ރޭޕްގެ ބޮޑު ހާދިސާއަކަށް ޝާހްރުކް ޚާން ފިލްމެއް ހަދަނީ

އިންޑިއާގައި ހިނގާފައިވާ ރޭޕްގެ ސީރިއަސް ބޮޑު ހާދިސާއަކަށް ބިނާކޮށް ޝާހްރުކް ޚާން ފިލްމެއް ހަދަން ނިންމައިފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އޭނާގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމުގެ ވާހަކަ ބިނާކުރަނީ ބިހާރު ސްޓޭޓްގެ މުޒައްފަރުޕޫރްގެ ޝެލްޓާ ހޯމެއްގައި ތިބި ގިނަ އަދަދެއްގެ އަންހެނުންތަކެއް ރޭޕްކުރުމާއި ޖިންސީ ފުރައްސާރައިގެ އެތައް އަނިޔާއެއް ކުރި ހާދިސާގެ މައްޗަށެވެ. މި ހާދިސާގެ މައްސަލަ ފެންމަތިވީ ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސެސް އިން މެއި 26، 2018 ގައި ބިހާރުގެ ސަރުކާރަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެންނެވެ.

އޭގައި ބުނެފައިވާ ގޮތުގައި މުޒައްފަރުޕޫރްގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ ސޭވާ ސަންކަލްޕް އިވަމް ވިކާސް ސަމީތީން ހިންގި ޝެލްޓާ ހޯމްގައި އެތަކެއް އަންހެނުންނަށް ރޭޕްކޮށް، ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ. އަދި މިކަމުގައި އިސްކޮށް ހުރި މީހާ އަކީ އިންޑިއާގެ ސިޔާސީ ނުފޫޒު ގަދަ މީހުންނާ ގުޅުން އޮންނަ މީހަކަށްވާތީ މައްސަލަ އަށް އޮތީ އިންސާފު ނުލިބި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މި ހާދިސާ އަށް ބިނާކޮށް ޝާހްރުކް ފިލްމެއް ހަދަން ނިންމި އިރު މި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓާ ހަމައިން ހުއްޓިފަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މި ހާދިސާ އަށް ހަދާ ފިލްމުގެ ޑައިރެކްޓަރަކީ 2016 ގައި "މެރޫން" ގެނެސްދިން ޕުލްކިތެވެ. އަދި ފިލްމުގެ ޝޫޓިން މި އަހަރު ޖުލައި މަހުގެ ތެރޭގައި ފަށަން ތާވަލުކޮށްފައިވާ އިރު، ކާސްޓުން ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.

ޝާހްރުކް ޕްރޮޑިއުސްކޮށް އެންމެ ފަހުން ސިނަމާތަކަށް ގެނައި ފިލްމަކީ މި މަހުގެ 6 ގައި ރިލީޒްކުރި "ކާމިޔާބު" އެވެ.