ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުގެ ސިއްރު ދިރިއުޅުން

ކިޝޯރު ކުމާރު މި ދުނިޔެ ދޫކުރީ އޮކްޓޯބަރު 13، 1987 ގައެވެ. އޭގެ ފަހުން 30 އަހަރު ވަނީ އެވެ. ނަމަވެސް މިއަދުވެސް އޭނާގެ ހަނދާންތައް ހިންދީ ލަވައަށް ލޯބިކުރާ މީހުންގެ ހިތުގައި ބިންވަޅު ނެގިފައިވެ އެވެ. އަދިވެސް އޭނާގެ މަގުބޫލުކަން ފަނޑުކޮށްލެވޭ ވަރުގެ ލަވަކިޔުންތެރިއެއް ބޮލީވުޑުން އުފެދިފައި ނުވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.


ކިޝޯރު ވަނީ 1949 ވަނަ އަހަރުން ފެށިގެން މަރުވުމާ ހަމައަށް ވަރަށް ރީތި ގިނަ ލަވަތަކެއް ހިންދީ ފިލްމު އިންޑަސްޓްރީއަށް ހަދިޔާކޮށްފަ އެވެ.

ލަވަކިޔުމުގެ އެއްވެސް ތަމްރީނެއް ހަދާފައި ނެތަސް އޭނާގެ އަޑުގައި ހުރި ޖާދުލާއި އަޑަށް އެ ގެންނަ ތަފާތު ބަދަލުތަކަކީ އޭނާގެ ވާދަވެރިންނަށް ވެސް އޭނާ ފަހަތަށް ޖައްސާނުލެވުނު އެއް ސަބަބެވެ. އޭނާ ކިޔާފައިވާ ކޮންމެ ލަވައެއްގައި ވެސް އޭނާއަށް ޚާއްސަ ސިފަތަކެއް ހުރެ އެވެ. އެ ސިފަތައް ޖައްސަން އެހެން މީހަކު ކިތަންމެ މަސައްކަތެއް ކުރިޔަސް އޭނާއާ ކައިރި ކުރާ ވަރަކަށް ވެސް އެކަމެއް ނުވެ އެވެ.

ކިޝޯރު ކުމާރު އެންމެ ފަހުން ކައިވެނި ކުރި ލީނާ ޗަންދުރަވާކަރު އާއެކު

ކިޝޯރުގެ ލަވަކިއުމުގެ ރަންޒަމާން ފެށުނީ 1970ގެ އަހަރު ތަކުގަ އެވެ. މިއުޒިކް ޑައިރެކްޓަރު އާރް.ޑި ބާރުމަން އާއި ކިޝޯރު ގުޅިގެން އެ ދުވަސްވަރު ނެރެފައިވާ ލަވަތަކަކީ މިޒަމާނުގެ ކުދިންގެ ހިތްތަކުން ވެސް ޖާގަ ދެވިފައިވާ ރީތި ލަވަ ތަކެކެވެ.

ލަވަކިޔުންތެރިއެއްގެ އިތުރުން ކިޝޯރަކީ މޮޅު ކޮމޭޑިއަން އެކެވެ. ހުނަރުވެރި އެކްޓަރެކެވެ. އޭނާގެ ފިލްމުތައް ބަލާލުމުން އޭނާއަކީ ހަގީގީ ދިރިއުޅުމުގައި ވެސް ވަރަށް މަޖާ ސަކަ މިޒާޖުގެ މީހެއްކަމަށް ގަބޫލު ކުރެވޭނެ އެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ކިޝޯރަކީ ވަރަށް އެކަނިވެރިކަމަށް ލޯބިކުރާ އިންތިހާއަށް މޫޑީ މީހެކެވެ. އޭނާ ދަންނަ ގިނަ މީހުން ބުނަނީ އޭނާއަކީ ދެ މޫނުގެ ވެރިއެއް ކަމަށެވެ. އެއް މޫނަކީ ވަރަށް އުފާވެރި އެހާމެ ސަކަ މިޒާޖެވެ. އަނެއް މޫނަކީ ރުޅިގަދަ އެހާމެ އެކަނިވެރިކަމާއި މާޔޫސްކަމެވެ.

ކިޝޯރުގެ ހިތްހަމަނުޖެހުންތަކުގެ ސަބަބުތައް ވަރަށް ގިނަ އެވެ. އެއް ކަމަކީ އޭނާ އެއްގޮތަކަށް ވެސް އެކްޓްކުރަން ބޭނުން ނުވުމެވެ. އޭނާ ބޭނުންވީ ލަވަކިޔުންތެރިއެއްގެ ގޮތުގައި ހުރުމަށެވެ. ނަމަވެސް ބޭބެ އަޝޯކް ކުމާރާއި އެނޫންވެސް ގާތް މީހުންގެ ޕްރެޝަރާ ހެދި އޭނާއަށް ފިލްމީ ދުނިޔެއަށް ވަންނަން މަޖްބޫރުވި އެވެ. އަދި އެދުވަސްވަރު އޭނާ ލައްވާ މަސައްކަތްކުރުވި ބައެއް މީހުން ފައިސާ ނުދީ މަކަރު ހެދުން ވެސް ވީ ކިޝޯރުގެ ހިތްހަމަނުޖެހުންތައް އިތުރުވާން ދިމާވި ކަމަކަށެވެ.

ކިޝޯރަކީ ދުންފަތުގެ އިސްތިއުމާލުކޮށް ރާ ބޮއި ހެދި މީހެއް ނޫނެވެ. ނަމަވެސް އޭނާގެ ގާތް އެކުވެރިންނެއް އެއްގޮތަކަށް ވެސް ނުތިބެ އެވެ. ޚާއްސަކޮށް ބޭރު ތެރެއަށް ނުކުމެ އެހެން މީހުންނާ އެކު ވަގުތު ހޭދަކުރުމަކީ އޭނާ އެއްގޮތަކަސް ވެސް ކުރާކަމެއް ނޫނެވެ. އެގޮތުން 1960ގެ އަހަރު ތަކުގައި ކިޝޯރު އެއްގޮތަކަށް ވެސް މީހުންނާ ބައްދަލުކުރާކަށް ބޭނުމެއް ނުވެ އެވެ. އެހެންވެ އޭނާގެ ގޭގައި ހުންނަ ގަސްގަހަށް ނަން ކިޔައި އެ ގަސްގަހާ ވާހަކަ ދެއްކުމުގައި ވަގުތު ހޭދަކުރާ ކަމަށްވެ އެވެ.

ކިޝޯރު ކުމާރާއި މަދޫބާލާ

މީހުންނާ ބައްދަލުކުރަން އޭނާ ބޭނުންނުވާ ވަރުން އާކިޓެކްޓަކު ގެނެސްގެން އަމިއްލަ ގޭގައި ވަށައިގެން ފެންގަނޑެއް ހެދި އެވެ. އޭނާއާ ބައްދަލުކޮށްލަން ބޭނުންވެގެން މީހަކު އަޔަސް އެ ގެ ފެނިފައި ފޫހިވެގެން ދާނެ ފަދަ ގޮތަކަށެވެ.

ގޭގެ ސިޓިންގްރޫމްގައި ވެސް ހުންނަނީ ބޮލުގެ ނާށިގަނޑާއި ކަށި ފަދަ އެއްޗެހި އަތުރާފަ އެވެ. އަދި ރަތްކުލައިގެ ބޮކި ދިއްލާފަ އެވެ. މި ހުރިހާ ކަމެއް ވެސް ކޮށްފައި ވަނީ "ތިމަންނާއަށް އުނދަގޫނުކޮށް އެކަނި އުޅުނަ ދޭށޭ" ބުނާ ފަދައަކުންނެވެ.

އޭނާ މިގޮތަށް ދިރިއުޅުނަސް އޭރު ވެސް ހީނުކުރާ ވަރުގެ މޮޅެތި ފިލްމުތަކާއި ލަވަތަކުގެ މަސައްކަތް ބަރާބަރަށް ކުރަމުން ދިޔަ އެވެ.

އޭނާއަށް ރަނގަޅު ދިރިއުޅުމެއް ފެންނަ ގޮތް ނުވީ ލަވަކިޔުންތެރިއެއްގެ ގޮތުން އޭނާއަށް ކުރިމަތިވި އުނދަގޫތަކުގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ.

ކިޝޯރު ހަތަރު މީހަކާ ކައިވެނި ކުރި އެވެ. އޭނާ ފުރަތަމަ ކައިވެނިކުރީ ބެންގާލީ ލަވަކިޔުންތެރިއެއް ކަމަށްވާ ރޫމާ ގުހާ ތަކުރްތާ އާއެވެ. އެ ކައިވެނި ދެމިއޮތީ 1950 އިން 1958 އަށެވެ. ދެ ވަނަ އަށް ކައިވެނިކުރީ އޭރުގެ ވަރަށް މަޝްހޫރު އަދި ރީތި ބަތަލާ މަދޫބާލާއާ އެވެ. ކިޝޯރުގެ ފުރަތަމަ އަނބިމީހާ ވަރި ނުކުރަނީސް މަދޫބާލާ އާ ބައްދަލުވެ އޭނާއާ ކައިވެނިކުރަން ބޭނުންވި އެވެ. އޭރު މަދޫބާލާ ވަނީ ދިލިޕްކުމާރާ ވަކިވާން ޖެހުމުން އެ ހިތްދަތިކަމުގަ އެވެ. އަދި އޭރު ވެސް އޭނާ އަކީ ހިތުގެ ބަލި މީހެކެވެ. މި މައްސަލަތައް މިހެން ހުއްޓަސް ފުރަތަމަ އަނބިމީހާ ވަރިކޮށް މަދޫބާލާ އާ ކައިވެނިކުރަން ކިޝޯރު ނިންމި އެވެ.

ނަމަވެސް މި ކައިވެންޏާ ކިޝޯރުގެ އާއިލާއިން ވަރަށް ދެކޮޅެވެ. ސަބަބަކީ މަދޫބާލާ އަކީ މުސްލިމަކަށް ވާތީ އެވެ. އެންމެފަހުން މަދޫބާލާއާ ކިޝޯރު ކައިވެނި ކުރީ އިސްލާމްވެ ނަން ވެސް ކަރީމް އަބުދުލް އަށް ބަދަލު ކޮށްގެނެވެ. ނަމަވެސް އާއިލާގެ ނުގަބޫލުގައި މަދޫބާލާއާ ކައިވެނި ކޮށްގެން ކިޝޯރަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ.

ކިޝޯރުގެ ގޭގައި މަދޫބާލާއަށް ކެތްކޮށްލެވުނީ އެންމެ މަސް ދުވަހަކު އެވެ. އޭގެ ފަހުން އަމިއްލަ ގެއަށް އަލުން ދިރިއުޅުން ބަދަލުކުރީ އެވެ. މި ދެ މީހުން 1960ގެ ކައިވެނިކުރި ގޮތަށް މަދޫބާލާ 1969 ގައި މަރުވަންދެން ތިބީ ކައިވެނިކޮށްގެންނެވެ. މަދޫބާލާ ބަލިވެ އުޅެ މަރުވި ދުވަސްވަރަކީ ކިޝޯރުގެ ހަޔާތުގައި އެންމެ ވޭނުގައި އުޅުނު ދުވަސްވަރެވެ.

ކިޝޯރު ކުމާރާއި ޔޮގީތާ ބާލީ

އޭގެ ފަހުން 1976 ގައި ފިލްމީ ބަތަލާ ޔޮގީތާ ބާލީ އާ ކިޝޯރު ކައިވެނި ކުރި އެވެ. ނަމަވެސް ދެ އަހަރެއްހާ ދުވަސްވެސް ނުވަނީސް މި ކައިވެންޏަށް ވެސް ނިމުން އައެވެ. ކިޝޯރު ކައިރިން ވަރިވެގެން ގޮސް ޔޮގީތާ ކައިވެނިކުރީ އޭރުގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީއާ އެވެ. އަދި މިހާތަނާ ޖެހެންދެން ވެސް ޔޮގީތާ އުޅެނީ މިތުން އާ ކައިވެނި ކޮށްގެންނެވެ.

ކިޝޯރު ހަތަރުވަނަ އަށް ކައިވެނި ކުރީ ވެސް ބަތަލާއެއް ކަމަށްވާ. ލީނާ ޗަންދުރަވާކަރުއާ އެވެ. މި ކައިވެންޏާ ލީނާގެ އާއިލާ ދެކޮޅު ހެދި އެވެ. ކިޝޯރު ތިން ކައިވެންޏެއް ކޮށްފައި ވުމާއި ލީނާ އަށް ވުރެ 20 އަހަރަށް ވުރެ ވެސް ހަގު ވުމެވެ. ނަމަވެސް ލީނާ މައިންބަފައިންނާ ދެކޮޅަށް ކިޝޯރާ ކައިވެނި ކުރީ އެވެ. އަދި ކިޝޯރު 1987 ގައި މަރުވަންދެން ވެސް ލީނާ ހުރީ އޭނަގެ އަނބިމީހާގެ ގޮތުގަ އެވެ. ސުމިތު ކުމާރު އަކީ ކިޝޯރު އާއި ލީނާގެ ދަރިފުޅެވެ. ކިޝޯރުގެ އިތުރު ފިރިހެން ދަރިއެއްވެސް ހުރެ އެވެ. އެއީ ފުރަތަމަ އަނބިމީހާއަށް ލިބިފައިވާ އަމިތު ކުމާރެވެ.

ކިޝޯރު އަދި އޭނާ ކައިވެނިކުރި ހަތަރު މީހުން

ކިޝޯރު ކައިރިން ޔޮގީތާ ބާލީ ވަރިވެ މިތުންއާ ކައިވެނި ކުރުމުން ކިޝޯރު ރުޅިގަދަވެ މިތުންގެ ފިލްމުތަކަށް ލަވަކިޔުން ހުއްޓާލި އެވެ. އަދި 1980ގެ އަހަރު ތަކުގައި އަމީތާބް ބައްޗަންއާ ވެސް ކިޝޯރާ ބޮޑު އަރާރުމެއް ހިނގި އެވެ. އަދި އަމީތާބަށް ވެސް ލަވަކިޔައިދިނުން ވެސް އޭނާ ދުވަސްކޮޅަކަށް ހުއްޓާލި އެވެ. އެއީ ކިޝޯރު ޕްރޮޑިއުސްކުރި "މަމްތާ ކީ ޗާއޯން މޭ" ކިޔާ ފިލްމެއްގައި މެހެމާނެއްގެ ރޯލު އަދާކޮށްދޭން އަމީތާބު ދެކޮޅު ހެދުމުންނެވެ. ނަމަވެސް ފަހުން ރުޅީ މައިތިރިވެ އަމީތާބުގެ "ތޫފާން"ގެ ލަވަތައް ކިޔައިދިނެވެ.

ފައިސާ އަކީ ކިޝޯރަށް ވަރަށް މުހިއްމު އެއްޗެކެވެ. ފައިސާ ނުދެނީސް އޭނާ އެއްވެސް މީހަކަށް ލަވަކިޔައެއް ނުދެ އެވެ. ލަވަކިޔަން ސްޓޫޑިއޯއަކަށް ދިޔައަސް ފައިސާ ލިބިފައިވާ ކަމަށް ސެކްރެޓަރީ ނުބުނަނީސް ލަވަ ރެކޯޑްކޮށްދިނުމުގެ މަސައްކަތެއް ނުފަށާނެ އެވެ. އޭނާގެ ބުނަނީ މަސައްކަތް ކުރެވޭނީ ފައިސާ ދިނީމާ ކަމަށެވެ. ފަހަރެއްގައި ކެރިއަރުގެ ކުރީކޮޅު މާ ގިނަ މީހުން ލަނޑުދީފައިވާތީ ކަންތައްކުރާ ގޮތް ކަމަށް ވެދާނެކަމަށް ވެސް ކިޝޯރު ދަންނަ ބައެއް މީހުން ބުނެފައިވެ އެވެ.