މުނިފޫހިފިލުވުން / ތައުލީމް

ވާހަކަ: ފަލިކޮޔާއި މުޝީރު

މުހައްމަދު ޝަކީލް

28 ޖެނުއަރީ 2020 - 08:25

16 comments

ކިޔެވުމަކީ އަމިއްލައަށް ކަންތައްތައް ހޯދައި އުނގެނިގަތުމުގެ ކުޅަދާނަކަން ލިބިގަތުމެވެ. ސްކޫލުތަކުން ކޮންމެ ދުވަހަކު އެތައް ފިލާވަޅެއްގެ ތެރެއިން އެތައް ތަމްރީނެއް ދެނީ ވެސް މި ބާރު ވަރުގަދަކޮށް ވިސްނުން ތޫނު ކުރުމަށެވެ. މި ބާރު ދަށްވެއްޖެ ނަމަ، އުނގެނި ދަސްކުރުމަކީ ފޫހި ކަމަކަށް ވެދެއެވެ. މި ފޫހިކަން އިތުރުވަމުން ދިޔަ ވަރަކަށް ދަސްކުރުމުގެ ބާރު ދަށްވަމުންދެއެވެ. ބަލައި ހޯދައިގަތުގެމުގެ ހިތްކެނޑެމުން ދެއެވެ. އެންމެ ފަހުން، އަމިއްލައަށް ކަންތައްތައް ހޯދައިގަތުމަކީ ދިރިއުޅުމުގައި ނެތް ކަމެއްކަމަށް ވެދެއެވެ. ނަތީޖާއަކީ، އެ ފަދަ މީހަކާ ކަމެއް ހަވާލުކުރި ނަމަވެސް، އަމިއްލައަށް ފެނިގެން ކުރާންޖެހޭ ކަންތައްތަކަކީ ކޮބައި ކަމެއް ނޭނގުމެވެ.

މި ޙަޤީޤަތް ހާމަކޮށްދިނުމުގެ ގޮތުން އަން ޒަމާނުއް ސުރެ އޭޝިޔާގެ ގައުމުތަކުގައި އެކި ދުވަސްވަރު އެކި ގޮތް ގޮތަށް ކިޔައި އުޅޭ މަޝްހޫރު ވާހަކައެއް އޮވެ އެވެ. ތިރީގައި މި ވަނީ އެ ވާހަކަ އެވެ.

ވަރަށް ކުޑަ އިރުއްސުރެން ދެ ކުއްޖަކު އެކުއެކީގައި ކިޔަވަމުން ގެންދިޔަ އެވެ. އާއިލީ ދިރިއުޅުމާއި ކިޔެވުމުގެ ފެންވަރަށް ބަލާއިރު ދެ ކުދިން ވަރަށް އެއް ގޮތެވެ. ކުޅުމާއި ތަންތަނަށް ދިއުން ފަދަ ކަންތައްތައް ކުރަމުން ގެންދިޔައީ ވެސް ވަރަށް އެކުވެރިކަމާ އެކުގަ އެވެ. ނަމަވެސް، ކިޔެވުން ވަކި ހިސާބަކަށް ދިޔަ ތަނާ އެއް ކުއްޖަކު ގެއިން ބޭރުގައި ހޭދަކުރާ ވަގުތު ގިނަވާން ފަށައިފި އެވެ. މި ކަމާ މެދު ކަންބޮޑުވެ މައިންބަފައިން ނަސޭހަތް ދިން ނަމަވެސް މި ކުއްޖާ މި ކަމެއް ގަބޫލު ނުކުރި އެވެ. އުޅެމުން ގެންދިޔައީ ހިތަށްއެރި ގޮތަކަށެވެ. އެންމެ ފަހުން، ކިޔެވުމާ މެދު ފޫހިވެއްޖެ އެވެ. ސްކޫލަށް ދިޔުން މުޅިން ހުއްޓާލައިފި އެވެ. މި ކުއްޖާ ބުނަމުން ދިޔަ ގޮތުގައި ނުކިޔެވި ނަމަވެސް ވަޒީފާ ލިބޭނެ އެވެ. ވަޒީފާ އަދާކުރާ ކޮންމެ މީހަކީ ކިޔަވައިގެން ހުންނަ މީހެއް ނޫނެވެ. ކިޔެވުމުގެ ބޭނުމެއް ނެތެވެ.

އަނެއް ކުއްޖާ ގަބޫލުކުރީ، ކިޔަވަނީ ހަމައެކަނި ވަޒީފާ ހޯދަން ނޫން ކަމަށެވެ. ވިސްނުން ކުރިއަރުވައި ލޯހުޅުވުމަށް ކަމަށެވެ. އެ ހުނަރުވެރިކަން ދަށް ވެއްޖެ ނަމަ ވަޒީފާއެއް ލިބުނު ނަމަވެސް، ކުރަންވާ ކަންތައްތައް އަމިއްލަ ވިސްނުމުން ހޯދައި ހާމަކޮށް ދިނުމަކީ ފަސޭހަ ކަމަށް ނުވާނެ ކަމަށެވެ.

މި ވިސްނުމުގައި ހިތްވަރާއި ޖޯޝާ އެކު ކިޔަވަމުން ގޮސް ސްކޫލްގެ އެންމެ ފަހު އިމްތިޙާނުން އެންމެ މަތީ ނަތީޖާ ހޯދި އެވެ. މި ކަމުގެ އިނާމެއްގެ ގޮތުގައި ރަސްގެފާނުގެ މުޝީރެއްގެ މަގާމަށް އެ ކުއްޖާ އިސްކުރެއްވި އެވެ. އޭގެ ފަހުން މީހުން އެ ކުއްޖާއާ މުޚާތަބު ކުރަނީ މުޝީރުގެ ނަމުންނެވެ.

ކިޔެވުން ހުއްޓައިލި ކުއްޖާއަށް ވެސް ވަޒީފާއެއް ލިބިއްޖެ އެވެ. ޝާހީ ޖަލިޔާކޮޅުގެ ފަލިޖަހާ މީހެއްގެ ވަޒީފާ އެވެ. މީހުން އޭނާއަށް ކިޔައި އުޅެނީ ފަލިކޮއި އެވެ.

އިރުވައި މޫސުމުގެ ހަޅަ ޖަހަމުން ދިޔަ ދުވަސްވަރެއްގައި ރަސްގެފާނު ކައިރި ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމެވި އެވެ. ޝާހީ ޖަލިޔާކޮޅު ތައްޔާރު ކޮށްފި އެވެ. ފަޅުވެރިން ޖަލިޔާކޮޅަށް އަރައިފި އެވެ. ރަސްގެފާނުގެ އަރިހުގައި މުޝީރާއި ފުރަދާނަ ބޭކަލުން ވެސް އަރައިވަޑައިގެން ކަމަރާ ގޭ ތެރޭގައި ޚާއްޞަ ކުރެވިފައިވާ ޝާހީ ގޮނޑިކޮޅުތަކުގައި އިށީނދެވަޑައިގެންފި އެވެ.

އިއްތިފާގުން މުޝީރަށް އިށީނދެވަޑައިގެންނެވުނީ ފަލިކޮޔާ މޫނާއިމޫނު ދިމާވާ ގޮތަށެވެ. ފަލިކޮއި އިނީ މަތި ކިބައިގެ ކަނުފަޅީގަ އެވެ. މީނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ރަސްގެފާނު އަރިހުގައި ޝާހީ ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެން އިންނެވި މުޝީރެވެ. ވަގުތުން މެންދުރު ކާޅެއްހެން އަނގަ ހުޅުވިއްޖެ އެވެ. ދެމިޔަކަނުން ސޮނި ވެއްޓި ދަތްދޮޅި ފަހަނައަޅައި ބަނޑު މައްޗަށް އޮހޮރެމުން ދިޔަ އެވެ. އިނީ ބަސް ހުއްޓި ގަނޑުވެފަ އެވެ. ހީވަނީ އިންނަފަތަށް ކަބީލާ ޖަހައި މަލަރުކޮށްފައި ހުރި މަށިބުދެއް ހެންނެވެ.

އެހެން އިންދާ ކުއްލިއަކަށް ދަތުރުފުޅު ފެށުމަށް އަންގަވައިފި އެވެ. ފަލިބައިގައި ތައްޔާރަށް ތިބި ފަޅުވެރިން ހުރިހައި ފައްޔެއް އެއް ފަހަރާ ފެނުގައި އަޅުވައިލި އެވެ. ޖަހައިލި ފަލިވަޅާ އެކު، އަޑު ކިޔައިފައި ފެންގަނޑު ކަފަމުން ޖަލިޔާކޮޅު ވިއްސައިގެން ކުރިޔަށް ހިނގައްޖެ އެވެ. ފަލިކޮޔަށް ހަމަ ހޭވަރިކަންވީ ކުރިއަށް ދިޔަލެއް ބާރުކަމުން ޖެހުނު ލަކީގައި ސިއްސައިގެން ދިއުމުންނެވެ. ކަމެއް ވީކަމަށް ވެސް ނުހަދާން އަވަސް އަވަހަށް ކުރިމަތީ ހުރި އިންނަ ފަތުގައި ދެ ފައި ވިއްދައިލި އެވެ. މުޝީރާ ދިމާއަށް ލޯއަޅައި ދަތްކުނޑި ވިކަމުން ކަށި ހިތްވަރުލައި ފަލިޖަހަން ފެށި އެވެ.

ނޫކަށިފުރައިގެ ސަމައްތަރު ހެޔޮ ޒުވާނުން، މުލައްދަނޑީގައި ހުރިއްޔާ ހުރި ބާރެއްލައި އެއް ފަހަރާ އަށް ފަލި ފެނުގައި އަޅުވައި ޖަހަމުން ގެންދެ އެވެ. ޖަހައިލާ ކޮންމެ ފަހަރަކު ޖަލިޔާކޮޅު ރާޅުތަކުގެ ބޯމަތިން ''ފުޅަނގެއްހެން އުދުހިގެން'' ދެ އެވެ.

ފަލިކޮއި މުޝީރާ ދިމާއަށް ކުދި ކިޔަމުން ކުޑަ ވެސް ދުލެއް ނުދީ ފަލިޖަހަމުން ގެންދެ އެވެ. "ރަސްގެފާނު އަރިހުގައި އެ އިން 'މުޝީރޭ' ކިއާ ކަންނެތް ކަލޭގެ އެ އިން ގޮތް އަރާމުކަން ދެކިބަލަ! މަށަށް މި ޖެހުނީ މި ކަލޭގެ ގޮވައިގެން، ޖެހޭ އޮޔާއި ވަޔާ ދެކޮޅަށް މި ގަދަ ކަނޑުގައި ފަލިޖަން. މަށަށް ވެސް އެއިން ގޮނޑިއެއްގައި އިށީނުމުގެ ހައްގު ލިބެން ޖެހޭނެ. އެހެންޏާ ފަހެ! މަ ވެސް މިއީ، ކަލާނގެ ހެއްދެވި އިންސާނެއް ވިއްޔާ!"

މި ވަސްވާސްތައް އޭނާގެ ހިތަށް ވަންނަމުން ދިޔަ ދިޔަހެން ހައްތާ ދިޔައީ ހަސަދަވެރިކަން ބޮޑުވަމުންނެވެ. ރުޅިވެރިކަމުގެ އަލިފާންގަނޑު ދިޔައީ ހިތުތެރޭގައި ކެކި އުތުރި އަރަމުންނެވެ. އެންމެ ފަހުން، ރަސްގެފާނު އަރިހުގައި ޝަކުވާ ދެންނެވުމަށް ނިންމައިފި އެވެ. ނަމަވެސް އެފަދަ ދަނޑިވަޅެއް ނުލިބެނީސް ރަތްވިލާ ދަޅަ ޖަހައިފި އެވެ. އިރު އޮއްސުމުގެ ކުރިން ޖަލިޔާކޮޅު ފަޅުރަށަކާ ގާތްކޮށް ނެރުން ވައްދައިފި އެވެ. ގެނބުރަށް ނަގިލި ލައި ރާޅު ފަށުގައި ހުރި މުންޑާނަކަށް ފުށުވާ ޖަހައި އަޅައިފި އެވެ.

މޫނު އަނދިރިކަން ޖެހުމާ އެކު ރޭގަނޑުގެ ކެއުމުގެ ކަންތައްތަކުން އަވަދިވެގެން އެމީހަކު އެމީހަކަށް ޚާއްޞަ ކުރެވިފައިވާ ތަނުގައި ނިދައިފި އެވެ. ފަޅުވެރިން ދިރުނބާކޮޅުގެ ގެގަނޑު ދަށުގަ އެވެ. އިއްޒަތްތެރިން ކޮޅުފަސްކޮޅުގެ ކަމަރާގޭ ތެރޭގަ އެވެ. ރަސްގެފާނު، ކަމަރާގޭ ތެރޭ ދާންމަތިކޮޅުގަ އެވެ.

ގަދަ ކަނޑެއްގައި ފަލިޖަހައި ވައިކަންޏަށް ދަތުރުކޮށް ވަރުބަލިވެ ލޮޑުވެފައި ހުރި ނަމަވެސް ހިތުގިނީގައި ދެ ފަރާތަށް ފުރޮޅިފުރޮޅި އޮންނާން ޖެހުމުން ފަލި ކޮޔަށް ލޮލުފިޔައެއް ޖެހޭ ވަރެއް ނުވި އެވެ. އެންމެ ފަހުން، "ރަސްގެފާނު އަރިހުގައި ޝަކުވާ ދަންނަވައިފައި ނޫނީ ހުއްޓައި ނުލާނަމޭ" ހިތައި އަލިދަންމަތިވުމުން ތެދުވެއްޖެ އެވެ. ރަސްގެފާނުގެ ފައިންޕުޅު ފެނޭތޯ ކަމަރާ ގޭތެރެއަށް އިރުއިރުކޮޅާ ބޯދީ ބަލަބަލާފައި އުޅުނެވެ. ވަންނަން ނުކެރި ބިރުން ތުރުތުރު އަޅާ ހާލު ކުރުކާލި ކަނޑަން ފެށި އެވެ. ކެތް ނުކުރެވިގެން އެންމެ ފަހުން، ކަމަރާގޭ ތެރެއަށް ވަނެވެ. އެއިރު، އިވެން ފެށި އަޑެއްގެ ސަބަބުން އަވަހާރަފުޅު ނުލެއްޕެވިގެން ރަސްގެފާނު ދާންކޮޅުން ތެދުވެވަޑައިގަންނަވަނީ އެވެ.

ފަލިކޮއި ރަސްގެފާނަށް ކުރުނީސްކޮށްފައި ޝަކުވާ ކުރުމަށް އަނގަ ހުޅުވައި ނުލެވެނީސް، ރަސްގެފާނު ވިދާޅުވި އެވެ. "މެންދަން ވީއްސުރެން ހޭޅި ފަށުން އެ އިވޭ އަޑަކާ ހުރެ ނިދައިލެވޭ ވަރެއް ނޫން. ރަށަށް އަރައި އެ އަޑުގެ ޚަބަރު ބަލައިފައި އާދޭ!"

"އާދެ! މަ ސާހިބާ!" އޭ ދަންނަވައި ކުރުނީސް ކޮށްފައި ފަތިހު ހަޅަ ދިޔައިގައި ދަމާރޮއްޖަކަށް ފޫގަޅައި މޫދަށް ފުންމައިފި އެވެ. އުދޮއިގައި ޖެހި، ރަށަށް އެރުމަކީ ފަސޭކަމަކަށް ނުވި އެވެ. ގޮތް ހުސްވީމާ ވާންވެފައި އޮތް ފުށުވަލުގައި ހިފައި އެލެމުން ކުރިއަށް ދިއަ އެވެ. ހަމަ ފައި ޖެހޭ ހިސާބަށް ދެވުމާ އެކު ހިނގާފައި ރަށަށް އެރި އެވެ. އިރުކޮޅެއް ފަހުން އެނބުރި އައިސް ދެންނެވި އެވެ.

"މާތް ރަސްގެފާނު! އެއީ، ބުޅަލެއް ވިހައިގެން އެ ސޮރު ގޮވާ އަޑު."

"ނާ ހަމަތެދެއް!" ރަސްގެފާނު ސަމާސާ ރާގެއްގައި ވިދާޅުވިއެވެ. "ކޮން ވައްތަރެއްގެ ބުޅަލެއް؟"

"އަޅުގަނޑު ދިޔައިރު މަ ސާހިބާ ތިޔަހެން ވިދާޅު ނުވާތީވެ އަޅުގަނޑު ނުބަލަން." މިހެން ދަންނަވައި ޖަލިޔާކޮޅުން ފުންމައިގެން ކުރިން ވެސް ރަށަށް އެރި ގޮތަށް ރަށަށް އެރި އެވެ.

އެނބުރި އައިސް، "އިޒަތްތެރި ރަސްގެފާން! ކޮން ވައްތަރެއް ކަމެއް ނޭނގޭ. އެނގެނީ އެއީ އާއްމުކޮށް ފެންނަ ވައްތަރެއް ނޫންކަން."

"އެންމެ ރަނގަޅު! އެ ބުޅާ ވިހެއީ ކިތައް ބުޅާތަ؟"

"މަ ސާހިބާ ރަސްގެފާނު! ދިޔައިރު ވިދާޅު ނުވާތީވެ އަޅުގަނޑު ނުގުނަން." މިހެން ދަންނަވައި އަނެއްކާވެސް އަވަސް އަވަހަށް ޖަލިޔާކޮޅުން ފައިބައިގެން ހިނގައްޖެ އެވެ.

"ހަ ބުޅާ!"

"ކިތައް އަންހެން، ކިތައް ފިރިހެން ބުޅާ؟"

"ދިޔަ އިރު ތިޔަ ވާހަކަ ވިދާޅު ނުވާތީވެ ނުބަލަން." އަނެއްކާ ވެސް އަވަސް އަވަހަށް ހިނގައްޖެ އެވެ.

އިރުކޮޅެއް ފަހުން ލޮޑުވެ މާނޭވާ ލަމުން އެނބުރި އަތުވެއްޖެ އެވެ. ދެ އަތްތިލަ ހުރީ މޭލިބޮއިފަ އެވެ. ހީކަރުވައިގެން ތަޅުވާވަރުން ހީވީ ރޯމަހެއް މަރަށް ތެޅޭ ހެންނެވެ. ދަންނަވައިފި އެވެ. "އަންހެން ތިނެއް، ފިރިހެން ތިނެއް."

މީނާއާ ދިމާއަށް ރަސްގެފާނު އޯގާތެރިކަމާ އެކު ބައްލަވައިލައްވައިފި އެވެ. ވިދާޅުވިއެވެ. "ނާ! ހަމަ ތެދެއް! މިކޮޅަށް ބަހީ!" ނިތްކުރިފުޅުން ހަނާއަޅުއްވައިފި އެވެ.

މީނަޔާ އެކު މުޝީރުގެ ކައިރިއަށް ޖެހިވަޑައިގެން ވިދާޅުވި އެވެ.

"މުޝީރު! ހޭޅިފަށުން އެ އިވެނީ ކޮން އަޑެއްކަން ސާފުކޮށްދީބަލަ!"

މުޝީރު، ރަސްގެފާނަށް އަދަބު އިހްތިރާމް އަދާކުރެއްވުމަށް ފަހު ޖަލިޔާކޮޅުން މޫދަށް ފުންމާލައްވައިފި އެވެ.

އެއިރު އިރުގެ ފުރިހަމަ ސޫރަ އުދަރެހުން ފާޅުވެއްޖެ އެވެ. ދިޔަވަރު އޮތީ ގޮނޑުޖެހިފަ އެވެ.

މުޝީރު އެނބުރި ވަޑައިގެން ރަސްގެފާނަށް ކުރުނީސްކުރައްވާފައި ދެންނެވި އެވެ.

"ސާހިބާ، އިއްޒަތްތެރި ކީރިތި މޫރިތި ރަސްގެފާނު! އެއީ، ބުޅަލެއް ވިހައިގެން އޮވެ ގޮވާ އަޑު. ދޭތެރެ ދޭތެރެއިން ކުއްލިއަކަށް މާ ބާރަކަށް އެ އިވެނީ އެ ސޮރުމެންގެ މަންމަ ގޮވައިގަންނަ އަޑު."

"ކޮން ވައްތަރެއްގެ ބުޅަލެއްތަ؟"

"ވަރަށް މަދުން ނޫނީ މި ރާއްޖެއިން ނުފެންނަ ވައްތަރެއް. ސޭންޑް ކެޓް ކިޔާ ވައްތަރުގެ ބުޅާ."

''ކިތައް ފިރިހެން، ކިތައް އަންހެން ބުޅާތަ؟" މުޝީރުގެ ކިބައިގައި ކަންތައްތައް ހޯދައިގަތުމާއި ހާމަކޮށް ދިނުމުގެ ކުޅަދާނަކަން ހުރި މިންވަރު ބެއްލެވުމަށް ރަސްގެފާނު ސުވާލު ކުރައްވައިފި އެވެ.

އެތައް ފަހަރަކު ކިޔައި ފަރިތަކޮށް ހިތު ދަސްކޮށްފައި އޮތް ފިލާވަޅެއް ކިޔައިދޭހެން މުޝީރު ފެއްޓެވި އެވެ.

''މާތް ސާހިބާ! އިއްޒަތް ލިބިގެންވާ ރަސްގެފާން! ތިން ފިރިހެން، ތިން އަންހެން. ވިހައިގެން އެ އުޅެނީ ފުރަމެންދަމުގައި. އެއީ މި ރަށު ރަށްވެރިޔާ ގެންގުޅޭ ބުޅަލެއް. އެ ވައްތަރުގެ ބުޅާ ފުރާ ފުރިހަމަ ވީމާ ހުންނަ އާއްމު ބޮޑު މިނަކީ ދޮޅު ފޫޓު. ނިގުލުގައި އެއް ފޫޓު. ބަރުދަނުގައި ތިން ކިލޯ. އެ ކަހަލަ ބުޅާ އުޅެނީ އުތުރު އެފްރިކާ އާއި މެދު އިރުމައްޗާއި މެދުތެރޭ އޭޝިޔާގެ ހަނަފަސް ސަހަރާތަކުގައި. އޭގެ އެންމެ ހައިރާން ކުރުވަނިވި ކަމަކީ ހޫނުކަން ގަދަ ހަނަފަސް ސަހަރާތަކުގައި 52 ސެންޓި ގްރޭޑުގެ ގަދަ ހޫނުގައި ފެނާއި ނުލައި ދިރިތިބުމުގެ ކުޅަދާނަކަން ލިބިފައިވުން. ކައިބޮއި އުޅޭނީ މީދަލާއި ބޮނޑާއި ދޫނިސޫފާސޫފި ޝިކާރަކޮށްގެން. އިއްޒަތްތެރި ރަސްގެފާން! އެއިން ބުޅަލެއް މާތް ރަސްގެފާނަށް ވެދުމަށް އެރުވުމަށް ރަށްވެރިޔާ ހުރީ ތައްޔާރަށް."

މުޝީރުގެ ދޫފަސޭހަކަމާއި މައުލޫމާތުގެ މުއްސަނދިކަމާއި ކަންތައްތައް ހޯދައިގަތުމުގެ ކުޅަދާނަކަމާއި ސިފަކޮށް ދިނުމުގައި ހުރި ސާދާކަމާއި ފުރިހަމަކަން ހިތްޕުޅަށް ވަދެ ރަސްގެފާނު ހައިރާންފުޅުވި އެވެ. ބަސްފުޅެއް ވިދާޅު ނުވެ އިރުކޮޅެއް ވަންދެން ހުންނަވައިފައި ދެ މީހުންގެ މޫނަށް ވަކިވަކިން ބައްލަވައި ލައްވައިފި އެވެ.

ފަލިކޮއި އިރުވިދިފައި އިން މާކަނައެއްހެން އަރިމޫނުވާ ގޮތަށް ހުއްޓެވެ. ރަސްގެފާނު މީނާއާ ދިމާއަށް އެނބުރި ވަޑައިގެން ހަމްދަރުދީގެ ނަޒަރަކުން ބައްލަވައި ވިދާޅުވިއެވެ.

''ކަލޭ، ހާ ނުގޮވަނީސް އަހަރެންގެ ގާތަށް އެ އައީ ކޮންމެވެސް މުހުތާދެއްގައިހެން އަހަންނަށް ހާދަ ހީވެއޭ! އަނެއްކާ ކިހިނެއް ވީތަ؟"

"މާތް ސާހިބާ! ތެދުފުޅެއް. އަޅުގަނޑު އެއިރު އެ އައީ ޝަކުވާއެއް ދަންނަވަން."

''ކޮން ކަމަކާ!"

ރަސްގެފާނު ސުވާލު ކުރެއްވުމުން، މޫނުންފޫގަޅައި މުޝީރާ ދިމާއަށް ކަޅިއަޅައި އިސްދަށަށް ޖަހައިގެން ހުރެ ދެންނެވި އެވެ.

"މީނާއަށް މުޝީރެއްގެ ވަޒީފާ ދެއްވާފައި އަޅުގަނޑަށް ފަލިޖަހާ މީހެއްގެ ވަޒީފާ ދެއްވީ ކޮން އިންސާފަކުންތޯ ސާފުކޮށް ދޭއްވާތޯ."

"ކަލެއަށް ހީވަނީ އެއީ ކީއްވެގެން ކަމަށް؟"

"އަޅުގަނޑަކަށް ނޭނގެ."

"އެއީ، ކަލޭ އެތައް ފަހަރަކު ގޮސް ލޮޑުވި އިރު ވެސް އޮޅުން ނުފިލި އެތައް ކަމެއް، ހިނދުކޮޅެއްގެ ތެރޭގައި ހޯދައިގަތުމުގެ ކުޅަދާނަކަން އޭނާއަށް ލިބިފައިވާތީ. ކަމަކަށް ބޭނުންވާ މީހާ ބުނެފާނެ ކޮންމެ ކަމަކަށް ދުރާލައި ތައްޔާރުވެ ޖަވާބުދާރީވުމުގެ ގާބިލްކަން އޭނާއަށް ލިބިފައިވާތީ. މިހާރު އެނގިއްޖެތަ!" ވިދާޅުވި ބަސްފުޅުން ރަސްގެފާނުގެ ހައިބަތު ފާޅުވެގެން ދިޔަ ކަހަލަ އެވެ.

ބިރުން ސިހިގެން ގޮސްފައި ތުރުތުރު އަޅަމުން "އާދެ! މަ ސާހިބާ! އެނގިއްޖެ."

އަނެއްކާވެސް ރަސްގެފާނު، މުޝީރާ ދިމާއަށް އިޝާރާތް ކުރައްވައި، "ޖަވާބުދާރީވުމާއި ކަންތައްތައް ހޯދައިގަތުމުގައި މީނާގެ ވިސްނުން އެހާ ތޫނު ވުމުގެ އަސްލަކީ ކޮބައިކަން ކަލެއަށް އެނގޭތަ؟" ފަލިކޮޔާއި ސުވާލު ކުރައްވައިފި އެވެ.

ފަލިކޮއި، "މަ ސާހިބު! ނޫން."

ރައްދުގައި ރަސްގެފާނު ވިދާޅުވީ، އެއީ ކިޔެވުމުގެ ސަބަބުންނެވެ. ކިޔަވަނީ ހަމައެކަނި ވަޒީފާއެއް ހޯދާކަށް ނޫނެވެ. ކަންތައްތައް ހޯދައި އުނގެނިގަތުމުގެ ބާރު ކުރިއެރުވުމަށެވެ. ވިސްނުން ތޫނުކުރުމަށެވެ. އެއީ ނިމުމެއް އޮތް ކަމެއް ނޫނެވެ. (ނިމުނީ)

އެޑިޓަރުގެ ނޯޓު

މުޙައްމަދު ޝަކީލަކީ އުނގެނުމާއި އުނގަންނައި ދިނުމާ ބެހޭ ގޮތުން ވަރަށް ގިނަ ލިއުންތައް ލިއުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ. ޚާއްސަކޮށް ދަރިވަރުނަށް މަގުދައްކައި ދިނުމަށް ލިއުއްވާފައިވާ ލިޔުންތަކާއި ތައުލީމު ދިނުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ދުނިޔޭގެ ތަފާތު ފެންވަރުގައި ކޮށްފައި ހުންނަ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ލިއުއްވަ އެވެ. އަދި ތަފާތު ގައުމުތަކުގައި ތައުލީމް ދިނުމާ ބެހޭ ގޮތުން ގެންގުޅޭ އުސޫލުތައް ބަލއި ހޯދުމަށް ވަރަށް ގިނަ ގައުމުތަކުގެ ތަޖުރިބާ ލިބިވަޑައިގެން މިހާރު ވެސް ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޝަކީލަކީ ކުރީގެ މުދައްރިސުންގެ ތައުލީމީ މަރުކަޒުގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް ޓީޗަރުން ތަމްރީންކުރުމާއި ސްކޫލުތަކުގެ ކިޔަވައިދިނުން ހަރުދަނާކުރުމަށް، ޓީޗަރުންނަށް ތަފާތު ތަމްރީންތައް ދިނުމުގައި މަސައްކަތްކުރަޢްވާ އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މިހާރު ޝަކީލް މަސައްކަތްކުރައްވަނީ ނޭޝަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ކަރިކިއުލަމް ބައިގަ އެވެ.

16 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 8%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލީލާ

04 October 2020

މިއީ އަހަރެން ވަރަށް ބޮޑަށް ރަނގަޅު ވާހަކައެކެވެ.

The name is already taken The name is available. Register?

ބުޅާ

29 January 2020

ކިޔަވާގެން ތިބި ކަނޑު ކޮހުންވެސް އުޅޭ..

The name is already taken The name is available. Register?

މުލްހަމް

29 January 2020

މި ވާހަކަ އަކީ ހާދަ އިބުރަތް ތެރި ވާހަކަ އެކެވެ.

The name is already taken The name is available. Register?

ހުމާ

29 January 2020

ތީ ކޮޕީ ވާހަކައެއް. އިންޑިޔާގެ ފްލޯކް ވާހަކައެއް ތީ. އަހަރެން ކިޔަވަން ހުރި އިރު އިންޑިޔާގެ ޓިންކަލް ކޮމިކް ވަރަށް ކީން. އޭގަ ހުންނާނެ އިބުރަތްތެރި ވާހަކަތައް.

The name is already taken The name is available. Register?

ނެވުލް

29 January 2020

މިވާހަކައިގެ ފެށުމުގައިވެސް އެބައޮތް މިވާހަކަޔަކީ އޭޝިޔާގެ ގައުމުތަކުގައި ކިޔައި އުޅޭ ވާހަކައެއް ކަމަށް ލިޔެފަ.

The name is already taken The name is available. Register?

މުހައްމަދު123

02 February 2020

އެއީ އޭޝިއާގެ ގައުމުތަކުގައި ކިޔާ ވާހަކައެއް. ރާއްޖޭގައިވެސް ކިޔާ އުޅޭ ވާހަކައެއް. ބީރުބަލް ވާހަކައިގެ ވާހަކައެއް.

The name is already taken The name is available. Register?

ނާއިލް

28 January 2020

މިލިއުން އެއްކޮށް ކިޔާލީމަ އެނގުނީ ކިޔެވުން ހުއްޓާލައިގެން ނުވާނެކަން. ކިޔެވުމަކީ ވިސްނުން ތޫނުވާ ކަމެއްކަން.

The name is already taken The name is available. Register?

އަންކަތީބު

28 January 2020

މި ލިޔުމުން ލިބޭ މެސެޖަކީ ނުކިޔަވާ މީހާއަކީ އެއްވެސް މީހެއް ނޫންކަން. ނަމަވެސް އެއީ ރަނގަޅު މެސެޖެއް ނޫން. ފަލި ޖަހާ މީހާ ނެތްނަމަ ރަސްގެފާނު ކިހިނެއް ތަންތަނަށް ދަތުރުކުރާނީ. އެންމެން ކިޔެވިއަސް މުޝީރަކަށް ނުވެވޭނެ. ދިރި އުޅުމުގަ މުހިންމީ ހަމައެކަނި ކިޔެވުމެއް ނޫން. މީހާއަށް ކަންކަން ދަސްވާންޖެހޭ. ކަންކަން ކުރަންޖެހޭ ގޮތް އެނގެންޖެހޭ.

The name is already taken The name is available. Register?

ދޭހަވިގޮތް

28 January 2020

ކިޔަވައިގެން ހުންނަ މީހަކު ފަލިޖެހުން މަނާތޯއެވެ. ކިޔަވައިގެން މަސްވެރިކަންކުރާ އަދި ދަނޑުވެރިކަންކުރާ ކިތަންމެ ބަޔަކު މިރާއްޖޭގައިވެސް އެބައުޅެއެވެ. ކިޔެވުމަކީ ސިކުނޑިހުޅުވޭ ކަމެކެވެ. ހީވާގޮތުން މިލިޔުމުގައި ބުނެފައިވަނީ އެވާހަކައެވެ. އޭނަ ކިޔަވައިގެން ފަލިޖަހަން އުޅޭނަމަ އޭގެމާފަސޭހަގޮތްތަކެއްވެސް ފެނިދާނެއެވެ. ފަލިޖަހާ މީހާ ކިޔަވައިގެން ހުރިނަމަ މުޝީރަށްވުރެން ޚިޔާލު ރަނގަޅުވެ އޭނާޔަށް ރަސްގެފާނު މުޝީރުކަންވެސް ދެއްވަފާނެނޫންތޯއެވެ.

The name is already taken The name is available. Register?

ބުޅާ

29 January 2020

މަނާ ވެގެންނޫނެވެ.ނުކުރާނީއެވެ. އެހެން ނޫންނަމަ ކިޔަވާގެން ހުރި މީހާ އިންނާނީ ފަލި ޖަހަން.

The name is already taken The name is available. Register?

ކަލާ123

28 January 2020

ބަސްބަސް ބޭނުންކުރާންވީ ތަންތާނގައި، ބޭނުންކުރަން ޖެހޭ ގޮތަށް ބޭނުންކޮށްގެން، ރީތި ދިވެހިބަހުން ލިޔެފައިވާ ލިޔުމެއް. ބައެއް މިސާލު: ފުރަދާނަ ބޭކަލުން، ފަލިކޮއި، ކަނުފަލި، އިރުވިދެފައި އިން މާކަނައެއްހެން މިފަދަ ފުރިހަމަ ލިޔުމެއް ލިޔުއްވައި "މިހާރު" ގެ ކިޔުންތެރީނަށް ގެނެސްދެއްވީތީ އުސްތާޒަށް ފަށްފަށުން ޝކުރު ދަންނަވަން!

The name is already taken The name is available. Register?

ވާނުވާ މިހާރު

28 January 2020

ނޯންނާނެތަ ވާހަކަ އަޑުއަހާލެވޭނެގޮތެއް.. ކިޔަން ހާދައުދަގުލޭ

The name is already taken The name is available. Register?

ތެއާސާ.

28 January 2020

ކިޔަން އުނދަގޫ މީހުން ޕްރިންޓް ނޫސްތަކަށް ވަނދެ ނޫޅެބަލަ. ރެޑިޔޮލެއް ހިފައިގެން އުޅެބަލަ. ހެހެ.

The name is already taken The name is available. Register?

ޘޘޘޘ

28 January 2020

ހަހަހަ އެބުނާހެން!

The name is already taken The name is available. Register?

ދާދު

28 January 2020

އެބުނާހެން ވާނުވާވެސް ކިޔަވަބަލަ އޭރުންކިޔަންއިނގޭނެ

The name is already taken The name is available. Register?

ޛުބު

28 January 2020

މީގައި ދިން މެސެޖް މުޅިއަކުން ގޯހެއްނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454