ކައިވެނި ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް: ސަލްމާން

އިންޑިއާގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ކައިވެންޏާ ގުޅޭ ގޮތުން އަބަދުވެސް އެތައް ބަޔަކު ސުވާލު ކުރެ އެވެ. އަދި ބޮލީވުޑްގައި އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ އެއް ވާހަކަ އަކީ ވެސް އެއީ އެވެ. ސުވާލު އުފައްދަނީ ވެސް އެކަމާ އެވެ.


ކަލާޒް ޗެނެލްގައި ހޯސްޓް ކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް 13" ގައި ހޮނިހިރު ދުވަހުގެ ރޭ އަޖޭ ދޭވްގަން އާއި އަންހެނުން ކާޖޮލް ބައިވެރި އެޕިސޯޑްގައި ވެސް އެ މީހުން ވަނީ ސަލްމާންގެ ލޯބީގެ ގުޅުންތަކާއި ކައިވެނީގެ ވާހަކަތަކާ ބެހޭ ގޮތުން ސަމާސާ ވާހަތަކެއް ދައްކައިފަ އެވެ.

އެ ޝޯ ގައި ކާޖޮލް ވަނީ ދޮގު ނުވަތަ ތެދު ހަދާތޯ ބަލާ މެޝިންގެ އެހީގައި، ސަލްމާންގެ ލޯބިވެރިންގެ އަދަދާ ބެހޭ ގޮތުން ވެސް ސުވާލު ކޮށްފަ އެވެ.

އޭގެ ޖަވާބުގައި، މިދިޔަ ޑިސެމްބަރު މަހުގެ 27 ގައި 54 އަހަރު ފުރުނު ސަލްމާން ބުނީ މިހާތަނަށް ގެންގުޅުނީ ފަސް ލޯބިވެރިން ކަމަށެވެ. އަދި ކައިވެންޏަށް އިޝާރާތް ކޮށް ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ އެކަމަށް އަދިވެސް ވަގުތު އެބައޮތް ކަމަށެވެ.

ނަމަވެސް ސަލްމާން ތަކުރާރުކޮށް ބުނާ އެހެން ވާހަކަ އަކަށް އަޖޭ އާއި ކާޖޮލް އެއްބަހެއް ނުވި އެވެ. އެއީ "ވާޖިންއެއް" ކަމަށް ބުނާ ބުނުމެވެ. މި ވާހަކަ އެންމެ ފުރަތަމަ ސަލްމާން ހިއްސާ ކޮށްފައި ވަނީ ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގަ އެވެ.

ސަލްމާންގެ އެ ވާހަކަތަކާ ބެހޭ ގޮތުން އަޖޭ އާއި ކާޖޮލް ބުނީ އެ މީހުން އެ ވާހަކަ އެއްގޮތަކަށް ވެސް ގަބޫލު ނުކުރާނެ ކަމަށެވެ. އޭގެ ރައްދުގައި ސަލްމާން ބުނީ ކައިވެނި ނުކުރާހާ ހިނދަކުން އޭނާ ވަނީ "ވާޖިން" އަކަށް ކަމަށެވެ.

ދާދި ފަހުން ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ސަލްމާންގެ ގާތް އެކުވެރިޔާ އަދި ޕްރޮޑިއުސަރު/ޑައިރެކްޓަރު ސާޖިދު ނަދިއަދުވާލާ ބުނިގޮތުގައި މީގެ އަހަރުތަކެއް ކުރިން ސަލްމާން ކައިވެންޏަކަށް ތައްޔާރުވެ، އެކަމަކު އެންމެ ފަހު ވަގުތު ވަނީ އެކަން ކެންސަލް ކޮށްފަ އެވެ.

އޭނާ އެންމެ ފުރަތަމަ ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި މީހުންގެ ތެރޭގައި ކުރީގެ ބަތަލާ ސަންގީތާ ބިޖިލާނީ ހިމެނެ އެވެ. އަދި ސޯމީ އަލީ އާއި އައިޝްވާރިޔާ ރާއީގެ އިތުރުން ކެޓްރީނާ ކެއިފަކީ ސަލްމާނާ ލޯބީގެ ގޮތުން ސީރިއަސް ގުޅުންތަކެއް ބޭއްވި ބަތަލާއިންނެވެ.

އޭގެ ފަހުން އޭނާއާ އެންމެ ބޮޑަށް އަޅުވައި ކިޔާ މީހަކީ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރެވެ. އޫލިއާ އަކީ ސަލްމާންގެ އާއިލާއާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ.