"ސުލްތާން"ގެ ސެޓެލައިޓް ރައިޓްސް 550 މިލިއަނަށް ސޮނީން ގަނެފި

ފިލްމީ ތަރި ސަލްމާން ޚާންގެ ބްލޮކްބަސްޓާ ފިލްމު "ސުލްތާން"ގެ ސެޓެލައިޓް ރައިޓްސް ސޮނީ އެންޓަޓައިންމަންޓް ޓެލެވިޒަން އިން 55 ކްރޯޑު (550 މިލިއަން ރުޕީޒް) އަށް ގަނެފި އެވެ. މިއީ މިހާތަނަށް އެންމެ އަގުބޮޑުކޮށް ސެޓެލައިޓް ރައިޓްސް ވިކުނު ފިލްމަށް ވުން އެކަށީގެންވެ އެވެ.


މިހާ އަގުބޮޑުކޮށް ފިލްމު ގަތަސް ސޮނީ އަށް ގެއްލުމެއް ނެތެވެ. ސޮނީން ފިލްމު ޕްރެމިއާ ވެސް ނުކުރަނީސް ރައިޓްސް ގަތުމަށް ޗެނަލުން ކުރި ޚަރަދުގެ ދެބައިކުޅަ އެއްބައި މިހާރުވެސް ވަނީ ލިބިފަ އެވެ. ފިލްމު ދައްކާ ވަގުުތުތަކުގައި ތިން ބްރޭންޑެއް އިޝްތިހާރު ކުރުމަށް މިހާރު ވެސް ވަނީ ފައިސާ ދައްކާފަ އެވެ.

އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސަލްމާންގެ އިތުރުން އަނުޝްކާ ޝަރުމާ އާއި ރަންދީޕް ހޫޑާ އަދި އަމިތު ސަދް މުހިއްމު ބައިތަކެއް ކުޅެފައިވެ އެވެ.

"ސުލްތާން" ވަނީ ބޮކްސް އޮފީހުގައި މިހާތަނަށް ގިނަ ފިލްމުތަކެއްގެ ރެކޯޑްތައް މުގުރާލާފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ވެސް މިހާ ކާމިޔާބު ފިލްމެއް ނުނިކުމެ އެވެ.

ސިނަމާތަކަށް ގޮސް ފިލްމު ބެލުމުގެ ފުރުސަތު ނުލިބިފައި ތިބި މީހުންނަށް ވަރަށް އަވަހަށް ސޮނީ ޓީވީން މި ފިލްމުގެ ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ސަލްމާންގެ ފިލްމެއް ސިނަމާތަކުގައި އަޅުވައިފި ނަމަ ބްލޮކްބަސްޓާ ވެއެވެ. އަދި އޭނާ ޓީވީ ޝޯ އަކަށް އަރައިފި ނަމަ އެ ޝޯއެއްގެ ޓީއާރުޕީ ވެސް އިންތިހާއަށް މައްޗަށް ދެ އެވެ. އެހެންކަމުން އޭނާގެ ފިލްމަކަށް ކިތަންމެ ބޮޑު އަގެއް ދޭން ވެސް ޓީވީ ޗެނަލްތަކަށް މައްސަލައެއް ނޯވެ އެވެ.

މިދިޔަ އަހަރު ނުކުތް ސަލްމާންގެ "ބަޖްރަންގީ ބައިޖާން"ގެ ސެޓެލައިޓް ރައިޓްސް ގަނެފައިވާ ސްޓާ ޕްލަސް އާއި ސްޓާ ގޯލްޑަށް އެ ފިލްމު ދައްކައިގެން މިހާތަނަށް ބޮޑު ފައިދާއެއް ލިބިފައިވެ އެވެ.