ހިންދީ ސިނަމާ ދިވާލީ އަށް ތައްޔާރުވަނީ

ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންއާ ހެދި އިންޑިއާގެ ފިލްމީ މަސައްކަތްތައް ހުއްޓި، ސިނަމާތައް ބަންދުކޮށްފައި ވިޔަސް، މިހާރު މި އަހަރުގެ ދިވާލީގައި ފިލްމުތައް ސިނަމާތައް ގެނައުމުގެ ތައްޔާރީތައްވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އިންޑިއާގައި ނޮވެމްބަރު މަހުގެ ތެރޭގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލްގެ ތެރޭގައި ބޮޑު ތިން ފިލްމެއް އެއް ދުވަހެއްގައި ރިލީޒްކުރަން މިހާރު ވަނީ ނިންމައިފަ އެވެ. ދިވާލީ އަކީ އާންމުކޮށް ފިލްމީ ވިޔަފާރީގެ ފޯރިގަދަ ދުވަސްކޮޅެކެވެ.

މި އަހަރުގެ ދިވާލީގައި ރިލީޒްކުރާނެ ކަމަށް ބުނާ ފިލްމުތަކަކީ ސަލްމާން ޚާންގެ "ރާދޭ" އާއި އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" ގެ އިތުރުން ވަރުން ދަވަންގެ "ކޫލީ ނަމްބަރު 1" އެވެ.

މި ތިން ފިލްމަށް ބަލާ އިރު ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ ކޮޕް ޑްރާމާ "ސޫރިޔާވަންޝީ" އަކީ ކުރިން މާޗް 24 ގައި ރިލީޒްކުރަން އޮތް ފިލްމެކެވެ. ނަމަވެސް ފިލްމު ފަސްކުރީ ކޮރޯނާވައިރަސް ފެތުރެން ފެށުމާ ގުޅިގެންނެވެ. ކަރަން ޖޯހަރް ދަރްމާ ޕްރޮޑަކްޝަނުން ހިއްސާވާ "ސޫރިޔާވަންޝީ" ގެ ބަތަލާ އަކީ ކެޓްރީނާ ކެއިފެވެ.

ކުރިން މި މަހުގެ 22 ގައި ރިލީޒްކުރަން އޮތް "ރާދޭ" އަކީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމެކެވެ. މިދިޔަ ހަފުތާގައި އެ ފިލްމުގެ ޓީމުގެ މެމްބަރަކު ވަނީ "ރާދޭ" ޑިޖިޓަލްކޮށް ރިލީޒްކޮށްފާނެކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ. ނަމަވެސް ކިރިޔާ ވެސް ސިނަމާތަކުގައި ފިލްމު އެޅުވެން އޮތް ނަމަ ސަލްމާންގެ ޓީމުގެ ބޭނުން ވަނީ އެ ފިލްމު ތިއޭޓަރުތަކުގައި ދެއްކުމެވެ.

"ރާދޭ" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޑިޝާ ޕަޓާނީ އެވެ.

ވަރުންގެ "ކޫލީ ނަމްބަރު 1" އަކީ ކުރިން މި މަހުގެ 1 ގައި އަޅުވަން އޮތް ފިލްމެކެވެ. އެ ފިލްމަކީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން 1995 ގައި ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރިމެކެކެވެ. "ކޫލީ ނަމްބަރު 1" ގައި ވަރުންއާ އެކު ފެނިގެން ދާނީ ސާރާ އަލީ ޚާނެވެ.

ރިޕޯޓްތައް ބުނާގޮތުން މި އަހަރުގެ ދިވާލީގެ ކުރިން އިންޑިއާގެ ސިނަމާތައް އަލުން ހުޅުވޭނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ނަމަވެސް ފިލްމީ ވިޔަފާރި އަކީ އިންޑިއާގައި އެންމެ ފުޅާ އެއް އިންޑަސްޓްރީއަށްވާތީ ސިނަމާތައް ބަންދުވެފައި ހުރުމަކީ ފިލްމީ ސިނާއަތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.

އެކަމަކު ސުވާލަކީ ކޮވިޑް-19 ކަހަލަ ގައިންގައިން ގަޔަށް އަރާ ނުރައްކާތެރި ބޮޑު ބަލިމަޑުކަމަކަށް ފަހު، ކުރިއެކޭ އެއްގޮތަށް މީހުން ސިނަމާތަކަށް ގޮސް ފިލްމު ބަލާނެތޯ އެވެ؟ މި ސުވާލު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި ސިނަމާތައް ހިންގާ މީހުންނާއި ޑިސްޓްރިބިއުޓަރުން ވެސް އުފައްދަ އެވެ. އެކަމަކު މީގެ ސާފު މަންޒަރެއް ފެންނާނީ ސިނަމާތައް އަލުން ހުޅުވުމުންނެވެ.

އަލުން ސިނަމާތައް ހުޅުވާ އިރު، ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅަން އުސޫލުތަކެއް ހަމަޖައްސާނެ ކަމަށް ފިލްމީ ދާއިރާގެ ކަންކަން ވިލަރެސްކުރާ ބޮޑީތަކުން ބުނެ އެވެ. އެގޮތުން ސޯޝަލް ޑިސްޓޭންސިން އާއި ސެނިޓައިޒާ ބޭނުންކުރުމާއި މާސްކް އެޅުން ފަދަ އުސޫލުތައް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުން ހިމެނެ އެވެ.

ދިވާލީ އަށް ހިންދީ ސިނަމާ ތައްޔާރުވަމުން އަންނާތީ މަޝްހޫރު ފިލްމު ކްރިޓިކް ގިރިޝް ޖޯހަރް ބުނިގޮތުގައި ވާނެ ގޮތެއް ބަލަން ތިބުމަކީ ވަރަށް ޝައުގުވެރި ކަމަކަށް ވާނެ އެވެ. އޭނާ ބުނީ ސިނަމާތައް ހުޅުވި ފިލްމުތައް އެޅުވެން ފެށުމަކީ އެތައް ބައެއްގެ އުންމީދާ ގުޅިފައިވާނެ ކަމެކެވެ. އަދި މީގެ ސަބަބުން ފިލްމީ ވިޔަފާރި އަށް އަންނަނީ ކިހާ ވަރެއްގެ ބަދަލެއްތޯ ވަޒަންކޮށްލެވޭނެ ކަމަށް ބުންޏެވެ.