"އާޝިގީ 3" އާއި "ދިލް ހޭ ކި މާންތާ ނެހީ" ގެ ސީކްއެލް އަށް ތައްޔާރުވަނީ

ޓީ ސީރީޒާއި ބަޓް ކޭމްޕް ގުޅިގެން ގެނެސްދިން ވަރަށް ކާމިޔާބު ދެ ފިލްމެއްގެ އިތުރު ބައިތަކެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ދެ ފިލްމުގެ ތެރެއިން އެއް ފިލްމަކީ މަހޭޝް ބަޓް 1990 ވަނަ އަހަރު ގެނެސްދިން "އާޝިގީ" ގެ ތިން ވަނަ ބައެވެ. އަނެއް ފިލްމަކީ 1991 ގެ "ދިލް ހޭ ކި މާންތާ ނެހީ" ގެ ސީކްއެލް އެވެ. މި ދެ ފިލްމު ގެނެސްދީފައި ވަނީ ޓީ ސީރީޒްގެ ވެރިޔާ އަދި އެ ކުންފުނި މިހާރު ހިންގަމުން އަންނަ ގުލްޝަން ކުމާރުގެ ދަރިފުޅު އިސްކޮށް ހުރެގެން ހިންގާ ޓީ ސީރީޒާއި ބަޓް ކޭމްޕް ގުޅިގެންނެވެ.

ފަނޑުވުމެއް ނެތް އެހާމެ ރީތި ލަވަތަކެއް އާންމުންނަށް ދޫކޮށްލި "އާޝިގީ" ގެ ދެވަނަ ބައި "އާޝިގީ 2" މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސްދިނީ 2013 ގަ އެވެ. ހަމަ އެހާމެ ހިތްގައިމު ލަވަތަކެއް ހިމެނުނު އެ ފިލްމު މޯހިތު ސޫރީ ޑައިރެކްޓްކުރި، ފިލްމުގެ ލީޑް ރޯލް ކުޅުނީ ޝްރަދާ ކަޕޫރާއި އަދިތިޔާ ރޯއި ކަޕޫރެވެ.

"އާޝިގީ 3" ހަދާ ވާހަކަ މީގެ ކުރިން ވެސް ދެކެވިފައިވެ އެވެ. އެގޮތުން ތިން ވަނަ ބައިގެ ބަތަލާ އަކީ ފުރަތަމަ ފިލްމު ޑައިރެކްޓްކުރި މަހޭޝްގެ ހަގު އަންހެން ދަރިފުޅު އާލިއާ ބަޓް ކަމަށާއި އެ ފިލްމުގެ ސްކްރީން ޕްލޭ ލިޔާނީ އާލިއާގެ އެއްބަނޑު އެއްބަފާ ދައްތަ ޝާހީން ބަޓް ކަމަށް މީގެ ދެތިން އަހަރެއް ކުރިން މީޑިއާތަކުން ބުނެފައިވެ އެވެ.

"ދިލް ހޭ ކި މާންތާ ނެހީ" އަކީ ވެސް ސީކްއެލްއެއް ހެދުމުގެ ވާހަކަ ކުރިން ވެސް ދެކެވިފައި އޮތް ފިލްމެކެވެ. އެގޮތުން އެ ފިލްމުގެ ބަތަލާ ޕޫޖާ ބަޓް މީގެ ކުރިން ވަނީ ކޮއްކޮ އާލިއާ އަކީ ސީކްއެލްއަށް ވަރަށް ފިޓްވާނެ ބަތަލާއެއް ކަމަށް ބުނެފަ އެވެ.

"ދިލް ހޭ ކީ މާންތާ ނެހީ" އަކީ މަހޭޝް ޑައިރެކްޓްކޮށް، ޕޫޖާ އާއި އާމިރު ޚާން ކުޅުނު ފިލްމެކެވެ. އަދި އެ ފިލްމަކީ ވެސް ވަރަށް ރީތި ލަވަތަކެއް ހިމެނުނު ފިލްމެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "އާޝިގީ 3" އާއި "ދިލް ހޭ ކި މާންތާ ނެހީ" ގެ ސީކްއެލްއެއް ހަދަން ބުޝަން ބޭނުން ވަނީ އޭނާގެ ބައްޕަގެ ލެގަސީ ކުރިއަށް ގެންދިއުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެ ފިލްމުތަކާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ކޮރޯނާވައިރަހުގެ ބަލިމަޑުކަން ފިލުމުން ބުޝަން "އާޝިގީ 3" އާއި "ދިލް ހޭ ކި މާންތާ ނެހީ" ގެ ސީކްއެލް އިއުލާންކުރާނެ އެވެ.