ޓޭލާ ސްވިފްޓްގެ ޑޮކިއުމަންޓަރީގެ ޓްރެއިލާ ދައްކާލައިފި

ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ޑޮކިއުމަންޓަރީ "މިސް އެމެރިކާނާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


ލާނާ ވިލްސަން ޑައިރެކްޓްކޮށްފައިވާ 85 މިނިޓް (ދޮޅު ގަޑިއިރު) ގެ މި ޑޮކިއުމަންޓަރީގައި 30 އަހަރުގެ ލަވަކިޔުންތެރިޔާ ކެރިއަރާއި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ވެސް ކިޔައިދޭނެ އެވެ.

"މިސް އެމެރިކާނާ" މި މަހުގެ 31 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށުމުގެ ކުރިން ބުރާސްފަތި ދުވަހު ފެށި މި އަހަރުގެ ސަންޑާންސް ފިލްމު ފެސްޓިލްވަލްގައި ޕްރިމިއާކޮށްފައިވެ އެވެ.

އުމުރުން 16 އަހަރުގައި ޕްރޮފެޝަނަލްކޮށް މިއުޒިކީ ދާއިރާ އަށް ނުކުމެ ރީތި އެތައް ލަވައަކުން އެތައް ބައެއްގެ ލޯބި ހޯދާފައިވާ ޓޭލާ މިހާތަނަށް ހަތް އަލްބަމް ނެރެފައިވެ އެވެ. އޭނާގެ އެންމެ ފަހުގެ އަލްބަމީ މިދިޔަ އަހަރު ނެރުނު "ލަވާ" އެވެ.

ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޓޭލާ އަކީ އަންހެން ލަވަކިޔުންތެރިންގެ ތެރެއިން ދުނިޔޭގެ އެންމެ މުއްސަނދި އެކެކެވެ. އޭނާގެ މިލްކިއްޔާތު 360 މިލިއަން ޑޮލަރަށް އަރަ އެވެ.