ޕާކިސްތާނުގެ ފިލްމެއް އެ ގައުމުގައި ދެއްކުން މަނާކޮށްފި

ޕާކިސްތާނުން ހަދާފައިވާ ފިލްމު "ޒިންދަގީ ތަމާޝާ" ހުކުރު ދުވަހު ރިލީޒްކުރަން ނިންމާފައި ވަނިކޮށް، އެ ފިލްމަކީ އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް ހަދާފައިވާ އެއްޗެއް ކަމަށް ބުނެ މައްސަލަ ބޮޑުވުމުން އެ ފިލްމު ދެއްކުން މަނާކޮށްފި އެވެ.


މިދިޔަ އަހަރު ބުސާން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ދައްކައިގެން ޓޮޕް ފިކްޝަން ޕްރައިޒް ވެސް ހާސިލުކޮށްފައިވާ "ޒިންދަގީ ތަމާޝާ: ސާކަސް އޮފް ލައިފް" އަކީ ޕާކިސްތާނުގެ ޑައިރެކްޓަރު ސަރުމަދު ސުލްތާން ޚޫސަތު ހަދާފައިވާ ފިލްމެކެވެ.

ޕަންޖާބީ ބަހުން ހަދާފައިވާ ފިލްމުގައި ކިޔައިދެނީ އާއިލާއަކަށް ދިމާވާ ކަންތައްތަކެއްގެ ސަބަބުން ،ދުވަސްވީ މުސްލިމު ފިރިހެނެއްގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެއްގެ ވާހަކަ އެވެ.

"ޒިންދަގީ ތަމާޝާ" އާ ދެކޮޅަަށް ޕާކިސްތާނުގައި އެންމެ ބޮޑަށް އަޑު އުފުލަމުން އަންނަނީ ސިޔާސީ ޕާޓީއެއް ކަމަށްވާ ތެހުރީކޭ ލަބައިކް ޕާކިސްތާން (ޓީއެލްޕީ) އިންނެވެ.

އެ ޕާޓީގެ ތަރުޖަމާން މީޑިއާތަކަށް ވިދާޅުވީ އެ ފިލްމު ސިނަމާތަކުގައި އާންމުކޮށް ދެއްކުމަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ކުރެވޭ ފުރައްސާރައަކަށްވާނެ ކަމަށާއި އެކަމުގެ ސަބަބުން ޕާކިސްތާނުގައި ދީނީ ހަމަނުޖެހުންތަކަކަށް މަގުފަހިވެދާނެ ކަމަށެވެ. އަދި ޖުމްލަކޮށް "ތަމާޝާ ޒިންދަގީ" އަކީ އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް ހަދާފައިވާ ފިލްމެއް ކަމަށާއި އެ ރިލީޒްކުރާ ނަމަ ފިލްމާ ދެކޮޅަށް މުޅި ގައުމުގައި މުޒާހަރާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލާގައި ޑައިރެކްޓަރު ސަރުމަދު ބުނީ އޭނާގެ ފިލްމަކީ އެއްވެސް ބަޔަކަށް ދީނީ ގޮތުން ފުރައްސާރަކުރުމުގެ ނިޔަތުގައި ހެދި ފިލްމެއް ނޫން ކަމަށެވެ. އަދި ދީނުގެ ނަމުގައި ނަފުރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

ސަރުމަދް.

"ފިލްމު ދެއްކުން މަނާކުރުމުގެ ކުރިން އަހަންނާއި އާއިލާ އަށް ބިރު ދައްކައި ބަޔަކު އިންޒާރު ވެސް ދީފައިވޭ،" ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 20 އަހަރުވެފައިވާ ސަރުމަދު ބުންޏެވެ.

އެ މައްސަލަ އޭނާ މިދިޔަ ހަފުތާގައި ސިޓީއަކުން ބޮޑުވަޒީރު އިމްރާން ޚާންގެ ސަމާލު ކަމަށް ވެސް ގެނެސްފައިވެ އެވެ. ސަރުމަދަކީ ވަރަށް މަޝްހޫރުވެގެން ދިޔަ ސިލްސިލާއެއް ކަމަށްވާ ފަވާދު ޚާނާއި މާހިރާ ޚާން ކުޅުނު "ހަމްސަފަރު" ގެ ވެސް ޑައިރެކްޓަރެވެ.

"ޒިންދަގީ ތަމާޝާ" ގެ މައްސަލަ ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީ އާއި ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީން މިހާރު އަންނަނީ އިތުރަށް ރިވިއުކުރަމުންނެވެ.

މި ފިލްމުގެ ލީޑް ކާސްޓުންނަކީ އަލީ ގްރޭޝީ، އީމާން ސްލޭމާން، ސާނިއާ މުމްތާޒް އަދި އާރިފް ހަސަނެވެ.