ބުލްބުލް

އާދިއްތަ ދުވަހާ ގުޅޭ


ރޯނުގައި ހިއްކަންއަޅައިފައިވާ ހެދުންތަކުގެ ސަބަބުން އޭނަގެ މޫނު ހުރީ ފޮރުވިފައެވެ. ފެންނަންހުރީ އުނަގަނޑުން ތިރިއެވެ. އެއީ ދަންފުޅި ބައްޓަމުގެ ހަށިގަނޑެކެވެ. ޒުވާނެއްހެން ހީވެއެވެ. ކޮންމެ ބައްޓަމަކަށް ހުއްޓަސް މޫނު ރީތިވާނެކަމަށް އަހަރެން އުންމީދުކުރީމެވެ. އެހެން ނުވިޔަސް ކައިވެނިކުރަން އަހަރެން ހުރީ ތައްޔާރުވެގެންނެވެ. ދުނިޔޭގެ ލަދަށް ޓަކައެވެ. އެއް ދުވަހު އިނދެފައި އަނެއް ދުވަހު ވަރިކުރަން ވިޔަސް ވެހެވެ.

"އައްސަލާމް އަލައިކުމް!" އަހަރެން ބުނީމެވެ.

އެއްޗެހި ހިއްކަންއަޅަންހުރި އަންހެންކުއްޖާ ބަލައިލިއެވެ. އެއީ ރީތި ކުއްޖެކެވެ. އަހަރެން ހީކުރި ވަރަށް ވުރެ އެތައް ގުނައެއް ރީއްޗެވެ. މީހުން ބުނެއެވެ. އަނބި ރީތީ ހެވިއްޔާއެވެ. އަހަރެން ގަބޫލެއް ނުކުރަމެވެ. ރީތީ ހަމަ ރީތިއްޔާއެވެ. މިޒާޖަކީ މުޅީން އެހެން އެއްޗެކެވެ. އެކަމަކު އެ ވަގުތު އަހަރެންގެ ހިތުގައި ސުވާލެއް އުފެދުނެވެ. އެއީ ދީމާ ހެއްޔެވެ؟

"ވައަލައިކުމް ސަލާމް!" ދީމާ ޖަވާބުދިނެވެ.

އެ އަޑު ކަންފަތުގައި ޖެހުމާއެކު އިތުރު ތައާރަފަކަށް ބޭނުމެއް ނުވިއެވެ. ފޯނު މެދުވެރި ނުކޮށް އިވުމުން އެ އަޑު ވަކީން ރީއްޗެވެ.

"ހީވަނީ ހަމަ ބުލްބުލެއްހެން." އަހަރެން ބުނެލީމެވެ.

އަހަރެންގެ އަޑު ދީމާއަށް ވެސް އެނގުނެވެ. ގޭތެރެއަށް ވަންނަން ދައުވަތު ލިބުނެވެ. އެ ގެޔަކީ އާދައިގެ ފެންވަރެއްގެ ގެއެކެވެ. ރަށުގެ އެހެން ގެތަކާ އަޅާބަލާއިރު ރީތި ގެއެކެވެ. އަހަރެން ގޭތެރެއަށް ވަނީ ދީމާގެ ފަހަތުންނެވެ. ދީމާއަކީ އާދައިގެ އިސްކޮޅެއް ހުރި، ކުލަ އަލި ކުއްޖެކެވެ. އުނަގަނޑާ ހަމައަށް އަންނަ ފަން އިސްތަށިގަނޑު އޮތީ ދޫކޮށްލައިފައެވެ. އާދަޔާހިލާފަށް ރަނޑު، ރީތި ހިނގުމެކެވެ. ކައިވެނި ނުކޮށް މާލެއަންނަން ދީމާއާއި ދީމާގެ އާއިލާ އިންކާރުކުރުމުން އަހަރެންނަށް ހީކުރެވުނީ ދީމާގެ ކޮންމެވެސް އައިބު ސިފައެއް ހުރީކަމަށެވެ. އެހެން ހީކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެނަސް ހިތަށްއެރީ އެހެންނެވެ. އުންމީދުކުރި ވަރަށް ވުރެ ދީމާ ރީތިވުމުން އަނެއްކާ ވެސް ސުވާލު އުފެދުނެވެ. މާލޭގައި ކައިވެނިކުރަން ދީމާ ފަސްޖެހުނީ ކީއްވެގެން ހެއްޔެވެ؟ ފޮރުވިފައިވާ އެހެން ސިއްރެއް އޮތީ ހެއްޔެވެ؟ ރަށެއްގެ އެ ފަދަ ރީތި ކުއްޖަކު ހުސްހަށިބަޔަށް ހުރީ ކީއްވެގެން ހެއްޔެވެ؟

ގޭތެރެއަށް ވަނުމުން ދީމާގެ މަންމަޔާ ބައްދަލުވިއެވެ. ވަރަށް ހޫނު މަރުހަބާއެއް ކިއެވެ. ފަނިތައްޓެއް ދިނެވެ. ދުވަހަކު ވެސް އަހަރެން ނުދެކޭ ކަހަލަ ގޮތަކަށް ހުރި ފަންޏެކެވެ. ވަރަށް ވިސްނައިގެން އިނދެ ރަހަބަލައިލީމެވެ. ފަނި ވަރަށް މީރެވެ. ފަހުން އެނގުނު ގޮތުގައި އެއީ ކުއްޅަވައް ފަންޏެވެ. އާ ރަހައެއް އެހާ ފަސޭހައިން ބަލައިގަނެވުނު ނަމަވެސް އާ ޚަބަރެއް އަޑުއަހަން އަހަރެން ހުރީ ތައްޔާރުވެގެނެއް ނޫނެވެ. އުންމީދުކޮށްގެނެއް ވެސް ނޫނެވެ. ފަނިތަށި ބޮއިގެން އަހަރެން ދިޔައީއެވެ. ދެން މުޅި ދުވަހު އަހަރެން އުޅުނީ އޮފީސް މަސައްކަތުގައެވެ. ހިތް އޮތީ ދީމާގެ އުނގުގައެވެ. ދެވަނަ ފަހަރަށް ދީމާޔާ ބައްދަލުކުރާހިތުން އަހަންނަށް ހުރެވެނީކީ ނޫނެވެ. ހިތުގެ ވިންދު އަވަސް ވެއްޖެއެވެ. ޒާތެއްގެ ބިރުވެރިކަމެއް ހިތަށް ވެރިވާން ފެށިއެވެ. ދީމާ ގެއްލިދާނެކަމުގެ ބިރެވެ. ޖެހިގެން އަންނަ ދުވަހު ދީމާޔާ ކައިވެނިކުރުމުގެ ހުރިހާކަމެއް ހަމަޖެހިފައި އޮތަސް ވެހެވެ. ހީވަނީ އޭގެ ކުރިން ތެޔޮ ނާށި ކާޅު ޖަހައިގެންފާނެހެންނެވެ.

ދެވަނަ ފަހަރަށް ދީމާއާ ބައްދަލުވީ ރޭގަނޑުއެވެ. ކެއުމުގެ ދައުވަތު ލިބިފައިވާތީ، އިޝާ ނަމާދުން ފޭބިގޮތަށް ދިޔައީ ދީމާގެ ގެއަށެވެ. އެ ފަހަރު ދީމާގެ ބައްޕަޔާ ވެސް ބައްދަލުވިއެވެ. ކަނޑުކުކުޅާއި ދިރިފިޔާ ބަތް ކައިގެން ހިންދަމައިލިއިރު ކަސްޓަޑުކޮޅެއް ކާނެ ޖާގަ ވެސް ނެތެވެ. ހިތަށްއެރިއެވެ. ކެއްކީ ކާކުބާއެވެ؟ އެ ސުވާލު ނުކޮށް ހުއްޓައި ދީމާގެ މަންމަ ޖަވާބުދިނެވެ. އެއީ ދީމާގެ އަތުގެ ޖާދޫއެވެ. އިތުރަށް އަހަރެން ބޭނުންވާނީ ކޮން ކަމެއް ހެއްޔެވެ؟ އަޑު ރީއްޗެވެ. ސިފަ ރީއްޗެވެ. ކެއްކުމަށް ކުޅަދާނައެވެ. އަޅެ ފަހެ އަހަންނަކީ ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ މީހާ ހެއްޔެވެ؟ މުހާވަރާއެއްގައި އޮވެއެވެ. އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނާނެއެވެ.

ކައިގެން ނުކުމެ ގޯތިތެރޭގައި ހުރި ޖޯލީގައި އަހަރުމެން އޮށޯވެލީމެވެ. އެއީ ނަލަ ހަނދުވަރާއި، ހިތްފަސޭހަ ރޯޅިއާއި، ހަމަހިމޭންކަން ވެރިވެފައިވާ ހުވަފެނީ ދުނިޔެއެކެވެ. އަހަރެން އެންމެ ލޯބިވި އަންހެންކުއްޖާ އޮތީ އަހަރެންނާ ޖެހިގެންނެވެ. އަހަރެންގެ ލޮލަށް ނުފެނުނަސް، އެ ދެމެދުގައި އިބިލީސް އިނެވެ. އަހަންނަށް ވަސްވާސްދިނެވެ. ނުބައިކަންތައް ރަނގަޅުކަމަށް ދައްކައިގެންނެވެ. އަހަންނަށް ހީވީ އެއީ އަހަރެންގެ ހިތަށްއެރި އެއްޗެއްހެންނެވެ. ހިތް ބުނި ކަހަލައެވެ. ސައުވީސް ގަޑިއިރު ތެރޭގައި ދީމާއަކީ އަހަރެންގެ އަނބިމީހާއަށް ވާނެއެވެ. އެ ފަދަ އަންހެންކުއްޖެއްގެ އަތުގައި ފިރުމައިލުމަކުން ގޯހެއް ނެތެވެ. އެ ފަދަ ދަނޑިވަޅެއްގައި އެ ވަރު ކަމެއް އަހަރެން ނުކޮށްފި ނަމަ، އަހަރެންގެ ފިރިހެންވަންތަކަމާ މެދުގައި ދީމާ ސުވާލު އުފައްދާނެއެވެ. ހަގީގަތުގައި، ދީމާ އަތުގައި ފިރުމާލަން އަހަރެން އުޅުނީ އަހަރެންގެ ޖަޒުބާތު އުތުރުއަރާތީކީ ނޫނެވެ. އަހަރެންގެ އަގުހިފޭއްޓުމަށް ޓަކައެވެ. ފިރިހެނަކަށް ވުމަށް ޓަކައެވެ. އޭގެ ނަތީޖާ ކިހާ ހިތިވާނެކަމެއް އަހަރެންނަކަށް ވިސްނައެއް ނުލެވެއެވެ. ދީމާގެ އަތް ކޮބައިތޯ ވައްކަޅިން ބަލައިލިއިރު އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ. ދީމާ އޮތީ ވީހާ ވެސް ބޮޑަށް އަހަންނާ ދުރަށްޖެހިގެންނެެވެ. ޖެހިގެންހުންނަ ޖޯއްޔެއްގައި މީހަކު އޮންނައިރު އެ މީހަކަށް ދުރަކު ނޯވެވޭނެއެވެ. އެ ކަމަށް ޓަކައި ކިތަންމެ މަސައްކަތެއް ކުރިޔަސް އެ މަސައްކަތް ކާމިޔާބުވާނީ ވަރަށް ކުޑަ މިންވަރަކަށެވެ. އަހަންނަށް އެ ކަން ފާހަގަވި ނަމަވެސް، ހިތުގައި ސުވާލު އުފެދުނު ނަމަވެސް ސުވާލެއް ނުކުރަމެވެ. ނޭނގޭކަމަށް ހެދިފައި މަޑުމަޑުން ދީމާގެ އަތްމަތީގައި އަތް ބާއްވައިލީމެވެ. ދީމާ ދިޔައީ ސިއްސައިގެންނެވެ. ހީވަނީ ކަރަންޓުގައިޖެހުނުހެންނެވެ. އޭނަ ފުންމައިގެން ތެދުވިއެވެ.

"ކިހިނެއްވީ؟" ހައިރާންވެފައި އަހަރެން އެހީމެވެ.

ދީމާ މަޑުމަޑުން ޖޯލީގައި އިށީނެވެ. ނުއެއް އޮށޯވެއެވެ. ނުގޮތަކަށް އިށީނދެލައިގެން އިނީއެވެ. އަހަންނާ ދިމާއަކަށް ނުވެސް ބަލައެވެ. ދީމާގެ ބުރަކަށީގައި އަހަރެން ފިރުމައިލީމެވެ. އަހަރެން ފިރުމައިލުމުން އޭނައަށް އުނދަގޫވާކަން އެނގެއެވެ. އެކަމަކު ދުރަކަށް ނުދެއެވެ. ދެކޮޅަށް އެއްޗެކޭ ނުބުނެއެވެ.

"މަގޭ ބުލްބުލްއަށް ކިހިނެއްވީ؟" އަހަރެން އެހީ ވަރަށް ލޯބިންނެވެ.

ދީމާ ޖަވާބެއްނުދިނެވެ. އަހަރެން ހީކުރީ އޭނަ ވިސްނަނީކަމަށެވެ. ހަގީގަތުގައި ދީމާ ރޮނީއެވެ. އަހަންނަށް އެކަން އެނގުނީ ގިސްލާ އަޑުއިވެން ފެށުމުންނެވެ. އެ ހިސާބުން އަހަރެން ވަރަށް ކަންބޮޑުވިއެވެ. ކައިވެނިކުރަން ދީމާ މާލެއަށް ނައުމުން އަހަރެންގެ ހިތުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ބައްޕަގެ އެކުވެރިޔަކު ބައްޕައަށް ގުޅައިފައި ދީމާޔާ ވައިނޭޅެން އެދުނެވެ. ދީމާ ރޯން ފެށުމުން ހީކުރެވުނީ އެތަކެއް ސުވާލެއްގެ ޖަވާބު ލިބެނީކަމަށެވެ. މާލެއަށް ނާދެވުމާއި، ބައްޕައަށް އައި ފޯނުކޯލާއި، ދީމާގެ ރުއިމާ ގުޅުމެއް އޮންނާނެ ކަމަށެވެ.

"ހަންނާނު ހީކުރި ކަހަލަ ކުއްޖަކަށް އަހަރެން ނުވެއްޖެއްޔާޔޯ؟" ދީމާ އެހިއެވެ.

އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ ކައިވެނި އެހާ ކައިރިވެފައި ވަނިކޮށް ދީމާ އެ ދައްކަނީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟ އަހަރެން އެ ރަށަށް އައީ އުފަލެއް ހޯދާށެވެ. ބިރަކާ ކުރިމަތިލާން ތައްޔާރުވެގެނެއް ނޫނެވެ.

"ހަންނާނު ރުޅިނާންނައްޗޭ!" ދީމާ އަނެއްކާ ވެސް އަހަރެން ބިރުގަންނަވައިލިއެވެ.

އެ ހިސާބުން އަހަރެންގެ ހިތް ދީމާ ކުއްވެރިކޮށްފިއެވެ. ބުނަން ބިރުގަންނަ ވަރު ބޮޑު ކަމެއް ދީމާ ފޮރުވީ ކީއްވެގެން ހެއްޔެވެ؟ ކައިވެނިކުރަން އަހަރެން ރަށަށް އަންނަންދެން އެ ވާހަކަ ސިއްރުކުރީ ކީއްވެގެން ހެއްޔެވެ؟ އެހާ ހިސާބުން ކައިވެންޏަށް އިންކާރުކުރަން އަހަންނަށް ނުކެރޭނެކަމަށް ދީމާ ހީކުރީ ހެއްޔެވެ؟ ނުވަތަ ދީމާގެ ރީތިކަން ފެނުނީމައި އެހެން ހުރިހާ ކަމެއް އަހަރެން ހަނދާންނައްތައިލާނެކަމަށް ހީކުރީ ހެއްޔެވެ؟ އެހެން ހީކުރި ނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. އެއްވެސް ވާހަކައެއް ނުދައްކައި ފަސް ވަރަކަށް މިނެޓު ހޭދަވެެގެންދިޔައެވެ.

"އަހަންނަކަށް ނޭނގެ މި ވާހަކަ ބުނާނެ ގޮތެއް،" ދީމާ މަޑުމަޑުން ބުންޏެވެ. "އެންމެ ފުރަތަމަ އަހަންނާ ބެހުނީ ހަނީފު. ބޮޑުދައިތަގެ ފިރިމީހާ. ދެން ބެހުނީ ދައްތަގެ ފިރިމީހާ. އަހަންނަށް ވަރަށް ވަރުކޮށްލި. މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނިން. ގޯސްވީ އަހަރެން. އެއްޗެހިކިއީ ވެސް އަހަންނާ ދިމާއަށް. ފާޑުފާޑުގެ ހެދުންލައިގެން އެ މީހުންގެ ކުރިމަތީގަ އުޅޭތީ ނޫންހޯ އެހެން ވަނީ. އަހަރެން ކޮން ފާޑުފާޑެއްގެ ހެދުމެއްލަނީ؟ މަންމަ ހެދުން ފަހައިދެނީ. އަހަރެން އެއްވެސް ފާޑެއް ނުކިޔަން. އެއްފަހަރަކު އަހަރެން ހީކުރިން ބަނޑުބޮޑުވިކަމަށް ވެސް. އެނގިއްޖެއްނު މި ބުނާ އެއްޗެއް. އެހެންވެ ފިރިހެނުން ދެކެ..."

އަހަރެންގެ ހަތަރެސްފައި ގަނޑުވި ކަހަލައެވެ. އުފަލަކަށް ފަހު އެހާ ބޮޑު ހިތާމައެއް އަތުވެދާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. ބުނާނެ އެއްޗެއް ނޭނގިފައި ވިސްނަން އަހަރެން އޮތްއިރު، އެތައް ސުވާލަކަށް ދިޔައީ ޖަވާބު ލިބެމުންނެވެ. ބައްޕައަށް ހަނީފު ގުޅީ ދީމާ ވިޔާނުދާވެގެނެއް ނޫނެވެ. އަހަންނަށް އިނދެގެން ހަނީފު ބޭޒާރުވެދާނެތީ އޭނަ ބިރުގަތީއެެވެ. އަހަރެންގެ ވިސްނުން ދެކަފިވިއެވެ. ގަދަކަމުން ދީމާގެ އިއްފަތްތެރިކަން ބަޔަކު ފޭރިގަތީމާ އެ ކަމާ ދީމާ ކުރާނީ ކީއްހެއްޔެވެ؟ ހަމަ އެހެންމެ އެ ކަމާ އަހަރެން ވެސް ކުރާނީ ކީއްހެއްޔެވެ؟ ދީމާއަށް ޓަކައި އަހަރެންގެ ހިތުގައި ހަމްދަރުދީ އުތުރިއެރިއެވެ. ދީމާ ކުށްވެރިއެއް ވެސް ނުކުރަމެވެ. އެކަމަކު އަހަރެން އަލަށް އިންނަ ކުއްޖަކީ އެ ކަހަލަ ކުއްޖަކަށް ވާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ. އަހަރެން މަޑުމަޑުން ތެދުވީމެވެ. ރޯން އިސްޖަހައިލައިގެން އިން ދީމާ އަހަރެންގެ އަތުގައި ހިފިއެވެ. ދީމާގެ އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ދީމާގެ ކުށެއް ނެތި އޭނަ ދޫކޮށްލައިފައި ދާކަށް އަހަންނަކަށް ފަސޭހައެއް ނުވިއެވެ. އަހަރެން ކުރިޔަށް ހިނގައިގަތުމުން ދީމާގެ އަތުތެރެއިން އަހަރެންގެ އަތް ލޫދުނެވެ. ދީމާއަށް އަހަރެން ބާއްޖަވެރި ދުވަސްތަކަކަށް އެދެމެވެ. އުފާވެރި ޖަވާޒީހަޔާތަކާއި، އޯގާތެރި ފިރިޔަކަށް ވެސް އެދެމެވެ. އެކަމަކު އެ މީހަކީ އަހަންނެއް ނޫނެވެ.

"ތި ގޮތަށް ނުކުމެގެން ގޮއްސިއްޔާ ދުވަހަކު ވެސް ދެން އަހަންނަކާ ދިމައެއް ނުވާނެ." ދީމާ ބުނި އަޑު އިވުނެވެ.

އަހަރެން އަޑުއިވުނުކަމަކަށް ނަހަދަމެވެ. ކުރިޔަށް ހިނގައިގަތީމެވެ. އެ ވަގުތު މީހަކު ދުއެްވައިގަތް އަޑުއިވުނެވެ. ދަމުންދަމުން އަހަރެން ފަހަތް ބަލައިލިއިރު ދީމާ ފެންނާކަށް ނެތެވެ.

ނުނިމޭ