ސޮނީ ޓީވީގެ ސިލްސިލާ "ބޭހަދު 2" ދެން ނުގެނެސްދޭނެ

ކޮރޯނާވައިރަހާ ހެދި ޝޫޓް ނުކުރެވިގެން، ދެއްކުން މެދުކަނޑާލި ސޮނީ ޓީވީގެ ސިލްސިލާ "ބޭހަދު 2" ދެން ނުހަދާނެ ކަމަށް އެ ޗެނެލުން ބުނެފި އެވެ.


ސޮނީން ނެރުނު ބަޔާނެއްގައި ބުނީ ކުރިން ނިންމައިފައި އޮތީ އިންޑިއާގައި އިއުލާންކޮށްފައިި އޮތް ލޮކްޑައުން އުވައިލުމުން ސިލްސިލާގެ މަސައްކަތް ފަށާށެވެ. ނަމަވެސް މިހާރު "ބޭހަދު 2" ގެ މުޅި ޓީމާ މަޝްވަރާކުރުމަށް ފަހު، އެ ސިލްސިލާ ދެން އަލުން ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ބުންޏެވެ.

ސޮނީން ބުނީ މި ނިންމުމަކީ ބެލުންތެރިން އުފާވާނެ ނިންމުމެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށާއި މިގޮތަށް ނިންމި އިރު، "ބޭހަދު 2" ގެ ވާހަކަ ވެސް އޮންނާނީ ކޮޅެއްގައި ނުޖެހި ކަމަށެވެ.

"އެކަމަކު މިހާރު އަހަރެމެންގެ ޕްރޮޑިއުސަރުން ވަނީ ސިލްސިލާ ދެން ކުރިއަށް ނުގެންދަން އެއްބަސްވުމަކަށް އައިސްފައި،" ޗެނެލުގެ ބަޔާނުގައި ބުންޏެވެ. "އަދި ބެލުންތެރިން ޝޯ އަށް ދިން ތަރުހީބަށް ޝުކުރު އަދާކުރަން."

"ބޭހަދު 2" އަކީ ސޮނީން މިދިޔަ އަހަރުގެ ޑިސެމްބަރު 2 ގައި ދައްކަން ފެށި ސިލްސިލާއެކެވެ. މިއީ އެ ޗެނެލުން ބަަތަލާ ޖެނިފާ ވިންގެޓާ އެކު 2016-2017 އަށް ގެނެސްދިން "ބޭހަދު" ގެ ދެވަނަ ސީޒަނެވެ.

މި ފަހަރު ޖެނިފާ އެކު ސިލްސިލާގެ މައިގަނޑު ކާސްޓުން ފެނިފައި ވަނީ ޝިވިންގް ނަރަންގް އާއި ބޮލީވުޑްގެ ފިލްމުތަކުން ވެސް މަދުމަދުން ފެންނަ އެކްޓަރު އަޝިޝް ޗައުދަރީ އެވެ.

"ބޭހަދު 2" މެދުކަނޑާލި އިރު، ސިލްސިލާގެ ޖުމްލަ 86 އެޕިސޯޑް ދައްކާފައިވެ އެވެ. އަދި ޝޯ ހުއްޓުމަކަށް އައި އިރު، މީގެ ވާހަކަ އަށް ވަނީ ވަރަށް ބޮޑު ޓްވިސްޓެއް އައިސްފަ އެވެ. އެގޮތުން ޖެނިފާ (މާޔާ) ގެ ފިރިއެއްގެ ގޮތުގައި އަންކިތު ސިވާޗް (ވިކްރަމް ޖެއިސިންގް) ކިޔާ "ޕޮސެސިވް" ފިރިހެނެއްގެ ކެރެކްޓާ އިތުރުވެފައިވެ އެވެ.

"ބޭހަދު 2" ގެ މައިގަނޑު ޕްލޮޓަކީ ލިޔުންތެރިޔާ މާޔާއާ ހިތާވެ އޭނާގެ އެންމެ ޒުވާން އުމުރުގެ ދުވަސްތައް ހިތުން ނުފިލާވަރުގެ ހިތްދަތި މާޒީއަކަށް ބަދަލުކޮށްލި، ނުޒޫފު ވިޔަފާރިވެރިޔާ މިތުން ޖޭ ރޯއި/އެމްޖޭ (އަޝިޝް) އާއި އޭނާގެ އާއިލާ އިން ބަދަލުހިފުމަށް މާޔާ، އެމްޖޭގެ ދަރިއަކާ ކައިވެނިކުރުމަށް ފަހު، ކުޅޭ ކުޅިގަނޑެވެ. މާޔާގެ ފިރިމީހާ (ރުދުރު) ގެ ރޯލް ކުޅެފައި ވަނީ ޝިވިންގެވެ.

މި ސިލްސިލާއާ އެކު ސޮނީން ވަނީ އިތުރު އެހެން ދެ ސިލްސިލާއެއް ވެސް އަލުން ނުގެނެސްދޭން ނިންމައިފަ އެވެ. އެއީ 2018 ގައި ދައްކަން ފެށި "ޕަޓިއާލާ ބޭބްސް" އާއި މިދިޔަ އަހަރު ގެނެސްދޭން ފެށި "އިޝާރޯ އިޝާރޯ މޭ" އެވެ.