އެމިނެމްގެ 11 ވަނަ އަލްބަމް ނެރެފި

އަލްބަމެއް ރިލީޒްކުރަން އުޅޭކަމުގެ އެއްވެސް އިޝާރާތެއް ކުރިން ދިނުމަކާ ނުލައި، އެމެރިކާގެ މަޝްހޫރު ރެޕާ އެމިނެމް އޭނާގެ 11 ވަނަ އަލްބަމް ނެރެފި އެވެ.


އިއްޔެ ނެރުނު އަލްބަމްގެ ނަމަކީ "މިއުޒިކް ޓު ބީ މާޑާޑް ބާއި" އެވެ.

ޖުމްލަ 20 ލަވަ ހިމެނޭ މި އަލްބަމް ގެނެސްދީފައި ވަނީ އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު އަލްފްރެޑް ހިޗްކޮކްގެ އިންސްޕިރޭޝަނާ އެކީގަ އެވެ.

އެގޮތުން އަލްބަމްގެ ކަވަރު ވެސް އަފްލްފެރެޑްގެ ފިލްމުތަކުން ފެންނަ ކަހަލަ ޕޯސްޓަރަކާ ވައްތަރުކޮށް ގެނެސްދީފައިވާ އިރު، "އަލްފެރެޑް" ކިޔާ ލަވައެއް ވެސް އަލްބަމްގެ ޓްރެކް ލިސްޓްގައި ހިމެނެ އެވެ.

"މިއުޒިކް ޓު ބީ މާޑާޑް ބާއި" ގައި މަޝްހޫރު ބައެއް އެހެން ފަންނާނުންތަކެއް ވެސް އެމިނެމްއާ އެކު ބައެއް ލަވަތަކުގައި ހިއްސާވައިވެ އެވެ. އޭގެ ތެރޭގައި އެޑް ޝީރަނާއި ޔަންގް އެމްއޭ އާއި ޖޫސް ވޯލްޑާއި ސްކައިލާ ގްރޭ، އެންޑަސަން ޕާކް އަދި ޑޮން ޓޮލިވާ ފަދަ ފަންނާނުން ހިމެނެ އެވެ.

އަލްބަމާ އެކު ވަނީ މީގެ ލަވަތަކުގެ ތެރޭގައި ހިމެނޭ "ޑާކްނެސް" ގެ ވީޑިއޯ ވެސް ފޭނުންނަށް ދޫކޮށްލައިފަ އެވެ.

މިހާތަނަށް 15 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ އެމިނެމް، 47، އާ އަލްބަމެއް ނެރެފައި މި ވަނީ ދެ އަހަރު ފަހުންނެވެ. 2018 ގައި އޭނާ ނެރުނު އަލްބަމަކީ "ކެމިކޭޒް" އެވެ.