ޑިޓިއުން ބޭންޑް؛ ފަސް މެމްބަރުންގެ މިއުޒިކީ އާއިލާ އަށް 14 އަހަރު

އެއް މެމްބަރުންތަކަކާ އެކު، އެއް ވާނެއްގައި މިއުޒިކް ދާއިރާގައި ހިފެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު ރާއްޖޭގެ މަޝްހޫރު ބޭންޑް ޑިއުޓުން މި ވަނީ ކިތަންމެ ދުވަހެއް ވިޔަސް، އެންމެންނަށް އެކީގައި އުޅެވިދާނަން ސާބިތުކޮށް ދީފަ އެވެ.


ބޭންޑަށް މިއަދު 14 އަހަރު ފުރުނު އިރު އަދިވެސް މީގައި ތިބީ ފުރަތަމަ ދުވަހު ފަށައިގަތް އިރު ވެސް ތިބި ފަސް މެމްބަރުންނެވެ. ފަސް މެމްބަރުން ހިމެނޭ ޑިޓިއުންޓްގެ

އަމިއްލަ މިއުޒިކް އުފެއްދުމާއި ރިސޯޓް މިއުޒިކުން ލިބޭ އާމްދަނީން މުޅީ ދިރިއުޅުން ބޭންޑްގެ މެމްބަރުން ބިނާކޮށްފައިވާ އިރު ދެން ވެސް ފަސް އެނބުރި ބެލުމެއް ނެތެވެ. ބޭންޑްގެ ހަމައެކަނި އަންހެން މެމްބަރު އަދި ބޭންޑް ހިންމުގައި އެންމެ އިސް ރޯލެއް އަދާކުރާ ފާތުމަތު ފެޒްލީން (ފެޒޫ) ބުނަނީ އަބަދު ވެސް އެ މީހުން ތިބޭނީ އެކީގައި އެއް އާއިލާއެއްގެ ގޮތުގައި ކަމަށެވެ.

މި ބޭންޑްގައި ހިމެނޭ މެމްބަރުންނަކީ ހަސަން ފާތިހު (ފާތި) އާއި އަހުމަދު ފުރުގާން (ފުޖީ) އާއި އަހުމަދު އާސިފް (އައްމަޑޭ) ގެ އިތުރުން އަލީ ޝިފާއު (އައްޔަ) އެވެ.

ފެޒޫ ބުނީ ބޭންޑްގެ މެމްބަރުން ބައިބައި ނުވެ އެކީގައި މިހާ ދުވަހަށް ދެމިއޮތް ސަބަބަކީ މިއުޒިކަށް އޮތް ލޯތްބާއި އެކަކު އަނެކަކަށް ކުރާ އިތުބާރާއި ޔަގީންކަން ކަމަށެވެ. އަދި ފާއިތުވާ ކޮންމެ ދުވަހަކުން އެ މީހުންގެ ގުޅުން އިތުރަށް ބަދަހިވެ، މަސައްކަތުގެ ޖޯޝާއި ފޯރި އިތުރުކޮށްދޭ ކަމަށެވެ. ހަމަމިއާ އެކު ބޭންޑްގައި އެންމެ އަންހެން މެމްބަރަކު ހުރުމަކުން ކުރިމަތިވާ އެއްވެސް ޗެލެންޖެއް، ދައްޗެއް ނެތް ކަމަށް ބުންޏެވެ.

ޑިޓިއުންގެ ވީޑިއޯ ލަވައެއް.

"މިއީ އަހަރެމެން ވަރަށް އުފާވާ ކަމެއް. މިހާ ގިނަ ދުވަހު އެންމެންނަށް އެކީގައި އުޅެވެނީ އަހަރެމެންގެ ތެރޭގައި އޮތް ކޮމިޓްމަންޓާއި އަންޑަސްޓޭންޑިންއާ ހެދި،" ހަފުތާއަކު ހަތަރު ދުވަހު ރިސޯޓްތަކުގައި ގަވައިދުން މިއުޒިކް ކުޅެމުން އަންނަ ބޭންޑާ ބެހޭ ގޮތުން ފެޒޭ ބުންޏެވެ. "އަސްލު މިއީ މިހާރު ހަމަ އެއް ފެމިލީއެއް. އެހެންވެ ބޭންޑްގެ ކޮންމެ މެމްބަރަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ހުރިހާ މެމްބަރުން އެކީގައި އަބަދު ވެސް ތިބޭނެ. ވަރަށް ބަދަހި ހަރުދަނާ ގުޅުމެއް އަހަރެމެންގެ ތެރޭގައި އޮތީ."

ޑިޓިއުން ބުނަނީ މިއުޒިކް ދާއިރާ އިން އެ ބޭންޑްގެ ކުރިމަގު އަދި އޮތީ ކަމަށެވެ. އެގޮތުން މިހާރު ދެވަނަ އަލްބަމެއްގެ މަސައްކަތްކުރަމުން އަންނަ އިރު، ރާއްޖޭން ބޭރުގައި ޓުއާކުރަން ވެސް ތައްޔާރީތައް އަންނަނީ ވަމުންނެވެ. މިހާތަނަށް ވަރަށް ރީތި އަމިއްލަ ރާގުގެ ލަވަތަކެއް ނެރެ، ބައެއް ލަވަތަކުގެ ވީޑިއޯ ވެސް ގެނެސް ދީފައިވާ ބޭންޑުން ވަރަށް ގިނަ ކަންކަން ކުރިއަށް ދުވަސްތަކުގައި ޑިޓިއުން އިން ފެންނާނެ އެވެ.

"މިއުޒިކާ އަހަރެމެންނާ ވަކިވުމެއް ނެތް. އުމުރުން ކިތަންމެ ދުވަހެއް ވިޔަސް އަހަރެމެން ފަސް މެމްބަރުން ހަމަ މި ގޮތުގައި މި އިންޑަސްޓްރީގައި ދެމިތިބޭނަން،" ފެޒޫ ބުންޏެވެ. "އަދި އަހަރެމެންނަށް މި ދާއިރާ އިން ދަސްވެފައި ހުރި އެއްޗިއްސާއި ލިބިފައި ހުރި ތަޖުރިބާތަކަކީ މިއުޒިކަށް ލޯބިކުރާ ހުރިހާ ބަޔަކަށް ޝެއާކުރަން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމެއް."

އޭނާ ބުނީ މިއުޒިކް އިންޑަސްޓްރީން ކުރިއަށްދާން ބޭނުންވާ ނަމަ އެންމެ މުހިއްމު އެއް ކަމަކީ ޝައުގުވެރިކަމާއި ރަނގަޅު އަހުލާގު ކަމަށެވެ. އަދި މިއީ ރަނގަޅަށް މަސައްކަތްކޮށްފި ނަމަ ރާއްޖޭގައި ކެރިއަރެއްގެ ގޮތުގައި ޒުވާނުންނަށް ކުރިއަށް ދެވިދާނެ ދާއިރާއެއް ކަމަށް ބުންޏެވެ.

"އެކަމަކު ޑިސިޕްލިން އާއި ކޮމިޓްމަންޓާއި ހާޑްވާކް ވަރަށް މުހިއްމު. ކުރިއަށް ދާން ބޭނުން ނަމަ މިހާރު ވަރަށް ފަސޭހަ އިން ކުރިއަށް ދެވޭނެ ދޮރުތައް އެބަހުރި ހުޅުވިފައި." ފެޒޫ ބުންޏެވެ. "އަހަރެމެން މިއުޒިކް މި ކުޅެނީ ދިރިއުޅުމަށް އިތުރު މަސައްކަތެއް ނުކޮށް މިކަމުން ލިބޭ އާމްދަނީން. އަހަރެމެންގެ ތެރެއިން ބައެއް މެންބަރުން މީހުންނާ އިނދެގެން ދަރިން ހޯދައިގެން އެ މީހުން ލައިފް ސަވައިވްކުރަނީ މި މަސައްކަތުން ލިބޭ އާމްދަނީ. އެހެންވީމާ ފިއުޗާ އެބައޮތް."

ޑިއުޓިއުން ދެކޭ ގޮތުގައި އެ ބޭންޑްގެ ކާމިޔާބީ އަކީ ސަޕޯޓްކުރާ މީހުން ދޭ ލޯތްބާއި ހިތްވަރެވެ. އެހެންވެ އެ މީހުން މުނިފޫހިފިލުވައި ދިނުމުގައި ބޭންޑް އަބަދު ވެސް އެ ގޮތުގައި އޮންނާނެ އެވެ.

"ބުނެލަން ބޭނުން ވަނީ ތިޔަ ދޭ ލޯތްބާއި ސަޕޯޓޭ އަހަރެމެންގެ ހުރިހާ ވެސް އެއްޗަކީ." ފެޒޫ ބުންޏެވެ. "ޑިއުޓިއުން އަބަދު ވެސް ފޭނުން ދެކެ ލޯބިވާނެ."