ސިލްސިލާ "ކަހާ ހަމް، ކަހާ ތުމް" މި މަހު ނިންމާލަނީ

ސްޓާ ޕްލަސް އިން މިދިޔަ އަހަރު ދައްކަން ފެށި ސިލްސިލާ"ކަހާ ހަމް، ކަހާ ތުމް" މި މަހުގެ ތެރޭގައި ނިންމާލަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މި ސިލްސިލާ އަކީ ޑޮކްޓަރަކާއި ފިލްމީ ބަތަލާއެއްގެ ގުޅުމެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ އެއްޗެކެވެ. "ކަހާ ހަމް، ކަހާ ތުމް" ދައްކަން ފެށުމުގެ ކުރިން މި ސިލްސިލާ އަކީ ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓާއި އޭނާގެ ފިރިމީހާ ޑރ. ސްރީރާމް ނޭނޭގެ ހަޔާތާ ވަރަށް ގުޅޭ ގޮތަށް ގެނެސްދޭ އެއްޗެއް ކަމަށް ބުނެ މީޑިއާތަކުގައި ވަރަށް ގަދައަށް ވާހަކަ ވެސް ދެކެވުނެވެ. ނަމަވެސް އެ މީހުންގެ ހަޔާތާއި ސިލްސިލާއާ އެއްވެސް ގުޅުމެއް ނެތްކަން އެ ދައްކަން ފެށި ހިސާބުން ވަނީ ޔަގީންވެފަ އެވެ.

މުޅިން ތަފާތު ދެ ދާއިރާއެއްގައި މަސައްކަތްކުރާ ދެ މީހަކަށް ލޯބީގެ މައިދާނުގައި ކުރިމަތިވާ ކަންތައްތަކެއް ދައްކުވައިދޭ "ކަހާ ހަމް. ކަހާ ތުމް" ގެ ލީޑް ރޯލް ކުޅެނީ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 12 ކާމިޔާބުކުރި ބަތަލާ ދިޕިކާ ކައްކަރާއި ކަރަން ގްރޯވާ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި "ކަހާ ހަމް، ކަހާ ތުމް" ގެ ފަހު އެޕިސޯޑް ސްޓާ ޕްލަސް އިން ގެނެސްދޭނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. މި ސިލްސިލާ ދައްކަން ފެށީ މިދިޔަ އަހަރުގެ ޖޫން 17 އިން ފެށިގެންނެވެ.

ދައްކަން ފެށުމުގެ ކުރިން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން ޕްރޮމޯޝަންތަކުގައި ވެސް ބައިވެރިވި "ކަހާ ހަމް، ކަހާ ތުމް" ގެ 180 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ.