ތެލެގޫ ފިލްމު "ބީޝްމާ" ގެ ރައިޓްސް ކަރަން ޖޯހަރަށް؟

މި އަހަރު ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "ބީޝްމާ" ގެ ހިންދީ ފިލްމެއް ހަދަން އޭގެ ރައިޓްސް ހޯދަން ކަރަން ޖޯހަރް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނިގޮތުގައި އެ ފިލްމަކީ ހިންދީ އޯޑިއަންސަށް ވަރަށް ކަމުދާނެ ގޮތަކަށް ހަދާފައިވާ ފިލްމަކަށްވާތީ ބަތަލުގެ ރޯލަށް ރަންބީރް ކަޕޫރް ލައިގެން ފިލްމު ހަދަން ކަރަން ބޭނުންވެ އެވެ.

"ބީޝްމާ" އަކީ ވެންކީ ކުޑްމުލާ ޑައިރެކްޓްކުރި ރޮމޭންޓިކް ކޮމެޑީއެކެވެ. މިދިޔަ މަހު ރިލީޒްކުރި ފިލްމުގެ ލީޑް ރޯލް ކުޅުނީ ނިތިން އާއި ރަޝްމިކާ މަންދަނާ އެވެ.

"ބީޝްމާ" ގެ ރައިޓްސް ހޯދަން ކަރަން މަސައްކަތްކުރާ އިރު، އޭނާގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ވެސް ވަނީ ތެލެގޫ ފިލްމެއްގެ ރައިޓްސް ހޯދައިފަ އެވެ. އެއީ މިދިޔަ އަހަރު ރަޝްމިކާ އާއި ވިޖޭ ދެވަރަކޮންޑާ ކުޅުނު ރޮމޭންޓިކް އެކްޝަން ޑްރާމާ "ޑިއާ ކޮމްރޭޑް" އެވެ.

އަދި ވިޖޭ އާއި ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭ ހިމަނައިގެން ތެލެގޫ ޑައިރެކްޓަރު ޕޫރީ ޖަގަންނަދުއާ ގުޅިގެން ތެލެގޫ އާއި ހިންދީ ބަހުން ގެނެސްދޭ ފިލްމެއް ހެދުމުގެ މަސައްކަތް ވެސް ކަރަން މި ވަގުތު އަންނަނީ ކުރަމުންނެވެ.

އޭނާ ކުރިން ވެސް ވަނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަގުބޫލު ފިލްމެއްގެ ހިންދީ ރިމެކެއް ހަދައިފަ އެވެ. އެއީ 2018 ގައި ޖާންވީ ކަޕޫރް ތައާރަފުކުރި ފިލްމު "ދަޅަކް" އެވެ. އެއީ 2016 ގައި ގެނެސްދިން މަރާޓީ ފިލްމު "ސައިރާތު" އަށް ބިނާކޮށް ހެދި ފިލްމެކެވެ.

ދެކުނުގެ ސިނަމާ އަށް މިހާރު ވަރަށް ބޮޑަށް ލޯއަޅާ ކަރަން އަކީ ތެލެގޫ ބަހުން ހެދި "ބާހްބަލީ" ފެ ދެ ފިލްމުގެ ހިންދީ ވާޝަންތައް ވެސް ޕްރެޒެންޓްކޮށްދިން ޕްރޮޑިއުސަރެވެ.