ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކަލާޒް އިން ދައްކަން ތައްޔާރުވަމުން އަންނަ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 10 ވަނަ ސީޒަން މި މަހުގެ 22 ގައި ދައްކަން ފަށަން ނިންމައި، ޝޯގެ އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.


މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ މި ޝޯ މިދިޔަ އަހަރު ވަނީ ބަލްގޭރިއާގައި ޝޫޓްކޮށްގަ އެވެ. ބައިވެރިން ވަރުގަދަ އަދި އެހާމެ ނުރައްކާތެރި ސްޓަންޓްތަކެއް ދައްކުވައިދޭ ޝޯގައި މި ފަހަރު ވާދަކުރަނީ ބަތަލާ ކަރިޝްމާ ތަންނާ، އަދާ ހާން، ތޭޖާސްވީ ޕްރަކާޝް، ބޯޖްޕޫރީ ބަތަލާ ރާނީ ޗެޓަޖީ، އަމްރުތާ ހާންވިލްކަރު، އެކްޓަރު ކަރަން ޕަޓޭލް، ޝިވިން ނަރަންގް، ނެށުންތެރިޔާ ދަރުމޭޝް ޔެލަންޑޭ، އާރްޖޭ މަލިޝްކާ، ކޮމީޑިއަން ބަލްރާޖް ސަޔާލެވެ.

"ހަތުރޯން ކޭ ކިލާޅީ 10" ދައްކަން ފަށަން ނިންމާފައި މި ވަނީ ކަލާޒުން މިހާރު ގެނެސްދޭ "ބިގް ބޮސް" ސީޒަން 13 ނިންމައިލުމަށް ފަހު އެވެ.

އާޖެންޓީނާގައި ޝޫޓްކޮށް، މިދިޔަ އަހަރުގެ ޖެނުއަރީ 5 އިން މާޗް 10 އަށް ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ސީޒަން 9 ކާމިޔާބު ކުރީ ނެށުންތެރިޔާ ޕުނީތު ޕަތަކެވެ.

"ބާގީ 3" ގެ ޓްރެއިލާ ބުރާސްފަތި ދުވަހު

އަންނަ މަހުގެ 6 ގައި ރިލީޒްކުރާ "ބާގީ 3" ގެ ޓްރެއިލާ މި މަހުގެ 6 ގައި ދައްކައިލަން ނިންމައިފި އެވެ.

މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް ގެނެސްދޭ "ބާގީ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. ޓައިގާ ޝްރޮގް ވަރުގަދަ އެކްޝަން ރޯލަކުން ފެނިގެންދާ މި ސީރީޒްގެ ތިން ވަނަ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ 2018 ގެ "ބާގީ 2" ވެސް ޑައިރެކްޓްކުރި އަހުމަދު ޚާނެވެ.

މި ފަހަރު ޓައިގާއާ އެކު "ބާގީ 3" އިން ބަތަލާގެ ރޯލުން ފެނިގެންދާނީ 2015 ގައި ސަބީރު ޚާން ޑައިރެކްޓްކޮށް ގެނެސްދިން "ބާގީ" ގެ ބަތަލާ ޝްރަދާ ކަޕޫރެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރިތޭޝް ދޭޝްމުކް، އަންކިތާ ލޯކަންދޭ އަދި ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ހިމެނެ އެވެ.

"ބޫތު" ގެ ޓްރެއިލާ ދައްކާލައިފި

މި މަހުގެ 21 ގައި ރިލީޒްކުރާ ބިރުވެރި ފިލްމު "ބޫތު: ޕާޓްވަން-ހޯންޓެޑް ޝިޕް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ކަރަން ޖޯހަރު ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ބާނޫ ޕްރަތާބް ސިންގެވެ. "ބޫތު" ގެ ކާސްޓުންނަކީ ވިކީ ކޯޝަލާއި ބޫމީ ޕެޑްނޭކަރެވެ. ރިޕޯޓްތައް ބުނާގޮތުން ފިލްމުގައި ބޫމީ ފެންނާނީ އެންމެ 10 ވަރަކަށް މިނިޓްގެ ރޯލަކުންނެވެ.

"ބޫތު" އަކީ ދަރުމާ އިން މިހާރު ގެނެސްދޭ ފުރަތަމަ ފިލްމެވެ.

ސިފައިންގެ ވާހަކަ ކިޔައިދޭ ފިލްމެއް

އިންޑިއާގެ އަސްކަރިއްޔާގެ ހިތްވަރުގަދަ އޮފިސަރުންތަކެއްގެ ވާހަކަ ކިޔައިދޭ އާ ފިލްމެއް އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ކަރަން ޖޯހަރު ޓްވިޓާގައި އިއުލާންކުރި ފިލްމުގެ ވޯކިން ޓައިޓްލްއަކަށް ހަމަޖައްސާފައި ވަނީ "ސިއާޗިން ވޮރިއާޒް" އެވެ. މީގެ ޑައިރެކްޓަރަކީ ސަންޖޭ ޝޭކަރު ޝެޓީ އެވެ. ސްކްރީންޕްލޭ ލިޔެފައި ވަނީ ޕިޔޫޝް ގުޕްތާ އާއި ގޯތަމް ވެޑެވެ.

"ސިއާޗިން ވޮރިއާޒް" ގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވާ މީހުންގެ ތެރޭގައި ޑައިރެކްޓަރު ނިތޭޝް ތިވާރީ އާއި އަންހެނުން އަޝްވިނީ އައްޔަރު ތިވާރީގެ އިތުރުން މަހާވީރު ޖެއިން ހިމެނެ އެވެ. ނަމަވެސް މި ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހިއްސާއެެއްނުކުރެ އެވެ.

"ތާނަޖީ" އަށް 250 ކްރޯޑް

ރިލީޒްކުރިތާ 15 ދުވަހުގެ ތެރޭގައި 200 ކްރޯޑް (28 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އަށް އިންޑިއާ އިން ލިބުނު އާމްދަނީ 250 ކްރޯޑް ރުޕީސް (35 މިލިއަން ޑޮލަރު) އަށް އަރައިފި އެވެ.

މިދިޔަ މަހުގެ 10 ގައި ރިލީޒްކުރި ފިލްމަށް އިންޑިއާ އިން އެކަނި އެވަރުގެ އާމްދަނީއެއް ލިބުނީ 24 ދުވަހުގެ ތެރޭގަ އެވެ. އެގޮތުން އާދީއްތަ ދުވަހާ ހަމައަށް އިންޑިއާ އިން "ތާނަޖީ" އަށް ޖުމްލަ 251.40 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

ބްލޮކްބަސްޓާއެއްގެ ދަރަޖަ ހޯދާފައިވާ "ތާނަޖީ" އަށް މިހާތަނަށް އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ޖުމްލަ 330.81 ކްރޯޑް ރުޕީސް (46 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ ފިލްމު ހަދާފައި ވަނީ 150 ކްރޯޑް (21 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"ތާނަޖީ" ގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އަންހެނުން ކާޖޮލް އާއި ސައިފް އަލީ ޚާން ވެސް ހިމެނެ އެވެ. އަދި މިއީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމެވެ.