ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ


ހަނާ ބަލަހައްޓައިގެން ހުރި ދިމާއިން ރިޒްވާނަކަށް އެއްވެސް މީހަކު ނުފެނެއެވެ. ފެންނަންހުރީ ފާރެކެވެ.

"ކޮބާ؟" ރިޒްވާން ސުވާލުކުރިއެވެ.

"މިހިރީނު ދިމާލަށް ފެންނަން،" ފާރަށް އިޝާރާތްކޮށްފައި ހަނާ ބުންޏެވެ. "އަހާބަލަ ކީއްވެގެންތޯ އަހަންނާ ދިމާއަށް ބަލަނީ."

ރިޒްވާން އިނީ އަހަން ތައްޔާރުވެގެންނެވެ. އެހެންނަމަވެސް އަހާނެ މީހަކު ނެތުމުން ރިޒްވާނަށް ބަލައިލެވުނީ ހަނާއަށެވެ. ހަނާ ސަމާސާކުރަނީ ކަމަށް ހީކޮށެވެ. ހަނާގެ މޫނުމަތިން ރިޒްވާނަކަށް ސަމާސާގެ އަސަރެއް ނުފެނުނެވެ. އޭގެ ބަދަލުގައި ރިޒްވާނަށް ފެނުނީ ހައިރާންކަމެވެ. ހަނާ ހައިރާންވީ ރިޒްވާން ސުވާލު ނުކޮށް ހަނާއަށް ބަލަހައްޓައިގެން އިނީމައެވެ. ދެން ހަނާ ބަލައިލިއިރު ވެސް އަންހެންމީހާ ފާޑަކަށް ހަނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"ނިވާކުރޭ!" އޯގާތެރި ރާގެއްގައި އެ މީހާ ދިވެހިބަހުން ބުންޏެވެ. "ފައިތިލަ ނިވާކުރޭ! އަތްތިލަ ނިވާކުރޭ! ބަރާބަރަށް ނަމާދުކުރޭ! އަވިދީފަ އޮންނައިރު ކަނދުރާ ވެސް ތި އޮންނަނީ ފެންނަން. ބޮޑުބުރުގާއަށް ބަދަލުކުރޭ!"

ހަނާއަށް ބަލައިލެވުނީ ރިޒްވާނަށެވެ. އެ އަންހެންމީހާ އެހާ ސާފުކޮށް ބުނި އެއްޗެއް ރިޒްވާނަށް އަޑުނީވޭނެކަމަކަށް ހަނާއަކަށް ގަބޫލެއް ނުކުރެވެއެވެ.

"މިހާރު ދިވެހިން އެ ވާހަކަދެއްކީ!" ކަންބޮޑުވެފައި ހަނާ ބުންޏެވެ. "ރިޒްވާން ކީއްވެގެން އަހަންނަށް ތި ބަލަނީ؟ އޭނަ ބުނި އެއްޗެއް ރިޒްވާނަށް ވެސް އަޑުއިވުނެއްނު!"

ނޫނެކޭ ބުނުމުގެ ގޮތުން ރިޒްވާން ބޯހޫރައިލިއެވެ. އިސްކޫލުގެ ދޮރާށި ހުޅުވުމާއެކު އެންމެން އެތެރެއަށް ހިނގައިގަތެވެ. ހަނާ ވެސް ދިޔައެވެ. ފަސް އެނބުރި ބަލަމުންނެވެ. ރިޒްވާން ހިރިލަން ނޭނގިފައި އިނެވެ. ދާދި ގާތުގައި އަންހެންމީހާ ހުއްޓެވެ. ހަނާޔާ އެއްވަރަށް ރިޒްވާން ވެސް ހައިރާންވިއެވެ. މެންދުރުގެ ހޫނު ގަދަ ވަގުތެވެ. ދަންވަރު ނަމަ، ފަހަރެއްގައި ރިޒްވާނަށް ގަބޫލުކުރެވުނީހެވެ. ދަންވަރު އަނދިރީގެ ތެރެއިން، މަދުމަދުން ނަމަވެސް ރޫހާނީ މަޚްލޫގުން ފެނެއެވެ. ގޯނާ ވެސް ކުރެއެވެ. ދުވާލު، މާލޭގެ ކާރޫބާރޫ ބޮޑު މަގެއްގައި، މީހުންތަކުގެ ތެރޭގައި އެ ފަދަ އެއްޗެއް ހުރެދާނެ ހެއްޔެވެ؟ ރިޒްވާނަށް ގަބޫލުކުރަން ވަރަށް ދައްޗެވެ. އަނެއްކާ ވެސް ފާރާ ދިމާއަށް ރިޒްވާން ބަލައިލިއެވެ. މޫނު ޖެހޭ ހިސާބުގައި ހުރި އަންހެންމީހާ ރިޒްވާނަކަށް ނުފެނެއެވެ.

ގެއަށް އައިސް ރިޒްވާންގެ ދެމަފިރިން މަޝްވަރާކުރިއެވެ. އެ އަންހެންމީހާ ފެނުނުކަން ހަނާ ކޮންމެހެން ރިޒްވާނަށް އިތުރަށް ކަށަވަރުކޮށްދޭކަށް ނުޖެހުނެވެ. ހަނާގެ ތެދުވެރިކަމާއި ހަރުދަނާކަމާ މެދު ރިޒްވާން ސުވާލެއް ނުއުފައްދައެވެ. މީހަކު ހުރިކަމަށް ހަނާ ބުނެފިއްޔާ އެ ތަނުގައި މީހަކު ހުންނާނެއެވެ. ރިޒްވާންގެ ނިންމުމަކީ އެއީއެވެ. މައްސަލައަކީ އެ މީހާ ރިޒްވާނަށް ނުފެންނާތީއެވެ.

"ރިޒްވާނަށް ކީއްވެ ނުފެނުނީ؟" ހަނާ ސުވާލުކުރިއެވެ. "އަސްލު ވެސް ނުދެކެން؟"

"ހުވާކޮށްފަ މި ބުނަނީ އަހަންނެއް ނުދެކެން،" ރިޒްވާން ޖަވާބުގައި ބުންޏެވެ. "އެކަމަކު ހަނާ ބަލާގޮތުން އަހަންނަށް އެނގޭ އެ ތާ މީހަކު އެބަހުރިކަން. ދެން ކިހިނެއް ހަދާނީ؟"

"ދެން އަހަންނަކަށް ނުކެރޭނެ ސްކޫލް ދޮށަށް ދާކަށް،" ކަންބޮޑުވެފައި ހަނާ ބުންޏެވެ. "އެހެން މީހުންނަށް ނުފެންނަ އަންހެނެއް އަހަންނަށް ފެންނަންޏާ އެއީ މައްސަލައެއްނު. އެހެންވެގެންދޯ ކުރީ ދުވަހު އޭނަޔާ ދިމާލަށް އަހަރެން ކީއްވެހޭ ތި ބަލަނީ ބުނީމަ އެހެން މީހުން އޭނައަށް ނުބަލާ އަހަންނަށް ބެލީ. މީހުން ހީކުރާނީ އަހަރެން މީ މޮޔައެއްކަމަށް ދޯ؟ އެކަމަކު އެ އަންހެންމީހާ ކީއްވެގެން އަހަންނާ އަޅައިގަނެގެން އެ އުޅެނީ؟"

އެ ސުވާލުގެ ޖަވާބު ހޯދަން ރިޒްވާން ބޭނުމެވެ. އެހެނަސް ސިހުރުހެދުމާއި، ފާލުބެލުމަކަށް އެއްބަހެއް ނުވެވުނެވެ. ބޭނުންވީ ވީހާ ވެސް ކުޑަ ގޮތަކަށް އެ ކަން ނިންމާލާށެވެ. މީހުންނަށް ނާންގާށެވެ. ވީމާ، ހަނާގެ ބަދަލުގައި ދެ ކުދިން ބަލާ ވެސް ރިޒްވާން ދާން ފެށިއެވެ. އެއް ކުއްޖަކު ގެނެސް ގެއަށް ލައިފައި އަނެއް ކުއްޖަކު ގެންނަނީއެވެ. ހަނާ ބޭރަށް ނުކުތުން މަދުކޮށްލިއެވެ. ތަނަކަށް ދާންޖެހުނަސް ދަނީ ރިޒްވާނާ އެކީގައެވެ.

ދެތިން ދުވަހެއް ފަހުން ހަނާގެ ގަޔަށް ހޯނުވެއްޓެން ފެށިއެވެ. އެ ކަމާ ބެހޭގޮތުން ލިޔެފައިވާ ފޮތެއް ކިއިފައިވާތީ އޭގައި ހުރި ކަންތައްތައް ހަނާ ހަނދާންހުއްޓެވެ. ބޮލު މެދަށް ހޯނުވެއްޓިއްޖެއްޔާ މުދާ ނުވަތަ ރަނގަޅު ސިއްހަތެއް ލިބޭނެއެވެ. ބޮލުގެ ކަނާތްފަރާތަށް ވެއްޓިއްޖެއްޔާ ގޭގެ އަހުލުވެރީންނަށް ވަރަށް ނުބައެވެ. ނިތްކުރިއަށް ހޯނު ވެއްޓުމާއި، ބުމަޔާއި، ލޮލާއި، ނޭފަތާއި، ތުންފަތާއި، ކޮނޑާއި މިހެން ގޮސް ފަންސާހަކަށް ތަނާއި، އެ ތަންތަނަށް ވެއްޓުމުން ވާނެ ގޮތް އެ ފޮތުގައި އޮތެވެ. އޭގެ ތެރޭގައި ދުރުން ޚަބަރެއް އައުމާއި، އަރާރުމެއް ފެށުމާއި، އެދިހުރި ބޭނުމެއް ހާސިލުވުމާއި އެތައް އެތައް ކަމެއް ހުއްޓެވެ. އެކަމަކު މައްސަލައަކީ ވެއްޓޭ ހޯނު ރިޒްވާނަށް ނުފެނުމެވެ. ކޮންމެ ފަހަރަކު ވެސް ހަނާ ފުންމައިގެން ތެދުވެ ގައި ފޮޅައިލައެވެ. ތެޅިފޮޅިގަނެއެވެ. ދޭތެރެއަކުން ރިޒްވާންގެ ގައިން ވެސް ހޯނެއް ފޮޅައިލައެވެ. ރިޒްވާނަށް ފެންނަނީ ހަނާ ކުރާ ހަރަކާތެވެ. އެ ހިސާބުން އެ ކަން ސިއްރުކުރުން ހުއްޓާލަން ރިޒްވާނަށް މަޖުބޫރުވިއެވެ.

ރިޒްވާންގެ މައިންބަފައިންނާ ހަމައަށް މައްސަލަ ގެންދިޔައެވެ. ދެ ވާހަކަ ވެސް ނަސީމު ގަބޫލުކުރިއެވެ. އެންމެ ވާހަކައެއް ވެސް ޒާހިދާ ގަބޫލެއް ނުކުރިއެވެ. އަމުދުން، ރޯމާދުވާލު ޖިންނިއެއް ނުވަތަ ހަންޑިއެއް ފެނުމަކީ، ޒާހިދާ ދަންނަ އުސޫލުތަކާ ހިލާފުކަމެކެވެ.

"ހޯނުގެ ވާހަކަ ތީ ދެން ހަމަ ޖޯކު ވާހަކައެއް. އެކަމަކު މަންމަ ވެސް ގަބޫލުކުރަން ޖިންނިޔާ، ހަންޑިޔާ ހުރިހާ އެއްޗެއް އުޅޭކަމަށް،" ނުތަނަވަސްކަން އެކުލެވިފައިވާ ރާގެއްގައި ޒާހިދާ ބުންޏެވެ. "އެކަމަކު މެންދުރު ދަޅައިގަ، މީހުންތަކު ތެރެއަކަށް ނާންނާނެ. ވާހަކައެއް ވެސް ނުދައްކާނެ. އެނބުލާ، މުރާކި ގިނައިން ހެދިފަ ހުންނަ ތަންތަނުގަ، ވަލުތެރޭގަ އުޅެޔޭ ކިޔާ އަޑުއަހަން. ވެދާނެ ހަނާގެ ބޮލަށް އެނބުރުންއަރައިގެން ހީވި ގޮތަކަށް."

"ނޫނެކޭ މަންމާ!" ހަނާ އެއްބަހެއް ނުވިއެވެ. "ތިން ފަހަރު ފެނުނޭ. އެއްފަހަރު ވެސް އަހަރެންގެ ބޮލަކަށް އެނބުރުމެއް ނުވެސް އަރާ! ނުލާހިކު ކައިރިން ވިއްޔަ ފެނުނީ."

"އެކަމަކު ކޯޗެއް ނިވާކުރާ ވާހަކައެއް އޭނަ އެ ބުނަނީ؟" ޒާހިދާ ސުވާލުއުފެއްދިއެވެ. "ތިޔަށް ވުރެ ބޮަޑަށް ނިވާވަންޏާ ދަރިފުޅު ޖެހޭނީ މޫނުބުރުގާއަޅަން. އަޅާލާނެކަމެއް ނެތް. މަންމަ ހިނގައިދާނަމޭ ސްކޫލް.."

"އަހަންނަށް ފެންނަނީ ރުޤްޔާކުރާ މީހަކު ގެންނަން،" ނަސީމު ދިނީ އެހެން ހިޔާލެކެވެ. "ހުންނާނެ ރައްޓެއްސެއް. ހަމަ ބުނާއިރަށް އަންނާނެ."

ރުޤްޔާކުރުމާ މެދު އެކި ގޮތްގޮތަށް ވާހަކަދެކެވުނެވެ. އަންނަ ބައެއް ރާޤީންނަށް ނޭނގުމާއި، އެއް ދުވަހު އައިސްފައި އަނެއް ދުވަހު ގެއްލުމާ، އެކަށީގެން ނުވާ ބޮޑެތި އަގު ދޭންޖެހުމާ އެ ހުރިހާ ކަމަކަށް މަޝްވަރާކުރެވުނެވެ. ނިމުނީ ނަސީމު ކޮޅަށެވެ. ގެންނަ ރާޤީއަކީ ނަސީމު ދަންނަ މީހަކަށް ވެފައި، މޮޅު މީހަކަށް ވީމައެވެ.

"އަނިލް މަކަރެއް ނަހަދާނެ،" ނަސީމު ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "އެއްވެސް އަގެއް ނުކިޔާނެ. އެއްފަހަރު ގެނެއްސަ ކަމުނުގޮއްސިއްޔާ ދެން ނުގެންނާނީ. ނިމުނީނު!"

އަނިލް މާލޭގަ އުޅޭކަމެއް ނަސީމަކަށް ނޭނގެއެވެ. ފޯނު ނިއްވައިލައިފައި އޮތުމުން ފޯނަކުން ނުގުޅުނެވެ. ނަސީމާއި އަނިލް ބައްދަލުވީ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށެވެ. ވީގޮތް ކިޔައިދިނުމުން އަނިލް ވަރަށް ފަސޭހައިން އެއްބަސްވިއެވެ. ނަސީމަކީ ގާތް އެކުވެރިޔަކަށް ވެފައި، އާއިލީ މައްސަލައަކަށް ވީތީއެވެ. އެކަމަކު ގެޔަށް އައުމުގެ ކުރިން އަނިލް ޖަވާބު ބޭނުންވާ ބައެއް ސުވާލު ހުއްޓެވެ.

"ކިހިނެއް ކަށަވަރުވީ އެއީ އިންސާނެއް ނޫންކަން؟" އަނިލް އެހިއެވެ. "ކީއްވެގެން ތި ހީވަނީ އެއީ ޖިންނިއެކޭ؟ ނޫނީ ބިރުވެރި އެއްޗެކޭ ހީވާ ސަބަބަކީ ކޮބާ؟ ހަނާޔާ ދިމާއަށް މީހަކު ބެލުމަކީ މައްސަލައެއް ނޫނެއްނު! ހަނާއަކަށް ނޭނގޭނެއްނު ހަނާއަށް ތި ފެންނަ މީހާ އެހެން މީހުންނަށް ނުފެންނަކަމެއް. ހަމަ މީހުން ތަކުގެ ތެރޭގައި ރަނގަޅަށް ހުރި މީހެއްތާ ތި ފެންނަނީ."

"އެ އަންހެންމީހާގެ ސިފަޔާ ހުރިހާ އެއްޗެއް ރިޒްވާނަށް ކިޔައިދީފަޔޭ އޮތީ،" އަޑަށް ބާރުލައިފައި ނަސީމު ބުންޏެވެ. "އެ ކަހަލަ މީހަކު ފެންނަން ހުރިއްޔާ ރިޒްވާނަށް ވެސް އެނގޭނެތާ!"

"އާންމު އިންސާނުންނާ އެ އަންހެންމީހާޔާ ހުރި ތަފާތަކީ ކޮބާ؟" އަނިލް އެހިއެވެ.

ހުރިހާ ސުވާލެއްގެ ޖަވާބެއް ނަސީމަކަށް ނޭނގުނެވެ. އެހެންކަމުން، ގެއަށް އަންނަން އަނިލްއަށް ދައުވަތުދީފައި، އަނިލް ބުނި ކަންކަން ތައްޔާރުކުރަން ނަސީމު ގެއަށް ދިޔައެވެ.

ގަޑި ކުޑަތަންވަމުން އައިއިރު ނަސީމާއި އެހެން މީހުން އުޅުނީ އަވަދިނެތިއެވެ. ކޮޓަރީގައި އެއްވެސް ސޫރައެއް ހުރެގެން ނުވެއެވެ. އެނދުގައި އަޅާފައި އޮތް ފޮތިގަނޑާއި، ބާލީސްއުރަޔަށް ދާންދެން ބަދަލުކުރަން ޖެހުނެވެ. ކުދިކުދި ދޫނިތަކެއް ކުރަހައިފައި ހުރީމައެވެ. ގަސްތަކަށް ފެންޖަހާ ކަހަލަ ފުޅިއަކާއި، ހުދު ފޮތިގަނޑެއް ވެސް އަތްމަތިކުރިއެވެ.

ނަމާދުން ފޭބިގޮތަށް އަނިލް އައެވެ. ކޮޓަރި ތެރޭގައި ހަނާގެ އިތުރުން ރިޒްވާނާއި، ރިޒްވާންގެ މައިންބަފައިން ވެސް ތިއްބެވެ. ހަނާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. އަނިލް ވަނުމާއެކު، ބުނަން ނޭނގޭ ކަހަލަ އުނދަގުލެއް ހަނާއަށް ވިއެވެ. އަނިލްގެ ތަޖުރިބާކާރު ލޮލަށް އެ މަންޒަރު ފެނުނެވެ. ކޮޓަރި ވަށައިގެން ހިނގާލުމަށް ފަހު، އެނދު ކައިރީގައި ހުރި ގޮނޑީގައި އަނިލް އިށީނެވެ. ހަނާއަށް ސަލާން ގޮވައިލިއެވެ. ހަނާ ސަލާން ބަލައިގަތެވެ.

"ކިހިނެއް؟" އަނިލް ސުވާލުކުރިއެވެ.

"ރަނގަޅު!" ވަރަށް ހަމަޖެހިލައިފައި ހަނާ ބުންޏެވެ.

ކޮޓަރީގެ މާހައުލަށް އެ ވަގުތު ކުއްލި ލޮޅުމެއްއެރިކަން އަނިލްއަށް އިހުސާސްކުރެވުނެވެ. އަނިލް އިނީ އެ ކަމަށް އުންމީދުކޮށްގެންނެވެ.

"އެހެން އިންސާނުންނާ ތި ފެންނަ މީހާޔާ ހުރި ތަފާތަކީ ކޮބާ؟" ދަބަހުން އަންގި ނަގައި އަތަށް ލައްވަމުން އަނިލް ބުންޏެވެ.

ހަނާ ވިސްނައިލިއެވެ. އަދި ތަފާތުކުރެވޭ ހަމައެކަނި ސިފަ ކިޔައިދިނެވެ.

"އެހެން މީހުންނަށް އޭނަ ނުފެންނާތީ މައްސަލައަކީ،" އެ ފަހަރު ވެސް ހަނާ ޖަވާބުދިނީ ވަރަށް ހަމަޖެހިލައިފައެވެ. "އެހެން ވެގެން ނުވާނެއްނު!"

"ތިއޮތީ ވެފައެއްނު!" ހަނާގެ ކަޅިރަވަޔަށް ނަޒަރުހުއްޓައިލައިގެން އިނދެ އަނިލް ބުންޏެވެ. "އަހަރެން ވެސް ކުރިއަކުން އަޑެއް ނާހަން ރޯމާ ދުވާލު އެ ކަހަލަ އެއްޗެހި ފެންނަކަމަކަށް. ތި ދައްތަޔާ، ހޯނާ ވެސް ހަމައެކަނި ހަނާއަށް ދޯ ފެންނަނީ؟"

"އެ ވެދާނެތަ ޖިންނިއަކަށް؟" ރިޒްވާން ސުވާލުކުރިއެވެ.

ނުނިމޭ