"ސްޓޫޑަންޓް އޮފް ދި އިޔާ 3" އަލާޔާ ފަރްނީޗަރްވާލާ އަށް؟

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ކޮލެޖް ލޯބީގެ ފިލްމު ސީރީޒް "ސްޓޫޑަންޓް އޮފް ދި އިޔާ" ގެ ތިން ވަނަ ބައިގެ ބަތަލާގެ ރޯލް އަލާޔާ ފަރްނީޗަރުވާލާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ނަމަވެސް މިކަމާ ބެހޭ ގޮތުން ކަރަން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އަލާޔާ އަކީ މިދިޔަ މަހުގެ 31 ގައި ރިލީޒްކުރި ސައިފް އަލީ ޚާންގެ "ޖަވާމި ޖާނެމަން" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ.

ފިލްމީ އާއިލާއަކަށް ނިސްބަތްވާ އަލާޔާ އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިއެކެވެ. އަދި އޭނާގެ ކާފަ އަކީ އެކްޓަރު ކަބީރު ބޭދީ އެވެ.

"ޖަވާނި ޖާނެމަން" ގައި އަލާޔާ ދައްކާފައިވާ ހުނަރަށް ވަރަށް ގިނަ ކްރިޓިކުން ތައުރީފުކޮށްފައިވެ އެވެ. ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނިގޮތުގައި ޒުވާން ބަތަލާ އަކީ އެކްޓްކުރުމުގެ ހުނަރު ހުރި ކުރިމަގު ވަރަށް އުޖާލާ ބަތަލާއަކަށް ވާނެ އެވެ.

"ސްޓޫޑަންޓް އޮފް ދި އިޔާ 3" ގެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށި އިރު، މި ސީރީޒްގެ ދެވަނަ ފިލްމު މިދިޔަ އަހަރު ގެނެސްދިނީ ފުރަތަމަ ބައި ރިލީޒްކުރިތާ ހަތް އަހަރު ފަހުންނެވެ. މިދިޔަ އަހަރު ޕުނިތު މަލްއުތުރާ ޑައިރެޓްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ތަރިންނަކީ ޓައިގާ ޝްރޮފާއި އަލަށް ތައާރަފުކުރި އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެވެ.

ދެހާސް ބާރައިގައި ކަރަން ޑައިރެޓްކޮށް "ސްޓޫޑަންޓް އޮފް ދި އިޔާ" ގެނެސްދިނީ ވަރުން ދަވަން އާއި އާލިއާ ބަޓާއި ސިދާތު މަލްއުތުރާއާ އެކީގަ އެވެ. އެއީ އެ ތިން ތަރިންގެ އަލަތު ފިލްމު ވެސް މެ އެވެ.