އެކްޓަރު ޝާހްބާޒް ޚާނަށް ޖިންސީ ގޯނާގެ ތުހުމަތު

ވަރަށް ގިނަ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ އެކްޓަރު ޝާހްބާޒް ހާނަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.


އެ ގައުމުގެ މީޑިއާތަކުން ބުނި ގޮތުގައި ފުރާވަރުގެ އަންހެން ކުއްޖަކަށް 53 އަހަރުގެ އެކްޓަރު ޖިންސީ ގޯނާކުރި މައްސަލަ މުމްބާއީގެ އޮޝިވާރާ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކުރުމާ ގުޅިގެން އެކަން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި އެކްޓިން އަށް ނުކުތް ޝާހްބާޒަކީ އާންމުކޮށް ނެގަޓިވް ރޯލްތަކުން ފެންނަ ފަންނާނެކެވެ.

އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފު ޕަދުމާ ބުޝަން ވެސް ހާސިލުކޮށްފައިވާ ކުރީގެ މަޝްހޫރު ކުލަސިކަލް ލަވަކިޔުންތެރިޔާ އުސްތާޒް އާމިރު ޚާންގެ ދަރިއެއް ކަމަށްވާ ޝަހްބާޒް ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ސައިފް އަލީ ޚާންގެ "އޭޖެންޓް ވިނޯދު" އާއި ސަލްމާން ޚާންގެ "ވީރު" އާއި ސަނީ ޑިއޯލްގެ "ޒިއްދީ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ދެ އަންހެން ދަރިން ވެސް ތިބި ޝާހްބާޒް މި ފަހުން ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ދާސްތާނޭ މުހައްބަތު: ސަލީމް އަނާރްކަލީ" އާއި "އޭކް ގަރް ބަނާއުގާ" އަދި "ޕިރް ލޯޓް އާއޭގީ ނާގިން" ފަދަ ސިލްސިލާތައް ހިމެނެ އެވެ.