ޑާކް ރެއިންގެ "ނޮވެމްބަ" ޖުލައި 6 ގައި

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމަކުން ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ ޖޯޑު ފެންނާނެ ފަހު ފިލްމު "ނޮވެމްބާ" އަންނަ ޖުލައި މަހުގެ 6 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.


ފިލްމު ރިލީޒްކުރާ ތާރީހާ އެކު، ޑާކް ރެއިނުން ވަނީ ސޯޝަލް މީޑިއާގައި އޭގެ އާ ޕޯސްޓަރެއް ވެސް ހިއްސާކޮށްފަ އެވެ. "ނޮވެމްބާ" އަކީ ލޯބީގެ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ މީގެ އެއް ސްކްރީން ރައިޓަރު ކަމަށްވާ އައިޝަތު ފުއާދު ތައުފީގާ ޑާކް ރެއިނަށް ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ހަދާފައިވާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

"ނޮވެމްބާ" އަކީ މިދިޔަ އަހަރު އެ ސްޓޫޑިއޯ އިން ގެނެސްދިން ކޮމެޑީ ފިލްމު "މާމުއި" އަށް ފަހު، އައިޝަތާއި އަހުމަދު ތޮލާލް ގުޅިގެން ފައްކާކޮށްފައިވާ ސްކްރީންޕްލޭއަކަށް ގެނެސްދޭ ފިލްމެކެވެ. ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގެ މަންޒަރުތަކެއް ވަނީ ސިންގަޕޫރްގައި ވެސް ނަގައިފަ އެވެ. އެ ގައުމުގައި ނެގި މަންޒަރުތަކާ އެކު، ކުރީގެ މަޝްހޫރު އެކްޓަރު އަދި ސިންގަޕޫރްގައި ދިރިއުޅޭ އިސްމާއީލް ވަޖީހު "ނޮވެމްބާ" ގެ ހާއްސަ ރޯލަކުން ފެނިގެންދާނެ އެވެ.

ފިލްމުގެ މަންޒަރުތައް އައްޑު އާއި ލ. އަތޮޅާއި މާލެ އާއި މާލެ ކައިރީ ރަށްތަކެއްގައި ވެސް ނަގާފައިވެ އެވެ.

"ނޮވެމްބާ" ރިލީޒްކުރާ ތާރީހު އިއުލާންކުރުމާ އެކު، މި ފިލްމަށް އިންތިޒާރުކުރާ މީހުން ދެން އެންމެ ބޮޑަށް އުންމީދުކުރާނީ ފިލްމުގެ ޓްރެއިލާއަށެވެ. ފިލްމުގެ ލަވަތަކުގެ ތެރެއިން "މޫސުން" ގެ އޯޑިއޯ ވަނީ ކުރިން އާންމުންނަށް ދޫކޮށްލައިފަ އެވެ.