އިޑްރިސް އަލްބާ އަށް ސިއެރެ ލިއޯންގެ ރަށްވެހިކަން ލިބިއްޖެ

އިނގިރޭސިވިލާތަށް އުފަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިޑްރިސް އަލްބާ އަށް އޭނާގެ ބައްޕަގެ އުފަން ގައުމު ސިއެރެ ލިއޯންގެ ރަށްވެހިކަން ލިބިއްޖެ އެވެ.


އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަން 47 އަހަރުގެ އެކްޓަރު މިދިޔަ ބުދަ ދުވަހު ވަނީ ފުރަތަމަ ފަހަރަށް ސިއެރެ ލިއޯނަށް ގޮސްފަ އެވެ. އަލްބާގެ މަންމަ އަކީ ގާނާގެ ރައްޔިތެކެވެ.

ސިއެރެ ލިއޯންގެ ރަށްވެހިކަން ލިބުމާ ގުޅިގެން، ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަލްބާ ބީބީސީ އަށް ބުނީ ސިއެރެ ލިއޯންގެ ރަށްވެހިކަން ލިބުމަކީ އޭނާ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ.

"އަހަންނަކީ އެފްރިކާ އަށް ބީރައްޓެހި މީހެއް ނޫން. އުފަން ގައުމަށް ކުރިން ދެވިފައި ނެތަސް އެފްރިކާގެ އެކި ހިސާބުތަކުގައި އަހަރެން ފިލްމުތަކެއްގެ މަންޒަރުތައް ނަގާފައިވޭ. އަދި އަހަންނަކީ އެފްރިކާއާ ގުޅުން ހުރި އެކި ކަހަލަ ކެމްޕޭންތަކުގައި ވެސް ހިއްސާވާ މީހެއް،" ދެ ދަރިންގެ ބައްޕަ ބުންޏެވެ. "އެކަމަކު ބައްޕަގެ އުފަން ފަސްގަނޑަށް އާދެވުމަކީ އަދި މި ތަނުގެ ރަށްވެހިކަން ލިބުމަކީ މުޅިން ތަފާތު އިހުސާސްތަކެއް ކުރުވާ ކަމެއް."

"އެވެންޖާޒް" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު ބުނިގޮތުގައި ސިއެރެ ލިއޯނަށް ދިއުމުން އެތަނުގެ ރައްޔިތުން ވަރަށް ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ. އަދި އެފްރިކާ އަށް ކުރިއެރުން އެދޭ ކަމަށް ބުންޏެވެ.

"އަހަރެން ބޭނުން މިތާނގެ ޓޫރިޒަމް އިންޑަސްޓްރީ ތަރައްގީކުރަން އިންވެސްޓްކުރަން. އަދި އެންޓަޓައިމަންޓް އިންޑަސްޓްރީ ކުރިއަރުވަން ވެސް ބޭނުން،" އަލްބާ ބުންޏެވެ. "އިނގިރޭސިވިލާތާއި އެމެރިކާގައި އަހަންނަށް އެކަން ކުރެވޭ ކަމަށް ވަންޏާ އެފްރިކާގައި އެކަން ކުރުމުގެ އުންމީދުތައް މާ ބޮޑު. އަދި އެކަން ކުރަން މާ ފަސޭހަ ވާނެ. އަހަރެން ބޭނުންވޭ ސިއެރެ ލިއޯނަށް ބޮޑެތި ކުރިއެރުންތަކެއް ލިބި ގައުމު އަލުން ރިބްރޭންޑްކުރަން ވެސް."