ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ


އެ ވަގުތު ވަރަށް ގަދަ އަޑުފަށްގަނޑެއް އިވުނެވެ. އަޑުއައި ދިމާއެއް އެކަކަށް ވެސް ނޭނގެއެވެ. ހީވަނީ ވަރަށް އުސް އިމާރާތަކުން ބިންމައްޗަށް ސިމެންތި ބަސްތާއެއް ކަހަލަ އެއްޗެއް ވެއްޓުނުހެންނެވެ. ހަދާ ގެތައް ބައިވަރެވެ. ކޮންމެ ތާކުން ވެސް އެ ފަދަ އަޑެއްއިވިދާނެއެވެ.

"އޭ! ގަޔަށް ފެންނުޖަހާ!" ރުޅިއައިސްފައިވާ އަޑަކުން ހަނާ ބުންޏެވެ.

"ކަލޭ ގަޔަށް މީހަކު އެބަ ފެންޖަހާތަ؟" އަނިލްގެ ރާގުގައި އެއްވެސް ހާސްކަމެއް ނެތެވެ. "ކަލޭ ތިއޮތީ އެނދުގަ. އަހަރެން ފެން މި ޖަހަނީ މުޅިން އެހެން ދިމާއަކަށްނު."

"ހެވޭ! އަހަރެން ގަޔަށޭ ތި ފެންޖަހަނީ،" ކުރިޔަށް ވުރެ ރުޅިއައިސްފައި ހަނާ ބުންޏެވެ. "ތީ ކަލޭ ކީއްކުރަން ކުރާކަމެއް؟"

ޖިންނީންގެ ދުނިޔެއާއި އިންސާނުންގެ ދުނިޔެއަކީ ވަރަށް ތަފާތު ދެ ދުނިޔެއެކެވެ. އަނިލް ގާތުގައި ތިބި މީހުންނަށް ފެންނާނީ އަނިލް ތުންތަޅުވައިފައި ކޮށްލާ އިޝާރާތެކެވެ. ނުވަތަ ހަރަކާތެކެވެ. އޭގެ ސަބަބުން ޖިންނިސައިތާނުންގެ ގައިގައި ހިލިހިލާޖެހިދާނެއެވެ. އަނިލް އާޔަތެއް ކިޔަމުން އެނދުމަތީގައި ޝަހާދަތް އިނގިލި ހިންގައިލާ ގޮތަކުން ވަރުގަދަ މާރިދުންނާއި އިފުރީތުންގެ ގައިގައި ހިލިހިލާޖެހެއެވެ. އެއްވެސް އަތަކަށް ހިރިނުލެވޭ ވަރަށެވެ. އެއީ އަނިލްގެ ބާރެއް ނޫނެވެ. އަނިލްގެ މޮޅުކަމެއް ވެސް ނޫނެވެ.

"ބަލަ މަ ކޮންމެ ކަމެއް ކުރިއްޔާ ކަލެއް ކީއް؟" އަނިލް ޖަވާބުދިނެވެ. "މަ ފެންޖެހިއެކޭ ކިޔާފަ ކަލެއަކަށް އެއްވެސް ކަމެއް ނުވެއެއްނު! ދެން ކޮން މައްސަލައެއް ތި ޖައްސަނީ؟ ބުނީމެއްނު ކަލޭއަކީ މާ ގަދަފަދަ، މާ މޮޅު އެއްޗެކޭ."

"އާނއެކޭ!" ކަންބޮޑުނުވާކަމަށް ހެދެމުން ހަނާ ބުންޏެވެ. "މަށަކަށް ނުވޭ އެއްވެސް ކަމެއް. ދެން ހަމަ ބުނެލީ. ބޭކާރުކަމެއް ކުރާތީ."

އެ ދަނޑިވަޅަކީ އެހެން މީހުންގެ ހިތުގައި ޝައްކު އުފެދުނު ވަގުތެކެވެ. އަނިލްއަކީ ރުޤްޔާކުރުމުގެ ހުނަރު ހުރި މީހެއް ހެއްޔެވެ؟ ކުރެވެނީ ކީއްކަން އަނިލްއަށް އެނގޭ ހެއްޔެވެ؟ ޖިންނިސައިތާނާގެ ބޭނުމަކީ އެއީއެވެ. ހިތްތަކުގައި ވަސްވާސް އުފެއްދުމެވެ. އިންސާނުންގެ ތެރެއިން އަޤީދާ ބަލިކަށި މީހުންގެ ސިކުނޑިޔާ ކުޅެލުމެވެ. އަދި ސައިތާނާ ބޭނުން ދިމާއަށް ލަންބައިލުމެވެ. އަނިލް އަޅައެއްނުލައެވެ. ސާބިތުކަންމަތީ ހުރެގެން ކިޔަވަމުން، ފެންޖަހަމުން ގެންދިޔައެވެ.

"އޭ! ފެންނުޖަހާށޭ! އަނިޔާނުކުރޭ!" އެންމެ ފަހުން "ހަނާއަށް" ޖެހުނީ ހަގީގަތާ ކުރިމަތިލާށެވެ. "މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއް. މަ ނުދެނަހުރިން އިންސާނުންނަކީ ތިހާ އަނިޔާކުރާ ބަޔެއްކަމަކަށް."

"އަނިޔާ ކުރާނަން. ކޮށަން ވެސް ކޮށައިލާނަން،" އަނިލް ވަރުގަދަ އިންޒާރެއް ދިނެވެ. "ފެއްސިގެން ނުދިޔައިއްޔާ އަންދާ ވެސް ލާނަން."

"އޭ ތިހެނެއް ނެހެދޭނެ!" ހިރިލަން މަސައްކަތްކުރަމުން ހަނާ ބުންޏެވެ.

ވިއްސާރަ ވިލާގަނޑެއް ނަގައިފައި ވައިގަދަވާން ފެށީމައި އިވޭ އަޑު ކަހަލަ އަޑެއް އިވޭހެން އެންމެނަށް ވެސް ހީވިއެވެ. އެކަމަކު ކޮންމެ މީހަކަށް ވެސް ހީވީ އެއީ އެ މީހަކަށް އެކަނި ހީވި ގޮތެއް ކަމަށެވެ. އެކި މީހުން ވަކިވަކިން ކުޑަދޮރަށް ބަލައިލިއެވެ. ބޭރުގައި ވައިގަދައެއް ނޫނެވެ. ގަސްތަކެއް ނުހެލެއެވެ. ރިޒްވާން ބަލައިލީ އަނިލްއަށެވެ. ހާސްނުވުމަށް، އަތުގެ އިޝާރާތުން އަނިލް އެންގިއެވެ. ޖިންނިސައިތާނުންގެ ކޮޅު ބަލިވާ ވަރަކަށް މީހުންގެ ސަމާލުކަން އަނބުރާލަން މަސައްކަތްކުރާނެކަން އަނިލްއަށް އެނގެއެވެ. ވަކި ހިސާބަކަށް ދިޔުމުން ތަނުގައި ދިއްލައިފައި ހުންނަ ބޮކި ނުވަތަ ބައްތީގެ އައްޔާ ވެސް ކުޅެން ފަށައެވެ. ދޮރުތައް ލެއްޕި ހުޅުވެން ފަށައެވެ. އެހެނަސް އެއީ، އިފުރީތުންގެ ތެރެއިން ވެސް އެންމެ ވަރުގަދަ މަޚުލޫގުންނަށް އެކަނި ކުރެވޭ ކަމެކެވެ.

"އެއީ ކީއްވެ؟" އަނިލް އެހިއެވެ. "މިޔޮއް ހަދަނީނު! ކަލޭ ހީކުރަނީ ކަލެއަށް އެކަނި ކަމަށްތަ ކަންކަން ކުރެވޭނީ؟ ކަލޭމެން ނުޖެހޭ އަހަރުމެންނަށް ގޯނާކުރާކަށް. ތި ފާޑަށް އަހަރުމެންނަށް ޖެއްސުންކުރަންޏާ އަހަރުމެން ވެސް ބާރުގެ ބޭނުންކުރާނަން." "ތީ ހަމަ ކަލޭމެންގެ ވައްތަރު،" ޝަކުވާގެ ރާގަކަށް ހަނާ ބުނެލިއެވެ. "ނައީމު ވެސް ހަމަ ތިހެން ހަދަނީ."

އަނިލް ބޭނުންވި މައުލޫމާތު ލިބެން ފެށީ އެ ހިސާބުންނެވެ. ހަނާއަށް ހެދި ސިހުރާއި، ސިހުރު ވަޅުލި ތަނަކާއި، އެއާ ހަވާލުވީ ކާކުކަން ހޯދަން އަނިލް ހުރީ ކެތްތެރިކަން ކުޑަވެފައެވެ. އެކަމަކު ކުރިއެރުން ލިބެމުންދިޔައީ މަޑުމަޑުންނެވެ.

"ކާކާ ނައީމު ސިހުރު ހަވާލުކުރީ؟" އަނިލް ސުވާލުކުރިއެވެ. "ކަލޭ މަންމަޔާ؟ ބުނޭ ހަމަ މިހާރު."

"ނުބުނާނަން!" ހަނާގެ އަޑު ބޭނުންކޮށްގެން ޖިންނި އިންކާރުކުރިއެވެ.

"ކަލޭ އަމިއްލައަށްތަ ހަވާލުވެގެން ތި އުޅެނީ؟" އަނިލް އެހިއެވެ.

"ނުބުނާނަމޭ!" ހަނާ ހަޅޭއްލަވައިގަތެވެ. "މި ބުނީނު ނުބުނާނަމޭ!"

އަނިލް ދުލެއްނުކުރެއެވެ. ވާހަކަދެއްކި ރާގު އިތުރަށް ހަރުކަށިކުރިއެވެ. ޖަވާބު އަވަސްކުރިއެވެ. އަނިލް ކިރިޔާ ވެސް ބަލި ގަބޫލުކުރާހެން ހީވެއްޖެއްޔާ ޖިންނިސައިތާނާގެ ބޮޑާކަން އިންތިހާއަށް އިތުރުވާނެކަން އަނިލްއަށް އެނގެއެވެ. ތިލަފަތުގެ އެއްކޮޅުގައި ޖިންނީގެ ބާރު އޮތްއިރު އަނެއް ކޮޅުގައި އޮތީ އަނިލްގެ ތަޖުރިބާއާއި ޖެހިލުންކުޑަކަމެވެ.

"ކަލޭ ނުބުންޏަސް އަހަންނަށް އެނގޭ އާއިލާ މީހުން އެއްކޮށް ގެނެސްގެންކަން ތި އުޅެނީ،" އަނިލްގެ ރާގުގައި ވަނީ ޔަގީންކަމެވެ. "އެހެންވެ ތި ވަރަށް ކަލޭ ތި ފުއްޕަނީ."

"އާނއެކޭ!" ހަނާ އެއްބަސްވިއެވެ. "އަހަރުމެންނަކީ އެއްކޮށްއުޅޭ ބަޔެކޭ! ދާ ތާކަށް ދާނީ އެއްކޮށް."

"މަށަށް އެނގެޔޭ ތިކަން،" އަނިލް އެހެން ބުނެލިއިރު ހީވަނީ އަނިލްއަށް ފެނިގެން ބުނިހެންނެވެ. "ދެން އަހަރެން ހަދާނެ ގޮތް އެނގޭތަ؟ ކަލެޔަކަށް އެއްވެސް އަނިޔާއެއް ނުކުރާނަން. އާއިލާއަށް އަނިޔާކުރާނީ. ކަލޭ ހުރޭ ބަލަން."

"އޭ! އެހެން ނަހަދައްޗޭ!" އާދޭހުގެ ރާގެއްގައި ހަނާ ބުންޏެވެ.

ލިބުނު ދަނޑިވަޅުގެ ބޭނުން އަނިލް ހިފިއެވެ. ތަނުގެ އެތެރޭގައި ތިބިއްޔާ ތިބި ހުރިހާ ޖިންނީން ހައްޔަރުކޮށްލިއެވެ. ޤުރުއާނާއި ދުއާގެ ބާރުގައެވެ.

"ތީ ކަލޭގެ ފެންވަރަކީ. ދެން ކީއްކުރަން ތި ގަދަފައި ވިއްދަނީ؟" އަނިލް އެހިއެވެ. "ބަލަ ދެންމެއެއްނު ބުނީ އާއިލާގެ މީހުންނަކަށް އެއްވެސް ކަމެއް ނުވާނޭ. ނުވެސް ގެނެވޭނޭ. ހީވޭ ކަމެއްހެން؟ ކޮން ބާރެއް ހުރެގެން ތި އުޅެނީ؟ އޭނ؟"

"އެއްބަސް އެއްބަސް!" އެތައް ފަހަރަކު ހަނާ އެހެން ބުންޏެވެ. "ކަލެއަކީ މޮޅު މީހެއް. ކަލެއަށް ހުރިހާ ކަމެއް ވެސް ކުރެވޭނެ."

"މީ އަހަރެންގެ މޮޅުކަމެއް ނޫން،" އަނިލް ގަބޫލެއް ނުކުރިއެވެ. "އަހަންނަކަށް ހުރިހާ ކަމެއް ނުވެސް ކުރެވޭނެ. ހުރިހާ ކަމެއް ކުރެވޭނީ ކަލެޔާ އަހަރެން ވެސް ހެއްދެވި ފަރާތަށް. އެ ފަރާތުން ކަލޭމެންނަށް ބާރުތަކެއް ދެއްވާފަ އަހަރުމެންނަށް ވެސް ބާރުތަކެއް ދެއްވީ. ކަލޭ ތި އުޅެނީ އޭގެ ބޭނުން ނަހަމަ ގޮތުގަ ހިފައިގެން. އަހަރުމެންނަށް ކަލޭމެން ނުފެންނަކަން އެކަނި. އަޅެ ބުނެބަލަ! އާއިލާގެ އެންމެން ބަނދެވިފަ ދޯ ތިބީ؟"

ހަނާ އެއްޗެއް ބުނަން އުޅެފައި ހުއްޓައިލިއެވެ. ހީވަނީ ހުއްޓުވީހެންނެވެ. ދެން ވާހަކަދެއްކީ އިރުކޮޅެއް ފަހުންނެވެ.

"ނުބުނާނަން!" ހަނާ ޖަވާބުދިނެވެ.

"ކަލޭ ނުބުންޏަސް އަހަންނަށް އެނގޭ!" އަނިލް އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދެއެވެ.

ހަނާ އިރުކޮޅަކަށް ހަމަހިމޭންވިއެވެ. ވީ ގޮތް އަނިލްއަށް ވިސްނެއެވެ. ތަނުގެ އެތެރޭގައި ތިބި އެހެން ޖިންނީންނާ ދެމެދު ކޮންމެވެސް މަޝްވަރާއެއް ކުރެވުނީއެވެ.

"ކިހިނެއް ކަލެއަށް އެނގެނީ؟" ޖެހިލުންކުޑަ ރާގަކަށް ހަނާ ބުންޏެވެ. "ދެންމެއެއްނު ތި ބުނީ ކަލެއަކަށް ނުފެނެޔޭ. ނުފެންނާނެ ކަލެޔަކަށް."

"އެ ކަމާ ހާދަ ބޮޑައެކޭ ތިވަނީ!" އަނިލް ރުޅިއައިސްފައި ބުންޏެވެ. "ބަލަ ﷲ އަހަރުމެންނަށް އިލްމު ދެއްވިކަމެއް ކަލެޔަކަށް ނޭނގޭތަ؟ ކަލެޔަކަށް ނޭނގޭތަ އޭގެ ބާރުގަ ކަލޭ އަންދާ އަޅިޔަށް ހަދާލެވިދާނެކަމެއް. ހިރަފުސްކޮޅެއްހެން ވައިތެރެއަށް ބުރުވާލެވިދާނެކަމެއް."

ކުރީ ފަހަރަށް ވުރެ ގިނަ ވަގުތު ހަނާ އެއްޗެއް ނުބުނެ އޮތެވެ. ލޯމަރައިގެން އޮވެ ހަނާ އެކި ކޮޅުކޮޅަށް އެނބުރުނެވެ.

"އޭ! އިލްމުގެ ބޭނުން ކަލޭ ނަހަމަ ގޮތުގަ ހިފައިގެން ނުވާނެ!" ޝަކުވާގެ ރާގެއްގައި ހަނާ ބުންޏެވެ. "ކަލޭ ތީ ހާދަ ނުބައި މީހެކޭ ދޯ!"

"ކަލޭ ވަރަށް ރަނގަޅު؟" އަނިލް ސުވާލުކުރިއެވެ.

"ތި އުޅެނީ އަހަރުމެންނަށް އަނިޔާކުރާކަށްނު! ބަލަ އަހަރެން އޭނަޔަކަށް އެއްވެސް އަނިޔާއެއް ނުކުރަމޭ!" ހަނާ ދެން ވެސް ކުރީ ޝަކުވާއެވެ. "އަހާބަލަ އޭނަ ކައިރީގަ އަނިޔާކުރިތޯ! ހުސް ރަނގަޅު ނަސޭހަތްދިނީ. ބާރު ހުއްޓަކަސް ކަލޭ ނުޖެހޭނެ އޭގެ ބޭނުންކުރާކަށް."

އަނިލް ގާތަށް ކުޑަކޮށް ހިނިއައެވެ. އެހެންނަމަވެސް ކެތްކޮށްލައިގެން އިނީއެވެ. ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި ސުލްހައިގައި އެއްބަސްވުމަކަށް އަންނަން އަބަދުވެސް އަނިލް އިސްކަންދެޔެވެ.

"އަޖައިބެއް ކަހަލަ ކަމެއްނު!" ޗޮކެއްކަނޑައިފައި އަނިލް ބުންޏެވެ. "ކަލޭ ދޭބަލަ ކަލޭގެ އާއިލާޔާ ރައްޓެހިންނަށް ނަސޭހަތްދޭން. ކިހާ ވަރުގަދަ ކަމެއް. ރޮނގު ހުރަސްކޮށް ކީއްކުރަންތަ އިންސާނުންގެ ފަޅިޔަށް އައިސްގެން ތިއުޅެނީ. ތިއޭ މައްސަލައަކީ. އަހަރުމެން ދަންތަ ކަލޭމެންނަށް ނަސޭހަތްދޭން؟ އެ ބަޔަކަށް ކަނޑައަޅާފަ އޮންނަ ތަނެއްގަ އެ ބަޔަކު އުޅުނީމަ ނިމުނީނު. ކޮން ނަސޭހަތެއްތަ ނުދެވިގެން ކަލޭ ތިއުޅެނީ؟"

"ނަމާދުކުރާށޭ، ޤުރުއާން ކިޔަވާށޭ، ފަޔަށް އިސްޓާކީނު ލައްވާށޭ. ހުސް ރަނގަޅު ނަސޭހަތް،" ހަނާ ކިޔައިދޭން ފެށިއެވެ. "އިސްރާފު ނުކުރާށޭ، ބުރުގާނާޅާ ހިލޭ ފިރިހެނުން ކުރިމައްޗަށް ނުނިކުންނާށޭ."

"ދެން އެ ހިސާބުން ކަލޭ ރަނގަޅުވީ؟" އަނިލް ސުވާލުކުރިއެވެ.

"އެހެންޏަ!" ހަނާ ބުންޏެވެ. "އެއީ މުޅީން ވެސް ރަނގަޅު ނަސޭހަތެއް ނޫންތަ؟"

އަނިލް އަކަށް އެ ކަމަކާ އިންކާރުކުރެވޭކަށް ނެތެވެ. އެހެންނަމަވެސް އެ ކަމަށް ހިތްވަރުދެވޭކަށް ވެސް ނެތްމެއެވެ.

"ތި ވާހަކަ ރަނގަޅޭ،" އަނިލް އެއްބަސްވިއެވެ. "އެކަމަކު އެހެނެކޭ ކިޔާފަ ކަލޭ ތި ކުރާ ކަންތައް ގަބޫލުކުރެވޭނީ ކިހިނެއް؟"

"އޭ! ވަކި ހާލަތްތަކެއްގަ އަހަރުމެންނަށް މިހެން އުޅެވޭނެ! ނަސޭހަތް ވެސް ދެވޭނެ!" ހަނާ މަސައްކަތްކުރީ ބަހަނާއެއް ހޯދާށެވެ. "ދައުވަތުދިނުމަކީ އިސްލާމްދީނުގަ އޮންނަ ކަމެއްނު!"

"އަހަންނަށް މިހާރު އެހެން ކަމެއް އެނގިއްޖެ!" ވިސްނައިލައިފައި އަނިލް ބުންޏެވެ. "ކަލޭ މި ނޫން އެހެން ވަރަށް ގިނަ ތަންތަނަށް ގޮއްސަ ތިހިރީ. ކަލޭ މި ކަމަކަށް އަލެއް ނޫން. އިސްލާމީ އެހެން ގައުމުތަކާ، ރާއްޖޭގެ ވެސް ސިހުރުގެ ކަންތައްގަނޑުގެ ތެރެއަށް ނިކަން ރަނގަޅަށް ކަލޭ ވަދެފަ ތިހިރީ. ރާއްޖެއިން ކޮންބައެއް އެންމެ ގިނައިން ސިހުރުހަދަނީ؟"

ނުނިމޭ