ބަނަފިނި

އާދިއްތަ ދުވަހާ ގުޅޭ


"ކަލޭ ހަމަ ގަސްތުގަ މަގޭ ދަރިފުޅު މަރާލީ!" ނާޒިޔާގެ އަޑު ތަންކޮޅެއް ބާރުވިއެވެ.

ކުއްލިއަކަށް އަހަރެންގެ ފޯނަށް ކޯލެއް އައެވެ. އަހަރެން ފޯނަށް ބަލައިލުމުން ނާޒިޔާ ވެސް ބަލައިލިއެވެ. ގުޅީ އޮފީހުގެ ޗީފް އެކައުންޓެންޓެވެ. ފޯނަށް އަރައިފައިވާ ނަން ނާޒިޔާއަށް ފެނުނެވެ.

"ނަގާނަގާ! ތި އޮފީހަކާ ހެދި އުޅެންހަދައިގެނެއްނު މަގޭ ދަރިފުޅު މަރުވީ ވެސް،" ނާޒިޔާގެ ރުޅިގަނޑު މަޑުވާކަށް ނޫޅުނެވެ. "އަހަރެންގެ ފުރަތަމަ ކޯލަށް ކަލޭ ޖަވާބުދިން ނަމަ އަހަރެންގެ ބޭބީގެ ހިތް އަދިވެސް ތެޅޭނެ. ކަލޭގެ ފަރުވާކުޑަކަމުން އޭނަ މަރުވީ. އެހެންވެ ކަލޭ ބޭނުންވަނީ އަހަރެން އެ ހުރިހާ ކަމެއް ހަނދާންނެތެން. ނުނެތޭނެ. ދުވަހަކު ވެސް ނުނެތޭނެ."

ކެތްތެރިކަމުގެ ދަރުމަ ބޮޑެވެ. ނާޒިޔާ ރުޅިއަޔަސް އަހަރެން ރުޅިއަންނާކަށް ނުޖެހެއެވެ. ނާޒިޔާ ބުނާ ކޮންމެ އެއްޗަކަށް އަހަރެން އެއްޗެއް ބުނާކަށް ވެސް ނުޖެހެއެވެ. އެހެންވެ އަހަރެން އެ ތަނުން ތެދުވީމެވެ. އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިން ނުކުތީމެވެ. އެއީ ދުވަހުގެ މެންދުރު ވަގުތެވެ. ދާނެ ވަކި ތަނެއް ނެތެވެ. ފުރަތަމަ ވަނީ އޮފީހަށެވެ. އެ ތާނގައި އިންނަހިތެއް ނުވިއެވެ. މަސައްކަތްކުރާހިތެއް ނުވިއެވެ. އެއް ކޮފީމޭޒުން އަނެއް ކޮފީމޭޒަށް ބަދަލަވަމުން ދަނިކޮށް އިރުއޮއްސުނެވެ. ރައްޓެހިންނާ އަނގަތެޅިއެއް ކަމަކު އަހަރެންގެ މައްސަލަ ހިއްސާއެއް ނުކުރަމެވެ. އެކަކަށް ވެސް ނާންގަމެވެ. ވަކިވެގެންދިޔަ ދަރިފުޅަށް ޓަކައި އިތުރު ބަޔަކު ހަމްދަރުދީވާން އަހަރެން ބޭނުން ނުވީއެވެ. އަހަންނަށް ނުއުފުއްލޭ ވަރުގެ ބޮޑު ހިތާމައެއް ކޮނޑުއަޅަންޖެހިދާނެތީއެވެ.

އަހަންނާ ދިމާއަށް ނާޒިޔާ ކިޔާ ވަރަށް ގިނަ އެއްޗެހި އަހަރެން ހަނދާންނައްތާލަމެވެ. ކަމަކަށް ނަހަދައި ދޫކޮށްލަމެވެ. އެކަމަކު، ދަރިފުޅު މަރާލިކަމުގެ ތުހުމަތު އަހަރެންގެ ބޮލުގައެޅުވުމުން އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެއީ ތެދެއްކަމަށް އަހަންނަށް ގަބޫލުކުރެވުނެވެ. އަހަންނަށް ހީވީ އަހަރެންގެ ދެއަތުން ދަރިފުޅުގެ ކަރުގަހިފުނީހެންނެވެ. އަހަރެން ބޭނުންވީ ގެއަށް އައިސް ނާޒިޔާގެ ކޮނޑުގައި ބޯއަޅައިލައިގެން އޮވެ ރޯލާށެވެ. މާފަށްއެދޭށެވެ. އުންމީދަކީ އަހަރެންގެ މާފުގެ ސަބަބުން ނާޒިޔާގެ ހިތަށް ލުޔެއް ލިބުމެވެ. ނާޒިޔާ ހިތާމަކުރާތާ މާ ގިނަ ދުވަސް ވެއްޖެއެވެ. އޭނަގެ ތުންފަތުން ގެއްލުނު ހިނިތުންވުން، ކޮންމެ ގޮތަކުން ވިޔަސް އަލުން އެނބުރިއަންނަން އެބަޖެހެއެވެ. އެ ކަން ކުރެވޭނީ އަހަންނަށެވެ.

ނާޒިޔާގެ ކުރިމައްޗަށް އައުމުގެ ހިތްވަރު އަހަންނަށް ލިބުނުއިރު ރޭގަނޑު އެގާރަޖަހައި ބޮޑުވެއްޖެއެވެ. އަހަރެން އައީ މައްސަލަ ހައްލުކުރާށެވެ. ވެދިޔަތަން ފަހަތަށް ދޫކޮށް އާ ފެށުމަކުން ފަށާށެވެ. ކަންތައް ވެގެންދިޔައީ ދިމާ އިދިކޮޅަށެވެ. އަހަންނަށް މާފުލިބުނީ ނާޒިޔާގެ ދުލުކުރިން އެކަންޏެވެ. ހިތުގެއަޑިން އަހަންނަށް މާފުކުރާކަށް ނާޒިޔާ ބޭނުމެއް ނުވިއެވެ. މާފުކުރި ނަމަ، މާފުނުކުރާ މީހެއް ދެކެ ރުޅިއަންނަ ވަރަށް އަހަރެން ދެކެ ފަހުން ރުޅިއެއް ނައިހެވެ. އޮފީހުގައި އަހަރެން "ބިޒީވުން" އެއީ ނާޒިޔާ އިރުއިރުކޮޅާ ކިޔާ ތަސްބީހައަކަށް ނުވީހެވެ. ކިރިޔާ ކަމެއްވާއިރަށް ނާޒިޔާގެ އެކަނިވެރިކަމާއި، އަހަރެންގެ ކަންފަސޭހަކަމާއި، ކައިވެނީގެ ބަދުނަސީބުކަމުގެ ވާހަކައެއް ނުދެއްކީހެވެ. ދެން ވެސް އަހަރެން ހިތަށްއެރިއެވެ. ކަމަކަށް ނަހަދާނަމެވެ. ނާޒިޔާ އަލުން ބަނޑުބޮޑުވުމުން ހުރިހާ ކަމެއް މަޑުމަޑުން ހަމަޔަކަށް އެޅޭނެއެވެ. މައްސަލަޖެހުނީ އެ ހިސާބުންނެވެ.

އަލުން ބަނޑުބޮޑުވާކަށް ނާޒިޔާ ބޭނުމެއް ނޫނެވެ. އަނެއްކާ ވެސް ކުއްޖާ ވެއްޓިދާނެތީއެވެ. އަހަންނަށް ވިސްނުނުގޮތުގައި ނާޒިޔާގެ މައްސަލައަކީ ނަފުސާނީ މައްސަލައެކެވެ. ޖިސްމާނީ މައްސަލައެއް ނޫނެވެ. ނާޒިޔާ ޖެހޭނީ ވިސްނުން ބަދަލުކުރާށެވެ. ކޮންމެ ފަހަރަކު އެއްގޮތަށް ކަންތައް ނުވާނެކަން ގަބޫލުކުރާށެވެ. އެހެނެއް ވެސް ނުވިއެވެ.

ނިދާއިރު އަހަރުމެންގެ ދެމެދުގައި ބާލީހެއް ބާއްވަން ނާޒިޔާ ބޭނުންވިއެވެ. ނާޒިޔާ ގައިގަ އަހަރެން އަތްނުލާށެކޭ ނުބުނެއެވެ. އެކަމަކު އަތްލައިފި ނަަމަ އޭނަ ހިތްހަމައެއްނުޖެހެއެވެ. އަހަރެން އޮފީހުން ކެނޑޭށެކޭ ނުބުނެއެވެ. އެކަމަކު އޮފީހަށް ދާކަށް ނާޒިޔާ ބޭނުމެއް ނޫނެވެ. ގިނަ ވަގުތު އަހަރެން ގޭގައި އުޅެންޏާ ޝަކުވާކުރެއެވެ. ކުޑަކުއްޖަކު ގޮވައިގެން މީހަކު ގެއަށް އަތުވެއްޖެއްޔާ އެ ކުއްޖާ ކައިރިން ނާޒިޔާ ދުރަކަށް ނުދެއެވެ. އެތައް ދުވަހެއް ވަންދެން އެ ކުއްޖާގެ ލޯބިކަމުގެ ވާހަކަދައްކައެވެ. އެކަމަކު ކުއްޖެއް ހޯދާކަށް ބޭނުމެއް ނޫނެވެ. އަހަރެން އެއްބަހެވެ. ނާޒިޔާއަކީ ކުރިން ވެސް ކޫސަނި މިޒާޖެއް ހުންނަ ކުއްޖެކެވެ. އެކަމަކު އަހަރެން ކައިވެނިކުރީ އެ ސިފަަތައް ގަބޫލުކޮށްގެންނެވެ. އެ ފަދަ އިތުރު ސިފަތަކެއް ބަލައިގަންނާނީ ކިހިނެއް ހެއްޔެވެ؟

ގަހަކަށް ރުކެކޭ ނުބުނެވޭނެއެވެ. އިރަކަށް ހަނދެކޭ ނުކިޔޭނެއެވެ. ހަމަ އެހެންމެ ހައިޖާނަކަށް ކައިވެންޏެކޭ ވެސް ނުބުނެވޭނެއެވެ. ކޮންމެ އެއްޗެއްގައި ވެސް އެ އެއްޗަކަށް ހާއްސަ ސިފަތަކެއް ހުންނާނެއެވެ. ތަބީއީ ސިފަތައް ގެއްލުމުން އޭގެ ހައިސިއްޔަތު ވެސް ގެއްލޭނެއެވެ. އަހަރުމެންގެ ކައިވެނި، އެންމެ ކުރިން އަހަރުމެން ބޭނުންވި ގޮތަށް ބަދަލުވިއެވެ. އަހަރުމެންނަކީ އެއް ކޮޓަރީގައި އުޅޭ ދެ ބީރައްޓެހިންނެވެ. ގުޅުމެއް ނެތެވެ. ގާތްކަމެއް ނެތެވެ. އެ މީހަކު ކުރާނެކަމެއް ކޮށްފައި އުޅޭނެ ގޮތަކަށް އުޅެންވީއެވެ. އެއްވެސް މީހަކަށް އަނެކަކަށް ގޮތެއް ނުކިޔެއެވެ. ނިދާނެ ގަޑިޔަކު ނިދައިފައި ހޭލާނެ ގަޑިއަކު ހޭލަންވީއެވެ. ދާ ތަނެއް އަންނާނެ ވަގުތެއް ބުނާކަށް ނުޖެހެއެވެ.

ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން އިނީ ހުޅުމާލޭގެ މޫދުކައިރީގައި ހުރި ކެފޭއެއްގައެވެ. އެކަނިމާއެކަނި މޭޒެއް ކައިރީގައި އިށީނދެލައިގެން، ކުރިމަތީގައި ހުރި ކޮފީތަށި ގިރާލަގިރާލާ އިނީމެވެ. އަހަރެންގެ ހަޔާތާ މެދު ފިކުރުކުރާށެވެ. ކުއްލިއަކަށް ފެނުނީ ޑޮލަރުތަކެއް އަހަރެންގެ ކޮފީތަށީގެ ދަށަށް ކޮއްޕައިލި ތަނެވެ. ސިހިފައި އަހަންނަށް ބަލައިލެވުނެވެ. ގާތުގައި ހުރީ އަހަރެން ދަންނަ މޫނެކެވެ. އަހަންނަށް ތެދުވެވުނެވެ.

"ހަނދާންއެބަހުރި؟" ހިނިތުންވެލައިފައި ޝާހިދާ ބުންޏެވެ. "މީ ޝާހިދާ! ލަންކާއިން ދިމާވިއެއްނު!"

"އާނ ޔޭސް!" ސަލާންކޮށްލަމުން އަހަރެން ބުނީމެވެ. "ކޮންއިރަކު މާލެއައީ؟ އިށީނދެބަލަ!"

"ކޮންއިރަކުހޯ މާލެއައީ؟" އިށީންނަމުން ޝާހިދާ ބުންޏެވެ. "ތީ ހާދަހާ ނައިސް މީހެކޭ. އެހެން މީހަކު ނަމަ އަހާނީ ލާރިކޮޅު ހިފައިގެން ކޮންތާކަށްހޭ ފިލީ. މިހާރު ކޮން ޒަމާނެއް. އަސްލު ވީގޮތް އެނގޭތަ؟ އަހަރެން ފޯނުގައެއްނު ނަންބަރު ސޭވްކުރީ. ފޯނު ގެއްލުނީ. އެހެންވެ ނުގުޅުނީ. އެކަމަކު އޭރުއްސުރެ ޑޮލަރުކޮޅު ޖީބަށްލައިގެން މިއުޅެނީ."

ކުރިން ދިމާވި ޝާހިދާގެ ތަސްވީރު އަހަންނަށް ސިފަވާން ފެށިއެވެ. އެ ޝާހިދާއާއި ކުރިމަތީގައި އިން ޝާހިދާޔާ ދެމެދު ތަފާތުތަކެއް ހުރިހެން އަހަންނަށް ހީވިއެވެ. ކޮން ތަފާތެއްކަމެއް ނޭނގުނެވެ. އެ ވަރަކަށް ކުރީގެ ފޮޓޯ ހަނދާނެއް ނުކުރެވުނެވެ.

"ޝާހިދާ ހީވޭ.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"ޔާ! ތަފާތުހެން ދޯ!" ޝާހިދާ ވެސް އެއްބަސްވިއެވެ. "މިހާރު މާ ރީތީތަ؟"

ޝާހިދާ ބުނީ ތެދެކެވެ. ކުރިޔަށް ވުރެ ޝާހިދާ ރީއްޗެވެ. ކުލަ އައްޔެވެ. އިސްތަށިގަނޑު ބޮލެވެ. އެ ވަރު ފާހަގަކުރެވުނެވެ.

"މަންމީ މަންމީ!" ކުޑަ އަންހެންކުއްޖަކު ދުވަމުން އައިސް ޝާހިދާ ގާތަށް ހުއްޓުނެވެ.

އެ ކުއްޖާގެ މޫނު ފެނިފައި ވެސް އެއީ ޝާހިދާގެ ކުއްޖެއްކަން އަހަންނަށް އެނގުނެވެ.

"ވައްތަރުކަމުން އެނގިއްޖެ ދޯ މަގޭ ދަރިޔެއްކަން؟" ޝާހިދާ އެހިއެވެ. "މީ ހަނާ! އަހަރެންގެ ހުރިހާ ވެސް މީހަކީ މީ. ބޭބެޔާ ސަލާންކޮށްލަބަލަ!"

ހަނާ ސަލާންކޮށްލައިފައި ކުޑަކުޑަ ރިނދައްޔެއް ޝާހިދާއަށް ދީފައި އަނެއްކާ ވެސް ދިޔައީ މޫދަށެވެ. އަހަރެން ވަރަށް އެކަނިވެފައި އިން ދުވަހަކަށްވުމާއި، ޝާހިދާޔާ ވާހަކަދެއްކުމުގެ ޝައުގުވެރިކަން ހުރީމައި ވަރަށް ގިނައިރު ވާހަކަދައްކަން ތިބީމެވެ. އަހަންނަށް އެނގުނު ގޮތުގައި، ލަންކާއިން ޝާހިދާ ދިމާވިއިރު ވެސް ޝާހިދާއާ އެކުގައި ހަނާ ހުންނާނެއެވެ. ކައި ނިންމައިފައި ޝާހިދާ ކާއެއްޗެހި ގެންދިޔައީ ހަނާއަށެވެ. ހަނާއަކީ ބައްޕަ "ނެތް" ކުއްޖެކެވެ. ހަނާގެ ބައްޕައަކީ މުނާޒެވެ. ޝާހިދާގެ ކުރީގެ ލޯބިވެރިޔާއެވެ. އެ ކަން ފޮރުވާކަށް ޝާހިދާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ދެވަނަ ފަހަރު ދިމާވި، އަހަރެން ކަހަލަ މީހަކަށް ޝާހިދާގެ އެހާ ޒާތީ ކަމެއް ހިއްސާކުރުމުގައި ސަބަބެއް ނެތިއެއް ނުދާނެއެވެ. އެންމެ ހަތަރު ސަތޭކަ ޑޮލަރުން ޝާހިދާގެ އިތުބާރު އަހަންނަށް ގަނެވުނީ ހެއްޔެވެ؟

"މުނާޒު އެއްބަހެއްނުވި ހަނާއަކީ އޭނަގެ ކިޑެއްކަމަކަށް،" އެ ކަމާ އެއްވެސް ވަރަކަށް ކަންބޮޑުނުވާ ކަހަލަ ރާގެއްގައި ޝާހިދާ ބުންޏެވެ. "އަހަންނަށް އޯކޭ! މުނާޒުގެ އެއްވެސް ސަޕޯޓެއް ނެތި ހަނާ އެ ވަރު ކޮށްފަ އެހެރީ. ހުރިހާ ސަޕޯޓެއް ދެނީ އަހަރެންގެ ފެމެލީ. މުނާޒާ ރައްޓެހިނުވާން މަންމަ ބުނެބުނެ ހުއްޓާ އަހަރެން ރައްޓެހިވީ. މި ބޮޑި ވެސް ބުއީ. އެކަމަކު ވެސް އެ މީހުން ވަރަށް ރަނގަޅު."

"އެ ހާދިސާއިން ކޮން ކަހަލަ ލެސަންއެއް ލިބުނީ؟" އަހަރެން އެހީމެވެ.

"ފިރިހެނުންނަށް އިތުބާރުކުރާކަށް ނުވާނޭ!" ޖެހިލުމެއް ނެތި ޝާހިދާ ބުންޏެވެ. "އަދިވެސް އެ ގޮތުގަ މިހިރީ!"

ހަތަރު ސަތޭކަ ޑޮލަރަށް އިތުބާރެއް ނުގަނެވުނުތާއެވެ. އަހަރެން ދެން ހިތަށްއެރީ އެހެންނެވެ.

"ތީގެ މާނައަކީ އަންހެނަކު ބޮނޑިއެއް ދީފިއްޔާ ހުރިހާ އަންހެނުންނަށް އިތުބާރުކަނޑާލާށޭ؟" ސަމާސައިގެ ރާގުގައި އަހަރެން ބުނީމެވެ. "ހުރިހާ އަންހެނުންނާ ފިރިހެނުންނަށް އިތުބާރުކަނޑައިލައިގެން ކިހިނެއް ދިރިއުޅޭނީ؟ ބައްޕައަކީ ފިރިހެނެއް. މަންމައަކީ އަންހެނެއް. ޑޮކްޓަރުންނަށް ވެސް ތިބޭނީ އަންހެނެެއް ނޫނީ ފިރިހެނެއް."

ޝާހިދާގެ އަނގަ ބަންދުވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ދެން ފެށީ ހޭށެވެ. ދެވަނަ ފަހަރަށް އަހަރުމެން ބައްދަލުވީ، ފުރަތަމަ ފަހަރު ފަދައިން އިންތިފާގަކުންނެވެ. އެކަމަކު އެ ފަހަރު އަހަރުމެންގެ މެދުގައި އެކުވެރިކަމެއް އުފެދުނެވެ.

ތިންވަނަ ފަހަރު އަހަރުމެން ބައްދަލުވީ، ކުރީބައިގައި ގަޑި ހަމަޖައްސައި ރޭވިގެންނެވެ. އެ ފަހަރު އަހަރުމެންގެ އެކުވެރިކަން އެހެން ހަރުފަތަކަށް ބަދަލުވިއެވެ. އެ ގުޅުމާ މެދު އަހަރެން އަޖައިބުވިއެވެ. ޝާހިދާއަކީ އަހަންނަށް ރީތިވި ކުއްޖެއް ނޫނެވެ. ކަމުދިޔަ ކުއްޖެއް ވެސް ނޫނެވެ. ކައިވެނީގެ ބޭރުން ލިބިފައިވާ ދަރިޔަކު އެބަހުއްޓެވެ. އެ ފަދަ ކުއްޖަކަށް އަހަރެން އާއިލާއަކުން މަރުހަބާއެއް ނުކިޔާނެއެވެ. އެކަމަކު ކުއްލިއަކަށް އަހަރެންގެ ހިތުގައި ޝާހިދާގެ ނަން ލިޔެވިއްޖެއެވެ. ފިލާނުދާނެ ކަހަލަ ގަލަމަކުންނެވެ. ނާޒިޔާއާ އަޅައިކިޔައިފި ނަމަ ޝާހިދާއަކީ ދިމާ އިދިކޮޅެވެ. ނާޒިޔާހާ ރީއްޗެއް ނޫނެވެ. ނާޒިޔާގެ ހުންނަ ކޫސަނި އެއްވެސް ސިފައެއް ޝާހިދާގެ ނެތެވެ.

"އަހަންނާ އިނދެފާނަން؟" ހަތަރުވަނަ ބައްދަލުވުމުގައި އަހަރެން އެހީމެވެ.

"ފަހުން ދެރަވާނެ." ޝާހިދާ ވިސްނައިލައިފައި ބުންޏެވެ.

ނުނިމޭ