ބިގް ބޮސް 13: މޮޅުވީ ސިދާތު ޝުކްލާ

ކަލާޒް ޗެނެލުން ގެނެސްދިން "ބިގް ބޮސް" ސީޒަން 13 މަޝްހޫރު ޓީވީ އެކްޓަރު ސިދާތު ޝުކްލާ ކާމިޔާބުކޮށްފި އެވެ.


އޭނާ "ބިގް ބޮސް" ގެ ޓްރޮފީ އާއި އިނާމަކަށް ލިބުނު 40 ލައްކަ ރުޕީސް ކާބިޔާބުކުރީ ގަދަ ތިނަކަށް ގޮސް އާސިމް ރިއާޒާއި ޝެހްނާޒް ގިލް (ސަނާ) ބަލިކުރުމަށް ފަހު އެވެ. ސިދާތަކީ ކުރިން ވެސް ގިނަ ބަޔަކު ލަފާކުރި ގޮތަށް މި ފަހަރުގެ ޓައިޓްލް ގެންދާނެ ބައިވެރިޔާ އެވެ. އެއް ސަބަބަކީ ޝޯގައި އޭނާ އަށް ފޭވަކުރާ ކަމަށް ޝޯ ބެލި ބައެއް މީހުންނާއި މި ފަހަރުގެ ސީޒަންގައި ވާދަކުރި ބައެއް ބައިވެރިން ވެސް ތުހުމަތުތަކެއް ކޮށްފައިވުމެވެ.

އެގޮތުން ޝޯގެ ހޯސްޓް ސަލްމާން ޚާނާއި ބިގް ބޮސް ވެސް ސިދާތު ކޮޅަށް ވަރަށް ގިނަ ހާލަތްތަކުގައި ބުރަވެ، އޭނާގެ އިމޭޖް ރީތިކޮށްދޭން މަސައްކަތްކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ސިދާތު ފާހަގަކުރެވުނީ ވަރަށް ރުޅިގަދަ ރުންކުރު ބައިވެރިއެއްގެ ގޮތުގަ އެވެ.

ގިނަ ބަޔަކު އޭނާ ލޭބަލްކުރީ ވެސް ގަދަފަދަކަން ދައްކައި، އެހެން ބައިވެރިން ސައިޒްގައި ބައިތިއްބަން އުޅުނު ބައިވެރިއެއްގެ ގޮތުގަ އެވެެ. އެގޮތުން ބައެއް ބައިވެރިންނާއި ސިދާތާ ދޭތެރޭ ބޮޑެތި ކޯޅުންތަކާއި ގަޔަށްބޮލަށް ވެސް އެތައް ފަހަރަކު އަރާފައިވެ އެވެ. އޭގެ ތެރޭގައި އާސިމާއި، ސިދާތާ އެކު ސިލްސިލާތަކެއް ކުޅެފައިވާ ބަތަލާ އަދި މި ސީޒަންގެ ހަތެރަކަށް ދިޔަ ރަޝްމީ ދެސާއީ އާއި މާހިރާ ޝަރުމާ އާއި ޕާރަސް ޗާބްޅާ ހިމެނެ އެވެ.

"ބިގް ބޮސް 13" ގެ ފިނާލޭ އަށް ރޭ ދިޔައީ ގަދަ ހަ ބައިވެރިންނާ އެކީގަ އެވެ. އެއީ ސިދާތާއި އާސިމާއި ސަނާ އާއި ރަޝްމީ އާއި އާރްތީ އާއި ޕާރަސް އެވެ. މި ބައިވެރިންނަށް ރޭ ދިން ފުރުސަތުގެ ތެރޭގައި ޓައިޓްލް ކާމިޔާބުކުރެވޭނެކަމާ ދޭތެރޭ ޝައްކުވާ ބައިވެރިއަކަށް 10 ލައްކަ ރުޕީސްއާ އެކު ހަ ވަނާގައި ދާން ފުރުސަތު ދިނުމުން އޭގެ ބޭނުން ހިފީ ޕާރަސް އެވެ.

އާރްތީ ފަސް ވަނައިގެ ކަޓައިގެން ދިޔައީ އެވެ. އޭގެ ފަހުން ރަޝްމީ ހަތަރު ވަނައާ އެކު ޝޯ ނިންމައިލީ އެވެ. އެކަމަކު ގަދަ ހަތަރެކަށް ވެސް ހާއްސަ އިނާމުތަކެއް ލިބިގެން ދިޔަ އެވެ. އޭގެ ތެރޭގައި އެއިން ކޮންމެ ބައިވެރިއަކަށް އިތުރު މީހަކު ގޮވައިގެން ދުބާއީގެ ޔާސް އައިލެންޑްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހިމެނެ އެވެ.

ޖުމްލަ 13 ބައިވެރިންނާ އެކު "ބިގް ބޮސް 13" ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ގަ އެވެ. ޝޯ ނިންމައިލީ 140 ނުވަތަ ހަތަރު މަސް ފަހުންނެވެ. އެ މުއްދަތުގެ ތެރޭގައި އެންމެ ފުރަތަމަ ޝޯ އިން ފުރުސަތު ލިބުނު ބައިވެރިންގެ އިތުރަށް އެކި ފަހަރުމަތިން ވައިލްޑް ކާޑްގެ ދަށުން ވެސް އެކިއެކި ސެލެބްރިޓީންނަށް ފުރުސަތުތައް ލިބިގެން ދިޔަ އެވެ.