާ ކަހަލަ ކަމެއް ނުކޮށްފިއްޔާ މުހުސިންގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ބޯދަށަށް ބާލީހެއް ނުލައި އަހަރެން ނިދަންޖެހިދާނެއެވެ. މުހުސިން ބުނާހާ އިރެއް ވަންދެން އަހަރެން ތަޅުންގަނޑުގައި އޮށޯވެގެން އޮންނަން ޖެހިދާނެއެވެ. އަހަރެން ލައްވާ ކުރުވާ ހުރިހާ ކަމެއް ކިޔައިދޭން އަހަރެން ލަދުގަނެއެވެ. އެކަމަކު އެއިން ކަމެއް ނުކޮށް އަހަރެން ނިދިޔަކަ ނުދެއެވެ. ހިތްހަމަޖެހިގެން އަހަންނަށް ދިރިހުރެވޭނެ އޮތީ އެންމެ ގޮތެވެ. ކާންޖެހޭ ބޭސްތައް މުހުސިން ކައިގެން އަހަރެން ބުނާ ބަސްއެހުމެވެ.

ކައިވެނިކުރަނީ އަނެކާ ހާލުގަޖެހޭ ވަގުތު އޭނަ ދޫކޮށްލައިފައި ރައްކާވާކަށް ނޫނެވެ. ކައިވެނީގެ އެންމެ މުހިންމު ބޭނުމަކީ އެކަކުއަނެކަކަށް އެހީތެރިވުމެވެ. މުހުސިން ބޭސްކައިތޯ އޭނަ ކައިރީގައި އިނދެގެން އާދޭސްކޮށްލަކޮށްލާ އަހަރެން ގަޑިއެއްގެއިރު ހޭދަކޮށްލަމެވެ. އެއީ ކެތްތެރިކަން ބޭނުންވާ ކަމެކެވެ. އަހަންނަށް މައްސަަލައެއް ނެތެވެ. ގަޑިއެއްގެ އިރުން މުހުސިން ބޭސްގުޅައެއް ކެޔަސް އަހަންނަށް ފުދެއެވެ. ހިތާމައަކީ އޭނަ ބޭސްނުކާ ތާނގައި އަހަންނަށް އަނިޔާކުރާކަމެެވެ. ގަދަކަމުން އެ ބޭސްގުޅަ އަހަރެން ލައްވާ އަަހަރެންގެ އަނގަޔަށްލާން އުޅެފާނެއެވެ. އަހަރެންގެ އަތްމަތީގައި ޖަހައި ބޭސްގުޅަ ވިއްސާލުމުން އެ އަތުން ދެން އެ ދުވަހު އަހަންނަކަށް ކަމެއް ނުކުރެވޭނެއެވެ. އެހާ ގަދަ ބާރެއް މުހުސިން ހޯދަނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އޭނަޔަކީ ވަރުގަދަކޮށް ހުންނަ ބިޔަ މީހެއް ނޫނެވެ. ގިނައިން ކާ މީހެއް ވެސް ނޫނެވެ.

މުހުސިން ރަނގަޅުކުރަން މަސައްކަތްކޮށްކޮށް އަހަރެން ވަރުބަލިވިއެވެ. ބޮޑުސިންގާ ފިރިހެނަކަށް ގަދަކަމުން ބޭސްކާންދިނުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެ ވަރުގެ ހަކަތައެއް އަހަރެންގެ ނެތެވެ. ވަގުތެއް ވެސް ނެތެވެ. ރަޒާން ބޮޑުވުމުގެ ކުރިން އޭނަ ރަނގަޅުކުރުން އަހަންނަށް މާ މުހިންމެވެ. ދަރިފުޅު ބަސްއަހައެވެ. ޑަކުޓަރު ބުނާ ގޮތަށް ދަރިފުޅު ގެންގުޅެން އަހަންނަށް ފަސޭހައެވެ. އަހަންނަށް ވަގުތު ވަރަށް މުހިންމެވެ. ވަރަށް ގިނަ ވަގުތު ދަރިފުޅަށް ޓަކައި ހުސްކޮށްގެން ނޫނީ އަހަރެންގެ މަގުސަދު ހާސިލެއް ނުކުރެވޭނެއެވެ.

ވަރިވާން ހިތަށްއަރުވައިގެން އަހަރެން އަހަރު ދުވަސް ވަންދެން ހުރީމެވެ. ވަރިފޯމު ފުރައިފައި ވެސް އަހަރަކާ ގާތްވަންދެން ކޯޓަށް ނުލައި ބޭއްވީމެވެ. މުހުސިންއަކީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. ފުރަތަމަ އިން މީހާއެވެ. އަހަރެންގެ ދަރިފުޅުގެ ބައްޕައެވެ. އޭނަ ދޫކޮށްލުމަކީ އަހަންނަށް ފަސޭހަކަމަކަށް ނުވިއެވެ. އެންމެ ބޮޑު ހިތާމައަކީ، ފަރުވާކުރެވެން އޮތް ކަމަކަށް ފަރުވާކުރަން މުހުސިން ބޭނުން ނުވުމެވެ. ގަވައިދުން ބޭސްކާން ފަށައިފިއްޔާ މޮޔަމީހެއްގެ ތައްގަނޑު ތިމާގެ ނިތްކުރީގައި ޖެހިދާނެހެން މުހުސިނަށް ހީވަނީއެވެ. އެތައް ގޮތަކަށް ވިސްނައިދޭން އުޅެގެން ވެސް އަހަންނަކަށް ކާމިޔާބެއް ނުވިއެވެ.

ވަރަށް ފޫހިވެ، މާޔޫސްވެފައި ހުރި ދުވަހެއްގައި، ރުޅިއައިސްގެން އަތް ހޫރައިލެވުނު ގޮތަކުން މުހުސިންގެ މޫނުމަތީގައި ޖެހުނެވެ. އެހާ ބާރަކަށް ނޫނެވެ. ޖެހުމެއް ނުވަތަ އަނިޔާކުރުމުގެ ނިޔަތެއް ވެސް އަހަރެންގެ ނެތެވެ. އެ ވަގުތަކީ އަހަރެންގެ "ދެވަނަ" ފިރިމީހާ ކުރިމަތީގައި ހުރި ވަގުތެކެވެ. އޭނަ އަތްދަމައިފައި އަހަރެންގެ މޫނުމަތީގައި ޖެހިލެއް ބާރުކަމުން މޫނުގެ އެ ފަޅި ދިޔައީ އައްސިވެގެންނެވެ. އައްސިކަން ނުފިލަނީސް، އަނެއްކާ ވެސް ހަމަ އެ ފަޅީގައި އޭނަ ޖެހިއެވެ. އަހަރެން އަނބުރައިގަނެގެން އެ ތަނަށް ދެމުނީއެވެ. އެތައް އިރަކު އަހަރެން ހޭނެތިފައި ނުވަތަ އަނބުރައިގެންފައި އޮތީމެވެ. ހޭއެރިކަން ނަސީބެކެވެ. ނޫނެކެވެ. އަހަރެންގެ ނަސީބަކީ ހޭނެތުމެވެ. އެހެން ނޫން ނަމަ ފަހުން އަހަންނަކަށް ހިތްވަރެއް ނުލިބުނީހެވެ.

އަހަންނަށް ވިސްނުނުގޮތުގައި، ހިތްދަތިކަމުގެ ސަބަބުން އިތުރު ހިތްވަރުލިބެއެވެ. އުނދަގޫ ނިންމުން ނިންމަން ފަސޭހަވެއެވެ. ދިރިހުރުމަށް ޓަކައެވެ. މުސްތަގުބަލަށް ޓަކައެވެ. ކޯޓަށް ނުލެވިގެން އުޅުނު ފޯމު ހިފައިގެން ކޯޓަށް ދާނެ ހިތްވަރު އަހަންނަށް ދިނީ މުހުސިނެވެ. އަހަރެން ހޭލައްވައިލީ މުހުސިން ޖެހި ބާރު އެތިފަަހަރެވެ. އަހަރެން ވަރިވީމެވެ. އެއީ ފަޚުރެއްކަމަށް ދެކިގެން އުފަލުން ނަށަމަކުން ނޫނެވެ. އެ ކަމަށް ޓަކައި ކަރުނައޮހޮރަމުން، ކަރުނަ ފުހެމުންނެވެ.

ވަރިވީއްސުރެ ދަރިފުޅު ގޮވައިގެން އަހަރެން އުޅުނީ އެކަންޏެވެ. ރަޒާނަށް މިހާރު ފަނަަރަ އަހަރެވެ. ވަރަށް ބޮޑުތަން އޭނަ ރަނގަޅެވެ. އެކަމަކު އެއްކޮށް ރަނގަޅެއް ނޫނެވެ. ރަޒާންގެ އުމުރުގެ އެހެން ކުއްޖަކާ އަޅާކިޔައިފި ނަމަ ރަޒާންގެ ވިސްނުން އަދިވެސް ކޮށްޓެވެ. ރަޒާން އުޅެނީ އިސްކޫލުގެ އެހެން ކުދިންނާ އެއް ކިލާހެއްގައެވެ. ވަކި ހާއްސަ ކިލާހަކަށް ރަޒާން ގެންދާކަށް ނުޖެހެއެވެ. އެކަމަކު މުދައްރިސުންނަށާއި އަހަންނަށް ރަޒާންގެ އުނިކަމެއް ހުންނަކަން ފާހަގަކުރެވެއެވެ. އުންމީދަކީ އަމިއްލަ ދިރިއުޅުމެއް ފަށަން ރަޒާން ކުރިމަތިލުމުން، މުހުސިނަށް ދިމާވި ކަހަލަ ގޮތެއް ރަަޒާނަށް ކުރިމަތި ނުވުމެވެ. އަހަރެން މިހިރީ އަހަރެންގެ ހުރިހާ ކަމެއް ހުއްޓައިފައި ރަޒާނަށް ވަގުތުދީގެންނެވެ. އަހަރެން މިވާ ގުރުބާނީގެ އަގު އަހަރެންގެ ދަރިފުޅު ވަޒަންކުރުމަކީ ވަރަށް ބޮޑު އެދުމެކެވެ. އޭނައަށް ވިސްނެންވާނެއެވެ. އޭނަގެ ބައްޕައަށް އަހަރެން އިހާނެތިކޮށެއް ނުހިތަމެވެ. އެ ކައިވެނި ދަމަހައްޓަން އަަހަރެން މަސައްކަތްކުރީމެވެ. ވަރަށް މަސައްކަތްކުރީމެވެ. ރަޒާނަށް ވިސްނެންޖެހޭނެއެވެ. އަހަރެން ކައިވެނިކުރީ އެކަކާއެވެ. ނުފެންނަ އެހެން ފިރިއެއް ގޮވައިގެނެއް އަހަންނަކަށް ނޫޅެވޭނެއެވެ.

ނިމުނީ