ސްޕައިކް ލީގެ އާ ފިލްމު މިއުޒިޝަން ޑޭވިޑް ބާނަށް ހާއްސަ

އޮސްކާ އެވޯޑް ހޯދާފައިވާ ކުޅަދާނަ ޑައިރެކްޓަރު ސްޕައިކް ލީ އެމެރިކާގެ މަޝްހޫރު މިއުޒިޝަން ޑޭވިޑްގެ އެންމެ ފަހުގެ އަލްބަމް "އެމެރިކަން އަޓޯޕިއާ" ގެ ތިއޭޓްރިކަލް ބްރޯޑްވޭ ކޮންސަޓަށް ބިނާކޮށް ފިލްމެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.


މީގެ ދެ އަހަރު ކުރިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ފިލްމު "ބްލެކްކްލަސްމަން" ގެނެސްދީގެން އެ ފިލްމުން އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ އޮސްކާ ހޯދި ޑައިރެކްޓަރު "އެމެރިކަން އަޓޯޕިއާ" ބޮޑު ސްކްރީނަށް ފައްކާކުރަމުން އަންނަ އިރު ބްރޯޑްވޭ ޝޯގެ ލައިވް ހުށަހެޅުންތަކެއް ވެސް ފިލްމުގައި ހިމަނާނެ އެވެ.

މީގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ އިރު، ފިލްމު މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.

ނަމަވެސް ޑޭވިޑް ވަނީ ސްޕައިކް ލީ ކަހަލަ ވަރުގަދަ ޑައިރެކްޓަރަކު އޭނާގެ މަސައްކަތަކަށް ހާއްސަ ފިލްމެއް ގެނެސްދޭތީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ގައި ގެނެސްދޭން ފެށި "އެމެރިކަން އަޓޯޕިއާ" ގެ ބްރޯޑްވޭ ޝޯ މި މަހުގެ 16 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

ގްރެމީ އާއި ގޯލްޑެން ގްލޯބް އެވޯޑްސް ވެސް ހާސިލުކޮށްފައިވާ ޑޭވިޑް 2018 ގައި ގެނެސްދިން އަށް ވަނަ ސޯލޯ އަލްބަމް "އެމެރިކަން އަޓޯޕިއާ" ގައި ޖުމްލަ 10 ލަވަ ހިމެނެ އެވެ.