ސިލްސިލާ "ޕަވިތުރަ ރިޝްތާ" އަލުން ޒީޓީވީ އަށް

ޒީޓީވީން ގެނެސްދިން މަގުބޫލު ސިލްސިލާ "ޕަވިތުރަ ރިޝްތާ" އަލުން ގެނެސްދޭން ނިންމައިފި އެވެ.


އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ އެ ސިލްސިލާ އަލުން ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހަށް މެންދުރު ފަހު އެވެ. "ޕަވިތުރަ ރިޝްތާ" އަކީ މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ ދެ ތަރިއެއް ވިދައިލި ސިލްސިލާއެކެވެ.

އެއީ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާއި އަންކިތާ ލޯކަންދޭ އެވެ. ސިލްސިލާގެ ސެޓުން ދިމާވެ، ގުޅުން ބަދަހިވެ، އެ ދެ ތަރިން ފަހުން ލޯބީގެ ގޮތުން ވެސް ގުޅުނެވެ. އެކަމަކު ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް ގުޅުން 2017 ގައި ވަނީ ނިމުމަކަށް އައިސްފަ އެވެ.

ސުޝާންތު ބޮލީވުޑަށް ތައާރަފުވީ 2013 ގެ "ކައި ޕޯޗޭ" އިންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ސްޓްރީމްކުރި "ޑްރައިވް" އެވެ. ސުޝާންތުގެ ކުރިއަށް އޮތް ފިލްމަކީ "ދިލް ބޭޗާރާ" އެވެ.

އަންކިތާ ބޮލީވުޑަށް ނުކުތީ މިދިޔަ އަހަރު ރިލީޒްކުރި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މާޗް މަހު ރިލީޒްކުރި "ބާގީ 3" އިންނެވެ.

ބޮލީވުޑަށް ނުކުތުމަށް ފަހު، ސުޝާންތާއި އަންކިތާ ވަނީ ޓީވީ ސިލްސިލާތައް ކުޅުން ހުއްޓާލައިފަ އެވެ.

އެކްތާ ގެނެސްދިން އެންމެ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ޕަވިތުރަ ރިޝްތާ" އަކީ ޖޫން 1، 2009 އިން އޮކްޓޯބަރު 25، 2014 އާ ހަމައަށް ގެނެސްދިން އެއްޗެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 1،424 އެޕިސޯޑް ގެނެސްދީފައިވެ އެވެ.