ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ވިޝްނޫ ވަރުދާން ޑައިރެކްޓްކޮށްފައިވާ ބައޮގްރަފިކަލް ޑްރާމާ "ޝޭރުޝާހް" މި އަހަރުގެ ޖުލައި 3 ގައި ރިލީޒްކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.


ސިދާތު މަލްއުތުރާ ޓައިޓްލް ރޯލް ކުޅެފައިވާ މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ކަރުގިލް ހަނގުރާމައިގެ ބަތަލެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔަ އަސްކަރީ އޮފިސަރު ވިކްރަމް ބަޓްރާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ހަފުތާގެ ކުރީކޮޅު ޝޫޓިން ވެސް ނިންމާލާފައިވާ "ޝޭރުޝާހް" ގެ ބަތަލާ އަކީ ސިދާތުއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައިވާ އުންމީދީ ބަތަލާ ކިއާރާ އަދުވާނީ އެވެ.

މިއީ މި ދެ ތަރިން އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ކިއާރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ގުޑް ނިއުޒް" އެވެ. ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ ނޮވެމްބަރުގައި ރިލީޒްކުރި "މަރުޖާވާ" އެވެ.

"ތާނަޖީ" އަށް 100 ކްރޯޑް

އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަނބްގް ވޮރިއާ" ރިލީޒްކުރިތާ ހަ ދުވަހުގެ ތެރޭގައި އިންޑިއާ އިން 100 ކްރޯޑް ރުޕީސް (14 މިލިއަން) ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހު ސިނަމާތަކަށް ގެނައި ފިލްމަށް ބުދަ ދުވަހު 14 މިލިއަން ޑޮލަރުގެ އާމްދަނީއެއް އިންޑިއާގައި އެކަނި ދައްކައިގެން ލިބުނު އިރު، އިންޑިއާ އިން ބޭރުގެ މާކެޓްތަކާ އެކު ބުދަ ދުވަހާ ހަމައަށް "ތާނަޖީ" އަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 118.99 ކްރޯޑް ރުޕީސް (17 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.

ޖުމްލަ 150 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމަކީ މި އަހަރު 100 ކްރޯޑް ކުލަބުުން ޖާގަ ހޯދި ފުރަތަމަ ފިލްމެވެ. އަދި "ތާނަޖީ" އަކީ އަޖޭގެ 100 ވަނަ ފިލްމެވެ.

އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އަންހެނުން ކާޖޮލް އާއި ސައިފް އަލީ ޚާން ހިމެނެ އެވެ.

"ކިކް 2" އަންނަ އަހަރުގެ ޑިސެމްބަރުގައި

ސަލްމާން ޚާންގެ "ކިކް" ގެ ދެވަނަ ބައި ގެނެސްދޭނެ އިރަކާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ފިލްމު ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ ކަމަށް ޕްރޮޑިއުސަރު/ޑައިރެކްޓަރު ސާޖިދު ނަދިއަދުވާލާ ބުނެފި އެވެ.

އޭނާ ބުނިގޮތުގައި "ކިކް 2" ގެ ސްކްރީންޕްލޭގެ މަސައްކަތް ވެސް މިހާރު ވަރަށް ބާރަށް ކުރިއަށްދާތީ، އެ ވަރަށް އަވަހަށް ނިންމައިލެވޭނެ އެވެ. ދެހާސް ސާދައިގައި ރިލީޒްކުރި "ކިކް" އަކީ ސާޖިދު ޑައިރެކްޝަނަށް ނުކުތް ފިލްމެވެ.

އޭގެ ދެވަނަ ބައި ގެނެސްދޭ އިރު، ފުރަތަމަ ބައިގައި ސަލްމާނާ އެކު ބަތަލާގެ ރޯލް ކުޅުނު ޖެކްލިން ފެނަންޑޭޒް ވެސް ފެންނާނެ އެވެ.

"ކިކް 2" ގެ ކުރިން އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ސަލްމާންގެ ފުރަތަމަ ފިލްމަކީ ސާޖިދު ޕްރޮޑިއުސްކޮށް، ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ "ކަބީ އީދު ކަބީ ދިވާލީ" އެވެ. އެ ފިލްމު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދަށެވެ.

މި އަހަރު ސަލްމާން ފެންނާނެ ފުރަތަމަ ފިލްމަކީ ފިތުރު އީދުގައި ގެނެސްދޭ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އެވެ.

ވަރުންގެ ކައިވެނި މެއިގައި

ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލް އަންނަ މެއި މަހު ކައިވެނިކުރާނެ ރިޕޯޓްތައް ބުނެފި އެވެ.

އެ ދެ މީހުންގެ ކައިވެނީގެ ވާހަކަތައް ވަރަށް ގަދައަށް ދެކެވޭތާ މިހާރު ދެ އަހަރެއްހާ ދުވަސްވެފައިވާ އިރު، ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ވަރުން އާއި ނަތާޝާގެ ޕަންޖާބީ އާދަކާދަތަކުގެ ކައިވެނީގެ ހަފުލާ ބާއްވާނީ އިންޑިއާގެ ގޯއާގަ އެވެ. އަދި މިކަމަށް ދެ ފަރާތުގެ އާއިލާ އިން ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށްވެ އެވެ.

މެއި މަހު ވަރުން ކައިވެނިކުރާނެ ވާހަކަ ތިލަވެފައިވާ އިރު، މެއި 1 ގައި އޭނާގެ "ކޫލީ ނަމްބަރު 1" ސިނަމާތަކަށް އަންނާނެ އެވެ. އެ ފިލްމަކީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ ފިލްމެކެވެ.

މި މަހުގެ 24 ގައި ރިލީޒްކުރާ "ސްޓްރީޓް ޑާންސާ" ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ވަރަށް ފޯރީގައި ވަރުން ކުރަމުން އަންނަ އިރު، އާ އަހަރުގެ ޗުއްޓީ އޭނާ ހޭދަކުރީ ވެސް ނަތާޝާއާ އެކު ސްވިޓްޒަލެންޑްގަ އެވެ.