ރަންވީރާ އެކު ދެކުނު އިންޑިއާގެ ބަތަލާއެއް

ރަންވީރު ސިންގް މިހާރު ކުޅެމުން އަންނަ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޖަޔޭޝްބާއި ޖޯރްދާރު" ގެ ބަތަލާއަކަށް ސައުތު އިންޑިއާގެ ބަތަލާ ޝާލިނީ ޕާންޑޭ ހަމަޖައްސައިފި އެވެ.


ޝާލިނީ އަކީ 2017 ގައި ރިލީޒްކުރި މަޝްހޫރު ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ބަތަލާ އެވެ. މި ފިލްމުގެ ހިންދީ ރިމެކެއް ޝާހިދު ކަޕޫރާ އެކު މި އަހަރު "ކަބީރު ސިންގް" ގެ ނަމުގައި ގެނެސްދިން އިރު، ޝާލިނީ ކުޅުނު ކެރެކްޓާ ކުޅުނީ ކިއާރާ އަދުވާނީ އެވެ.

"ޖަޔޭޝްބާއި ޖޯރްދާރު" ވެގެން ދާނީ 25 އަހަރުގެ ޝާލިނީގެ ލީޑިން ބަތަލާއެއްގެ ގޮތުގައި ކުޅޭ ފުރަތަމަ ބޮލީވުޑް ފިލްމަށެވެ. އޭނާ ވަނީ މިދިޔަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު "މޭރީ ނިއްމޯ" ގައި ސަޕޯޓިން ރޯލެއް ކުޅެފަ އެވެ.

ޝާލިނީ އަކީ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާއެކެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "މަހާނަތީ"، "118" އަދި "%100 ކާދަލް" ހިމެނެ އެވެ. ޝާލިނީގެ ކުރިއަށް އޮތް ފިލްމަކީ ތެލެގޫ އާއި ތަމަޅަ ބަހުން ގެނެެސްދޭ "ނިޝަބްދަން" އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ "ޖަޔޭޝްބާއީ ޖޯރްދާރް" އަކީ ދިވްޔަންގް ތައްކަރު ލިޔެ، ޑައިރެކްޓްކުރާ ކޮމެޑީއެކެވެ.