"މިއީ ލޯތްބަކީ" ވެސް އޭޕްރީލް 5 ގައި

ޑާކް ރެއިންގެ ފިލްމްތައް ރިލީޒް ކުރާ ރަސްމީ ތާރީހަކީ މިހާރު އެޕްރީލް ފަހެއް.

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުރިއަށް އޮތް ފިލްމް "މިއީ ލޯތްބަކީ" އަންނަ އަހަރުގެ އެޕްރީލް 5 ގައި ރިލީޒް ކުރަން ނިންމައިފި އެވެ.


އެ ތާރީހަކީ މިހާރު ޑާކް ރެއިންގެ ރަސްމީ ތާރީހަށް ވަނީ ވެފަ އެވެ. ޑާކް ރެއިންގެ ފިލްމެއް ނަމަ، ސްކްރީނަށް އަންނާނީ އެޕްރީލް 5 ގައި ކަން ބެލުންތެރިންނަށް ވެސް މިހާރު ފާހަގަކުރެވޭނެ އެވެ.

އެ ސްޓޫޑިއޯ އިން މި އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދީ "ވާށޭ މަށާއެކީ" ރިލީޒް ކުރީ މި އަހަރުގެ އެޕްރީލް 5 އެވެ. މިދިޔަ އަހަރު "އެންމެ ފަހު ވިންދާ ޖެހެންދެން" ވެސް ރިލީޒް ކުރީ ހަމަ އެ ތާރީހުގަ އެވެ.

"މިއީ ލޯތްބަކީ" އަކީ ޑާކް ރެއިނުން ގެނެސްދޭ ދެވަނަ ރޮމޭންޓިކް ކޮމެޑީ އެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ އެެވެ. މިއީ މި ދެ ތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ.

މީގެ އިތުރުން ފިލްމުން ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ފިލްމީ ދާއިރާ އަލަށް ތައާރަފުވާ ފަންނާނުން ވެސް ހިމެނެ އެވެ.

ރާއްޖޭގައި މިހާރު ހުރި އެންމެ އިތުބާރު ކުރެވޭ އަދި އެންމެ މަގުބޫލު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ "މިއީ ލޯތްބަކީ" ގެ ސްކްރީންޕްލޭ ލިިޔެފައި ވަނީ އޭނާ އާއި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.

ފިލްމާ ބެހޭ ގޮތުން ޗިއްޕެ އާއި މޮގާ ވެސް ބުނީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ރީތި ފިލްމެއް މި ފަހަރު ވެސް ބެލުންތެރިންނަށް ގެނެސް ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"މިއީ ލޯތްބަކީ" އަކީ އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.