ވާހަކަ ސިލްސިލާ: ދިހައެއް: ގޭންގް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

(މޭ 26، 2020، އަންގާރަދުވަހުގެ ބަޔާ ގުޅޭ)


"މި ތަނުގައި އިށީނދޭ!" ހާދީގެ ކުރިމަތިން ތިން ފޫޓެއްހާ ދުރުގައި، ފައިން ފަސްގަނޑުގައި ރޮނގެއް އަޅާލަމުން، އެމީހާ މުޖޭއަށް ބުންޏެވެ. އޭނާ އެތަނުގައި އިށީނެވެ. ދެން ދެ މީހުންގެ މެދަށް ވާ ގޮތަށް އެއްފަރާތަށް ޖެހި ކަކޫ މައްޗަށް ތިރިވި އެވެ. "ދެން މާ ގިނަ ވާހަކައެއް ނެތް. ކަލޭ ޖަވާބު ދޭންވީ އަހަރެން މިކުރާ ސުވާލަށް،" މުޖޭއަށް އިޝާރަތްކޮށްފައި އެމީހާ ބުންޏެވެ. އެވަގުތު ހާދީއަށް ރޮއިގަނެވުނެވެ. "ސޮރީ މުޖޭ...އަހަންނަށް އަނިޔާކޮށްފައި އެ ހުރިހާ ވާހަކައެއް...."

"އޭ!.. ކޮން ރުއިމެއް؟" އެމީހާ، ހާދީގެ ވާހަކަ މެދުކަނޑާލި އެވެ.

"ކަލޭ އަހަންނަށް ހަދާފައި ހުރި ގޮތް މުޖޭއަށް ފެންނާނެ. އެހެރީ އޭނާއަށް ހެދި ގޮތް...ކަލޭ އަނިޔާކުރަނީ...ގަދަކަމުން ވާހަކަ ދައްކުވަނީ...." ހާދީ ރޮމުން ބާރަށް ބުންޏެވެ.

އެމީހާ އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

"ނިމުނީތަ؟" އެމީހާ އެހި އެވެ.

ހާދީއަށް ދެން އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. މުޖޭ ފެނުމުން ލިބުނު ކުޑަކުޑަ ހިތްވަރުކޮޅުން ކުރެވުނު ވަރަކީ އެއީ އެވެ. އެމީހާ ބަލަން އިން ގޮތުން، އޭނާއަށް ހުއްޓުން އެރީ އެވެ. އަތުގައި އެ އޮތީ ވަޅި އެވެ. މުޖޭ އެ އިނީ ބަނދެފަ އެވެ. އޭނާ އެ އިނީ ބަނދެފަ އެވެ. އެހެންކަމުން މިހާރު އެއްވެސް ބާރެއް ނެތެވެ.

"މައުސޫމަކީ ކާކުކަން ކަލެއަށް އެނގޭތަ؟" މުޖޭއާ ދިމާއަށް އެނބުރިފައި އެމީހާ އެހި އެވެ.

"ކޮން މައުސޫމެއް؟" މުޖޭ ވެސް ކުއްލިއަކަށް ކުރީ ސުވާލެކެވެ. އެކަމަކު އޭނާގެ މޫނު މައްޗަށް ވެރިވީ ހައިރާންކަމެވެ. މިއީ ހާދީ ކައިރިއަށް އޭނާ ގެނައުމުގެ ކުރިން ދެއްކި ވާހަކަތަކުގައި، "ކަލެއާ ވެސް އެ ސުވާލުކުރާނަމޭ" އެމީހާ އެ ބުނި ސުވާލު ހެއްޔެވެ؟

އެކަމަކު މުޖޭ އެގޮތަށް އެހުމާ އެކު ވަކި ޖަވާބެއް ނުދީ، އެމީހާ ބަލައިލީ ހާދީއާ ދިމާއަށެވެ. އޭނާއަށް ވެސް އިނީ ހައިރާންކަން ލިބިފަ އެވެ. ހާދީގެ ސުވާލުގެ ނަޒަރު ހުއްޓުނީ މުޖޭއަށެވެ.

"އެކަމަކު ކަލޭ ބުނި މައުސޫމް މަރާލީ މީނައޭ،" މުޖޭއާ ދިމާއަށް، ވަޅިން އިޝާރަތްކޮށްލަމުން، ހާދީއަށް އެމީހާ ބުންޏެވެ.

"މަށަކަށް ނޭނގޭ ތި މައުސޫމެއް؟" މުޖޭ އަނެއްކާވެސް ވަގުތުން ބުންޏެވެ.

ހާދީގެ ރުއިން ކުއްލިއަކަށް ހުއްޓުނެވެ. އޭނާގެ ހައިރާންކަން ވީ ބޮޑެވެ. އެއީ އޭނާ ހީކުރި ކަހަލަ ޖަވާބެއް ނޫން ފަދަ އެވެ. މީގެ އިރުގަނޑެއް ކުރިން އޭނާ ވަނީ ހުރިހާ ވާހަކައެއް، އަކުރުން އަކުރަށް، އެމީހާއަށް ކިޔައިދީފަ އެވެ.

"ކަލޭ ތި ބުނަނީ އިހަކަށް ދުވަހު މުޅި ރާއްޖެ ސިއްސުވާލި ބޮޑު ގަތުލުގެ އަޑު ނާހަމޭތަ؟" މުޖޭއާ ދިމާއަށް އެމީހާ ބުންޏެވެ.

"ތި މަރުގެ ވާހަކަ އަޑުއެހިން. އެކަމަކު އެއީ އަހަރެން ދަންނަ މީހެއް ނޫނޭ މި ބުނީ،" މުޖޭ ޖަވާބު ދިނެވެ.

"ދަންނަ މީހެއް ނޫން. އެކަމަކު ކަލޭގެ އެންމެ ގާތް ރަހުމަތްތެރިޔާ އަހަރެން ކައިރީ ހާދަ ތަފުސީލުކޮށް އެ ވާހަކަތައް ކިޔައިދީފިއޭ. އެކަން ރޭވީ ވެސް މި ރަށުގައޭ، އެކަން ހަވާލުކުރި މީހާ ވެސް އައީ މި ރަށަށޭ، ލާރި ވެސް ދިނީ މި ރަށުގައޭ ބުނެ އޭނާ އެ ހެދީ ދޮގުތާ،" އެމީހާ ބުންޏެވެ. ދެން ކޮޅަށް ތެދުވި އެވެ.

މުޖޭއަށް ކުޑަ ސިހުމެއް ލިބުނެވެ. އެމީހާގެ ހަމަލާތައް އޭނާއަށް އަތުވެދާނެ އެވެ. އެކަމަކު ދެން ވާ ގޮތެއް ވެސް ބަލަން އިހަށް އިންނާނިއްޔޭ އޭނާގެ ހިތަށްއެރި އެވެ. އެމީހާ ދިޔައީ ހާދީ ބަނދެފައި އިން ރުކާ ދިމާލަށެވެ. އޭނާ ގޮސް ވާގަނޑު މޮހެލާފައި، ހަމަ ވަގުތުން، ހާދީގެ ދެ އަތް، ފަހަތަށް ބަނދެލި އެވެ. ދެން އޭނާ ގެންގޮސް މުޖޭގެ ކަކުލާއި އޭނާގެ ކަކޫ ޖެހޭ ހިސާބުގައި ބެއިންދި އެވެ.

ހާދީގެ ދެ ލޮލަށް ބަލަން އިން އިރު މުޖޭގެ ހިތަށް އެތައް އެއްޗެއް އަރައި ފައިބައިގެން ދިޔަ އެވެ. އޭނާއާ ބެހޭ ގޮތުން އެ އެންމެން ވެސް މިހާރު ވާނީ ވާހަކަ ދައްކައިފަ އެވެ. އެކަމަކު މީހަކު ދައްކާހާ ހުރިހާ ވާހަކައެއް އޭނާ ގަބޫލުކުރާކަށް ނުޖެހެ އެވެ. އެހެންކަމުން އޭނާ އެ ވަގުތު ނިންމީ އަނިޔާ ލިބެންދެން، އަނިޔާއަށް އަނެއްކާވެސް ކެތްނުކުރެވޭ ވަރު ވަންދެން އޭނާ ދިފާއުވާށެވެ.

"މީނާ އެކަންޏެއް ނޫން، އެކޮޅުގައި މަރުވެފައި ތިބި ދެ މީހުންނާއި އަނެއްކޮޅުގައި ބަނދެފައި އިން ސޮރު ވެސް ބުނީ މައުސޫމް ކަތިލީ ކަލެއޭ. އެކަމަކު ކަލޭ ތި ބުނަނީ ދޮގެކޭ،" އެމީހާ ބުންޏެވެ.

"ދޮގެއް ވިއްޔާ ދޮގެކޭ ދޯ ބުނާނީ. ދެން އަހަރެން ނުކުރާ ކަމަކަށް އެއްބަސްވާންވީތަ؟" މުޖޭ ބުންޏެވެ.

"ނޫން، އެހެންނެއް ނޫން. އެކަމަކު އެ މީހުން ހުރިހާ ކަމެއް ވެސް ކުރަނީ ކަލޭ ބުނާ ގޮތަކަށް. ކަލެއަކީ ލީޑަރު. ހަތަރު މީހުން ވެސް ކިޔައިދިނީ ހަމަ އެކައްޗެއް،" އެމީހާ ކޮޅަށް ހުރެ ވާހަކަ ދެއްކި އެވެ.

"އާނ، އަހަރެން މި މީހުންނާ އެކު ހުންނާނެ މީހުން މަރާފައި. ކުރިން ވެސް ބުނީމެއްނު ބާރަ މީހުންނޭ. އެކަމަކު ތި ބުނާ މައުސޫމްގެ މަރަކާ މަށަކާ ގުޅުމެއް ނެތް...."

"ބަލަ، ހަދާ ދޮގު!" މުޖޭގެ ވާހަކަ މެދުކަނޑާލައިފައި، ރުޅިވެރިކަމާ އެކު ހާދީއަށް ބުނެވުނެވެ.

"ކަލެއެއް ނޫންތަ ދޮގުހެދީ؟ ރުސްތުމް އާއި ޝައުގީ އާއި ގުރޯއެއް ނޫންތަ ދޮގުހަދައިގެން ތި އުޅެނީ؟" މުޖޭ ވެސް ރައްދު ދިނެވެ.

އެމީހާ ހުރީ ބަލަހައްޓައިގެންނެވެ. ދެ ރަހުމަތްތެރިން އެ ފަށާ ޒުވާބުގެ ތެރެއަށް ނުވަދެ، މަޑުކޮށްލީ އެވެ.

"ކަލޭ މި ރަށުގައި އެކަން ރޭވީ މަށާ އެކު. ކަލޭ ބުނީ މާ ބޮޑު އޮޕަރޭޝަނެއް ވީމާ، އެހެން މީހުންނާ ނުލައި ދެ މީހުންނޭ އެ ބަޔަކާ ވާހަކަ ދައްކާނީ. މި ރަށުގެ އެ ހަރަ ގޭ ތެރޭގައި ތިބީ. ލަންކާ މީހެއް އައީ ފައިސާ ހިފައިގެން. އޭނާ ގެނައި ފޯނަކުން ކަލޭ ދިވެއްސަކާ ވާހަކަ ދެއްކީ. އެކަމަކު އަދިވެސް ކަލޭ ނުބުނޭ އެއީ ކާކު ކަމެއް. މަ މި ހަދަނީ ދޮގެއް؟" ހާދީ ރުޅިވެރިކަމާ އެކު، އަމުނާލި އެވެ.

"ތިއީ ކަނޑައެޅިގެން ދޮގެއް. ފުރަތަމަ ކަމަކީ މި ރަށުގައި ނޯންނާނެ ދެ މީހުން އެކަނި ތިބެ ވާހަކަ ދައްކާފައެއް. މީނައަށް ވެސް އެކަން އެނގޭނެ. ބަލަ މިއަދު ހަވީރު ދޯ މީނަ އަހަރެމެންނަށް ފައިސާ ހުށައެޅީ، މައުސޫމަށް ވުރެ މާ ބޮޑު މީހެއް ހުސޭނުބެއަކީ. އެކަމަކު އަހަރެމެން އެންމެން ތިބެގެން ވާހަކަ ދެއްކީ،" މުޖޭ، ރުޅި ކޮންޓްރޯލްކޮށް އެކަމަކު ހައިރާންކަމުގައި އިނދެ ބުންޏެވެ.

"އެކަމަކު މުޖޭ، ތިއީ ބޮޑުވަރު. އަހަރެމެން އެންމެން މަރުވެގެން މި އޮތް ދަނީ! އެކަމަކު ކަލޭ ތި އުޅެނީ ސީދާ ދޮގު ހަދައިގެން ސަލާމަތްވާން...."

"ބުނަން... ކަލޭމެންގެ ހަގީގަތް މި އެނގެނީ އަދި ކިރިޔާ. އަހަރެންގެ ބޮލަށް ކަނޑާލައިގެން ކިތައް ކަންތައް ހުންނާނެ ހިންގާފައި. އަހަންނަށް ނޭނގި މި ރަށުގައި ކަންކަން ރާވައި، ފައިސާ ނަގައި...." ހާދީގެ ވާހަކަ މެދުކަނޑާލާފައި މުޖޭ ވާހަކަ ދައްކަމުން ދަނިކޮށް، ހާދީ ވެސް އޭނާއަށް ހުރަސްއެޅި އެވެ.

"ހުސް ދޮގު، ހުސް ދޮގު. މީނާ މި ދައްކާ ވާހަކަ ގަބޫލުނުކުރާތީ. އޭނާ އެ އުޅެނީ އަހަރެމެން އެންމެން މަރާލާފައި އޭނާ ސަލާމަތްވާން. މައުސޫމްގެ ގަޔަށް ވަޅި ހެރީ މީނާ. އަހަރެން މަރާލިން މައުސޫމްގެ އެއް ކުއްޖަކު. ގުރޯ އަތުން މަރުވީ މައުސޫމްގެ އަންހެނުން. އަނެއް ދެ ކުދިން މަރާލީ ރުސްތުމް އާއި ޝައުގީ. މި ބުނީ ކަން ހިނގި ގޮތް،" ހާދީ ބާރަށް، ހަޅޭއްލަވާ ފާޑަކަށް އަމުނާލި އެވެ.

"އަހަރެން ތި މަރުގެ ވާހަކަ ފުރަތަމަ ދުށީ ވެސް އޮންލައިން ނޫހަކުން،" މުޖޭ ބުންޏެވެ.

"އެހެންވިއްޔާ އޭރު ކަލޭ ހުރީ ކޮން ތާކު؟" ހާދީ ސުވާލުކުރި އެވެ.

"ކަލޭމެންނާ އެކު ލަންކާގައި. އެކަމަކު އަހަރެން ބެންކޮކަށް ގޮސް، އޮންލައިން ނޫހަކުން ފުރަތަމަ ވެސް އެ ހަބަރު ކީ. އަހަރެން ލަންކާއަށް ދިޔައީ ވެސް ބެންކޮކަށް ދާން ޓިކެޓް ނަގައިގެން. އަހަރެން ބައިވެރިވި ނަމަ ކަލޭމެން ދޫކޮށްލާފައި އަހަރެން ކީއްވެ ދާންވީ؟ އަދި ކިރިޔާ މި ވިސްނުނީ. އަހަރެން ވެސް ގޮވައިގެން ލަންކާއަށް ގޮސް ކަލޭމެން އެގަނޑު ތިގަތީ. އެކަމަކު އަހަންނަށް އަންގާ ވެސް ނުލައި. ކަލޭގެ ހުރި ނުލަފާކަން،" މުޖޭ ބުންޏެވެ.

އެހާ ހިސާބުން ހާދީ ރުޅި ކޮންޓްރޯލުން ނެއްޓި ހެއްދެވި ނުހެއްދެވިއަށް ގޮވަން ފެށި އެވެ. ހަޅޭއްފަޅޭއްލަވައިގަތެވެ.

"ތިއީ ހަމަ ނުބައި އެއްޗެއް. ބަލަ ކަލޭ ނިންމީ އަނެއް ދުވަހު ބެންކޮކަށް ދާނީ ކަލޭ އެކަންޏޭ. އަހަރެމެން އެންމެން ހަފުތާއެއްހާ ދުވަސް ވަންދެން ލަންކާގައި މަޑުކޮށް، ފަހަރަކު މީހަކު، އެކި ދުވަސް މަތިން މާލެ ފުރަން. އެއީ ކަލޭގެ ރޭވުން. އަހަރެމެން ނިންމި ގޮތެއް ނޫން،" ހާދީ އަވަސް އަވަހަށް ވާހަކަ ދެއްކި އެވެ.

"ކަލޭ ކިތައްމެ ވަރަކަށް، ކިތައް މޮޅަށް ހަދަހަދައިގެން ކިޔައިދިނަސް، އަހަރެން މި ބުނަނީ މަގޭ ބޮލުގައި ނާޅުވާށޭ. އަހަންނަކަށް ނޭނގެއޭ އެ މީހުން މަރާލީ ކާކު ކަމެއް، މީގެ ކުރިއަކުންނެއް. މިރޭ މި އެނގުނީ ކަލޭކަން އޭގެ ލީޑްގައި ހުރީ،" ހަމަޖެހިގެން އިނދެވޭތޯ މަސައްކަތްކުރަމުން މުޖޭ ބުންޏެވެ.

އޭރު ވެސް އެމީހާ ހުރީ ކޮޅަށެވެ. ދެ މީހުންގެ ޒުވާބު މާ މުހިންމެވެ.

"އަހަންނަށް ވެސް ގަބޫލުކުރެވޭ މުޖޭ ދައްކާ ވާހަކަ. ގޭންގެއް ވިޔަސް، އެހެން މެމްބަރުންނަށް ނޭނގި ކަންކަން ރާވަފާނެ،" އެންމެ ފަހުން އެމީހާ ބުންޏެވެ.

އެ އިވުނު ވާހަކައަކުން ހާދީއަށް ބަލައިލެވުނީ އެމީހާއާ ދިމާއަށެވެ. އެ ހުރިހާ ސިއްރުތަކެއް ރަނގަޅަށް ކިޔައިދިނީމާ ވެސް އެމީހާ ގަބޫލު އެކުރާނީ މުޖޭގެ ވާހަކަތަކެވެ.

"ކަލޭ ދެން ތިބުނީ އަހަންނަށް މިވަރަށް އަނިކޮށްފައި، އަހަރެން ތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނީމާ ވެސް ގަބޫލެއްނުކުރަމޭތަ؟ ކަލޭ ދެންމެ ބުނީ ރުސްތުމް އާއި ޝައުގީ އާއި ގުރޯ ވެސް ހަމަ އެއް ވާހަކައެކޭ ދެއްކީ. ހަތަރު މީހުން. ދެން ކީއްވެ އެންމެ މީހެއްގެ ވާހަކަ ތި ގަބޫލުކުރަނީ؟" ސުވާލަކުން ހާދީގެ ވާހަކަ ނިންމާލި އެވެ.

"އަހަރެން މި ބުނަނީ ގޭންގްތަކުގައި ދޭތެރެދޭތެރެއިން އޮންނަ ކަމެކޭ އެއީ. އެންމެ ބޮޑު މީހާއަށް ވެސް ނޭނގި ކަންކަން ކޮށްލާފައި، އެމީހާގެ ބޮލުގައި އެޅުވުން. ކަލޭމެންނަށް ލިބުނު ލާރި ގިނަވީމާ، އެ ދަހިވެތިކަން އޮތީ ކަމަށް ވެދާނެ،" އެމީހާ ވާހަކަ ދެއްކި އެވެ.

ހާދީއަށް ގަބޫލުނުކުރެވިގެން، މަޑުމަޑުން ބޯ ހޫރެން ފެށުނެވެ. އޭނާ ދެ ލޯ މަރާލި އެވެ. މުޖޭގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. އެކަމަކު އޭނާ ދެއްކީ ސީރިއަސްކަމެވެ.

"މި ނޫނަސް އެތައް ކަމެއް މި މީހުން އަހަންނަށް ނޭނގި ކޮށްފި. އެ ވާހަކަ ނުދައްކަނީ މަ ވެސް ހިމެނިގެން އެތައް ބަޔަކު މަރާފައި ހުންނާނެތީ. އެކަމަކު މައުސޫމް ކަހަލަ މީހެއްގެ މަރުގެ ޒިންމާ މަށެއް ނުނަގާނަން. ކަލޭގެ ކުރިމަތީގައި މިހެން އިނދެ މި ބުނަނީ ހުސް ދޮގޭ ކަލޭމެން ހެދީ. އަހަރެން ވެސް ބައިވެރިވިކަން ދައްކަން ކަލޭމެން ތި އުޅެނީ،" މުޖޭ ބުންޏެވެ.

ހާދީގެ ރުޅި އަނެއްކާވެސް ކޮންޓްރޯލުން ނެއްޓުނެވެ. އޭނާ ދެ އަތް މޮހެލެވޭތޯ ވެސް މަސައްކަތްކުރި އެވެ. މުޖޭއާ ދިމާއަށް ކުޅު ވެސް ބުރުއްސާލި އެވެ.

"އެންމެ ރަނގަޅު. އަހަރެން ކަލޭމެން ދެ މީހުން ކުރެ އެކެއްގެ ވާހަކަ ވެސް ގަބޫލުނުކުރަނިއްޔޯ. އަހަރެން ކަލޭމެން ދެ މީހުންނަށް މި ދެނީ ޗޮއިސްއެއް. ދެ މީހުންގެ ތެރެއިން މޮޅުވާ މީހަކު މިނިވަންވީ،" އެމީހާ ބުންޏެވެ.

ދެން ހާދީގެ ފަހަތަށް ގޮސް ގޮއް މޮހާލި އެވެ.

"އޭނާގެ އަތް ވެސް މޮހެލަންދެން މަޑުކޮށްލާތި،" އެމީހާ ބުންޏެވެ. ދެން މުޖޭގެ ފަހަތަށް ޖެހިލާފައި ވާގަނޑު މޮހެލި އެވެ.

ފުރަތަމަ ވެސް ފެނުނީ ހާދީގެ ބޯ މުޖޭގެ މޭމައްޗަށް ކޮއްޕާލި ތަނެވެ.

"ކަލޭގެ ނުބައިކަން، ހަދާ ދޮގު...." މުޖޭ ހަޅޭއްލަވައިގަތެވެ.

ދެން ދެ މީހުން ނުބައި އެއްޗެހި ކިޔަމުން ތަޅަމުން ދިޔަ އެވެ. އެކަކަށް ވެސް ކޮޅަށް ތެދުވެވޭނެ ފުރުސަތެއް އަނެކަކު ނުދެ އެވެ. ވައްޓާލާފައި ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅަނީ އެވެ. ވަކި ހިސާބަކުން ދެ މީހުން އެކަކު އަނެކަކުގެ މޭމަތީގައި ފައިން ޖެހުމާ އެކު، ދެ ފަރާތަށް އުއްޑުން ވެއްޓުނެވެ. އެވަގުތު އެމީހާގެ އަތުގައި އޮތް ވަޅި، ތަންކޮޅެއް ދުރަށް އެއްލައިލި އެވެ. އެތަން ފުރަތަމަ ފެނުނީ މުޖޭއަށެވެ. އޭނާ ހުއްޓުވަން ހާދީއަށް ގައިގައި ހިފައެއް ނުގަނެވުނެވެ.

މުޖޭ ގޮސް ވަޅި ނެގި އެވެ. އޭނާގެ ކޮޅަށް ބާރު އެނބުރުނީ އެވެ. ހާދީގެ ހުރިހާ ރުޅިވެރިކަމެއް ކުއްލިއަކަށް ނެތި، ދިފާއުވާނެ ގޮތެއް އޮތްތޯ ބަލަން ފެށި އެވެ. އޭނާގެ މޫނުމަތިން ނާއުއްމީދުގެ އަސަރުތައް ކުއްލިއަކަށް ފެންނަން ފެށި އެވެ. އޭނާ ތެދުވެ، މުޖޭއަށް އަތުނުވާންވެގެން ދުއްވައިގަތެވެ. މުޖޭ އޭނާގެ ފަހަތުން ދުއްވައިގަތީ ވަޅި ހިފައިގެންނެވެ. ލިބުނު ބާރުވެރިކަމުގައި، ހަޅޭއް ވެސް ލަވަން ފެށި އެވެ.

ހާދީގެ ހިތްވަރުއެލި އޭނާގެ އަނގައިން ދެން ނުކުންނަން ފެށީ އާދޭހުގެ ބަސްތަކެވެ. "ޕްލީޒް...ޕްލީޒް...." އެވެ.

މުޖޭގެ އަތުން ހާދީ މަރުވީ އޭގެ ފަހުން މާ ގިނަ އިރެއް ނުވެ އެވެ. އޭނާގެ ގައި ދަށުގައި ހާދީ އޮތް އިރު، މުޖޭގެ އިހުސާސްތައް ވެސް، އެންމެ ފަހު ވަގުތު، ރަހުމަތްތެރިޔާގެ ނިކަމެތިކަމުގެ މައްޗަށް އެނބުރުނެވެ. އޭނާގެ ލޮލުން ވެސް ކަރުނަ ފޭބި އެވެ. އެއީ އެއްވެސް އިހުތިޔާރެއް ނެތި އޮހިގެން ދިޔަ ކަރުނަތަކެކެވެ. ހާދީ މަރާލާނީތޯ ވެސް ހިތުގައި ސުވާލު އުފެދުނެވެ.

ހާދީ ގަތުލުކުރުމަކީ މުޖޭއަށް އޮތް ހަމައެކަނި ޗޮއިސް އެވެ.

އެކަން ވެސް އެ އޮތީ ނިމިފަ އެވެ. އޭގެ ފަހުން އޭނާ އަށް ވިސްނައިލެވުނީ ހަވީރުން ފެށިގެން އެހާ ހިސާބަށް އޭނާއަށް ކުރިމަތިވި ހާލަތްތަކެވެ. މިހިރަ ނުދަންނަ މީހާގެ ފަރާތުން ލިބުނު އަނިޔާ އެވެ. ރުސްތުމް އާއި ޝައުގީގެ މަރެވެ. ހާދީއާ އެކު ކުރި ޒުވާބެވެ. ހާދީގެ ރުޅި އެވެ. އެންމެ ފަހުން ހާދީގެ އާދޭސްތަކެވެ. އަދި އޭނާގެ އަތުން ގަތުލުވުމެވެ.

އެ ހުރިހާ ހަނދާންތަކުން، އެވަގުތު އޭނާގެ ރުޅިވެރިކަން ބޮޑުވި އެވެ. އެމީހާއާ ކުރިމަތިލުމުގެ ހިތްވަރު ވެސް ލިބުނެވެ. އެކަމަކު އޭނާއަށް އެނގުނީ އެއީ އާދައިގެ މީހެއް ނޫން ކަމެވެ. ވަޅިއެއް ހިފައިގެން ހަމަލާއެއް ދޭން ބަޔަކު އުޅުނަސް، ބިރުގަންނަ މީހެއް ވެސް ނޫން ކަމެވެ. ސަލާމަތްވާނެ އުކުޅުތަކާއި ރައްދުގައި ހަމަލާ ދޭނެ ގޮތް ވެސް އެނގޭ ކަމެވެ. އެހެންކަމުން ހޫރާލި އަތާ އެކު، މުޖޭ އޮތީ ބިންމަތީގަ އެވެ. އެމީހާ އިނީ އޭނާގެ ބުރަކަށިމަތީގަ އެވެ.

އޭނާއަށް ގަބޫލުކުރެވެ އެވެ. ގުރޯއެކޭ އޭނާއެކޭ މިހާރު އެއްވެސް ތަފާތެއް ނެތެވެ. ދެ މީހުންނަށް އޮތީ އެމީހާ ބުނާ ގޮތެއް ހެދުމެވެ. ގުރޯގެ ކުރިމަތީގައި އޭނާ ބައިންދާފައި އެ އިނީ ހާދީ އާއި އޭނާއާ ދެމެދު ހިނގި ފަދަ ޒުވާބަކަށް ގެންދާށޭ، އޭނާގެ ހިތަށްއެރި އެވެ. އެވަގުތު އެމީހާ ވަޅިއާ އެކު ދެ މީހުން ކައިރީގައި އިށީނެވެ.

"މިސާލަކަށް ކަލޭ އެކަނި ގޮސް މީހަކު މަރާލީ. އެކަން ފަޅާއެރުން ކުޑަވާނެ، ކަލެއަށް ގޯސްތަކެއް ނުހެދޭހާ ހިނދަކު. ކީކޭ ބުނަނީ؟" މުޖޭއާ ދިމާއަށް އެމީހާ ބުންޏެވެ.

އެއްވެސް ޖަވާބެއް ދޭކަށް މުޖޭ ބޭނުމެއް ނުވި އެވެ. އޭނާ ވެސް، ގުރޯ ވެސް ބަލަހައްޓައިގެން އިނީ އެވެ.

"އޯކޭ. އެކަމަކު މީހަކު މަރާލަން ކަލޭ އެހެން މީހަކާ ބައިވެރިވެއްޖެ ނަމަ، ފަޅާއެރުމުގެ ޗާންސް ދެ ގުނަ އެވީ، ތިން މީހުން ވީމާ ތިން ގުނަ. ކަލޭ އެބަ ގެންގުޅޭ ހަތަރު މީހުން. އެހެންވީމާ ކަލޭމެން ހިންގި ހުރިހާ މަރެއް ވެސް އަސްލު ފަޅާއެރުން ވަރަށް ކައިރި. އެކަމަކު ނަސީބު ދިމާކުރި ގޮތުން ފަޅާނާރާ ދިޔައީ،" އެމީހާ ބުންޏެވެ.

ހިމޭންކަމެވެ. ތިން މީހުން އެކަކު އަނެކަކާ ދިމާއަށް ބަލަން ފެށި އެވެ. އެމީހާގެ މޫނުމަތީގައި ލާނެތް ހިނިތުންވުމެކެވެ.

"އޯކޭ. މިހާރު މި އޮތީ ފަޅާއަރާފައި. މައުސޫމް މަރާލީ ކަލޭ،" މުޖޭއާ ދިމާއަށް ބަލައިލަމުން، ހިނިތުންވަމުން، އެމީހާ ބުންޏެވެ.

"ނޫން، މަށެއް ނޫން. މި މީހުން ހަމަ ދޮގު އެ ހެދީ،" މުޖޭ ކުއްލިއަކަށް ބުންޏެވެ.

ގުރޯގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. އޭނާއަށް ކުޑަކޮށް ލޯ ބޮޑު ވެސް ކޮށްލެވުނެވެ. އެވަގުތު އެމީހާ ގުރޯއާ ދިމާއަށް ބަލައިލިތަން ފެނުނެވެ.

"ކީކޭ ކަލޭ ބުނަނީ؟" އެމީހާ ގުރޯ ކައިރީ އެހި އެވެ.

"މައުސޫމް މަރާލީ މުޖޭ. ހުވާކޮށްފައި މި ބުނީ އެކަން ކުރީ މުޖޭ!" ގުރޯ އެއްވެސް ޖެހިލުމެއް ނެތި ބުންޏެވެ.

"އޭތް...ކަލޭ ވެސް ހާދީ ކޮޅަށްތަ؟" މުޖޭ ރުޅިއައިސް ބާރަށް ބުންޏެވެ.

"މުޖޭ މައުސޫމް މަރާލީ. އަހަރެން އަތުން މަރުވީ އޭނާގެ އަންހެނުން. މި ބުނީ ތެދަށް. އެއްވެސް ދޮގެއް ނެތް،" ގުރޯ، އެމީހާއާ ދިމާއަށް ބަލަމުން ބުންޏެވެ.

"މަ ނުކުރާ ކަމެއް...."

"މަޑުކުރޭ!" މުޖޭގެ ވާހަކަ މެދުކަނޑާލާފައި އެމީހާ ބުންޏެވެ.

"ކަލޭގެ ފެންވަރު އަހަރެން މި ބަލާލީ. ހަތަރު މީހުން ހަތަރު ތަނުގައި ތިބެގެން ދެއްކީ އެއް ވާހަކައެއް. އެހެންވެ ކަލޭ އެކަނި ދޮގުހަދަނީ. އަހަރެން އަޑުއަހާކަށް ނެތިން،" އެމީހާ ބުންޏެވެ.

މުޖޭއަށް އިތުރު ގޮތެއް ނެތެވެ. އޭނާގެ ހުރިހާ ދިފާއުތަކެއް ނެތިދިޔައީ އެވެ. އޭނާގެ ފަހު ވަގުތުކޮޅު އަންނަނީ އެވެ. އޭނާ ހީކޮށްގެން އިނީ އެންމެ ފަހު ވަގުތު ދޫނުކޮށް ދޮގުހަދައިގެން ނަމަވެސް، ސަލާމަތްވާނެ ފުރުސަތެއް އޮވެދާނެ ކަމަށެވެ. އެކަމަކު މިހާރު އެ އުއްމީދުގެ ހުޅުކޮޅު ވެސް ގާތްގަނޑަކަށް ނިވިއްޖެ އެވެ.

"އަޑުއަހާތި! މައުސޫމަކީ ރާއްޖޭގެ އެންމެ މުއްސަނދި މީހާގެ ހުރި ހަމައެކަނި ފިރިހެން ދަރިއެއް ނޫން. އޭނާއަކީ ބޮޑު ދީނީ އިލްމުވެރިއެއް. ސޯލިހެއް، ހަމަ ބޮޑު ސޯލިހެއް. ކަލޭމެންނަކީ ކޮން ބައެއް ކަމެއް ވެސް އޭނާއަކަށް ނޭނގޭނެ. ބަޔަކު ލާރިތަކެއް ދިނަސް ނުކުރެވޭނެ ކަންކަން ހުންނަން ޖެހޭނެ، ގަބޫލުކުރަންތަ؟" އެމީހާ ސުވާލުކުރީ ގުރޯއާ އެވެ.

"އާނ، ކުރަން،" އޭނާ އަވަހަށް ބުންޏެވެ.

"މައުސޫމް އެކަންޏެއް ނޫން. އޭނާ ނެތް ދުނިޔެއެއްގައި އާއިލާ ދަމަހައްޓާނެ ލޭކޮޅެއް ވެސް ކަލޭމެން ދުލެއް ނުކުރި. އޭނާގެ ކުޑަ ތިން ކުދިން ވެސް، އޭނާގެ އަންހެނުން ވެސް މަރާލީ. ކޮބައި ކަލޭމެންގެ ހިތެއް؟ ކޮބާ ކަލޭމެންގެ ރަހުމެއް؟ ކޮބާ ކަލޭމެންގެ އިންސާނީވަންތަކަމެއް؟ ނެތޭ. އުމުރުން ތިރީއަސް އަހަރު އަދި ނުވޭ. ދުނިޔެއިން ކަލޭމެން ހޯދީ ކޮން އެއްޗެއް؟ ފައިސާކޮޅެއް! ކޮބާ އެ ފައިސާތައް؟ އެއިން ކަލޭމެންނަށް ކޮން އެހީއެއް ވީ؟،" އެމީހާ ވާހަކަ ދެއްކި އެވެ. ދެން މުޖޭ އާއި ގުރޯއާ ދިމާއަށް ބަލަން އިނެވެ. އެ މީހުންގެ މޫނުމަތިން ފެނުނީ އެ ދެއްކި ހުރިހާ ވާހަކައެއް ވެސް ވިސްނޭކަމުގެ އަސަރުތަކެވެ. މަޑުމައިތިރިކަމެވެ.

އެމީހާ ތެދުވި އެވެ. ދެން މުޖޭގެ ފަހަތަށް ގޮސް އަތް މޮހެލި އެވެ. އޭގެ ފަހުން ގުރޯގެ ފަހަތަށް ޖެހިލާފައި، ރުކުގައި އޭނާ އައްސާފައި އޮތް ވާގަނޑު ނައްޓާލި އެވެ.

"އަން މި އޮތީ ވަޅި. އެ އިނީ ކަލޭ ލައްވާ މީހުން މެރުވި ކަލޭގެ،" ގުރޯ އަތަށް ވަޅި ދިއްކޮށްލަމުން އެ މީހާ ބުނެލި އެވެ. ދެން އޭނާ ތިން ފިޔަވަޅެއް ފަހަތަށް ޖެހިލައި، ބަލަން ހުއްޓެވެ.

އެންމެ ސިކުންތެއް ވެސް ހޭދަނުކޮށް މުޖޭ ތެދުވެ، ދުއްވައިގަތެވެ. އޭނާ ބޭނުންވީ ގެއާ ދިމާއަށް ދާށެވެ. ގެއަށް ވަދެވިއްޖެ ނަމަ ސަލާމަތްވާނެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އޭގެ ކުރިން ގުރޯ އޭނާގެ ފަހަތުން ގޮސް ކަނާތު ފައިގައި ޖެހި އެވެ. އޭނާ ވެއްޓުނެވެ. ވަޅި ހަރާފާނެތީ އޭނާ އަވަހަށް އެނބުރި، ބަލައިލި އެވެ. އެކަމަކު ގުރޯ ވެސް އޭރު އޮތީ ވެއްޓިފަ އެވެ. އޭނާ ވަޅި އަތުލެވޭތޯ ގުރޯގެ ގައިމައްޗަށް ޖެހިގަތެވެ. އެވަގުތު ގުރޯގެ ކަނާތް ހިއްލާލެވުމާ އެކު، ވަޅި ވަދެގެން ދިޔައީ، މުޖޭގެ އަރިކައްޓަށެވެ. ހަޅޭއްލަވައިގަނެވުނެވެ. އެކަމަކު ދޫކުރާކަށް ބޭނުމެއް ނުވި އެވެ. ގުރޯގެ އަތާއި ވަޅީގެ މުއްގަނޑާ އެއްކޮށް، އޭނާގެ ދެ އަތުން ހިފަހައްޓާލި އެވެ. ދެން އޭނާގެ ހަށިގަނޑުން ވަޅި ދަމައިގަނެ، ގުރޯގެ އަތުގެ ކުޑަ ހުޅު އަނބުރާލި އެވެ. ތަދާ އެކު މިފަހަރު ގުރޯއަށް ހަޅޭއްލަވައިގަނެވުނެވެ. އެކަމަކު އޭރު އޭނާގެ އަތުން ބިންމައްޗަށް ވަޅި ވެއްޓިއްޖެ އެވެ. ހުޅަށް އަނިޔާވިޔަސް، ބިންމަތީގައި އޮތް ވަޅީގައި އަތުން ޖަހާ ދުރަށް ފޮނުވާލި އެވެ. މުޖޭ އެ ދިމާއަށް ފުންމައިގެން ދާން އުޅުނެވެ. އެކަމަކު އޭރު މުޖޭއަށް އިނދެވުނީ ގުރޯގެ ކަނާތު ކަކުލާއި އޭނާގެ ދަތް ދޮޅި ދިމާވާ ހިސާބުގައިކަން ގުރޯއަށް ވިސްނުނެވެ. އޭނާ މުޖޭގެ ދަތްދޮޅީގައި ކަކުލުން، ގައިގައި ހުރި ބާރެއް ލާފައި، އަޅާވިހެލި އެވެ. މުޖޭގެ ދެ ވަނަ ހަޅޭއްކެވެ. އޭނާއަށް ހީވީ ބޯ ލުހިގެން ދިޔަހެންނެވެ.

މުޖޭއަށް އިނީ ހުއްޓުން އަރައިފަ އެވެ. އެވަގުތު ގުރޯ ތެދުވި އެވެ. އެރި ތަދުގެ ގޮތުން ލޯ ހުޅުވައިގެން އިންނަން އުނދަގޫވި ނަމަވެސް ގުރޯގެ ހަރަކާތްތައް ފެނުނެވެ. އެހެންކަމުން އޭނާ ގުރޯގެ ގައިމައްޗަށް ވެއްޓި ފުރޮޅިގަތެވެ. ވަޅި އޮތް ތަނާއި ގުރޯއާ ދެމެދަށް އޭނާގެ ހަށިގަނޑު ހުރަހަކަށްވި އެވެ. ދެން ވަޅިއާ ދިމާއަށް ބަލައިލި އިރު، އޮތީ އޭނާގެ ކަނާތް ޖެހޭހާ ކައިރީގަ އެވެ. އެކަމަކު ގުރޯގެ ބާރު ހިފެހެއްޓުމާ އެކު ވަޅީގައި އަތް ޖެހުނަކަ ނުދިނެވެ. ގުރޯ އޭނާ ނަގައި، ގައި މަތިން، އަނެއް ފަރާތަށް އެއްލައިލި އެވެ. ދެން ވަޅި އަތު ޖެހޭތޯ އެ ދިމާއަށް އޭނާ ފުރޮޅިގަނެ، ކަނާތް ދިއްކޮށްލި އެވެ. އަނިޔާވެފައި އޮތް ކަނާތުން ވަޅީގައި ހިފަހައްޓާލި އެވެ.

މުޖޭ ބާރަށް ފަހަތަށް ޖެހި، ތެދުވި އެވެ. ދެން އޭނާ މޫދާ ދިމާއަށް ދުއްވައިގަތެވެ. ގުރޯ ހަޅޭއްލަވަމުން މުޖޭގެ ފަހަތުން ދުވަން ފެށި އެވެ. އޭނާއަށް މުޖޭ އަތުވީ ރާޅުފަށާ ހިސާބުންނެވެ. އަތުވެދާނެ ހަމަލާއަކުން ދިފާއުވާން މުޖޭ އެނބުރުނެވެ. ދެން ކުއްލިއަކަށް ތިރިއަށް ވެއްޓިގަތެވެ. ގުރޯ ދޭން އުޅުނު ހަމަލާ މުޖޭގެ ގަޔަށް ނޭރީކީ ނޫނެވެ. އޭނާ ކޮންޓްރޯލް ނުވެ ގޮސް ވެއްޓުނީ މޫދަށެވެ.

މުޖޭ ތެދުވެ، ގުރޯގެ ގައިގައި، ހިފައިގަނެ، ވަޅި އަތުލަން އުޅުނެވެ. ބޮޑުވެފައި އޮތް ދިޔާގައި، ދެ މީހުންގެ ގައި މަތިން ލޮނުގަނޑު ދެ އެވެ. އަދި ދެ މީހުންގެ ގަދަ ދެއްކުމާއި ރާޅުތަކުގެ ބާރާ އެކު ގެންދިޔައީ، އެއްގަމަށް ލުމުގެ ބަދަލުގައި، މޫދަށެވެ. ލޮނުގަނޑު ތެރެއަށް ދެ މީހުން ގެނބޭ ހިސާބަށް ދިޔަ އިރު ވެސް ގުރޯ އަތުން މުޖޭއަށް ވަޅިއެއް އަތެއް ނުލެވުނެވެ.

އެންމެ ފަހުން ދެ މީހުންނަށް ވެސް ނޭވާލާން އުނދަގޫވި އެވެ. މޫދު އަނދިރިކަމުންނާއި ތެޅިފޮޅޭލެއް ބޮޑުކަމުން ދެ މީހުން ވެސް ބައްދަމުން ދިޔައީ ހިތުލަފައަށެވެ. ވަކި ހިސާބަކުން، މުޖޭއަށް ގުރޯގެ ކަރުގައި ހިފުނެވެ. އޭރު ދެ މީހުންގެ އިސްކޮޅު ކިރިޔާ ޖެހެނީ އެވެ. ގުރޯގެ އަތުގައި ވަޅި އޮތަސް ނެތަސް، ކަރުގައި ހިފުމަކީ، އޭނާގެ ނަސީބޭ މުޖޭގެ ހިތަށްއެރި އެވެ. އެކަމަކު ކުއްލިއަކަށް ބަނޑަށް ވަޅި ހެރޭކަމުގެ އިހުސާސް އޭނާއަށް ވާން ފެށި އެވެ. އެއް ފަހަރެއް ނޫނެވެ. ދެ ފަހަރެވެ. ތިން ފަހަރެވެ.

އެކަމަކު ގުރޯގެ ކަރުން ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. އޭރު އިސްކޮޅު ނުޖެހޭ ހިސާބަށް ހިނގައްޖެ އެވެ. ގުރޯގެ ހަރަކާތްތައް މަޑުވެ، މީހާ މައިތިރިވާން ފެށި އެވެ. އޭނާގެ ފަހު ނޭވާތައް ދޫކުރަނީ އެވެ.

ހުރިހާ ކަމެއް ބަރާބަރަށް ދިޔަ ނަމަ، މާދަމާ ރޭ އޭނާ އިންނާނީ ނަދާ ގޮވައިގެން ހުޅުލޭ އައިލެންޑް ހޮޓަލުގެ، އުޑުވިލާ ރެސްޓޯރެންޓްގަ އެވެ. އެއީ ނަދާގެ ވަރަށް ބޮޑު އުއްމީދެކެވެ. މި އޮތް ހުރިހާ ދުވަހު ލޯބިވެރިޔާ ގޮވައިގެން އެތަނަށް ނުގޮސް ހުރީ ލާރި ނެތިގެންނެއް ނޫނެވެ. އެކަމަކު އަދި ދާނަމޭ ކިޔަކިޔާ ހަމަ ހުރެވުނީ އެވެ. އެކަމަކު ރޭ، ދެ މީހުން ސައިކަލް ބުރެއް ޖަހަން ގޮސް، އޭނާއަށް، ބޭއިހުތިޔާރުގައި ބުނެވުނީ، "މާދަމާ ނޫން އަނެއް ދުވަހު ރ. އަތޮޅުން އައިސް، އެޗުއައިއެޗަށް ގެންދާނަން އިނގޭ" އެވެ.

"ތިހެން ކިޔާތާ މިހާރު ކިހާ ދުވަހެއް. ގެންދިއައްޔާ ނޫނީ ގަބޫލެއްނުކުރާނަން،" ނަދާ ބުންޏެވެ.

"ޕްރޮމިސް މިކުރީ. ކުރިއަކުން ނުކުރަމެއްނު ދޯ،" ނަދާގެ އަތް ތިލާގައި ހިފާލަމުން، ގުރޯ ބުންޏެވެ.

"ވަރަށް އުފާވެއްޖެ. ކްލާސް ކުދިން ބުނަނީ އެތަނުގައި ވަރަށް، ވަރަށް މީރޯ ބްރައުނީސް ވިތު އައިސް ކްރީމް،" ނަދާ، ގުރޯގެ ކަރުގައި ތުންފަތް ޖައްސާލަމުން ބުންޏެވެ.

"ދެން އެނގިދާނެތާ. އެންމެ ސާޅީސް އަށް ގަޑިއިރު،" ގުރޯ ބުންޏެވެ.

އެކަމަކު އޭގެ ފަހުން އަދި ސައްވީސް ގަޑިއިރު ނުވެ އެވެ. އޭނާ އެ އޮތީ މޫދު އަޑީގައި، އެންމެ ފަހު ނޭވާކޮޅު ދޫކުރުމުގަ އެވެ. ނަދާގެ ހިނިތުންވުމާއި އޭނާއަށް އަބަދުވެސް ރީތި އެ މޫނުކޮޅު ފެނުނެވެ. އެކަމަކު ދެން މޫދު އަޑީގައި، އެ އަނދިރީގައި ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ވެރިވީ، ލެއިން ތަތްތެޅިފައި އޮތް އަންހެނެކެވެ. ރޭގަނޑުގެ އެ ހިމޭންކަމުގައި ރީތިކޮށް ނިދާފައި އޮއްވާ އެ ކޮޓަރިއަށް އޭނާ ވަދެ، ކަރުގައި ވަޅި ޖައްސާލި އިރު ވެސް އެ އަންހެންމީހާއަކަށް ނޭނގެ އެވެ. ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލީ، އަޑެއް ވެސް އިއްވާނުލަ އެވެ.

މުޖޭގެ އަތުން ގުރޯ ދޫވި އެވެ. އެކަމަކު ގުރޯއަށް މައްޗަށް ފީނައެއް ނުގަނެވުނެވެ. އޭނާގެ ނޭވާ ހުސްވަނީ އެވެ. އޭނާ ކުރެހި ހަޔާތުގެ އެއްވެސް ކަމެއްގައި އަދި ކުލައެއް ނުޖެހެ އެވެ. އޭނާ އެންމެ ބޭނުންވީ ނަދާއާ ކައިވެނިކުރާށެވެ. މާލެއިން ރީތި އެޕާޓްމަންޓެއް ކުއްޔަށް ހިފާށެވެ. ރަށުގައި ބޮޑު ފިހާރައެއް ހުޅުވާށެވެ. ރަށުގައި ނެތް ވަރުގެ ރީތި ގެއެއް އިމާރާތްކުރާށެވެ.

އެކަމަކު މިއަދު ހަވީރު ދިމާވި އެންމެ މީހެއްގެ ސަބަބުން ދެން ކުރިމަތިވި ނަތީޖާއަކީ މި އެވެ: ރޭގަނޑު، ފުން މޫދެއްގެ އަނދިރިކަމުގައި، އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްލި އެވެ.

(ހަތް ވަނަ ބައި، މޭ 29، 2020، ހުކުރުދުވަހު ދުވަހު)