ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިދިޔަ ހަފުތާގައި އިއުލާން ކުރި، އެކްޓަރު ޑީނޯ މޯރިއާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމު "ހެލްމެޓް" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.


ސަތުރަމް ރަމާނީ ޑައިރެކްޓް ކުރާ ފިލްމުގެ މަންޒަރުތައް އެންމެ ފުރަތަމަ ނަގާފައި ވަނީ ވަރަނަސީގަ އެވެ. "ހެލްމެޓް" ގެ ލީޑް ރޯލުން ފެންނާނީ އަޔޫޝްމަން ކުރާނާގެ ކޮއްކޮ އަދި މިހާތަނަށް ކުޅުނު ހުރިހާ ފިލްމުތަކެއްގައި ސަޕޯޓިން ރޯލްތަކެއް ގައި އުޅުނު އަޕަރްޝަކްތީ ކުރާނާ އާއި މި އަހަރު ފިލްމު "ނޯޓްބުކް" އިން ތައާރަފުވި ބަތަލާ ޕްރަނޫޓާން ބޭލް އެވެ.

"ހެލްމެޓް" ގެ ދެވަނަ ޝޫޓިން ޝެޑިއުލް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހު މުމްބާއީގަ އެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އަންނަ އަހަރު ފިލްމު ގެނެސްދޭނެ އެވެ.

ރޯހިތުގެ ކޮޕް ޔުނިވާސްގެ ދައްކައިލުމެއް

އަޖޭ ދޭވްގަން ފުލުހެއްގެ ރޯލް ކުޅޭ "ސިންގަމް" އާއި ރަންވީރު ސިންގް ފުލުހެއްގެ ރޯލް ކުޅުނު "ސިމްބާ" އަށް ފަހު، ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސް އަށް އަންނަ އަހަރު އަކްޝޭ ކުމާރާ އެކު އިތުރުކުރާ "ސޫރިޔާވަންޝީ" ގައި ތިން ތަރިން އެކީގައި ދައްކައިލާނެކަން ޔަގީންކޮށްދީފި އެވެ. އެ ފިލްމުގެ ޓީޒާއެއް އާންމުންނަށް މިހާރު ވަނީ ދޫކޮށްލައިފި އެވެ.

މި ޓީޒީ އާންމުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ 27 ގައި "ސިމްބާ" ގެނެސްދިންތާ މި މަހުގެ 27 އަށް އެއް އަހަރުވުމާ ދިމާކޮށެވެ. އެގޮތުން ޓީޒާގައި ވަނީ އަޖޭ އާއި ރަންވީރާއި އަކްޝޭ އެކީގައި ދައްކާލައިފަ އެވެ. "ސިމްބާ" ގައި ވެސް މި ތިން ތަރިން ދައްކާލައިފައިވެ އެވެ.

މިހާރު ޝޫޓިން ނިމުމަކާ ގާތްވަމުން އަންނަ "ސޫރިޔާވަންޝީ" އަކީ އަންނަ އަހަރުގެ މާޗް 27 ގައި ރިލީޒް ކުރާ ފިލްމެކެވެ. ކަރަން ޖޯހަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކެއިފެވެ.

ކާތިކަށް ބައޯޕިކެއް

ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ޒުވާން އެކްޓަރު ކާތިކް އާރިޔަންް ބައޮގްރަފިކަލް ޑްރާމާ އަކަށް ސޮއިކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މި މަހު ރިލީޒް ކުރި ކާމިޔާބު ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ބަތަލު ސޮއިކުރި ބަޔޯޕިކަކީ ޕަންބާޖްގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަމަރު ސިން ޗަންކީލާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ނޫހުން ބުނީ، މިއީ ކާތިކްގެ ކުރިއަށް އޮތް ފިލްމު "އާޖް ކަލް" ގެ ޑައިރެކްޓަރު އިމްތިއާޒް އަލީ އާއި ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެއް ކަމަށެވެ.

އެގޮތުން ފިލްމުގެ ސްކްރީންޕްލޭ އިމްތިއާޒް ލިޔާ އިރު، ޑައިރެކްޓް ކުރާނީ މިދިޔަ އަހަރު "ލައިލާ މަޖުނޫ" އިން ޑައިރެކްޝަނަށް ނުކުތް އިމްތިއާޒްގެ ކޮއްކޮ ސާޖިދު އަލީ އެވެ.

އެހުންތެރިންގެ މަގުބޫލުކަން ހޯދި އެތައް ލަވައެއް ގެނެސްދިން ޗަމްކީލާ ވަނީ އުމުރުން އެންމެ 27 ގައި އަހަރުގައި މާޗް 8، 1988 ގައި މަރާލައިފަ އެވެ.

"ގުންގަން ސަކްސޭނާ" ގެ ޝޫޓިން ނިންމާލައިފި

އިންޑިއާގެ އެއާފޯސްގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔައިދޭ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޝޫޓިން ނިންމާލައިފި އެވެ.

ޖާންވީ ކަޕޫރް ޓައިޓްލް ރޯލް ކުޅޭ މި ފިލްމަކީ އަންނަ މާޗް މަހުގެ 13 ގައި ރިލީޒް ކުރަން ތާވަލް ކޮށްފައިވާ ފިލްމެކެވެ. ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓަރަކީ ޝަރަން ޝަރުމާ އެވެ. މީގެ ޝޫޓިން ނިންމައިލިކަން ޖާންވީ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށް، މި ފިލްމު ކުޅެން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށް ބުންޏެވެ.

ޖުމްލަ 55 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ކާސްޓުންގެ ތެރޭގައި އަންގަދު ބޭދީ، ޕަންކަޖް ތުރިޕަތީ، ވިނީތު ކުމާރު ސިންގް އަދި މާނަވް ވިޖް ހިމެނެ އެވެ.