ވައްތަރީ އަންހެނަކާ ކަމަށް ބުނެ މަލާމާތްކުރި: ސައިފް އަލީ ޚާން

ފިލްމީ ކެރިއަރުގެ ކުރީކޮޅު، އޭނާ ވައްތަރީ އަންހެނަކާ ކަމަށާއި އަޑު ވެސް ވަރަށް ހަޑި ކަމަށް ބުނެ މަލާމަތް ރައްދުވި ކަމަށް ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން ބުނެފި އެވެ.


ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި، ބޮލީވުޑްގެ މިހާރުގެ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ ބައްޕަ ބުނީ ކިޔަވައި ނިމުމާ އެކު އޭނާ ކެރިއަރެއްގެ ގޮތުގައި ކުރާނެ ވަކި ކަމެއް ނޭނގި ދުވަސްތަކެއް ދިޔަ ކަމަށެވެ. އެކަމަކު ބައްޕަ އާއި ކާފަ އަކީ އިންޑިއާގެ ކުރީގެ ވަރަށް ހުނަރުވެރި ދެ ކްރިކެޓް ތަރިންނަށް ވިޔަސް އޭނާގެ ކިބައިގައި ކްރިކެޓް ކުޅުންތެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ކަހަލަ ވަރުގަދަ ވިސްނުމެއް ނެތް ކަމަށް ސައިފް ބުންޏެވެ.

އެހެންވެ ކެރިއަރެއްގެ ގޮތުގައި ކްރިކެޓަށް ނުކުތުމަކީ އެއްވެސް އިރެއްގައި ވިސްނި ކަމެއް ނޫން ކަމަށް ބުންޏެެވެ. އޭގެ ބަދަލުގައި ސައިފް މިސްރާބު ޖެހީ މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްގެ ދާއިރާއަށެވެ.

"މޭ ކިލާޅީ، ތޫ އަނާޅީ" ގެ ލަވައެއް.

ކުރީގެ ބަތަލާ އަމްރިތާ ސިންގްއާ ކައިވެނިކޮށް، ސާރާގެ އިތުރުން އިބްރާހީމް ކިޔާ ފިރިހެން ދަރިއަކު ވެސް ހުރު ސައިފް އެކްޓިން އަށް ނުކުތީ 1993 ގައި ޔާޝް ޗޯޕްޅާ ގެނެސްދިން "ޕަރަމްޕަރާ" އިންނެވެ. އޭރުގެ އޭނާގެ އިސްތަށިގަނޑު ހުންނަ ގޮތާއި ބޮޑީ ލެންގްއޭޖް ހުންނަ ގޮތާއި ވާހަކަ ދައްކާ ގޮތުން ރަނޑުކަމެއް ހުންނަ ކަމެއް ބުނެ ވަރަށް ގިނަ ބަޔަކު ސައިފަށް ޖޯކް ކަހައި މަލާމާތްކޮށްފައިވެ އެވެ.

އެ ހަނދާންތައް އާކުރަމުން ސައިފް ބުނީ އޭނާ އަކީ އަކްޝޭ ކުމާރު ކަހަލަ ހީރޯއެއް ނޫންކަން އެންމެ ކުރިއްސުރެ ވެސް ގަބޫލުކުރާ ކަމަށެވެ. އަދި ބަޔަކު މަލާމާތްކުރި ނަމަވެސް އެކަން އެއްވެސް އިރެއްގައި އެހާ ސީރިއަސްކޮށް ނުނަގާ ކަމަށް ބުންޏެވެ.

"ވަރަށް ގިނަ މީހުން އެބަހުރި އަހަރެން ވައްތަރީ އަންހެނަކާ ކަމަށް ބުނެފައި. ބައެއް އޮޑިޝަންތަކަށް ގޮސްގެން ވެސް އެ ތަޖުރިބާއާ ކުރިމަތިލާން ޖެހުނު ފަހަރު މަދެއް ނުވާނެ،" ބަތަލާ ކަރީނާ ކަޕޫރާ މިހާރު ކައިވެނިކޮށްގެން އުޅޭ އެކްޓަރު ބުންޏެވެ.

ސައިފްގެ ލުކަށާއި ކެރިއަރު ބަދަލުކޮށްލި ފިލްމަކީ 2003 ގައި ޝާހްރުކް ޚާނާއި ޕްރިތީ ޒިންތާއާ އެކު ކުޅުނު "ކަލް ހޯ ނަހާ އޯ" އެވެ. އޭގެ ފަހުން އޭނާ ވަނީ ވަރަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ، ބެލުންތެރިން ބަލައިގަތް ރީތި އަދި އެހާމެ ކާމިޔާބު އެކްޓަރަކަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި "ހަމް ތުމް"، "ސަލާމް ނަމަސްތޭ"، "ހަމް ސާތު ސާތު ހޭ"، "ދިލް ޗާތާ ހޭ" "ތަރަ ރަމްޕަމް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

"ރޭސް 2" ގެ ލަވައެއް.

މީގެ އިތުރުން "ރޭސް" ގެ ދެ ފިލްމަކީ ސައިފް ވަރަށް ސްޓައިލިޝްކޮށް ފެނިގެން ދިޔަ ފިލްމުތަކެވެ. އަދި ފަހުން އޭނާ ފާހަގަކުރެވިގެން ދިޔައީ ހުރިހާ ވައްތަރެއްގެ ރޯލްތަކެއް ވެސް ކުޅެން ފައްކާ އެކްޓަރެއްގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ނެގަޓިވް ރޯލްތައް ވެސް ހިމެނެ އެވެ.

ސައިފް، 49، ގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 10 ގައި ރިލީޒްކުރާ "ތަނަޖީ: ދި އަންސަންގް ވޮރިއާ" އެވެ. އެ ފިލްމުގައި ވެސް އޭނާ ކުޅެފައި ވަނީ ނެގަޓިވް ކެރެކްޓާއެކެވެ.