"ސޫރިޔާވަންޝީ" އާއި "83" ސްޓްރީމިން އަށް ދޫކޮށެއް ނުލާނެ

ކޮރޯނާވައިރަހާ ހެދި ރިލީޒްކުރުން ފަސްކުރި، މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އާއި ރަންވީރު ސިންގްގެ "83" ސްޓްރީމިން ޕްލެޓްފޯމަކަށް ދޫކޮށްލަން އުޅޭ ވާހަކަ އެ ދެ ފިލްމުގެ ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ ރިލައިންސް އެންޓަޓައިންމަންޓުން ދޮގުކޮށްފި އެވެ.


އެ ކުންފުނީގެ ސީއީއޯ ސީއީއޯ ޝިބާޝިޝް ސަރްކާރު މުމްބާއީ މިރާ އަށް ދިން އިންޓަވިއެއްގައި ވަނީ އެއިން އެއްވެސް ފިލްމެއް ޑިޖިޓަލްކޮށް ރިލީޒްކުރުމުގެ ވިސްނުމެއް އަދި އެކަހަލަ މަޝްވަރާތަކެއް ވެސް އެއްވެސް އިރެއްގައި ހިނގާފައި ނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ ސްޓްރީމިން ޕްލެޓްފޯމަކަށް ފިލްމުތައް ދޫކޮށްލަން އުޅޭ ކަމަށް ބައެެއް މީޑިއާތަކުން ފަތުރާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުންޏެވެ.

"އެ ދެ ފިލްމަކީ ވެސް ސިނަމާތަކުގައި ބެލުންތެރިން ތަޖުރިބާކުރަން ޖެހޭ ވަރުގެ ވަރުގަދަ ދެ ފިލްމު. އެހެންވީމަ ޑިޖިޓަލްކޮށް ފިލްމުތައް ރިލީޒްކުރުމާ ދޭތެރޭ އެއްވެސް ސުވާލެއް ނެތް." އޭނާ ބުންޏެވެ.

ޝިބާޝިޝް ބުނިގޮތުގައި ކޮރޯނާވައިރަހާ ހެދި އިންޑިއާގެ ހުރިހާ ސިނަމާތަކެއް ބަންދުކުރެވި، ފިލްމީ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި އޮތަސް، އާންމު ހާލަތަށް ރުޖޫއަވުމާ އެކު އެންމެ އަވަހަށް ސިނަމާތަކަށް އަންނާނެ ފިލްމުތަކުގެ ތެރޭގައި "ސޫރިޔާވަންޝީ" އާއި "83" ހިމެނެ އެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކޮށް، ކެޓްރީނާ ކައިފް ބަތަލާގެ ރޯލް ކުޅެފައިވާ "ސޫރިޔާވަންޝީ" އަކީ ކުރިން މިދިޔަ މަހުގެ 24 ގައި ރިލީޒްކުރަން އޮތް ފިލްމެކެވެ. އަދި ކަބީރު ޚާން ޑައިރެކްޓްކޮށް، ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލް ކުޅެފައިވާ "83" އަކީ މި މަހުގެ 10 އަށް ތާވަލުކުރި ފިލްމެކެވެ.

ކޮރޯނާވައިރަހާ ހެދި ދެ ފިލްމު ވެސް ފަސްކޮށްފައި ވަނީ ފަހުން ތާރީހުތަކެއް އިއުލާންކުރާ ގޮތަށެވެ.

ޝިބާޝިޝް ބުނީ ވައިރަހުން ސަލާމަތްވެ، އާންމު ހާލަތަކަށް އަންނާނެ އިރެއް ނޭނގޭތީ، ދެ ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހުތަކެއް ބުނަން މި ވަގުތު ވަރަށް ދަތި ކަމަށެވެ.

"އެކަމަކު އާންމު ހާލަތަކަށް ރުޖޫއަވީހާ އަވަހަކަށް އެންމެ ކުރިން ސިނަމާތަކަށް އަންނާނެ ފިލްމުތަކުގެ ތެރޭގައި މި ދެ ފިލްމު ހިމެނޭ." އޭނާ ބުންޏެވެ.

ޝިބާޝިޝް ބުނިގޮތުގައި ދެ ފިލްމު ވެސް ފަސްކުރަން ޖެހުމުން ޕޮލިޝްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ.

"ސޫރިޔާވަންޝީ" އަކީ ރޯހިތުގެ ކޮޕް ޔުނިވާސް އަށް އިތުރުވާ ތިން ވަނަ ކެރެކްޓާ ސޫރިއާގެ ވާހަކަ ކިޔައިދޭ އެކްޝަން ފިލްމެކެވެ.

"83" އަކީ 1983 ގެ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ އިން ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ކުޅިވަރު ފިލްމެކެވެ.