ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ވަރަށް ރީތި ލަވަތަކެއް ގެނެސްދީފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީ އާ ލަވައެއް ވީޑިއޯއާ އެކު ހަދައިފި އެވެ.


ޓީ ސީޒީޒްގެ ތައްގަނޑުގައި ހެދި ލަވައިގެ ނަމަކީ "ތޫ ޔާދު އާޔާ" އެވެ. މި ލަވައިގެ މިއުޒިކާއި ޅެން ހަދާފައި ވަނީ ކުނާލް ވަރުމާ އެވެ. ލަވައިގެ ޓީޒާއެއް ވެސް ބެލުންތެރިންނަށް ދައްކާލާފައިވާ އިރު، ވީޑިއޯ އިން އަދުނާނާ އެކު ފެނިގެން ދާނީ "ކޮމާންޑޯ" އާއި "ބައިޕާސް ރޯޑް" ފަދަ ފިލްމުތައް ކުޅުނު ބަތަލާ އަދާ ޝަރުމާ އެވެ.

އަދުނާން މީގެ ކުރިން މަޝްހޫރު ބައެއް ތަރިންނާ އެކު ވީޑިއޯ ލަވަތައް ގެނެސްދީފައިވެ އެވެ.

އޭގެ ތެރޭގައި ރާނީ މުކަރްޖީއާ އެކު ގެނެސްދިން "ތެރާ ޗެހެރާ" އާއި އަމީޝާ ޕަޓޭލާ އެކު ގެނެސްދިން "އޮ މޭރީ ޖާން" ގެ އިތުރުން ބޫމީ ޗާވްލާއާ އެކު ގެނެސްދިން "މާހިޔާ" ހިމެނެ އެވެ.

ރަވީނާ "ކޭޖީއެފް: ޗެޕްޓާ 2" ގެ ކްރޫއާ ގުޅިއްޖެ

ސަންޖޭ ދަތު ވެސް މުހިއްމު ރޯލއް ކުޅޭ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގެ ކާސްޓާއި ކްރޫއާ ރަވީނާ ރަވީނާ ޓަންޑަން ގުޅިއްޖެ އެވެ.

މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝް ބަތަލުގެ ރޯލް ކުޅޭ ފިލްމުގައި ރަވީނާ ފެނިގެންދާނީ އިންޑިއާގެ ބޮޑުވަޒީރެއްގެ ރޯލުންނެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ ރާމިކާ ސެން އެވެ.

ޕްރަޝާންތު ނީލް ޑައިރެކްޓްކުރާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މަލްވިކާ އަވިނާޝް، ސުރިނިދީ ޝެޓީ، އާނަންތު ނަގް އަދި ސަރަން ޝަކްތީ ހިމެނެ އެވެ.

މި އަހަރުގެ ޖުލައިގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ގައި ރިލީޒްކުރި "ކޭޖީއެފް: ޗެޕްޓާ 1" ގެ ދެވަނަ ބައެވެ.

އަމީތާބްގެ މަރާޓީ ފިލްމެއް

އަމީތާބް ބައްޗަން މުހިއްމު ރޯލެއް ކުޅެފައިވާ މަރާޓީ ފިލްމު "އޭބީ އާނީ ސީޑީ" އަންނަ މަހުގެ 13 ގައި ރިލީޒްކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

މިލިންދު ލޭލޭ ޑައިރެކްޓްކޮށްފައިވާ ފިލްމުގައި އަމީތާބާ އެކު މުހިއްމު ރޯލަކުން "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭ ދަނާ ދަން" އަދި "ތުމް ބިން" ފަދަ ފިލްމުތައް ކުޅެފައިވާ ވިކަރްމް ގޯޙަލޭ ވެސް ފެނިގެން ދާނެ އެވެ.

އަމީތާބް މި އަހަރު ފެންނާނެ ފުރަތަމަ ހިންދީ ފިލްމަކީ އެޕްރީލް 17 ގައި ރިލީޒްކުރާ "ގުލާބޯ ސިތާބޯ" އެވެ.

"މަރުދާނީ 2" އެމެޒޯނަށް

މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި ރާނީ މުކަރްޖީގެ ކާމިޔާބު ފިލްމު "މަރުދާނީ 2" އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.

ސިނަމާތަކުގައި ފިލްމު ބަލަން ނުލިބުނު މީހުންނަށް މިއީ ރަނުގެ ފުރުސަތަކަށް ވާނެ އެވެ. "މަރުދާނީ 2" އަކީ މިދިޔަ އަހަރު އެންމެ ޕޮޒިޓިވް ރިވިއުއެއް ލިބުނު އެއް ފިލްމެވެ. ރާނީ ފުލުހެއްގެ ރޯލުން ފެނިގެންދާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ 2014 ގައި ގެނެސްދިން "މަރުދާނީ" ގެ ސްކްރީންރައިޓަރު ގޯޕީ ޕުތުރާނެވެ.

ބޮކްސް އޮފީހުގައި 67.12 ކްރޯޑް ރުޕީސް (9 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި "މަރުދާނީ 2" ހަދާފައި ވަނީ 20 ކްރޯޑް ރުޕީސް (3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

މި ފިލްމުގައި ދައްކުވައި ދެނީ އަންހެނުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް މައިތިރިކުރަން ފުލުހަކު ކުރާ ހިިތްވަރު ގަދަ މަސައްކަތެވެ.