ޕާކިސްތާނުގެ ފަންނާނުންނާ އެކު މަސައްކަތް ނުކުރަން އިންޑިއާގެ ފަންނާނުންނަށް އިންޒާރެއް

ޕާކިސްތާންގެ އެއްވެސް ފަންނާނަކާ އެކު އިންޑިއާގެ ފަންނާނުން މަސައްކަތްކޮށްގެން ނުވާނެ ކަމަށާއި އެކަން އެގޮތަށް ކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) އިން ދީފި އެވެ.


އެތަނުން ނެރުނު ސާކިއުލާއެއެއްގައި މިގޮތަށް އިންޒާރު ދިނީ މީގެ ކުރިން ވެސް އިންޑިއާގެ އެތައް ފިލްމަކަށް ލަވަކިޔައި ދީފައިވާ ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިތާ ރާހަތު ފަތޭހް އަލީ ޚާނާ އެކު އިންޑިއާގެ މިއުޒިޝަނުންތަކެއް މަސައްކަތްކުރާ ކަމަށް ބުނެ މީޑިއާތަކުގައި ފެތުރު ވާހަކަތަކަކާ ގުޅިގެންގެންނެވެ.

އެފްޑަބްލިއުއައިސީއީގެ ސާކިއުލާގައި ބުނީ ޕާކިސްތާނުގެ އެއްވެސް ފަންނާނަކާއި ޓެކްނީޝަނަކާ އެކު މަސައްކަތްކޮށްގެން ނުވާނެކަން އެ ފެޑެރޭޝަންގެ ހުރިހާ މެމްބަރުންނަށް ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާ އިންޑިއާގެ ފަންނާނުންތަކެއް ހިލާފުވަމުންދާކަން ފާހަގަކުރެވެމުންދާ ކަމަށާއި އެކަން އެގޮތަށް ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުގައި މުޅި ދުނިޔެ ކޮރޯނާވައިރަހާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ އިރު، އަވަށްޓެރި ޕާކިސްތާނުގެ މައިގަނޑު މަސައްކަތަކީ އަދިވެސް ދެ ގައުމުގެ ގުޅޭ ބޯޑަރު ގުޅޭ ސަރަހައްދުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިންނަށް ހަމަލާދީ، މެރުން ކަމަށެވެ.

"އެހެންވީމާ މިފަދަ އަމަލުތަކެއް ހިންގަމުންދާ ގައުމެއްގެ ބަޔަކާ އެކު އިންޑިއާގެ އެއްވެސް ބަޔަކު އެއްވެސް މަސައްކަތެއްކޮށްގެން ނުވާނެ." ސާކިއުލާގައި ބުންޏެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން މި ފަހުން އެންމެ ބޮޑަށް ގޯސްވީ ޕާކިސްތާނަށް ނިސްބަތްވާ ޓެރަރިސްޓް ޖަމާއަތަކުން 2016 ގައި ކަޝްމީރުގެ އިންޑިއާވީ ފަޅީގެ އުރީ އަށް ހަމަލާދީ އިންޑިއާގެ ސިފައިންތަކެއް މަރައިލުމާ ގުޅިގެންނެވެ. އެ ހާދިސާގައި އިންޑިއާގެ 19 އޮފިސަރަކު މަރުވެފައިވެ އެވެ.

އުރީ އަށް ދިން ހަމަލާ އަށް ބިނާކޮށް 2018 ގައި ވަނީ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ނަމުގައި ވަރަށް ކާމިޔާބު ފިލްމެއް ވެސް ގެނެސްދީފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވާ ކޮންމެ ފަހަރަކު އެންމެ ބޮޑު އަސަރެއްކުރަނީ އެންޓަޓައިންމަންޓް އިންޑަސްޓްރީއަށެވެ.