ޓައިގާގެ "ބާގީ 3" އަށް ބައްޕަ ޖެކީ ޝްރޮފް

ބޮލީވުޑްގައި މިހާރު ހުރި އެންމެ ވަރުގަދަ ޒުވާން އެކްޝަން ތަރި ޓައިގާ ޝްރޮފްގެ "ބާގީ 3" އަށް އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފް ސޮއިކޮށްފި އެވެ.


ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އަހުމަދު ޚާން ޑައިރެކްޓްކުރާ މި ފިލްމުވެގެން ދާނީ ޖެކީގެ ދެބަފައިން އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ. މި ފިލްމަކީ ޓައިގާ ކުޅެމުން އަންނަ "ބާގީ" ފްރެންޗައިޒްގެ ތިން ވަނަ އެވެ.

އަންނަ މާޗް މަހުގެ 6 ގައި "ބާގީ 3" ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، ޖެކީ ފިލްމުގައި ފެނިގެން ދާނީ ރަންވީރު (ރޯނީ) ޕްރަތާބް ސިންގް ކިޔާ ކެރެކްޓާއަކުންނެވެ.

މި ފިލްމުގެ ބަތަލާ އަކީ 2015 ގައި ރިލީޒްކުރި "ބާގީ" ގެ ވެސް ބަތަލާގެ ރޯލް ކުޅުނު ޝްރަދާ ކަޕޫރެވެ. ނަމަވެސް 2018 ގައި ރިލީޒްކުރި "ބާގީ 2" ގެ ބަތަލާ އަކީ ޓައިގާގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީ އެވެ. މި ފަހަރު އޭނާ ފިލްމުން ފެންނާނީ ހާއްސަ ލަވައަކުންނެވެ.

"ބާގީ 3" ގެ ކާސްޓުންގެ ތެރޭގައި ރިތޭޝް ދޭޝްމުކް، އަންކިތާ ލޯކަންދޭ، އަޝުތޯޝް ރާނާ، ޗަންކީ ޕާންޑޭ، އައްނޫ ކަޕޫރް އަދި ސަތިޝް ކޯޝިކް ހިމެނެ އެވެ.

މީގެ އިތުރުން މިހާރު ބޮލީވުޑްގައި އެންމެ ގަދައަށް ފިޔަޖަހާ އައިޓަމް ގާލް ނޯރާ ފަތެހީ އައިޓަމް ލަވައަކުން ފެނިގެންދާނެ އެވެ.