އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟

ދިވެހި ސިނަމާގައި އެންމެ ހިނގާ އެއް ޖޯންރާ އަކީ ލޯބީގެ ބިރުވެރި ފިލްމުތަކެވެ. އެހެންވެ ފިލްމު ހަދާ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އެންމެ އަތްމަތީ ޖޯންރާ އަކީ މިއީ އެވެ. ސަބަބަކީ ފަސޭހަ އިން ހަރަދު ފޫބެއްދުމެވެ.


ރާއްޖޭގައި މިހާތަނަށް ވަރަށް ގިނަ ބިރުވެރި ފިލްމުތަކެއް ހަދައިފި އެވެ. މީގެ ތެރެއިން ބައެއް ފިލްމުތަކަކީ އަދިވެސް ބެލުންތެރިންގެ ސިކުނޑީގައި ހަރުލާފައި ހުރި ފިލްމުތަކެވެ. އަދި ބިރުވެރި ފިލްމުތަކޭ ކިޔާފައި ބެލުންތެރިންނަށް ޖޯކަށްވާ ކަހަލަ ބިރުވެރި ބައެއް ފިލްމުތައް ވެސް ފެނިފައި އެބަހުއްޓެވެ.

އެހެންވެ މިއީ މިހާތަނަށް ބެލުންތެރިންނަށް އެންމެ ކަމުދިޔަ ކަމަށް ބެލެވުނު ބިރުވެރި ފަސް ފިލްމެވެ.

ފަހަރުގައި މި ލިސްޓާ އެންމެންނަކަށް އެއްބަހެއް ނުވެވިދާނެ އެވެ. ލިސްޓް މިއޮތީ ތަރުތީބަކުންނެއް ވެސް ނޫނެވެ.

* ފަތިސްހަނދުވަރު

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު "ހަވީރު" ނޫހުގައި ޝާއިއުކޮށްގެން ވާހަކަ އަށް ލިބުނު މަގުބޫލުކަމާ އެކު "ފަތިސްހަނދުވަރު" އަކީ 1997 ގައި ސިނަމާ އަށް އައި ފިލްމެކެވެ.

ކުރީގެ ޑައިރެކްޓަރު އީސާ ޝަރީފު ހެދި މި ފިލްމަކީ ރާއްޖޭގެ ބިރުވެރި ފިލްމުތަކަށް އިންގިލާބެއް ގެނައި، އެ ޖޯންރާގެ ފިލްމުތަކުގެ މަގުބޫލުކަން އެންމެ ބޮޑަށް ގެނެސްދިން ފިލްމެވެ. ފިރިހެން ޖިންނިއަކާއި ޒުވާން އަންހެނަކާ ދެމެދު ހިނގާ ލޯބީގެ ގުޅުންތަކެއްގެ ސަބަބުން ކުރިމަތިވާ ކަންތައްގަނޑެއް ދައްކުވައިދޭ "ފަތިސްހަނދުވަރު" އަކީ އެތައް ގޮތަކުން ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.

އޭގެ ތެރޭގައި ފިލްމުގެ ވާހަކަ އާއި ޑައިލޮގްތަކާއި ޓެކްލޮނޮޖީގެ މާ ބޮޑު އުކުޅުތަކެއް ނެތް ޒަމާނެއްގައި ފިލްމު ގެނެސްދީފައި އޮތް ފެންވަރާއި ތަރިންގެ އެކްޓިން އެވެ. "ފަތިސްހަނދުވަރު" ގެ ލީޑް ރޯލް ކުޅުނީ ރީކޯ މޫސާ މަނިކާއި ނިއުމާ މުހައްމަދެވެ.

މި ފިލްމަކީ ހަމަ ޔަގީނުން ވެސް ގިނަ ބެލުންތެރިން އަދިވެސް އެންމެ ހަނދާން ހުންނާނެ ބިރުވެރި އެއް ފިލްމެވެ. މިހާރު "ފަތިސްހަނދުވަރު" ބަލައިލަން ބޭނުން ނަމަ ބައިސްކޯފް އެޕަށް ވަދެލާށެވެ.

އަސްލަމް ރަޝީދުގެ ސްލޭމް ސްޓޫޑިއޯ އިން ގެނެސްދިން ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު، އަހަރުތަކެއް ފަހުން 2013 ގައި "ފަތިސްހަނދުވަރުގެ ފެށުން 3ޑީ" ގެ ނަމުގައި ޑާކް ރެއިން އެންޓަޓައިންމަންޓުން ފިލްމެއް ގެނެސް ދީފައިވެ އެވެ. އެކަމަކު ހަމަ ބިންމާގެ ވާހަކައަކަށް ގެނެސްދިން އެ ފިލްމަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ. "ފަތިސްހަނދުވަރުގެ ފެށުން" އަކީ "ފަތިސްހަނދުވަރުގެ" ޕްރިކްއެލްއެކެވެ.

* ޒަލްޒަލާ

އަހުމަދު ނިމާލު 2000 ވަނަ އަހަރު ގެނެސްދިން "ޒަލްޒަލާ" އަކީ ބިރުވެރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.

ސްލޭމް ސްޓޫޑިއޯގެ ތައްގަނޑުގައި ގެނެސްދިން ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އައިޝަތު ޝިރާނީ އާއި ނިއުމާ މުހައްމަދާއި އިބްރާހިމް ވިސާން (ކަނޑި) އާއި އަލީ ޝަމީލެވެ. "ޒަލްޒަލާ" ގައި ކިޔައި ދެނީ ނަފުސާނީ މައްސަލަތަކެއް ހުރި ކަމަށް ބެލެވުނު ފިރިހެނަކަށް ޖިންނި އަވަލާފައި ހުރިކަން އެނގުމުން ދިމާވާ ހާދިސާތަކަތެކެވެ.

މި ފިލްމު ކާމިޔާބީ އަށް ފަހު ނިމާލް ވަނީ މުޅިން ތަފާތު ކާސްޓަކާ އެކު 2010 ގައި "ޒަލްޒަލާ އެނބުރި އައުން" ގެ ނަމުގައި ވެސް ފިލްމެއް ގެނެސްދީފަ އެވެ. އެކަމަކު ދެވަނަ ބަޔަކީ އެހާ ހިނގި ފިލްމެއް ނޫނެވެ.

މި ދެ ފިލްމު ވެސް އެބައޮތެވެ.

* ސަނދުރަވިރޭ

"ސަނދުރަވިރޭ" އަކީ ބިރުވެރި ވާހަކަތައް ލިޔެގެން ކިޔުންތެރިންގެ މަގުބޫލުކަން ހޯދި މޫސާ ސާއިދުގެ ވާހަކައަކަށް އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރި ފިލްމެކެވެ.

ޑޭޝް ސްޓޫޑިއޯ އިން 2002 ގައި ގެނެސްދިން ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް ނިޝާ އެވެ. "ސަނދުރަވިރޭ" އަކީ ދިވެހި ސިނަމާގައި އެންމެ ހިނގި ބިރުވެރު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.

މީގެ ކާމިޔާބީ އަށް ފަހު 2004 ގައި "ސަނދުރަވިރޭ 2" ވެސް ގެނެސްދިނެވެ. އެކަމަކު އެ ފިލްމަކީ ކުރީ ފިލްމަށް ލިބުނު ވަރުގެ ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ.

* އުދަބާނި

ދެހާސް ނުވައެއްގައި ގެނެސްދިން "އުދަބާނި" އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. ހާމިދު އަލީ ޕްރޮޑިއުސްކޮށް، އަމްޖޭ ޑައިރެކްޓްކުރި މި ފިލްމަކީ ރާއްޖޭގެ ހުރިހާ ރަށަކަށްހެން ޕްރޮޑިއުސަރު ދަތުރުކޮށްގެން ދެއްކި ފިލްމެކެވެ.

"އުދަބާނި" އަކީ ހަމަ އެ ނަމުގައި ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ގެނެސްދިން ވާހަކައަކަށް ހެދި ފިލްމެކެވެ.

މީގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ޔޫއްޕެ އާއި ކުރީގެ ބަތަލާ އާމިރާ އިސްމާއީލްގެ އިތުރުން ހާމިދެވެ.

* 4426

ދެހާސް ސޯޅައިގައި ގެނެސްދިން "4426" އަކީ އާންމުކޮށް ލޯބީގެ އަސަރު ގަދަ މެލޮޑްރާމާތައް ގެނެސްދީގެން މަގުބޫލުކަން ހޯދި ފާތުމަތު ނަހުލާ ގެނެސްދިން ފުރަތަމަ ބިރުވެރި ފިލްމެވެ.

އާންމުކޮށް ދިވެހި ސިނަމާ އިން ފެންނަ ބިރުވެރި ފިލްމުތަކާ މުޅިން ތަފާތުކޮށް ގެނެސްދިން މި ފިލްމަކީ މި ފަހުން ސިނަމާތަކަށް އައި ބިރުވެރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ ތަރުހީބު އެންމެ ބޮޑަށް ލިބުނު ފިލްމެވެ.

ނަހުލާ އާއި މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ޝިނާން ގުޅިގެން ގެނެސްދިން "4426" އަކީ ފަޅު ގެއެއްގެ ތެރޭގައި ތާށިވާ ބަޔަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭ ފިލްމެވެ.

ބޮޑު ކާސްޓެއް ވެސް ހިމެނުނު ފިލްމުގައި ޔޫއްޕެ، މަރިޔަމް އައްޒަ، ޝީލާ ނަޖީބު، އިބްރާހީމް ޖިހާދު (ޖިމީ)، މުހައްމަދު ފައިސަލް އަދި ޖުމައްޔިލް ނިމާލު (ޖުމަލް) ފަދަ އެކްޓަރުންގެ މޮޅު އެކްޓިންއެއް ފެނިގެން ގޮސްފައިވެ އެވެ.

މި ފިލްމުތަކުގެ އިތުރަށް ދިވެހި ސިނަމާ އަށް އައި ފާހަގަކޮށްލެވޭ އިތުރު ބިރުވެރި ފިލްމުތަކުގެ ތެރޭގައި "ދައުވަތު"، "ދޮންކަމަނަ"، "ހަނދުކޭތަ"، "14 ވިލޭރޭ"، "ޖިންނި"، "އޭނާ" އަދި "އަރާމަގު ދޮންކަމަނަ" ހިމެނެ އެވެ.

ސިނަމާ އަށް އަންނަން ހުރި ބިރުވެރި ފިލްމުތަކުގެ ތެރޭގައި ޑާކް ރެއިންގެ "ބަޅިނދު" އާއި ނިއުމާ މުހައްމަދުގެ "ކަޅަކި" ހިމެނެ އެވެ.