ޕްރަދީޕްގެ ހުށަހެޅުން ދީޕިކާ ޕަދްކޯން ދޫކޮށްލައިފި

މީގެ އަހަރެއްހާ ދުވަސް ކުރިން ބަތަލާ ދީޕިކާ ޕަދްކޯނަށް ހުށަހަޅައި އޭނާ އެއްބަސްވާނެކަމުގެ ފެހި ސިގްނަލް ވެސް ދީފައިވާ، ޑައިރެކްޓަރު ޕްރަދީޕް ސަރްކާރުގެ ފިލްމު އެންމެ ފަހުން ދޫކޮށްލައިފި އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެ ފިލްމު ދީޕިކާ ދޫކޮށްލީ މި ވަގުތު އެހާ ސީރިއަސް ވާހަކައެއް ކިޔައިދޭ ފިލްމެއް ކުޅެން ބޭނުންނުވުމުންނެވެ. މި މަހުގެ 10 ގައި ރިލީޒްކުރި "ޗަޕާކް" އަކީ ވެސް ވަރަށް ސީރިއަސް މައްސަލައަކަށް ހެދި ފިލްމަކަށްވެފައި، އެ ފިލްމުގެ ފުރަތަމަ ދުވަހުގެ ޝޫޓިންގެ ތެރޭގައި ވެސް ކުރިން ޑިޕްރެޝަނަށް ފަރުވާ ހޯދި ބަތަލާ އަށް ޕެނިކް އެޓޭކަކާ ކުރިމަތިލާން ޖެހިފައިވާތީ އެފަދަ މައްސަލަތަކާ ދުރުވެހުރުމަށް ދީޕިކާ މި ވަގުތު އިސްކަން ދޭން ބޭނުން ވަނީ ލައިޓް-ހާޓެޑް ފިލްމުތަކަށް ކަމަށް ހަންގާމާ އިން ބުންޏެވެ.

ޕްރަދީޕްގެ ދީޕިކާ އަށް ހުށަހެޅީ ކަލްކަތާގައި ވަރަށް ކުރިން އުޅުނު ބަތަލާ އަދި ފަހުން ހަށިވިއްކުމުގެ ވިޔަފާރީގެ ތެރޭގައި އުޅުނު ބިނޯދިނީ ދާސްގެ ބައޮގަރްފިކަލް ޑްރާމާ އެވެ. އުމުރުން އެންމެ 12 އަހަރުގައި އެކްޓިން އަށް ނުކުމެ އެންމެ ޒުވާން އުމުރު ކަމަށްވާ 23 އަހަރުގައި އެކްޓިން ކެރިއަރު ދޫކޮށްލި ބިނޯދިނީ ވަނީ 78 އަހަރުގައި 1941 ގައި މަރުވެފަ އެވެ.

ހަންގާމާ އިން ބުނިގޮތުގައި އޭނާގެ ވާހަކަ ކިޔައިދޭ ފިލްމު ދީޕިކާ އަށް ނެރޭޓްކޮށް ދިނުމުން އެ ވާހަކަ އޭނާ ވަރަށް ގަޔާވި އެއްޗަކަށްވި އެވެ. ނަމަވެސް "ޗަޕާކް" އަށް ވެސް އުންމީދުކުރި ވަރުގެ ތަރުހީބެއް ލިބިފައި ނުވާތީ މި ވަގުތު އެހާ ސީރިއަސް ފިލްމަކަށް ވަގުތު ދޭން ދީޕިކާ ބޭނުން ނުވީ އެވެ.

ޕްރަދީޕްގެ ހުށަހެޅުން ދީޕިކާ ދޫކޮށްލި އިރު، އެ ދެ މީހުން ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ ދީޕިކާގެ ކެރިއަރުގެ ވަރަށް ކުރީކޮޅު ނީލް ނިތިން މުކޭޝްއާ އެކު ކުޅުނު 2010 ގެ "ލަފަންގޭ ޕަރިންދޭ" ގަ އެވެ.

ހަންގާމާ އިން ބުނީ ބިނޯދިނީގެ ބައޮޕިކް ދީޕިކާ ދޫކޮށްލުމުން މިހާރު އޭގެ ބަތަލާ އަށް އައިޝްވާރިޔާ ރާއީ ގެނެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އައިޝްވާރިއާ އަށް މިހާރު ފިލްމު ނެރޭޓްކޮށްދީފައިވާ އިރު، ސްކްރީންޕްލޭގެ ފަހު ޑްރާފްޓް ހިއްސާކުރުމުން އޭނާ ފިލްމާ ދޭތެރޭ ވަކި ގޮތެއް ނިންމާނެ ކަމަށްވެ އެވެ.

"ޕަރިނީތާ" އާއި "މަރުދާނީ" އަދި "ލާގަ ޗުނަރީ މޭ ދާގް" ފަދަ ފިލްމުތައް ގެނެސްދިން ޕްރަދީޕް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގައި ކާޖޮލް ފެނިގެން ދިޔަ "ހެލިކޮޕްޓާ އީލާ" އެވެ.

ދީޕިކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އެޕްރީލް 10 ގައި ރިލީޒްކުރާ ފިރިމީހާ ރަންވީރު ސިންގްގެ ކްރިކެޓް ފިލްމު "83" އިންނެވެ. އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "މަހާބާރަތު" އާއި ޑައިރެކްޓަރު ޝަކުން ބަޓްރާގެ ނަން އިއުލާންނުކުރާ ފިލްމެއް ހިމެނެ އެވެ.