"ވޮންޑަ ވުމަން 1984" ގެ ޓްރެއިލާ ދައްކާލައިފި

ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން" ގެ ދެވަނަ ބައިގެ ޓްރެއިލާ އަށް ކުރަމުން ދިޔަ އިންތިޒާރު ވޯނާ ބަރްދާޒް އިން ނިމުމަކަށް ގެނެސްދީފި އެވެ.


އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވޮންޑަ ވުމަން 1984" އަކީ މީގެ ދެ އަހަރު ކުރިން ރިލީޒްކުރި "ވޮންޑަ ވުމަން" އާ އެއްގޮތަށް، ބަތަލާ ގަލް ގެޑޯ ޓައިޓްލް ރޯލު ކުޅޭ އަދި ކުރީ ބަޔަށް ވުރެ ޝައުގުވެރި، ފުރިހަމަ ފިލްމަކަށް ވާނެ އެވެ. ޓްރެއިލާ އިން ވަނީ މި ފިލްމަށް ބެލުންތެރިން އުންމީދުކުރަން ޖެހޭ އެތައް މަންޒަރުތަކެއް ދައްކާލައިފި އެވެ.

އަންނަ އަހަރުގެ ޖޫން 5 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ވޮންޑަ ވުމަން 1984" ގެ ޑައިރެކްޓަރަކީ ފުރަތަމަ ބައި ވެސް ހެދި ޕެޓީ ޖެންކިންސެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކުރީ ފިލްމުގައި ވެސް މުހިއްމު ރޯލެއް ކުޅުނު ކްރިސް ޕައިން ހިމެނެ އެވެ. އެކަމަކު ކުރީ ބައިގައި އޭނާ ކުޅުނު ސްޓީވް ޓްރެވޯގެ ކެރެކްޓާ މަރުވެފައިވާތީ ދެވަނަ ބައިން އެ ރޯލް ދިރިގެން އަންނަ ގޮތެއް ބަލައިލުމަކީ ވެސް ވަރަށް ޝައުގުވެރި ކަމަކަށް ވާނެ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ކްރިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް، ރޮބިން ރައިޓް އަދި ކޮނީ ނީލްސެން ހިމެނެ އެވެ.

ދެހާސް ސަތާރައިގައި ރިލީޒްކުރި "ވޮންޑަ ވުމަން" އަކީ ބޮކްސް އޮފީހުގައި 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހަދާފައި ވަނީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.