މުނިފޫހިފިލުވުން / މިއުޒިކް

ޑްރަމަށް ހާއްސަ ފައިޒަން، ލަވަކިޔަން ތައްޔާރު

ފައިޒަން: މިއުޒިކް ދާއިރާ އިން ދެވެން އޮތް އެންމެ މައްޗަކަށް ދާން ބޭނުންވޭ. ފޮޓޯ: ފޭސްބުކް ޕޭޖް

ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ވަރަށް ފަންނުވެރި، ހުނަރުވެރި ޒުވާނުން އެބަ ތިއްބެވެ. މިފަދަ ޒުވާނުންގެ ވާހަކަ ކޮންމެހެން ވެސް ދައްކަން ޖެހެ އެވެ. އެފަދަ ޒުވާނުންނަށް ކުރިއަށް ދެވޭނެ މަގު ވެސް ފަހިކޮށްދޭން ޖެހެ އެވެ.

ވަރަށް ކުޑައިރުއްސުރެ މިއުޒިކަށް އުފެދުނު ލޯތްބާ އެކު އަހުމަދު ފައިޒަންއަކީ މިހާރު ރާއްޖޭގައި ތިބި ކުޅަދާނެ ޑްރަމަރުންގެ ތެރެއިން ފާހަގަކޮށްލެވޭ އެކެކެވެ. ކޮންމެ ބޭންޑަކާ އެކު ނުވަތަ ކޮންމެ ގްރޫޕަކާ އެކު މިއުޒިކް ކުޅުނަސް ފައިޒަންގެ ހާއްސަ ކަމަކީ ޑްރަމް ޖެހުމެވެ.

"މިއުޒިކް ދާއިރާއަކީ ވެސް އަސްލު ޒުވާނުން ކުރިއަށް ދާން ވަރަށް ރަނގަޅު ދާއިރާއެއް. ބައެއް ޕޭރަންޓުން އެ މީހުންގެ ދަރިން މިފަދަ ދާއިރާތަކުން ކުރިއަށް ދާން ބޭނުން ނުވަނީ ހީވެފައި އޮންނަ މިސްއަންޑަސްޓޭޑިންއަކާ ހެދިހެން ހީވަނީ،" މިއުޒިކްގެ ދާއިރާ އިން ކުރިއަށްދާ އާއިލާގެ ފަރާތުން އަބަދު ވެސް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށް ބުނާ ފައިޒަން ބުންޏެވެ. "އެކަމަކު ރަނގަޅު ގޮތުގައި ކޮށްފިއްޔާ މިއީ ވެސް ހަމަ ކެރިއާއެއްގެ ގޮތުގައި ކުރެވިދާނެ ކަމެއް."

ފައިޒަން ހޭންޑް ޑްރަމާ އެކު: މި އިންސްޓްރޫމަންޓް ރާއްޖެ އަށް ތައާރަފު ކުރީ އޭނަ. ފޮޓޯ: ފޭސްބުކް

ރާއްޖެ އަށް މުޅިން އާ އިންސްޓްރޫމަންޓެއް ވެސް ތައާރަފުކޮށް، އޭގެ އަޑުތަކާ އެކު އޭނާ މިހާރު އަންނަނީ މިއުޒިކްގެ އަޑުތައް އިތުރަށް ފުރިހަމަކޮށް، ފުޅާކުރެވޭތޯ ވެސް މަސައްކަތް ކުރަމުންނެވެ.

އެއީ ހޭންޑް ޑްރަމް އެވެ. ބަލާލެލުމަށް "އައްޑަނަޔަކާ" ވައްތަރުކޮށް އޮންނަ މި އިންސްޓްރޫމަންޓަކީ ރާއްޖޭން ބޭރުގައި މިއުޒިކް ކުޅޭ މީހުން ވެސް އޭގެ ބޭނުން މިހާރު ވަރަށް ބޮޑަށް ހިފަން މަސައްކަތް ކުރަމުން އަންނަ އެއްޗެކެވެ.

"ވަރަށް ތަފާތު އެކަމަކު އެ ކުޅޭނެ އުކުޅުތައް ދަސްކޮށްގެން ކުޅެން ފަސޭހަ އިންސްޓްރޫމަންޓެއް ހޭންޑް ޑްރަމްއަކީ،" އޯޑަރު ކުރިތާ ހައެއްކަ މަސްތެރޭގައި ލިބުނު ހޭންޑް ޑްރަމާ ބެހޭ ގޮތުން ފައިޒަން ބުންޏެވެ.

"އަހަންނަކީ ވަކި ބޭންޑަކަށް ހާއްސަ މީހެއް ނޫން. ވަރަށް ގިނަ ފަންނާނުންނާ އެކު ވޯކް ކުރާ މީހެއް،" ފައިޒަން

އޭނާއަކީ ރިސޯޓް މިއުޒިކްގައި އުޅޭ ފަންނާނެކެވެ. ފައިޒަން އަށް ވަކި ހާއްސަ ބޭންޑެއް ނެތެވެ. އެކުގައި އުޅޭ ބައެއް ރައްޓެހިންނާ އެކު ރިސޯޓްތަކުގައި މިއުޒިކް ކުޅުމުގެ އިތުރަށް، މަޝްހޫރު ބައެއް ބޭންޑްތަކާ އެކު ވެސް ފައިޒަން އަންނަނީ ރިސޯޓްތަކުގައި ޝޯ ދެމުންނެވެ.

"އަހަންނަކީ ވަކި ބޭންޑަކަށް ހާއްސަ މީހެއް ނޫން. ވަރަށް ގިނަ ފަންނާނުންނާ އެކު ވޯކް ކުރާ މީހެއް،" އާމްދަނީ ހޯދަން ކުރާ މަސައްކަތާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "މިހާރު ރިސޯޓްތަކުގައި ޝޯ ދިނުމުގެ އިތުރަށް މާލޭގައި ވެސް ބާއްވާ ޝޯތަކުގައި އެބަ ބައިވެރިވަން. ހުންނާނެ ކުރިން ބައެއް އަތޮޅުތަކުގައި ވެސް ޝޯ ދީފައި. އަދިވެސް ވަރަށް ކުރާ ހިތްވާ ކަމެއް އެއީ."

ފައިޒަން ބުނީ އޭނާއަކީ އެއް އިރެއްގައި ވެސް ލަވަ ކިޔަން އެހާ ވަރަށް ސަމާލުކަން ދިން މީހެއް ނޫން ކަމަށެވެ. އެކަމަކު ދޭތެރެ ދޭތެރެ އިން ޝޯތަކުގައި އޭނާގެ އަޑު އިއްވާލަ އެވެ.

"އެންމެ އިންސްޓްރަސްޓް ހުންނަނީ ޑްރަމަށް ކަމަށްވާތީ، އޭގެ ތެރޭގައި މި އުޅެނީ. އެކަމަކު ލަވަ ވެސް ދޭތެރެއަކުން ކިޔާލަން،" 2012 ވަނަ އަހަރުން ފެށިގެން ޕްރޮފެޝަނަލްކޮށް މިއުޒިކް ދާއިރާ އަށް ނިކުތް ޒުވާނާ ބުންޏެވެ.

"އެކަމަކު ކުރިއަށް އޮތް ތަނުގައި ޕްރޮފެޝަނަލްކޮށް ލަވަ ކިޔަނިކޮށް ވެސް ފެނިދާނެ،" ކުޅުފުއްޓަށް ނިސްބަތްވާ މުނިކާފަގެ ފަރާތުން މިއުޒިކް "ވާރުތަވި" ކަމަށް ގަބޫލުކުރާ ފައިޒަން ބުންޏެވެ. "ވަރަށް ބޭނުން މި ދާއިރާ އިން ކުރިއަށް ދާން. މިހާރު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ. ކުރިއަށް އޮތް ތަނުގައި އަލްބަމްތަކާ އެއްޗެހި ވެސް އަންނާނެ. ދެ އަލްބަމަކަށް މިހާރު ވެސް މަސައްކަތްތަކެއް އެބަ ކުރެވޭ."

"ކުރިއަށް އޮތް ތަނުގައި ޕްރޮފެޝަނަލްކޮށް ލަވަ ކިޔަނިކޮށް ވެސް ފެނިދާނެ،" ފައިޒަން

ކެރިއަރުގެ މި ހިސާބަށް އައި އިރު، އޭނާ އަށް ލިބުނު ވަރަށް ހާއްސަ ދެ އުފަލެއް ވެސް އެބަ އޮތެވެ. އެއީ ރާއްޖޭގެ މިއުޒިކް ލެޖެންޑުންގެ ތެރޭގައި ހިމެނޭ ޒީރޯ ޑިގްރީގެ ބައެއް މެމްބަރުންނާ އެކު ވެސް މަސައްކަތްކޮށްލަން ފުރުސަތު ލިބުނެވެ.

ރަސްމީކޮށް ފުރަތަމަ ފައިޒަން މިއުޒިކް ކުޅުނީ ވެސް ޒީރޯ ޑިގްރީގެ މޮހޮޖާ އެކުގަ އެވެ. އޭނާގެ ބޭންޑާ އެކު ދެ އަހަރު ވަންދެން ރިސޯޓް މިއުޒިކްގައި އުޅުނެވެ.

މޯލްޑިވިއަން އައިޑޮލްގެ ފިނާލޭގައި ފައިޒަން (ކ) ހޭންޑް ޑްރަމް ކުޅެނީ. ފޮޓޯ: ޕީއެސްއެމް

އަދި ޒީރޯ ޑިގްރީގެ އަހުމަދު ނާޝިދު (ފްލޫ) ގެ ކުރިއަށް އޮތް އަލްބަމްގެ ލަވައަށް މިއުޒިކް އެޅުމުގެ ފުރުސަތު ވެސް ފައިޒަން އަށް ލިބިފައިވެ އެވެ. އެ ފުރުސަތު އޭނާ ސިފަ ކުރަނީ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ޝަރަފްގެ ގޮތުގަ އެވެ.

"ނާޝިދު ގުޅާފައި ފައިޒަން ލައްވައި އަލްބަމްގެ ލަވައަކަށް މިއުޒިކް އަޅައި ދޭން އެދުނު އެދުމަކީ އެންމެ އުފާވި ދުވަސް. އެކަން އަބަދުވެސް ހަނދާނުގައި ހުންނާނެ،" އަންނަ ޖުލައި މަހުގެ ތެރޭގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އަލްބަމާ ބެހޭ ގޮތުން ފައިޒަން ބުންޏެވެ.

ފައިޒަން ބުނީ ކުރިއަށް ދާން ބަލާ އިރު ރާއްޖޭގައި މިހާރު ފުރުސަތުތައް އެބަ ހުރި ކަމަށެވެ. އެކަމަކު އޭނާ ކަންބޮޑުވާ ކަމެއް ވެސް އެބަ އޮތެވެ. ހާއްސަކޮށް ރިސޯޓް މިއުޒިކަށް ބަރޯސާވެފައިވާތީ، އެއީ ދެކެން ފައިޒަން ފަސޭހަ މަންޒަތެއް ނޫނެވެ.

"ބައެއް ރިސޯޓްތަކުން ބޭރުން އާޓިސްޓުން ގެނެސްގެން ބޭންޑްތައް ހަދައިގެން އިންހައުސްކޮށް ޝޯތައް ދީ އެބަ ހަދާ. މީގެ ސަބަބުން އަސްލު ދިވެހި އާޓިސްޓުންނަށް ލިބޭ ފުރުސަތުތައް އެބަ ހަނިވޭ،" އޭނާ ބުންޏެވެ. "މިކަމަށް އެބަ ޖެހެ ހައްލެއް ހޯދައި ދޭން. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް މިކަން ހައްލުކޮށް ދެވޭނެ ކަމަށް އަހަންނަށް ގަބޫލް ކުރެވެނީ."

ފައިޒަން ބުނީ ރާއްޖޭގެ މިއުޒިކް ބޭންޑްތަކުގެ މުސްތަގުބަލަށް ވިސްނާ އިރު، މިކަމަކީ މި ދާއިރާގައި އުޅޭ އެންމެން އެއް ގަލަކަށް އަރައިގެން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންނަން ޖެހޭ މައްސަލައެއް ކަމަށެވެ.

"އިދާރަކުރެވިއްޔާ އެންމެން ގުޅިގެން މިކަމަށް މަސައްކަތް ފަށާނަން،" އޭނާ ބުންޏެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 9%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454